ވާހަކަ ސިލްސިލާ: ދިހައެއް: ހަމަ އެންމެ ކަމަކަށް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

(ޖޫން 4، 2020، ބުރާސްފަތި ދުވަހުގެ ބަޔާ ގުޅޭ)


އާންމުންގެ ނަޒަރުގައި ނިހާދާއި އައިމިނަތު ނޫރާއަކީ، ރާއްޖޭގެ އެންމެ ގުޅޭ ދެ ލޯބިވެރިންނެވެ. އެ ދެ މީހުންނަށް އެ ނޫން ބައިވެރިޔަކު ކަމަކުނުދާނެ އެވެ. އިސްކޮޅާއި ހަށިގަނޑެވެ. ރީތިކަމެވެ. ދެން އޮތީ ދެ މީހުންގެ މަޝްހޫރު ކަމެވެ. އެއީ ވެސް، ދެ ލޯބިވެރިން ގުޅޭކަން، އާންމުން ގަބޫލުކުރާ ސިފައެކެވެ.

އެކަމަކު ލޯބި ދޫކޮށްލާފައި، މުއްސަނދިކަމުގެ ފަހަތުން ދިއުމަކީ އިންސާނީ އާދައެއްކަން، ގިނަ މީހުންނަށް، އެ ވަގުތު ޖެހުމުގެ ކުރިއަކުން ރޭކައެއް ނުލަ އެވެ. މިސްޓަ މޯލްޑިވްސް މުބާރާތުގެ އެންމެ މަތީ ތިން ވަނައަށް، ނަލަ އިބްރާހިމްގެ އެންމެ އަގު ބޮޑު ރިސޯޓުން ދިން ހަފުތާއެއްގެ ހިލޭ ޗުއްޓީއަކީ، ނޫރާގެ އެއްވެސް ކުށެއް ނެތި އެ ލޯބީގައި ނިހާދުގެ އަތުން ރެނދެއް އަޅާލުމުގެ ސަބަބެވެ. އެ ދަތުރުގައި، ތިން ބޮޑީ ބިލްޑަރުންނަށް އެހެން އެއްވެސް މީހަކު ނުގެންދެވެ އެވެ. އެހެންކަމުން ރިސޯޓްގައި، އާއިލާއަށް ހާއްސަ ވިލާގައި، ނަސްރާ ހުރީ ނިހާދުގެ އިންތިޒާރުގަ އެވެ.

އެކަމަކު އެ އިންތިޒާރާއި ދެން އެއައި ދުވަސްތަކަކީ، ލޯބީގައި ކުށެއް ނެތް އަންހެން ކުއްޖެއްގެ ހިތް ކަތިލެވި، އޭނާގެ ލޮލުން ކަރުނަ އޮއްސުވާލި ހިތްދަތި ސަފުހާއެކެވެ.

މުބާރާތަށް ތައްޔާރުވަމުން ދިޔަ އިރު ނިހާދުގެ ވަރަށް ބޮޑު ވައުދެއް، ނޫރާއަށް ވި އެވެ: އެއް މިލިއަން ރުފިޔާ ލިބިއްޖެ ނަމަ، ޗުއްޓީއެއްގައި ޔޫރަޕަށް ދަތުރެއް އަޅާލުމެވެ. އެކަމަކު ނޫރާގެ މަންމަ ކައިރީގައި އެ ވާހަކަ ބުނުމުން ހިތްހަމައެއް ނުޖެހުނެވެ. މަންމަ ބުނީ "ދަރިފުޅު އެކަނި ނިހާދުއާ އެކު ރާއްޖެއިން ބޭރަށް ދާން ބައްޕަ ވެސް، މަންމަ ވެސް ހުއްދަނުދޭނެ" ކަމަށެވެ. ކުރަންވީ ކަމަކީ، އަވަހަށް ކައިވެނިކޮށް، ޒުވާން އުމުރުގައި ކުދިން ހޯދައިގެން ދިރިއުޅުމެއް ފެށުން ކަމަށް، މަންމަ ނަސޭހަތް ދިނެވެ.

އެ ވާހަކަ ނިހާދު ކައިރީ ނޫރާ ބުނުމުން، ހިނިގަނޑެއް ޖަހާފައި އޭނާގެ ޖަވާބަކަށް ވީ "އެހެންވިއްޔާ މިފަހަރު މިކަން ކާމިޔާބުކޮށް އޭގެ އުފަލަކީ ކައިވެނި ކަމަށް ހަދަމާ" ހިނގާށޭ އެވެ. ކިހާ އުފާވެރި ހަބަރެއް ހެއްޔެވެ؟ އެއް މިލިއަން ރުފިޔާއަކީ ކައިވެންޏަކަށް ވަރަށް ބޮޑު "ހަދިޔާއަކަށް" ނޫނީ ނުވާނެ އެވެ. ނޫރާއަކީ މާލޭގެ މެދު ފަންތީގެ އާއިލާއެއްގެ މެމްބަރެކެވެ. އުޅެނީ އަށް ބުރިއަށް ހަދާފައި ހުރި ބައްޕަގެ ގޭގަ އެވެ. ތިބި ދެ އަންހެން ދަރިންގެ ތެރެއިން ހަގު މީހާ އެވެ. ކައިވެނިކޮށްފި ނަމަ، ގެއިން އެއް އެޕާޓްމަންޓް ނޫރާއަށް ދޭ ގޮތަށް ބައްޕަ ނިންމި އެވެ.

މުބާރާތަށް ތައްޔާރުވަމުން ދިޔަ އިރު، ނިހާދުގެ ހާއްސަ ކެއުން ތައްޔާރުކޮށްދިނީ ނޫރާ އެވެ. އެ ހުރިހާ ކެއުމެއް ކެއީ ވެސް އެ ގޭގައި، ނޫރާ ކައިރީގައި ބައިންދައިގެން އިނދެ އެވެ. އިންސްޓްރަކްޓަރާއި ނިހާދުގެ މަޝްވަރާތައް ވެސް އޮތީ، ނޫރާގެ ހާޒިރުގައި، އެ ގޭގަ އެވެ.

