"ސޮނިކް ދަ ހެޖްހޮގް" ގެ ދެވަނަ ބައެއް ހަދަނީ

މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ކާމިޔާބު އެކްޝަން-އެޑްވެންޗާ ކޮމެޑީ ފިލްމު "ސޮނިކް ދަ ހެޖްހޮގް" ގެ ދެވަނަ ބައެެއް ހަދަން ނިންމައިފި އެވެ.


ޕެރަމައުންޓް ޕިކްޗާޒް އިން ޑިސްޓްރިބިއުޓްކުރި ފިލްމުގެ ސީކްއެލްއެއް ހަދަން ނިންމި ނަމަވެސް އެއާ ބެހޭ ގޮތުން އަދި މިހާތަނަށް މާ ބޮޑު ތަފުސީލުތަކެއް ހާމައެއްނުކުރެ އެވެ. އެކަމަކު ދެވަނަ ބައި ވެސް ޕްރޮޑިއުސްކުރާނީ ފުރަތަމަ ބައިގައި ވެސް ހިއްސާވި ނީލް އެޗް މޯރިޒާއި ޓޮބީ އަޝާ އާއި ޓޯރޫ ނަކަހާރާގެ އެވެ. އަދި އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ހަޖީމް ސަޓޯމީ އާއި ހަރޫކީ ސަޓޯމީގެ އިތުރުން ޓިމް މިލާ ހިއްސާވާނެ އެވެ.

"ސޮނިކް ދަ ހެޖްހޮގް" އަކީ ޖެފް ފޯލާ ގާތްގަނޑަކަށް 95 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެެދި ފިލްމެކެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި 306.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

"ސޮނިކް ދަ ހެޖްހޮގް" ގެ ކާސްޓުންގެ ތެރޭގައި ބެން ޝްވާޒް، ޖިމް ކެރީ، ޖޭމްސް މާޒްޑެން، ނަތާޝާ ރޮތުވެލް، ޓިކާ ސަމްޕްޓާ، އެޑަމް ޕޭލީ، ނީލް މެކްޑޮނޯ، ޓޮމް ބަޓްލާ އަދި ފްރޭންކް ސީ ޓާނާ ހިމެނެ އެވެ.

މި ފިލްމުގެ އެންމެ މުހިއް އެއް ކެރެކްޓާ އަކީ އާދަޔާހިލާފގު ބާރުތަކެއް ލިބިފައިވާ ނޫކުލައިގެ އެނިމޭޓެޑް ކެރެކްޓާއެކެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި "ސޮނިކް ދަ ހެޖްހޮގް" ގެ ޓީމުން މިހާރު އަންނަނީ ފިލްމުގެ ސްކްރީންޕްލޭ ފައްކާކުރަމުންނެވެ.