ވާހަކަ ސިލްސިލާ: ދިހައެއް: ހަމަ އެންމެ ކަމަކަށް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

(މޭ 8، 2020، ހޯމަދުވަހުގެ ބަޔާ ގުޅޭ)


"މިިއީ އެ ބިލްބޯޑުން އަހަންނަށް ފެނުނު މޫނު. އަހަރެން ހުއްޓުވި މޫނު. ހާދަ ރީއްޗޭ...." ނަސްރާގެ ލޮލުތެރެއަށް ކުއްލިއަކަށް ކަރުނަ ޖަމާވާން ފެށި އެވެ. ނިހާދު ބަލަހައްޓައިގެން އިންދާ އެ ކަރުނަތައް ފައިބަން ވެސް ފެށި އެވެ. ނަސްރާ އަވަހަށް، ނިހާދުގެ މޫނުން އަތް ނައްޓާލާފައި، އުނދޯލީގެ ކުރިމައްޗަށް ވާ ގޮތަށް އެނބުރި، އަމިއްލަ މޫނުގައި އަތް އަޅާލި އެވެ.

މިއީ ޔަގީނުން ވެސް ހީލަތެއް ނޫނެވެ: ނިހާދުގެ ހިތަށްއެރި އެވެ. އެކަމަކު އޭނާއަށް ނަސްރާގެ ގައިގައި އަތްލާކަށް ނުކެރުނެވެ. ހިތްހަމަޖައްސައިދޭން ބުނާނެ އެއްޗެއް ނޭނގުނެވެ.

ނިހާދު ވެސް އިނީ އެވެ. ނަސްރާ ވެސް، މޫނު މަތީގައި އަތް އަޅައިގެން އިނީ އެވެ. ހިމޭންކަމުގެ އެތައް މިނިޓެކެވެ.

"އަހަރެން ބުނީމެއްނު ވިސްނާލަން ވަގުތުކޮޅެއް ބޭނުމޭ. އެގޮތް އޯކޭތަ؟" އެ ހިމޭންކަން ފޫދުއްވާލަމުން، އެންމެ ފަހުން ނިހާދު ބުންޏެވެ.

ނަސްރާ ދެ އަތުން ދެ ލޯ ފޮހެލާފައި، މޫނުން އަތް ނެގި އެވެ. ދެން ނިހާދުގެ އަތުގައި ހިފަމުން ތެދުވި އެވެ. އޭނާއާ ދިމާއަށް ބަލައިނުލައި، އެ ތަނުން ހިނގައިގަތީ އެވެ. ގޭތެރެއަށް ވަދެ، ބޭރު ދޮރާ ހަމައަށް ދިޔައީ ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ދޮރު ހުޅުވާލަދީފައި، ވަރަށް މަޑުމަޑުން އޭނާ ހަމައެކަނި ބުނެލީ "ގުޑް ނައިޓް"އޭ އެވެ. ޖަވާބުގައި ނިހާދު ވެސް "ގުޑް ނައިޓް"އޭ ބުންޏެވެ.

ނިންޖެއް ނަ އެވެ. ނިހާދު އޮތީ ބޭރު ގޮނޑީގައި އޮށޯވެލައިގެންނެވެ. ދަންވަރު އެކެއް ޖަހާ ބޮޑުވެއްޖެ އެވެ. ނަސްރާގެ ފަރާތުން ފެނުނު ހައިރާންކުރުވަނިވި އަމަލްތަކަށް ފަހު، ހިތުގައި އުފެދުނު އެތައް ސުވާލަކަށް އަމިއްލަ ނަފުސަށް ދޭނެ ޖަވާބެއް ހޯދަން އުޅެމުން ވެސް، ނޫރާއާ ވާހަކަ ދެއްކި އެވެ. ލޯބިވެރިޔާއަށް ނުފެންނަ ހިސާބެއްގައި ހިނގައިދިޔަ އެ ކުއްލި ކަންތަކުގެ އެއްވެސް މިންވަރެއް އޭނާގެ އަޑުން، އޭނާގެ ވާހަކަ ދެއްކުމުގެ ރާގުން ނަމަވެސް ނޭނގޭނެ މިންވަރަށް، "ނޫރާގެ ނިހާދުކަން ޔަގީންކޮށްދިނެ"ވެ.

