ސުޝްމިތާ ސެންގެ "އާރިއާ" މި މަހު 19 ގައި

ގިނަ ދުވަސްތަކެއް ވަންދެން އެކްޓިންއާ ދުރުގައި ހުރުމަށް ފަހު ކުރީގެ ބަތަލާ ސުޝްމިތާ ސެން އެނބުރި އަންނަ ވެބް ސީރީޒް "އާރިއާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


އާރިއާ ސަރީން ނަމަކަށް ކިޔާ ވަރުގަދަ އަންހެން ކެރެކްޓާއަކަށް ބިނާކޮށް ހަދާފައިވާ މި ސީރީޒް މި މަހުގެ 19 އިން ފެށިގެން ޑިޒްނީ+ހޮޓްސްޓާ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ޓްރެއިލާ ވަރަށް ވެސް ޝައުގުވެރި އެވެ. ޔަގީނުން ވެސް މިއީ އަހަރުތަކެއް ފަހުން އެނބުރި އަންނަ އިރު، ސުޝްމިތާގެ ފޭނުން އުންމީދުކުރާ ވަރުގެ އެއްޗަކަށް ވާނެ އެވެ.

"އާރިއާ" ގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2016 ގެ ފިލްމު "ނީރްޖާ" ގެނެސްދިން ރާމް މަދަވާނީ އެވެ. އޭނާ ޓްރެއިލާ ޓްވީޓްކުރަމުން ބުނީ މިއީ ނުވަ އަހަރުގެ ހުވަފެނެއް ކަމަށް ބުނެފަ އެވެ.

"އާރިއާ" އަކީ 2010-2017 އަށް ގެނެސްދިން ނެދަލެންޑްސްގެ ޑްރާމާ ސިލްސިލާ "ޕެނޯޒާ" އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.

ސުޝްމިތާއާ އެކު މި ކްރައިމް ޑްރާމާ އިން ފެނިގެންދާނެ ކާސްޓުންގެ ތެރޭގައި ޗަންދުރަޗޫރް ސިންގް، ސިކަންދަރް ކޭރް، ނަމީތާ ދާސް، މަނީޝް ޗައުދަރީ އަދި އެލެކްސް އޯނެލް ހިމެނެ އެވެ.

މިސް ޔުނިވާސްގެ ތާޖު ވެސް ހާސިލުކޮށްފައިވާ ސުޝްމިތާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2010 ގެ "ނޯ ޕްރޮބްލަމް" އެވެ. އަދި 2015 ގައި "ނިރުބާކް" ކިޔާ ބެންގާލީ ފިލްމެއް ކުޅެފައިވެ އެވެ.

ސުޝްމިތާ އަކީ ބޮލީވުޑަށް ނުކުތް ނަމަވެސް މާ ބޮޑު ކުރިއެރުމެއް ލިބުނު ބަތަލާއެއް ނޫނެވެ. އަދި އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި ވެސް ހުރީ ފާހަގަކޮށްލެވޭ މަދު ފިލްމުތަކެކެވެ. އޭގެ ތެރޭގައި "މޭ ހޫ ނާ" އާއި "ބީވީ ނަމްބަރު 1" އަދި "ސިރްފު ތުމް" ހިމެނެ އެވެ.