ޝޯ ބަލަން ނޫރާ ދިޔައީ މަންމަ އާއި ބައްޕަ އާއި ދައްތަ ވެސް ގޮވައިގެންނެވެ. ނިހާދުގެ އާއިލާ ވެސް ތިއްބެވެ. ނިންމާފައި ނިހާދުއާ އެކު ދެ އާއިލާ ދިޔައީ، ނިހާދުގެ ގެއަށެވެ. އުފާފާޅުކުރުން ބާއްވަން އޮތީ އެގޭގަ އެވެ. ނިހާދު ފެންވަރައިގެން ސިޓިން ރޫމަށް ނުކުތް އިރު، "ވަން އެންޑް އޮންލީ މިސްޓަ މޯލްޑިވްސް" ޖަހާފައި އޮތް ބޮޑު ކޭކެއް، ސިޓިން ރޫމުގެ މެދުގައި ބަހައްޓާފައި ހުއްޓެވެ.

"ފޮނި އެއްޗެއް ނުކާތާ ލައްކަ ދުވަސް ވެއްޖެއެއްނު، މިރޭ ދެން ޖެހޭނީ ކާން،" ނޫރާ ބުންޏެވެ.

ކޭކު ފެޅީ ނިހާދުގެ އަތުގައި، ނޫރާ ވެސް ހިފަހައްޓާލައިގެން ހުރެގެންނެވެ. ފުރަތަމަ ކޭކުކޮޅު ނިހާދު ލެވީ ވެސް ނޫރާގެ އަނގަޔަށެވެ.

"މަންމަ އެއްޗެކޭ ހިތަށް ނާރާތި، އިނގޭ. އަހަންނަށް ކައްކައިދިނީ ނޫރާ. މި ކާމިޔާބީގެ ވަރަށް ބޮޑު އެއްޗެއް އެއީ، މިދިއަ ހަ މަސް ދުވަހު ލިބުނު ކެއުން،" ނޫރާގެ އަނގަޔަށް ކޭކުކޮޅު ލެވުމުގެ ކުރިން ނިހާދު ބުންޏެވެ.

ނޫރާއަށް ރަނގަޅަށް ކޭކުކޮޅު ކާނުލެވި އުޅެނިކޮށް އަނެއްކާވެސް ނިހާދު ވާހަކަ ފެށި އެވެ.

"ދެން އޮތީ އެހެން ހަބަރެއް. އަހަރެމެން ދެ މީހުން އެއްބަސްވީ، މި މުބާރާތަށް ފަހު ކައިވެނިކުރަން،" އޭނާ ބުންޏެވެ.

އެހާ ހިސާބުން ދެ އާއިލާގެ އެންމެންގެ މޫނުމަތިން ފެނުނީ ކުއްލި އުފާވެރިކަމެކެވެ. ނިހާދުގެ މަންމަ ގޮސް، ނޫރާގެ ގައިގައި ބައްދާލި އެވެ.

"ތިއީ ވަރަށް އުފާވެރި ހަބަރެއް،" ނޫރާގެ ބައްޕައަށް ބުނެވުނެވެ.

"ދެން ކޮން ދުވަހަކުން ކުރާނީ؟" ނިހާދުގެ މަންމަ އަހާލި އެވެ.

"މާދަމާ އެބަ ޖެހޭ ހަފުތާއެއްގެ ދަތުރަކަށް ފުރަން، އޭގައި ދިއުމަކީ، ޝަރުތެއް. އޭގެ ފަހުން އޮންނާނީ ކައިވެންޏަށް ތައްޔާރުވުން، ދޯ ނޫރާ،" މަންމަގެ އަނގައަށް ވެސް ކޭކުކޮޅެއް ލަވަމުން، ނިހާދު ބުންޏެވެ.

އެއީ ދެ އާއިލާގެ ކުރިމަތީގައި، ދެ މަންމަ އާއި ދެ ބައްޕަގެ ހާޒިރުގައި، ނިހާދަށް ވެވުނު ވައުދެކެވެ. "މިއީ އަހަރެން ވާ ވައުދެކޭ" އެހެން ނުބުންޏަސް، ވަކި ވަގުތުތަކެއްގައި ވަކި ކަންކަމާ ގުޅޭ ގޮތުން ތިމާއަށް ބޭރުކުރެވޭ ބަސްތައް އެތުރިގެން އެ ދަނީ، ވައުދުގެ ފޮޅުވަތްތަކުގަ އެވެ. އަމިއްލަ ނަފުސަށް ލަދުވެތިވާ މީހުންނަށް އެ މާނަ ނެގޭނެ އެވެ.

އެރޭ ނިމިގެން ދިޔައީ ދެ އާއިލާގެ ދެމެދު، ކައިވެނީގެ އިންތިޒާމްގެ ވާހަކަ ވެސް ކޮންމެވެސް ވަރަކަށް ދެކެވިގެންނެވެ. ދެ މީހުން ލާނެ ހެދުމާއި ކުލަ އާއި ޑިޒައިނުގެ އިހުތިޔާރު ދޫކޮށްލީ ނޫރާގެ އަތް މައްޗަށެވެ.

"ތިޔަ އެއްޗެއް ލާ އިރު ވެސް މަށެއް ނުބަލާނަން،" މަޖާ ވާހަކަތަކުގެ ތެރޭގައި ނިހާދު، އޭނާގެ ކައިވެނީގެ ހެދުމާ ބެހޭ ގޮތުން، ބުންޏެވެ.

އެހާ ވެސް ނޫރާއަށް އޭނާ ކުރި އިތުބާރު ބޮޑެވެ. އޭނާގެ މިޒާޖާއި ނޫރާގެ މިޒާޖު ދިމާވެ އެވެ.

އެކަމަކު ދިމާނުވި ކަމަކީ، ނިހާދުގެ ބަހެވެ.