އެ ފޯނު ބޭއްވިތާ ވެސް ގަޑިއެއްހާ އިރު ވެއްޖެ އެވެ. އެކަމަކު އޭނާ ހީކުރަމުން އައި "އަސްލު ނިހާދު"ގެ ސިފަތައް، ރިސޯޓްގެ އެ މުއްސަނދިކަމާއި ރިސޯޓްގެ ވެރިޔާގެ އެ ހިތްގައިމު ބޮޑު ގެ އާއި އެ މަހުޖަނުގެ އަންހެން ދަރިފުޅުގެ ހުށައެޅުމުގެ ތެރޭގައި ފުނޑެމުން، ނެތެމުން ދަނީ އެވެ. އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ދުނިޔޭގެ އެދުންތައް ބާރުގަދަކުރަމުން، އާ ހުވަފެންތައް އުފަންކުރަމުން ދަނީ އެވެ. އޭނާގެ ހިތުން ނޫރާގެ ސިފަތައް ކެނޑެމުން، ދުރަށް ދަތުރުކުރަމުން ދަނީ އެވެ.

ބޮޑުވެފައި އޮތް ދިޔަވަރުގެ އޮއިގައި ލޮނުގަނޑު އައިސް ކޮޓަރީގެ ތަނބުތަކުގައި ޖެހޭ އަޑެވެ. ގުދުރަތީ މިޔުޒިކަކަށް ވަންޏާ ވާންވީ އެވެ. އެކަމަކު ނިހާދަށް އޭގެ ހިތްހަމަޖެހުމެއް ނެތެވެ. މާހައުލުގެ ފިނިކަމުން ހަށިގަނޑަށް ލިބޭ އަރާމެއް ނެތެވެ. އޭނާގެ ސިކުނޑީގައި ނަސްރާގެ ހުށައެޅުމެވެ.

ފަތިސް ވާން އުޅެނިކޮށް ކޮޓަރިއަށް ވަދެ، އެނދުގައި ޖައްސާލި އިރު، ނިހާދު ހުރީ ބަދަލުވެފަ އެވެ. އޭނާއަށް ޔަގީންކުރެވުނީ ކުރިމަގުގެ ހުވަފެންތަކާއި އުއްމީދުތައް ހާސިލްވާނެ ހަމައެކަނި ގޮތަކީ، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނުގެ އާއިލާގެ ތެރެއަށް ވަނުން ކަމެވެ.

ނަސްރާ އާއި ނިހާދު ކައިވެނިކުރީ އޭގެ މަހެއްހާ ދުވަސް ފަހުންނެވެ. މުޅި ރާއްޖެއަށް މަޝްހޫރުވި އެ ކައިވެންޏާ އެކު މާ ގިނަ ދުވަހެއް ނުވެ މުޅި ރާއްޖެއަށް ސިހުން ލިބުނީ، މިސްޓަ މޯލްޑިވްސްއަށް، ރައީސް އޮފީހުގެ މިނިސްޓަރުކަން ދިން ހަބަރުންނެވެ. އޭނާގެ މަސްއޫލިއްޔަތަކަށް ހެދީ ޒުވާނުންނާއި ރައީސްއާ ދެމެދު އާ ގުޅުމެއް ގާއިމްކޮށްދިނުމެވެ.

އާންމުންނަށް ނޭނގުނަސް އަދި މީޑިއާތަކަށް ނޭރިޔަސް، އޭރު ނޫރާގެ ސިކުނޑި ގޯސްވެގެން ފަރުވާ ހޯދަން ރާއްޖެ އިން ބޭރަށް ގެންގޮސްފި އެވެ.

