ޖިންނިއެއްގެ ޝަކުވާ

އާދިއްތަ ދުވަހާ ގުޅެ


"އެހެންތަ؟" ފަރުވާ ކުޑަ ގޮތަކަށް އަނިލް ބުންޏެވެ. "ފުރަތަމަ އޭނައަށް މި ތަނުން ދެވިއްޖެއްޔާ ތާ!"

އަނިލް ކިޔަވަން ފެށިއެވެ. އަދި ކުރިން އުދުހިފައި އައި ޖިންނި ބަނދެލިހެން އެތަށް ސަވާރުވެގެން އައި ޖިންނި ވެސް ބަނދެލިއެވެ. ޤުރުއާނުގެ ބާރުގައި އެ ކަން ކުރެވޭނެކަން އަނިލްއަށް ޔަގީނެވެ. އެހެންނަމަވެސް ކަން ހިނގައިދިޔަ ގޮތް ބަލަން ހަނާ ގާތުގައި އަހަންޖެހެއެވެ.

"ކޮބާ ވެރިޔާ؟" އަނިލް ސުވާލުކުރިއެވެ. "ކޮބާ ބޮޑު ބަސް ބުނަމުން ނަށަމުން އައި ކަލޭގެ؟"

"އޭނަ ގާތަށް ވަރަށް ރުޅިއައިއްސި!" ހަނާ ޖަވާބުދިނެވެ. "އޭނަ އަކަށް ނުވެސް ތެދުވެވުނު. އިށީނދެގެން އިން ތަނުގަ ތަތްލައިފަ އިނީ. އޭނަ އެބަ ގޮވާ މަ ކީއްވެގެންހޯ ތަތްލައިފަ މިއިނީ. އޭނަ އަރައިގެން އިނީ ހާދަހާ ބޮޑު އެލިފަންޓަކަށޭ."

އަނިލް އެ ކަމަކާ ހާހެއް ނުވެއެވެ. ޖިންނީންގެ ދުނިޔެއަކީ އަޖައިބުން ފުރިގެންވާ ތަނެކެވެ. އިންސާނުންގެ ލޯމައްޗަށް ނުފެނުނަސް، އިންސާނުންގެ ދުނިޔެއަށް ވުރެ ޖިންނިސައިތާނުންގެ ދުނިޔެ ހަލަބޮއްޔެވެ. ހަމަ އެހެންމެ އިންސާނުންގެ ތެރޭގައި ޖަނަވާރާއި ދޫނިސޫފާސޫފި އުޅޭ ފަދައިން ޖިންނީންގެ ތެރޭގައި ވެސް ޖަނަވާރާއި، ދޫނި އުޅެއެވެ. އިސްކޮޅުން ބިޔަ، ނުދެކޭ އާ ކުލަކުލައިގެ ފަތްތަކާއި، ދުވަހަކު އިވިފައި ނުވާ އަޑުތައް ލިބިފައިވާ ދޫންޏެވެ. ޖިންނީންގެ ޖަނަވާރަކީ ވެސް އަޖައިބެއް ކަހަލަ އެއްޗެކެވެ. އެ އެއްޗެހިންގެ ބޮލުގައި ހުންނަ ދަޅުތަކަށް ވަކި އަދަދެއް ނުވެއެވެ. ނަގުލާއި، ލޮލާއި، ދަތްތައް ވެސް ހަމަ އެ ފަދައެވެ. ވިދުވަރެއް ފަދަ ހަލުވި މަޚުލޫގުންތަކާއި، ފިނިހަކަށް ވުރެ ފޮއް މަޚުލޫގުން ވެސް އުޅެއެެވެ.

"ކަލޭ ތީ މި އަންހެންކުއްޖާގެ ބަނޑުގަ ހުރި ސިހުރާ ހަވާލުވެގެން ހުރި ޖިންނިތަ؟" އަނިލް އެހިއެވެ.

"އާނއެކޯ!" އާދައިގެ މަތިން ޖަވާބު ދިނީ ހަނާއެވެ.

"އެހެންވީމަ ކިހިނެއް ހަދާނީ؟" އަނިލް ސީދާ މައުލޫއަށް ދިޔައެވެ.