---

ރިސޯޓްގައި ތިން މީހުން ބޭތިއްބީ ދުރުދުރުގައި ހުރި ތިން ކޮޓަރީގަ އެވެ. ނިހާދަށް ދިނީ ވޯޓާ ވިލާއެކެވެ. ރޭގަނޑުގެ ކެއުމަށް ފަހު އޭނާ އިށީނދެ އިނީ، ރިސޯޓްގެ ބޮޑު ފަޅަށް ކުރިމަތިވާ ގޮތަށް ބަހައްޓާފައި ހުރި ގޮނޑީގަ އެވެ. ހަނދުވަރު ނެތް ނަމަވެސް، ކޮޓަރިތަކުގެ އެކި ހިސާބުތަކުގައި ހުރި ބޮކިތަކުން، މޫދުގައި އޮތީ ރީތި މަންޒަރެއް ކުރަހާލައިފަ އެވެ. ކުދިކުދި ރާޅުބާނީތައް، ރޭގަނޑުގެ ފިނީގައި، މަޑުމަޑު ވައިރޯޅީގައި، ނަށަމުން ދެ އެވެ. މޫދު ތެރެއަށް ފޭދެމުން ދާ އަލިތައް "ކާލަންވެގެން"، އެކި ކަހަލަ މަސްތައް، ބައެއް ހިސާބުތަކުގައި، ބޮނޑިބޮނޑިއަށް އެއްވެގެން އުޅެ އެވެ.

"މިއީ ވަރަށް، ވަރަށް ރީތި ރިސޯޓެއް،" ނިހާދު ބުންޏެވެ.

"މަ ނެތްކަން އެކަނި ދޯ،" ނޫރާ ޖަވާބުދިނެވެ.

"މާ ބޮޑަށް ވެސް. ހަނީމޫނަށް ވެސް ރަނގަޅު. ފުރަތަމަ ރިސޯޓަކަށް، ދެން ބޭރަށް، އޯކޭއެއްނު،" ނިހާދު ހިޔާލުފާޅުކުރި އެވެ.

"އަހަންނަށް ވަރިހަމަ. މަ މި ހުންނަނީ ހަމަ ތައްޔާރަށް،" ނޫރާ ބުންޏެވެ.

ދެ މީހުންގެ ވާހަކަ ނިމުނީ ބައިގަޑިއެއްހާ އިރު ފަހުންނެވެ. ދެން ނިހާދު ކޮނޑީގައި ދެ ފައި ދަމާލައިގެން އޮތެވެ. އޭނާގެ ވިސްނުން ދޫކޮށްލީ ރިސޯޓްގެ ރީތިކަމާއި މުއްސަނދިކަމުގެ މައްޗަށެވެ. މިވަރުގެ ރިސޯޓެއް ތަރައްގީކޮށް ހިންގޭނީ ލާރި ހުރެގެންނެވެ. ވިސްނުން މޮޅުވެގެންނެވެ. ވިޔަފާރީގެ ސިކުނޑި ވެސް ތަފާތުވެގެންނެވެ.

އޭނާ ވެސް ބޭނުންވަނީ ކާމިޔާބު މީހަކަށް ވާށެވެ. އެކަން ކުރެވޭނީ ރަނގަޅު ގުޅުންތަކެއް ހޯދައި، ވަގުތުގެ ބޭނުންހިފައިގެންނެވެ. މިހާރު ވެސް އޭނާއަށް ލިބިފައިވާ ކުރިއެރުން، ބޮޑީބިލްޑަރަކަށް ބަލާ ނަމަ، ވާނީ ނަމޫނާއަކަށެވެ. އޭނާއަށް ވާހަކަ ދައްކަން އެނގެ އެވެ. އޭނާއާ ބައްދަލުވާ ވިޔަފާރިވެރިންގެ ބޮލަށް އެރެން އެނގެ އެވެ. މިހާތަނަށް އޭނާ ވާހަކަ ދެއްކި އެއްވެސް ކަމެއްގައި، ނާކާމިޔާބުވެފައެއް ނެތެވެ. އޭނާ ހިޔާރުކުރަނީ ވެސް ކޮންމެވެސް ގޮތަކުން އޭނާއަށް ފައިދާއެއް ވާނެ އެކަހަލަ މީހުންނެވެ. ބޭކާރު ގޮތުގައި ވަގުތުތަކެއް ހޭދަކޮށް، ނަތީޖާއެއް ނެތް ކަމެއްގައި އުޅުމުގެ ބޭނުމެއް ނެތެވެ. އެހެންކަމުން ނިހާދުގެ ފޯކަސް، އޭނާ ގަބޫލުކުރާ ގޮތުގައި، ވަރަށް ސީދާވެފައި، އަމާޒެވެ.

ކޮޓަރީގެ ރަނގަބީލުގެ އަޑު އިވުނެވެ. އޭނާ ގޮނޑިން ތެދުވެ، ކޮޓަރި ތެރެއިން ލާފައި ގޮސް، ބޭރު ދޮރު ހުޅުވާލި އެވެ. އޭރު ދޮރުމަތީގައި އޮތީ ބަގީއެކެވެ.

"މެޑަމް ބުނެގެން މި އައީ،" މަޑު ނޫ ކުލައިގެ ގަމީހަކާއި، ކަކުކާ ހަމައަށް ދާ ވަރުގެ ހުދު ޝޯޓެއްގައި ހުރި ޒުވާން ފިރިހެން ކުއްޖާ ބުންޏެވެ.

"މެޑަމް އަކީ...." ނިހާދަކަށް ފުރަތަމަ ނޭނގުނެވެ.

"ނަސްރާ މެޑަމް. ރޭ އިނާމު ދިނެއްނު،" މުވައްޒަފު ބުންޏެވެ.

"އޯ...އޯކޭ....ކޮން ތާކަށް ދާންވީ؟" ނިހާދަށް ހައިރާންވެގެން ހުރެ އަހާލެވުނެވެ.

"ބަގީގައި މި އައީ ބަލާ،" އޭނާ ބުންޏެވެ.

މާ ބޮޑު ޗޮއިސްއެއް އޭނާއަކަށް ނެތެވެ. އޭނާ ބަގީއަށް އެރި އެވެ. ފޯނުން ގަޑި ބަލައިލި އިރު، ނުވައެއް ޖަހަނީ އެވެ. އެހެންކަމުން އަދި އެހާ ލަހެއްނުވެއޭ ހިތަށްއެރި އެވެ.