---

މައުސޫމުގެ މަރާ ގުޅުން ހުރި ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން، އެމީހާ ގޮސް ބޮޑު އައިސްއަލަމާރި ހުޅުވާލައި، އެތެރެއަށް ބަލައިލި އެވެ. މިނަރަލް ވޯޓާގެ ފެން ފުޅިތަކާއި ރަލުގެ ތަފާތު ބުއިންތަކުން ފުރިފަ އެވެ. އެތަނުން ދެ ފެން ފުޅި ހިފައިގެން އެމީހާ އެނބުރި ދިޔައީ ހުސޭނުބޭ އިން ސޯފާ ކައިރިއަށެވެ. މޭޒު މަތީގައި ދެ ފުޅި ބެހެއްޓި އެވެ. ހުސޭނުބެ އިނީ ކަޅި ވެސް ޖަހާނުލައި ބަލާށެވެ.

"އަހަންނަކީ ކާކު ކަމެއް ކަލެއަކަށް ނޭނގޭނެ. އެކަމަކު މިއީ މައުސޫމުގެ ލޭގެ ބަދަލު ހިފުންކަން ޔަގީންކުރާތި،" އެމީހާ ބުންޏެވެ.

"އަދިވެސް އަހަންނަށް ކަމެއް ކުރަންތަ ތި އުޅެނީ؟" ކަތިލުމުގެ ކުރިން ފެން ދެނީކަން އިހުސާސްކުރެވުނިއްޔޭ ހީވާ ކަހަލަ ގޮތަކަށް ހުސޭނުބެއަށް އަހާލެވުނެވެ.

"ނޫން... މައުސޫމް މަރާލި އެންމެންގެ ދުވަސް ހިނގައްޖެ. ދެން އޮތީ އެންމެ ދެ މީހުން. އޭގެ ތެރޭގައި ކަލެއެއް ނުހިމެނޭ. ހަނދާންކުރާތި ހަމަ އެންމެ ކަމަކަށް ކަލޭ މި ދޫކޮށްލަނީ. ކަލޭގެ ބަލި ދަރިފުޅަށްޓަކައި،" އެމީހާ ބުންޏެވެ.

ހުސޭނުބެއަށް އެ ސިކުންތުގައި ލިބުނު ހަމަޖެހުން ދަރިފުޅުގެ ވާހަކަ އައުމުން ހައިރާންކަމަކަށް ބަދަލުވި އެވެ. އެމީހާ ގޮސް، އޭނާގެ އަތް މޮހެލައި، އަނގަ މަތިން ފޮތިގަނޑު ވެސް ނައްޓާލި އެވެ. ދެން މޭޒު މަތިން ފެން ފުޅިއެއް ނަގައި، މަތި ކަނޑާލާފައި ދިއްކޮށްލި އެވެ. ހުސޭނުބެ އެ ފެން ފުޅީގައި ހިފައި، ބޯން ފެށި އެވެ.

ހަޅޭއްލަވާކަށް، ދުއްވައިގަންނާކަށް، ހަމަލާއެއް ދޭކަށް އޭނާއަކަށް ނުކެރުނެވެ. ހަޅޭއްލަވައިގަނެގެން ލިބޭނެ ފައިދާއެއް ނެތެވެ. ކިރިޔާ އަނގަ ހުޅުވާލިޔަސް، އެމީހާ ހަމަލާދޭނެ އެވެ. އެހެންކަމުން ލިބުނު މިނިވަންކަމާ އެކު ހުސޭނުބޭގެ ހިތަށްއެރީ، "މިކަލޭގެ އަވަހަށް ރައްކާވާށޭ އެވެ. އަހަރެން ހަމަ މިރޭ މާލެ ފުރާނަމެވެ،" މިހެންނެވެ.