ވެރިޔާ ކަމަށް ދައުވާކުރާ ޖިންނި ބުނި ގޮތުގައި އޭނަ އެއްވެސް ކަމެއް ނުކުރާނެއެވެ. ސިހުރެއް ނުވެސް ނަގާނެއެވެ. ނުވެސް ނެގުވޭނެއެވެ. އަދި އެ ތަނުގައި ބަނދެފައި އޮތް އޭނަގެ މިތުރު ގޮވައިގެން ނޫން ގޮތަކަށް އޭނަ ނުވެސް ދާނެއެވެ. އަނިލް ކުރި ސުވާލަށް ޖަވާބު ދިނުމަށް ވުރެ ގިނަ ވަގުތު އޭނަ ހޭދަކުރީ އޭނަގެ މޮޅުކަމާ، ކުޅަދާނަކަމާ، ބާރުގަދަކަން ކިޔައިދިނުމުގައެވެ.

"މީ އަހަރުމެން އުޅޭ ތަނޯ،" ހަނާ ބުންޏެވެ. "ކަލޭ ހަމަ ބުނެލާ އިރަށް އަހަރުމެން ނުޖެހޭނޯ ދާކަށް."

"ކަލޭ ތި ހީކުރަނީ ތިމާއަކީ ރަސްކަލެއް ކަމަށްތަ؟" އެންމެ ތަންކޮޅެއް ވެސް ދޫނުކޮށް އަނިލް ބުންޏެވެ. "މީ ކަލޭގެ ދަރުބާރު ކަމަށްތަ ހީކުރަނީ؟ މަ ހިތަށްނާރާނެ އެކައްޗެކޭ ވެސް. ތިހެން ފާޑުފާޑަށް އައިސް އިންސާނުންނަށް ޖެއްސުމެއް ނުކުރެވޭނެ."

އަނިލް ދިން އިންޒާރާ އެކުގައި ޖިންނި މައިތިރިވި ކަހަލައެވެ. ޖަވާބެއް ދިނީ ވެސް އިރުކޮޅެއް ފަހުންނެވެ.

"އަހަރެން ދުވަހަކު ވެސް އޭނައަކަށް އުނދަގުލެއް ނުކުރަމޯ،" ތަރުޖަމާނެއްގެ ދައުރު އަދާކުރި ހަނާ ބުންޏެވެ. "އަބަދުވެސް އަހަރުމެން ނަސޭހަތޯދިނީ. ނަމާދުކުރާށޭ.."

"ކަލޭމެން އެންމެން ވެސް ތިހެން ކިޔަން ފެށީތަ؟" ރުޅިއައިސްފައި އަނިލް ބުންޏެވެ. "އަހަރުމެން ދެނީ ނަސޭހަތޭ އަހަރުމެން ދައްކަނީ ރަނގަޅު ވާހަކައޭ. އެހެންވީމަ ދެން ނެތެއްނު ކަމެއް ކުރެވޭކަށް. ނެތެއްނު ކަލޭމެން ފައްސާލެވޭކަށް ވެސް. އެންމެން ތިހާ ރަނގަޅިއްޔާ ދެން އަހަރުމެން ހެވިފަ ތިބެންވީނު. ކަލޭމެންނަކީ ދެން މާ ރަނގަޅު ބަޔެއްނު!"

އިންސާނަކަށް ސައިތާނަކު އެހާ ހެޔޮއެދެންވީ ކީއްވެގެން ހެއްޔެވެ؟ އަނިލް އަކަށް އެ ވާހަކަ ގަބޫލެއް ނުކުރެވެއެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ބޭޒާރުކޮށްލެވުމުން ނޫނީ އަނިލްގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެހާ ތަނަށް އަނިލް ކުރިމަތިލި ރުޤްޔާ ވޭދަނަތަކުގެ ތެރެއިން އެއްވެސް ވޭދަނައެއްގައި އެހެނެއް ނުވެއެވެ.