ކުއްލިއަކަށް އޭނާއަށް ވިސްނާލެވުނީ ރޭގެ އިނާމު ދިނުމުގެ ވަގުތުކޮޅާ މެދުގަ އެވެ. އޭގެ ކުރިން ދުވަހަކު ވެސް އެ އަންހެން ކުއްޖާ އޭނާ ނުދެކެ އެވެ. ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން ވިސްނާ ވެސް ނުލެވުނީ އެވެ. އެކަމަކު އެއީ މުޅި މުބާރާތް ސްޕޮންސަކުރި މީހާގެ ދަރި އެވެ. އޭނާއަށް އެއް މިލިއަން ރުފިޔާ ލިބުނީ އެ ސްޕޮންސަޝިޕްގެ ސަބަބުންނެވެ.

ފަަހަރެއްގައި ހަމަ އަނގަ ތަޅާލަން ގެންދަނީ ކަމަށް ވެދާނެ އެވެ. އަނެއް ދެ ބައިވެރިން ވެސް ތިބުން އެކަށީގެންވެ އެވެ. އެކަމަކު އެއިން މީހަކަށް ފޯނުކޮށް، އެކަން ބަލާކަށް ބޭނުމެއް ނުވި އެވެ. އެއީ އޭނާގެ ހާއްސަ ސިފައެކެވެ. ބައެއް ފަހަރަށް އޭނާގެ ހަ ވަނަ ހިއްސު ވަރަށް އަވަހަށް އޭގެ ވާޖިބު އަދާކުރެ އެވެ.

ފަހަރެއްގައި އެ ލިބުނު އިނާމާ މެދު ހިތްހަމަޖެހޭތޯ އަހާފާނެ އެވެ. ފަހަރެއްގައި ނަސްރާއާ އެކު، އޭނާގެ ބައްޕަ ވެސް ހުރެދާނެ އެވެ. ފަހަރެއްގައި ރިސޯޓްގެ ޖިމްގެ ކަންކަން ބަލައިދޭން، ހުށައެޅުމެއް ވެސް ލިބިދާނެ އެވެ. ނުވަތަ ފަހަރެއްގައި، ހަމަ ފަހަރެއްގައި، އޭނާ ލައްވާ އަގުބޮޑުކޮށް، ކޮންމެވެސް އިސްތިހާރެއް ކުޅެން ވެސް ބޭނުންވެދާނެ އެވެ.

ދިގު ފާލަމުން ބަގީ ފައިބައި، ދުއްވަމުން ދިޔައީ ރަށުގެ އެއް ކޮޅަށެވެ. އެއީ އޭނާ އަދި ނުވެސް ދެކޭ ހިސާބުގަނޑެކެވެ. ހިޔާލުތަކުގައި އިންދާ ބަގީ ގޮސް މަޑުކުރީ، ރަށުގެ އެއްކޮޅުގައި ހަދާފައި ހުރި ރީތި، އެހާމެ ބޮޑު ގެއެއްގެ ކުރިމައްޗަށެވެ.

"މި ދޮރުން ވަދެގެން ދޭ،" ޒުވާނާ ބުނެލި އެވެ.

ނިހާދު ފައިބައިގެން އެ ދޮރުން ވަނެވެ. ކުރިމަތީގައި އޮތީ، ދެ ފަރާތުގައި ބަގީޗާ ހައްދާފައި އޮތް ހަނި، ދިގު މަގެކެވެ. ރީތި ފަނޑު އަލިކަމެއް ދޭ ކަހަލަ ލައިޓްތަކެއް، ގަސްތަކުގެ ތެރޭގައި ހަރުކޮށްފައި ހުއްޓެވެ. އޭނާއަށް ހިނގާފައި އެ ދެވެނީ ގޭގެ ގޯތިތެރޭގަ އެވެ. ވަކި ހިސާބަކުން ސްވިމިން ޕޫލެއް ވެސް، ގަސްތަކުގެ ތެރެއިން ފެނުނެވެ. އެއީ އެ ގެއަށް ހާއްސަ ސްވިމިން ޕޫލްކަން އޭނާއަށް އެނގުނެވެ.

ގޭގެ މައި ބޮޑު ދޮރާ ހަމައަށް ދެވުނީ ދުއިސައްތަ ފޫޓެއްހާ ހިސާބަށް ހިނގި ފަހުންނެވެ. އޭނާއަށް މަޑުކޮށްލެވުނު ވަގުތު ދޮރު ހުޅުވާލި އެވެ. އޭނާގެ ކުރިމައްޗަށް ނުކުތީ، ނަސްރާ އެވެ. ހީލާފައި، އަތް ދިއްކޮށްލި އެވެ.

"މިއީ ނަސްރާ!" މަޑުމަޑުން ބުނެލި އެވެ.

"ނިހާދު...." އޭނާއަށް ބުނެވުނެވެ.

"ވަދޭ،" ނިހާދު ވަންނަން ބޮޑަށް ދޮރު ހުޅުވާލަމުން، ދޮރާ އެކު އެއްފަރާތަކަށް ޖެހިލާފައި ނަސްރާ ބުންޏެވެ.

އޭނާ ވަނުމާ އެކު ފަހަތުން ދޮރު ލެއްޕި އެވެ.

"މަރުހަބާ އިނގޭ. ރަސްމީކޮށް އަދި ކިރިޔާ ދޯ މަރުހަބާ މި ކިޔާލެވުނީ،" ނިހާދުއާ ދިމާއަށް ރަނގަޅަށް ބަލައިލަމުން، ނަސްރާ ބުންޏެވެ.

"މިރަށުން ކީ މަރުހަބާ ވެސް ވަރަށް ފުރިހަމަ،" ނިހާދު ބުނެލި އެވެ.

