"އެހެނަސް" ސީޒަން 2ގެ ޓްރެއިލާ: ޕްރިމިއާ 18 ގައި

މިދިޔަ އަހަރު ގެނެސްދިން ވެބް ސީރީޒް "އެހެނަސް" ގެ ދެވަނަ ސީޒަން މި މަހުގެ 18 ގައި ޕްރިމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.


ރަވީ ފާރޫގް ޑައިރެކްޓްކޮށް، ގެނެސްދޭ ސީރީޒް ބެލޭނީ ބައިސްކޯފް އެޕުންނެވެ. "އެހެނަސް" އަކީ ލިޔުންތެރިޔާ އަހުމަދު އިބްގާލް (އައިކިއު) 2012 ގައި ނެރުނު ވާހަކަ "އެހެން ނަމަވެސް ހަމަ ލޯބިވެޔޭ" އަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ. ސީރީޒްގެ ސްކްރީން ރައިޓަރަކީ ވެސް އައިކިއު އެވެ.

މީގައި ކިޔެނީ ކުޑައިރުއްސުރެ ގެވެށިއަނިޔާ އާއި ޖިންސީ ގޯނާގެ ޝިކާރަކައަކަށްވެފައިވާ ޒުވާން ފިރިހެނެއްގެ ވާހަކަ އެވެ. "އެހެނަސް" ގެ ފުރަތަމަ ސީޒަނަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ދެވަނަ ސީޒަންގެ ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި މީގެ ކުރިއަށް ހުރި ވާހަކަތައް ވަރަށް ޝައުގުވެރިވާނެ އެވެ.

"އެހެނަސް" ގެ މައިގަނޑު ރޯލަކީ ނިޔާގެ ކެރެކްޓާ ކުޅޭ މުހައްމަދު ވިޝާލެވެ. އަދި އޭނާއާ އެކު ކުރީގެ ސީޒަނުން ފެނުނު މައިގަނޑު ކާސްޓާ އެކު ދެވަނަ ސީޒަނުން އިތުރު މޫނުތަކެއް ވެސް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި އާ މޫނުތަކެއް ވެސް ހިމެނެ އެވެ.

"އެހެނަސް" ސީޒަން ދޭއްގެ އެންމެ ހާއްސަ އެކަކަށް ވާނީ ފުރަތަމަ ސީޒަން ނިންމައިލި ނިޔާ ކައިވެނިކުރި ޝާއިރާގެ ކެރެކްޓާ އިން ދައްކައިލި މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ އެވެ. މި ސީރީޒަކީ 2017 ގެ ފިލްމު "ވިޝްކާ" އިން ރިޝްމީ އަށް ސާކް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ މަގާމު ލިބުނު ފަހުން، އޭނާގެ އެކްޓިން ބޮޑު ރޯލަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

ފުރަތަމަ ސީޒަން 10 އެޕިސޯޑުން ނިންމައިލި އިރު، "އެހެނަސް" ގެ ވާހަކައިގެ ކުރިއަށް ހުރި ބައިތަކާ އެކު 10 އަށް ވުރެ ގިނަ އެޕިސޯޑް ދެވަނަ ސީޒަނުން ގެނެސްދޭނެ އެވެ. އަދި ކުރީ ފަހަރަށް ވުރެ މި ފަހަރު އެޕިސޯޑްތަކުގެ ވަގުތު ވެސް ދިގުވާނެ އެވެ.