"އާނއެކޯ!" ޖަވާބުދާރީ ވަމުން ހަނާ ބުންޏެވެ. "އަހަރުމެންނަކީ ނުބައި ބައެއް ނޫނޯ! އިންސާނުންނޯ ނުބައި ބަޔަކީ. ކަލޭމެން ކަލޭމެންނަށް ސިހުރުހަދަނީ ޔޯ! އަހަރުމެންގެ އެހީ ހޯދަނީ ޔޯ! ކަލޭމެން ލަދެއްނުގަނޭ ހޯ!"

"އަހަނ! މިހާރު މަ ކިޔަން ޖެހޭ އެއްޗެހި ކަލޭ ކިޔަން ފެށީތަ؟" ކުޑަކޮށް ހިނިއައިސްފައި އަނިލް ބުންޏެވެ. "ކަލެއެއް ނޫންތަ މީނަގެ ބަނޑުގަ ސިހުރު ވަޅުލީ؟"

"ބަލަ ކަލޭމެން އަހަރުމެންނަށް ގޮވީމަ ނޫންހޯ އަހަރުމެން އަންނަނީ،" ހަނާ ޖަވާބުދިނެވެ. "ކަލޭ ބަލާބަލާށޯ އަހަރުމެން މަތިންބައިން ޖެހިގެން އެއްވެސް ތާކަށް އަމިއްލައަށް ދިޔަތޯ! ނުދަމޯ! ނުވެސް ދާނަމޯ!"

ޖިންނި ސައިތާނާ ފައްސައިލައި، ބަލިކުރަން ފެށި ދަތުރުގެ މިސްރާބު މަޑުމަޑުން ބަދަލުވާން ފެށީ އިންސާނުންގެ ދިފާއުގައި ކުރާ ދަތުރަކަށެވެ. ފުރަތަމަ ކޮޅު އަނިލްއަށް އެ ކަމެއް ނުވިސްނެއެވެ. ޖިންނީގެ ލަވައަށް ބެރުޖެހެމުން އަނިލް ވެސް ނަށަމުން ގެންދިޔައެވެ. ބޭއިހުތިޔާރުގައި އިންސާނުންނާ އެއްކޮޅަށް ވަކާލާތުކުރަން އަނިލް އަތުކުރި އޮޅައިލިއެވެ. އެ ބަހުސަކީ ޖިންނީންގެ ކެހިވެރި ދަންތުރައެކެވެ. ހަގީގަތާ ވަރަށް އެއްގޮތް އަވާމެންދުރެކެވެ.

"އެހެން ނުވާނެ. ކަލޭމެން އާދޭ!" އަނިލް ވަގުތުން ދެކޮޅުހެދިއެވެ. "އަހަރުމެންގެ ފޮތްތަކުން އެނގޭ އިންސާނުންނާ ކަލޭމެން މަސްހުނިވާ ތިން ގޮތް އޮންނަ ކަން. އެއީ އިންސާނަކު ސިހުރެއް ހަވާލުކުރީމަ އެ ހިފައިގެން ކަލޭމެން އަންނަ އައުމާ، އިންސާނެއްގެ ފަރާތުން ކަލޭމެންނަށް ގޯނާއެއް ކުރެވުނީމަ ކަލޭމެން ބަދަލުހިފުމާ، ކަލޭމެންނަށް އިންސާނަކު ރީތިވެގެން އައިސް އަވަލެވުން. ފުރަތަމަ ދެ ގޮތާ އިންސާނުން ޒިންމާ ވިޔަސް، ތިންވަނަ ގޮތް އެއީ ކަލޭމެން އިންސާނަކާ ހިތާވުމެއްނު!"

"ބަލަ އެ ވެސް ކަލޭމެންގެ ކަމަކު އައިސް އުޅެނިކޮށް ޖެހޭހާ ކަންތަކެއް ނޫންހޯ!" ހަނާ ބުންޏެވެ. "އަހަރުމެން އުޅޭ ތަން ދޫކޮށްލާފަ އަހަރުމެން އަމިއްލަ އަކަށް މި ތާކަށް ނާންނަމޯ ދުވަހަކު ވެސް. އަހަރުމެންނަކަށް ނުވެސް އެނގެޔޯ ކަލޭމެންނަކީ ތިބޭ ބައެއްކަން ވެސް. ހަޅޭއްލަވާ ގޮވާ ހެދީމަ ކޮންމެ ބަޔަކު ވެސް އަންނާނެ ނޫންހޯ. އަންނަ އިރު އަހަރުމެންގެ ފަހަތުން އަހަރުމެންގެ ރައްޓެހިން ވެސް އަންނާނެ ނޫންހޯ! އަޅައި ވެސް ގަންނާނެ ނޫންހޯ! ހިތާ ވެސް ވާނޯ! އިންނަން ވެސް އިންނާނޯ! އެއީ ޔޯ ވާ ގޮތަކީ."