"ތޭންކްސް. ކައިގެން ހުއްޓަސް އަދި އެއް ފަހަރު ކޮންމެވެސް ގޮތެއް ހެދޭނެހެން ހީވަނީ. ހިނގާ ބަލަ އެކޮޅަށް،" އެއްވެސް ޖެހިލުމެއް ނެތި، ނަސްރާ، ނިހާދަށް މަގު ދެއްކީ، އެ ބޮޑު، ރީތި ގޭގެ އެއް ފަރާތަށް ދާން އިޝާރަތްކުރަމުންނެވެ. ނަސްރާއާ ތަންކޮޅެއް ފަހަތުގައި ހުރެގެން އޭނާ ކުރިއަށް ދިޔަ އެވެ.

ނަސްރާ ނުކުތީ އެހެން ދޮރަކުން ބޭރަށެވެ. އެއީ ރީތި މާ ގަސްތަކުން ފުރިފައި އޮތް ބަގީޗާއެކެވެ. މެދުގައި ހުރި ހަޓެއްގެ ދަށުގައި ކާ މޭޒެކެވެ. މޭޒު މަތީގައި، އެކި ފާޑުގެ ކެއުންތައް އަތުރާލައިފަ އެވެ. ހަޓްގެ ވަށައިގެން އޮތް ގަސްތަކަށް ވެރިވެފައި ވަނީ ވަރަށް މަޑުމަޑު އަލިކަމެކެވެ. ނަމަވެސް މޭޒު މަތީގައި ހުރި ބޮޑު ދެ އުއްބައްތީގެ ހުޅުކޮޅު، އެއަށް ހާއްސަ ބިއްލޫރި ފުޅީގައި، ރަސްކަން ކުރަމުން ދިޔަ އެވެ.

"އެ ގޮނޑީގައި އިށީދޭ!" ނިހާދު އިންނަންވާ ގޮނޑި ނަސްރާ ދެއްކި އެވެ. ކިޔަމަންތެރިކަމާ އެކު ގޮސް ގޮނޑީގައި އިށީނެވެ. ނިހާދުގެ މޫނުން ކަޅި ނައްޓާނުލައި، ނަސްރާ ވެސް އިށީނެވެ. ދެން މޭޒު މަތީގައި ހުރި ކޮންމެ އެއްޗެއްގެ ނަން ކިޔައިދީ، އޭގެ ހާއްސަ ސިފަތަކާއި ބޭނުންކޮށްފައި ހުރި ބާވަތްތައް ބުނެދިނެވެ.

"މިއީ ނިހާދުއަށް ހާއްސަކޮށްގެން ހަދާފައި،" ނަސްރާ ބުންޏެވެ.

"ރެސްޓޯރަންޓަށް ދިއުމުގެ ކުރިން ބުނި ނަމަ،" ނިހާދު ރައްދުގައި ބުންޏެވެ.

"އޭރުން އަނެއް ދެ ބައިވެރިންނާ ވަކިވާނެތީ. މިއީ އެންމެ ރަނގަޅު ގޮތް. މި ހުރިހާ ދުވަހު މީރު އެއްޗެހި ނުކައި ހުރުމުގެ ބަނޑުހައިކަން އަދި ނުފިލާނެ، އަހަންނަށް އެކަން ޔަގީން،" ނިހާދުގެ ރުހުމަށް ބެލުމެއް ނެތި، ބައެއް އެއްޗެހި އަޅައިދެމުން، ނަސްރާ ވާހަކަ ދެއްކި އެވެ.

ނިހާދަށް ނޫނެކޭ ނުބުނެވުނެވެ. ސެލަޑާއި ސީފްޑުގެ ބައެއް އެއްޗެހި އެޅި ތައްޓަށް ބަލައިލެވުނެވެ.

"ތިއީ ވަރަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުރި ސީފްޑްގެ ވައްތަރެއް،" ނިހާދު އިން ގޮތް ފެނިފައި، ނަސްރާ ކުޑަ ތަފުސީލެއް ދިނެވެ.

"އެހެން އެބަ ހީވޭ،" ހީލަމުން، އެކަމަކު ހައިރާންކަމުގައި އިނދެ، ނިހާދު ބުންޏެވެ.

"ހިނގާ ފަށަމާ،" ނަސްރާގެ ތައްޓަށް ވެސް އެއްޗެހި އަޅާފައި، އެއް ފަރާތުގައި އޮތް އުލާއި ވަޅި ނަގަމުން، ބުންޏެވެ.

ނިހާދު ވެސް ކާން ފެށި އެވެ. އެކަމަކު އޭރު އޭނާއަށް ނަސްރާގެ ބެލުންތަކުން އުނދަގޫވާން ފެށި އެވެ. ސުވާލުތައް ވެސް އުފެދުނެވެ. އުއްބައްތީގެ އަލިކަން ނަސްރާގެ މޫނަށް ވެސް އެޅިފައި ހުއްޓެވެ. ދޮން އަންހެނެކެވެ. ހަށިގަނޑަށް ސަމާލުކަންދޭތީ ކަމަށް ވެދާނެ އެވެ. ފަލައެއް ނޫނެވެ. ނުވަތަ ކެޔަސް، ޒުވާން އުމުރަށް ވުމާ އެކު، ފަލަނުވާ ކަހަލަ ހަށިގަނޑެއްގެ ވެރިއެކެވެ.

"ނިހާދު ހުންނަ ކޮޓަރި ކިހިނެއް؟" ހިމޭންކަމަކަށް ފަހު އަދި ނިހާދު އިންލެއް މަޑުމަތިރިކަމުން، ނަސްރާ ސުވާލުކުރި އެވެ.

"ވަރަށް ރީތި، ރިސޯޓް ވެސް ވަރަށް ފުރިހަމަ،" ނިހާދު ޖަވާބު ދިނެވެ.

"ބައްޕަގެ މަސައްކަތް. ބައްޕަގެ ހިޔާލު ހަމަ،" ނަސްރާ ބުންޏެވެ.

"ނަސްރާ މަސައްކަތްކުރަނީ މި ރަށުގައިތަ؟" ނިހާދު ސުވާލުކުރި އެވެ. އޭނާއަށް ދެން ކުރެވެން އޮތީ ވެސް އެކަހަލަ ސުވާލުތަކެކެވެ.

"ނޫން، އަދި ކިޔަވައި ނިމިގެން އައިތާ މާ ގިނަ ދުވަހެއް ނުވޭ. ނިހާދު ރިސޯޓަށް އަންނާތީ މަޑުކޮށްގެން ވެސް މި ހުރީ،" އެހެން އޭނާ ބުނީ، ނިހާދުގެ ދެ ލޮލަށް ނަޒަރު ހުއްޓާލައިގެން އިނދެ، ހިނިތުންވުން ވެސް ވަމުންނެވެ. ދެ ކޮލުގައި އުފެދުނު އަޑިކޮޅު، ނިހާދުގެ ލޮލުގައި، ފުރަތަމަ ފަހަރަށް އަޅައިގަތެވެ.

އެ ބުނީ ކީކޭ ހެއްޔެވެ؟

"ބައްޕަ ސްޕޮންސަކުރި މުބާރާތުގެ ޗެމްޕިއަންއަން މަރުހަބާ ކިޔަންތަ؟" ހިތަށްއެރި ގޮތަށް ނިހާދު ސުވާލުކޮށްލި އެވެ.

"ނޫން އެހެންނެއް ވެސް ނޫން، ހަމަ ނިހާދުއާ ބައްދަލުކުރަން،" ކުރިއަށް ވުރެ ބޮޑަށް ހިނިތުންވަމުން، ނަސްރާ ޖަވާބުދިނެވެ.

ނިހާދުގެ ހިތަށް ފިނިވެގެން ދިޔަ އެވެ. މިހާރު ނަސްރާގެ ވާހަކަތައް އެދަނީ، ސަމާސާކުރުން ނުވަތަ ކޮންމެވެސް އެހެން ނިޔަތެއް އޮތުމުން އެ މިސްރާބަށްކަން އޭނާއަށް އެނގުނެވެ. އެކަމަކު ސަމާސާކުރުން ނޫން ދެން އެހެން ކޮން ކަމެއް ހެއްޔެވެ؟ މިއީ ނަސްރާއާ އޭނާ މި ގޮތަށް ބައްދަލުވި ފުރަތަމަ ފަހަރެވެ.

"އެއްޗެކޭ ނުބުނެ ތިއިނީ، އަނެއްކާ ކިކޭ ހިތަށްއަރާތީ؟" ނަސްރާ އެހި އެވެ.

"މި ވިސްނަނީ އަހަންނާ ބައްދަލުކުރަން އޮތީ ކޮން ކަމަކާ ބާވައޭ؟ އަނެއްކާ ރިސޯޓްގެ ޖިމުން ވަޒީފާއެއް ހުށަހައަޅަނީ ބާވައޭ؟" ހިތުތެރޭގައި ދެމިގެންދާ ފިނިގަނޑުގެ އަސްލު ގުޅިފައި އޮތް ޝައްކާ ބެހޭ އެއްވެސް ސުވާލެއް ނުކޮށް، ނިހާދު ބުންޏެވެ. އޭރު އޭނާގެ ހިތަށްއަރައަރާ ހުރީ، "އަނެއްކާ އަހަންނަށް ނުފެނި، ނަސްރާ އަހަންނާ މެދު އެހެން ގޮތަކަށް ވިސްނަނީ ހެއްޔެވެ؟" އެކަމަކު އެފަދަ ސުވާލަކާ ހަމައަށް ދާކަށް ބޭނުމެއް ނުވި އެވެ.

"މިހާރުތަ ބުނަންވީ؟ ނުވަތަ ކައި ނިންމާފަތަ ބުނަންވީ؟" ނަސްރާގެ ނަޒަރުން ނިހާދުއަށް ސަލާމަތެއް ނުވެވެ އެވެ. އެހާ ފުންކޮށް، ކަޅި ވެސް ޖަހާނުލައި، ބަލަން އެ އިންނަނީ ކޮންމެވެސް އެހެން ނިޔަތެއް އޮވެގެންކަން، ނިހާދަށް ޔަގީނާ ގާތަށް އެނގުނެވެ. "އަނެއް ކަންތައް؟" އޭނާގެ ހިތަށް ކުއްލިއަކަށް އެރި އެވެ.

"ނަސްރާއަށް ދޯ އެ ޖޮބް ތި އޮތީ. އަހަރެން މި އިނީ ނަސްރާ ދައްކާ ވާހަކައެއް އަޑުއަހަން،" އަމިއްލަ ނަފުސު ހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުން، ނިހާދު ބުންޏެވެ.

"އެހެންވިއްޔާ ކައި ނިންމާފައި،" ނަސްރާ ގޮނޑިން ތެދުވެ، މައިގަނޑު ކެއުން ކަމަށް ވާ ސްޕެގެޓީ ތަށި ނަގައި، ނިހާދުގެ ތައްޓަށް އަޅަން ފެށި އެވެ. އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ނަސްރާ ވެސް އޭނާގެ އާ ތައްޓަށް ސްޕެގެޓީ އަޅާފައި، ކާން ފެށި އެވެ. ދެން އޭނާ ދައްކަން ފެށީ އެ ރިސޯޓް ހަދަން ބައްޕަ ކުރި މަސައްކަތާއި، ބައްޕަގެ ރިސޯޓް ވިޔަފާރީގެ ބައެއް ވާހަކަތަކެވެ. އޭގެ ފަހުން ނިއު ޒީލެންޑްގައި އޭނާ ކިޔެވި ރޮނގާއި، ކުރަން ބޭނުންވާ ކަންކަމެވެ. އޭގެ ތެރޭގައި، ބައްޕަގެ ވިޔަފާރީގައި ނޫޅޭނެ ކަމަށް ބުނުން ވެސް ހިމެނެ އެވެ. ދެން ދެއްކީ އެހެން އެންމެންނާ އޭނާގެ ބޭބެ، މައުސޫމް ތަފާތު ވާހަކަ އެވެ. މިހާރު ވެސް ކިޔަވަން ހުރީ ސައުދީ އަރަބިއްޔާގައި ކަމެވެ. ބައްޕަ އާއި ބޭބެއާ ދެމެދު އެހާ ގާތް ގުޅުމެއް ނޯންނަ ކަމެވެ. ދެ މީހުންގެ ވިސްނުން އެހާ ތަފާތު ކަމެވެ.