ހަނާ ދެއްކި ވާހަކަތަކުން އަނިލްއަށް ވަރަށް މުހިންމު އެއްޗެއް އެނގުނެވެ. އެ ވާހަކަ ބުނާކަށް އަނިލް ފަހެއް ނުޖެހުނެވެ.

"އާނ! ކަލޭ ތީ ފަހުގެ އެއްޗެއް!" އަނިލް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ކުރިން ދިމާވި ކަހަލަ މުސްކުޅި އެއްޗެއް ނޫން ތީ. ކަލެޔަކީ ހަމަ އެންމެ ޒަމާނީ.."

އަނިލްއަށް ބުނެވުނީ އެ ހިސާބަށެވެ.

"ދެން ތި ބޭކާރު ވާހަކަ ނުދައްކާ މަ ދޫކޮށްލާށޯ!" ހަނާ ބުންޏެވެ. "މަ ދާންވެއްޖޯ!"

"ބަލަ އަހަރެންތަ ބޭކާރު ވާހަކަ މި ދައްކަނީ؟" ހައިރާންވެފައި އަނިލް އެހިއެވެ.

"އާނއެކޯ! ކަލޭމެން ވަރަށް ބޭކާރު ވާހަކަ ގިނަވާނޯ!" ޖަވާބުގައި ހަނާ ބުންޏެވެ. "އެއީ އަހަރުމެންގެ އަނގައިން އެއްޗެހި ހޯދަންވެގެނޯ! މަށަށް އެނގެޔޯ އެ ކަން. މަ ނުކިޔާދޭނަމޯ ކަލެއަށް އެކައްޗެއް ވެސް."

އަނިލް ހިތަށްއެރިއެވެ. ކުރިން ދިމާވި ޖިންނިޔާ ހިލާފަށް ފަހުން މި ދިމާވި ޖިންނީގެ ބުއްދި ރަނގަޅެވެ. ރުހުމުގައި އެއްޗެއް އޮޅުންފިލުވަން ވަރަށް ދަތިވާނެއެވެ. ކުރިޔަށް އެތައް ކުޅިއެއް ކުޅޭނެއެވެ. އެހެންނަމަވެސް އަނިލް އުންމީދުކަނޑައެއް ނުލައެވެ.

"މަށަށް ވަރިހަމަ ކަލޭ އެކައްޗެއް ކިޔައި ނުދިޔަސް،" ވަރަށް ހަމަޖެހިލައިފައި އަނިލް ބުންޏެވެ. "މަ ކަލޭ ކައިރިއަކު ނުވެސް އަހަމެއްނު! އަހަރެން ފަށާނީ ކިޔަވަން. އެނގިދާނެތާ ކަލޭގެ ހުރި ފެންވަރެއް ވެސް."

އަނިލް ކިޔަވަން ފަރިކޮށްލި ވަގުތު އަނެއްކާ ވެސް އަނިލްއަށް ހުރަސްއެޅިއެވެ. ނޭނގޭނެހެން ދުރުދުރުންނެވެ. އޭރު ކޮޓަރީގައި ތިބި އެހެން މީހުން ތިބީ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައެވެ.

"ކަލޭ ކިޔަވާނެކަމެއް ނެތޯ!" ހަނާ ބުންޏެވެ. "ވަރިހަމަޔޯ އެހެން ކޮންމެ ކަމެއް ކުރިޔަސް."

"ކަލޭގެ ރުހުން ހޯދައިގެންތަ އަހަރެން ކަންކަން ކުރަންވީ؟" ކިޔަވަންވީ ސޫރަތް ހޯދަމުން އަނިލް ބުންޏެވެ.

ރުހުމުގައި ސިހުރު ނުނަގައިފި ނަމަ ދެން އަނިލް ޖެހޭނީ ހަނާގެ ބަނޑު ސާފުކުރާށެވެ. ކިރުގެ ތެރެއަށް ޒައިތޫނި ތެޔޮ އަޅައިފައި ނުވަތަ ހުސް ފެނަށް ކިޔަވައިފައި ބޯންދިނުމުން އެ ބޭނުން ފުދެއެވެ. ބަލިމީހާ ވަގުތުން ހޮޑުލާނެއެވެ. އެކަމަކު ފެނުގެ ތެރެއިން ސިހުރު ހޯދަން ތަންކޮޅެއް އުނދަގުލެވެ. ކިރުގައި ހުދުކުލަ ހުރުމުން އޭގެ ތެރޭގައި ހުންނަ ސިހުރު ފަސޭހައިން ފެނެއެވެ. ސިހުރު ހުންނަނީ ކަޅުކުލައިގެ އެތިކޮޅުތަކެއް ހެންނެވެ. މި ހަގީގަތް ޖިންނިސައިތާނުންނަށް ވެސް އެނގޭނެއެވެ. އަނިލް އެ ކަން ދަނެއެވެ.

"އޭ ނާހިދު!" އަނިލް ބުންޏެވެ. "ދޭބަލަ ކުޑަ ޒައިތޫނި ތެޔޮފުޅިއަކާ ކިރުޕެކެޓެއް ގަނެގެން އަންނަން."

"އޭއޭ!" ހަނާ ނިކަން ބާރަށް ބުންޏެވެ. "ކަލޭ ތި އުޅެނީ ކޯޗެއް ހަދަން ހޯ؟"

އަނިލް ބޭނުންވި އެއް މަގުސަދު ހާސިލުވިއެވެ. ސިހުރު ބާތިލުވުމަކީ، ސިހުރާ ހަވާލުވެގެން ހުންނަ ޖިންނިއަށް ކެތްކުރަން ކުޅަދާނަ ކަމަކަށް ނުވާނެއެވެ. ސިހުރު ބާތިލުވެއްޖެ ނަމަ އެ ޖިންނީގެ އަދަބަކީ މަރެވެ.

"މަ ނޫޅެން މާ ބޮޑު ކަމެއް ކުރާކަށް،" ވަރަށް ނުދެނަހުރި ކަމަށް ހެދިފައި އަނިލް ބުންޏެވެ. "ކިރުތައްޓެއް ބޯންދޭން ކަމަށް."

"އޭ! ކިޔެވިޔަސް މައްސަލައެއް ނެތޯ!" ބުނަން އެންގި ގޮތަށް ހަނާ ބުންޏެވެ. "ކިޔަވާށޯ! އެކަމަކު ކިރުތަށި ނުދެއްޗޯ މިރޭ!"

އަނިލްއާއި "ހަނާ" ވާހަކަދައްކަމުން ދަނިކޮށް ނާހިދު ނުކުތެވެ. އިންސާނުންނަށް ފެންނަ ފަދައިން އެ މަންޒަރު ޖިންނީންނަށް ވެސް ފެންނާނެކަން އަނިލްއަށް އެނގެއެވެ. ކިރުޕަކެޓު ދިނީމައި ދެން ކަންތައް ވާނެ ގޮތާއި ކަމުގެ ނިމުން އަންނާނެ ގޮތް ވެސް މެއެވެ.

"ބުނަން! ކަލެއަށް އޮތީ ވަރަށް ކުޑަ ވަގުތުކޮޅެއް،" ހަނާގެ ކަންފަތާ ދިމާއަށް ގުދުވެލައިފައި މަޑުމަޑުން އަނިލް ބުންޏެވެ. "ކިރުޕެކެޓު ގެނައުމުގެ ކުރިން ގޮތެއް ނިންމާ! ކިރުޕެކެޓު މި ތަނަށް ގެނެއްސިއްޔާ ހަނާ އެ ނުބޯނެ ގޮތެއް ނޯންނާނެ. ދޯ ހަނާ! ކިރުޕަކެޓު ހަމަ ދޭ އިރަށް ބޯލާނަމެއްނު!"

ނުނިމޭ