ކެއުން ނިމިގެން ދިޔައީ، ވަރަށް ހާއްސަ ވައިޓް ކޭކާއި، އެ ރިސޯޓްގައި ތައްޔާރުކުރާ ވެނީލާ އައިސް ކްރީމުންނެވެ. އޭރު ނަސްރާގެ އާއިލާއާ ބެހޭ ވަރަށް ގިނަ ވާހަކަ ނިހާދުއަށް އެނގިއްޖެ އެވެ. އެކަމަކު ނޭނގެނީ، އޭނާއަށް އެފަދަ ކެއުމެއް ދިން ސަބަބެވެ. އާއިލާގެ އެ ބޮޑު، މުއްސަނދި ވިލާގައި، އެކަނިމާއެކަނި އޭނާއާ ބައްދަލުކުރި ސަބަބެވެ. ނިހާދުގެ ހިތް ބޮޑަށް ތެޅެން ފެށީ އެހާ ހިސާބުންނެވެ.

ފެން ބޮއި ނިންމައިގެން، މަޑުމަޑުން ނަސްރާ ތެދުވި އެވެ. ދެން ނިހާދު ކައިރީގައި މަޑުކޮށްލާފައި، އެއްވެސް ޖެހިލުމެއް ނެތި، ވާތު އަތްތިލާގައި އޭނާގެ ކަނާތު އަތްތިލައިން ހިފާ ޖޯޑުކޮށްލި އެވެ.

"އަހަރެން ބޭނުންވަނީ މި ގޮތަށް ނިހާދު ގޮނޑިން ނަގަން،" މުޅި ކެއުމުގެ ތެރޭގައި ވެސް ނިހާދަށް ފެނުނު އެ ހިނިތުންވުމުގައި ހުރެ ނަސްރާ ބުންޏެވެ.

އިތުރު އެއްޗެއް ބުނާކަށް ނޭނގުނެވެ. ގަނޑުވެފައި އިނދެ، ނިހާދު ތެދުވި އެވެ. ނަސްރާ ކުރިއަށް ދިޔައީ އޭނާގެ އަތުގައި އެގޮތަށް ހިފަހައްޓާލައިގެން ހުރެ އެވެ. ނިހާދު ބުނާނެ ވާހަކައަކަށް، އަތުން ދޫކޮށްލަފާނެ ކަމަކަށް ކުޑަކޮށް ވެސް އަޅާނުލަ އެވެ. ގޭތެރެއަށް ވަދެ، އޭނާ ހިނގައިގަތީ އެހެން ދިމާލަކަށެވެ. ވަކި ހިސާބަކުން، ހުޅުވާފައި ހުރި ދޮރަކުން އަނެއްކާވެސް ނުކުތީ، ބަގީޗާއެއް ހައްދާފައި އޮތް ތަނަކަށެވެ. އެތަނުގައި ހުރި ހަޓްގައި ހަރުކޮށްލާފައި ވަނީ، ރީތި އުނދޯންޏެކެވެ. ކުރިމަތީގައި އޮތީ ވައްކޮށް ހަދާފައިވާ މަސް ފެންގަނޑެކެވެ. މަޑު ނޫ ކަލައިގެ އަލިން ފެންގަނޑު އޮތީ ފާޑަކަށް ދިއްލިފަ އެވެ.

އުނދޯލީގައި އިށީނީ ވެސް ނިހާދުގެ އަތުން ދޫކޮށްނުލަ އެވެ. ބޮޑު ކަންނެޔޮތަކެއް، އުނދޯލީގެ ތިން ފަރާތުގައި ބާއްވާފައި އޮތެވެ.

ނަސްރާ ދެން ނެގީ، ނިހާދުގެ ކަނާތެވެ. ހަތަރު ކަޅި ހަމަކޮށްލި އެވެ. ނިހާދު އެއްޗެއް ނުބުންޏަސް، މިއީ ކޮން ކަމެއްކަން އޭނާއަށް ޔަގީންވި އެވެ. އެކަމަކު ނަސްރާގެ ކައިރިން މިނިވަންވެގެން ދާކަށް ބޭނުމެއް ނުވި އެވެ.

"ނިހާދަށް ދައުވަތު ދިނީ މިކަމަށް. އަހަރެން ނިހާދު ދެކެ ލޯބިވާ ވާހަކަ ބުނަން،" ހަމަ އެ ބެލުމުގައި އިނދެ، ޖެހިލުމެއް، ލަދެއް ވެސް ނެތި ނަސްރާ ބުންޏެވެ.

"އޯ... ނޯ...." ނިހާދުގެ އަނގައިން ނުކުތީ އެ ދެ ލަފުޒެވެ.

"މިއީ ފޭކެއް ނޫން، މިއީ ވަގުތީ އުފަލަކަށް ދައުވަތު ދިނުމެއް ވެސް ނޫން، މިއީ އަހަރެންގެ ލޯބި. އެހެން މީހަކަށް ނުދީ އަހަރެން މިހާތަނަށް ވެސް ހިފެހެއްޓި ލޯބި،" ނުދަންނަ މީހަކަށް ވިޔަސް، ނަސްރާ ޔަގީންކަމާ އެކު ބުންޏެވެ.

ނިހާދުގެ ދެ އަތްތިލާގައި ނަސްރާ ހިފަހައްޓާލައިގެން އިނީ ވަރަށް ބާރަށެވެ. ހީވަނީ އާއެނކޭ ނުބުނެ، ނުދެވޭނެއޭ ބުނާހެންނެވެ.

ނިހާދަށް އެއީ ޝޮކެކެވެ. ތެދެކެވެ. އޭނާ މަޝްހޫރެވެ. ވަރަށް ގިނަ އަންހެން ކުދިން އޭނާ ރީއްޗޭ ބުނެ އެވެ. މެސެޖް ވެސް ފޮނުވަ އެވެ. ފޭސްބުކްގައި ކޮމެންޓް ވެސް ލި އެވެ. އެކަމަކު މިހެން، މިހާ ސީދަލަށް، ޖެހިލުމެއް ނެތި، އަދި މި ފެންވަރުގެ އަންހެން ކުއްޖަކު އެ ދެއްކި ވާހަކަ އިން އޭނާ އިނީ، އެންމެ ފުރަތަމަ އަތުގައި ހިފާލި އިރުން ފެށިގެން އަދިވެސް، ފާޑަކަށް ގަނޑުވެފަ އެވެ.

ދެ މީހުންގެ ހަތަރު ކަޅި އެވެ. އެކަކު އޭނާގެ ހިތުގެ އެންމެ އަޑިން އުފެދިގެން އަރަމުން އަންނަ ލޯތްބެވެ. އަނެކަކު، އެހެން ލޯތްބެއްގެ ހިޔަނީގެ ތެރޭގައި އުޅެމުން ވެސް، އެކަމަކު "ނޫނެކޭ، ވިސްނާލާނަމޭ،" އެހެން ވެސް ނުބުނެވިފަ އެވެ. މިހާދުގެ ހަ ވަނަ ހިއްސު އޭގެ ވާޖިބު އަނެއްކާވެސް އަދާކުރަން ފެށި އެވެ. އޭނާއަށް ފެންނަނީ، މީގެ ކުޑައިރުކޮޅެއް ކުރިން، ކޮޓަރީގެ ބޭރުގައި ހުރި ގޮނޑީގައި އޮތް އިރު ނަޒަރު ހުއްޓުނު ރީތިކަމެވެ. ފެންވަރު މަތީ ރިސޯޓްގެ އެ މުއްސަނދި މަސައްކަތެވެ. އާދައިގެ މީހަކަށް މިއިން އެއްވެސް އެއްޗެއް ނުލިބޭނެ އެވެ. އާދައިގެ ގޮތަކަށް ދިރިއުޅެގެން މިއިން އެއްވެސް ކަމަކާ މެދު ހިޔާލެއް ވެސް ނުކުރެވޭނެ އެވެ.

މިއީ މުޅިން އެހެން ފެންވަރެކެވެ. މިއީ ދުނިޔޭގެ އުނދަގޫތަކާ މެދު ހިޔާލެއް ނެތި، ބޭނުން ހަރުގަނޑަކުން މައްޗަށް އެރިދާނެ ފުރުސަތެވެ. މިއީ ހަޔާތުގައި މަދު މީހަކަށް ނޫނީ ނުލިބޭނެ މަގާމެކެވެ. މިއީ، ކޮންމެ އިންސާނަކު ވެސް، ހުވަފެން ދެކެމުން އަންނަ މުއްސަނދިކަމެވެ.

އެ މުއްސަނދިކަމުގެ އެއް ވާރުތަވެރިޔާ އެ އިނީ އޭނާގެ އަތުގައި ހިފަހައްޓާލައިގެން، އޭނާގެ ދެ ލޮލާ ވާހަކަ ދައްކާށެވެ. އޭނާގެ ހިތަށް އަސަރުކުރުވާނެ ފަދަ ތޫނު ނަޒަރަކުން، އެތައް އެއްޗެއް ކިޔައިދޭށެވެ. ކިތައް މީހުންގެ ހަޔާތުގައި މިކަހަލަ ވަގުތުކޮޅެއް އަތުވެދާނެ ހެއްޔެވެ؟ ވަގުތުގެ ބޭނުން ނުހިފައި، އެ ނަސީބު ދޫކޮށްލާފައި ދާނީ ހެއްޔެވެ؟

"އަހަރެން މިހާރު ވެސް ވައުދުވެދާނަން. ނިހާދު ބޭނުމިއްޔާ މާދަމާ ވެސް އަހަރެން ކައިވެނިކޮށްފާނަން،" އޭނާ އެ އިން ހުއްޓުމުގެ ތެރެއަށް އަނެއްކާވެސް ނަސްރާގެ ވަރުގަދަ ޔަގީންކަމެކެވެ.

"މަށަށް ދީ ވަގުތުކޮޅެއް...." ނިހާދަށް އެންމެ ފަހުން ބުނެވުނެވެ.

"ބާކީ އަދި އެބަ އޮތް ހަ ދުވަސް. އަހަރެން އިންތިޒާރުކުރާނަން،" ނިހާދުގެ އަތުން ދޫކޮށްލުމަށް ފަހު، މަޑުމަޑުން އަތް ނަގައި، އޭނާގެ މޫނުގެ ދެ ފަރާތުން، އެހާމެ ލޯބިން ޖައްސާލަމުން ނަސްރާ ބުންޏެވެ. ދެން އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓާލީ، ނިހާދުގެ ދެ ލޮލަށެވެ.

"މިިއީ އެ ބިލްބޯޑުން އަހަންނަށް ފެނުނު މޫނު. އަހަރެން ހުއްޓުވި މޫނު. ހާދަ ރީއްޗޭ...." ނަސްރާގެ ލޮލުތެރެއަށް ކުއްލިއަކަށް ކަރުނަ ޖަމާވާން ފެށި އެވެ. ނިހާދު ބަލަހައްޓައިގެން އިންދާ އެ ކަރުނަތައް ފައިބަން ވެސް ފެށި އެވެ. ނަސްރާ އަވަހަށް، ނިހާދުގެ މޫނުން އަތް ނައްޓާލާފައި، އުނދޯލީގެ ކުރިމައްޗަށް ވާ ގޮތަށް އެނބުރި، އަމިއްލަ މޫނުގައި އަތް އަޅާލި އެވެ.

މިއީ ޔަގީނުން ވެސް ހީލަތެއް ނޫނެވެ: ނިހާދުގެ ހިތަށްއެރި އެވެ. އެކަމަކު އޭނާއަށް ނަސްރާގެ ގައިގައި އަތްލާކަށް ނުކެރުނެވެ. ހިތްހަމަޖައްސައިދޭން ބުނާނެ އެއްޗެއް ނޭނގުނެވެ.

(ހަތަރު ވަނަ ބައި، ޖޫން 9، 2020، އަންގާރަ ދުވަސް)