"ކޮންމެ މީހެއްގެ ވެސް ސިއްރެއް، ސިއްރުތަކެއް އޮވޭ. ކަލޭގެ ސިއްރަކީ މިއީ. މި އެޕާޓްމަންޓް. ހިނގާ ކޮޓަރިއަށް ދާން،" އެމީހާ ކުއްލިއަކަށް ބުންޏެވެ. ހިތުގައި އަަނެއްކާވެސް އުތުރިއެރީ އާ ސުވާލުތަކެވެ. ކޮޓަރިއަށް ވައްދަން އެ އުޅެނީ އެހެން ކޮންމެވެސް ކަމެއް ހޯދާށެވެ. އެކަމަކު އަމުރަށް ކިޔަމަންވެ ހުސޭނުބެ ފެން ފުޅި ވެސް ހިފައިގެން، އެމީހާއާ އެކު ގޮސް ކޮޓަރިއަށް ވަނެވެ.

ބޮޑު ކޮޓަރީގެ އެއް ބިތުގެ އެއް ފަރާތުން އަނެއް ފަރާތަށް ހަދާފައި ހުރީ އަލަމާރި އާއި ހެދުން އަޅުވާނެ ހާއްސަ ވަކި އެހެން ބަޔަކާއި އެކި ކަހަލަ، އެކި ވަރުގެ ވަތްގަނޑުތަކެވެ. ބައެއް ވަތްގަނޑުތަކުގައި ތަޅު ހުއްޓެވެ.

"އެދިމާލަށް،" އަލަމާރި ހިމެނޭ ތަނަށް އިޝާރަތްކުރަމުން، އެމީހާ ބުންޏެވެ.

އޭނާގެ އެހެން ސިއްރުތައް ވެސް އެމީހާއަށް އެނގޭކަން ހުސޭނުބެއަށް ޔަގީންވި އެވެ. ނުވަތަ އޭނާ އައުމުގެ ކުރިން ކޮޓަރިތެރެ ފާސްކޮށްފައި ހުރީ އެވެ. އޭނާ ގޮސް އަލަމާރީގެ ކުރިމައްޗަށް ހުއްޓުނެވެ.

"ހުޅުވާލާ! ތަޅުގަނޑިއެއް ބޭނުމެއް ނުވާނެ،" ފަހަތުގައި ހުރެ އެމީހާ ބުންޏެވެ. އާއެނކެވެ. އެމީހާ އެހެރީ އަލަމާރީގެ ތަޅު ހަލާކުކޮށްލައިފަ އެވެ. އެހެންކަމުން ދެން އިތުރަށް ސިއްރުކުރާނެ އަދި ސިއްރުކުރެވޭނެ އެއްޗެއް ވެސް އޭނާގެ ހަޔާތުގައި ނެތީ އެވެ.

ދެ ދޮރުފަތް ރަނގަޅަށް ހުޅުވާލުމާ އެކު ކުރިމަތިން އެ ފެނުނީ އެ މަންޒަރެވެ. ކޮނޑުތަކާ އެކު ގަމީސްތަކާއި ކޯޓުތަކާއި ފަޓުލޫނުތައް ހުރީ އެއް ފަރާތަކަށް އުކާލައިފަ އެވެ. އަލަމާރީގެ ކަނާތް ފަރާތު ކަނުން ފެށިގެން ގާތްގަނޑަކަށް ދިހަ ވަރަކަށް ފޫޓު ފުޅާ، ފަސް ފޫޓު އުސްމިނުގައި، ޖަހާފައި ހުރި ބިއްގަނޑު ވެސް ހުރީ ނައްޓާލައިފަ އެވެ. އެ ބިއްގަނޑުގެ ބޭނުމަކީ އޭގެ ބިއްދޮށުގައި ހުރި ސިއްރު ކަބަޑު ފޮރުވުމެވެ.

ކަބަޑު ހަދާފައި ހުރީ ޑޮލަރުގެ ހަތަރު ބޮނޑި ޖެހިޖެހިގެން ބޭއްވޭހާ ފުޅާކޮށް، ހަ ބަޔަށް ބައިކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ މަތީ ބައި ފިޔަވައި އަނެއް ފަސް ބައި ފުރިފައި ހުރީ ޑޮލަރުންނެވެ.

"މިއީ ކަލޭގެ މަނީ ލޯންޑަރިންނަކީ. މިލިއަނުން މިލިއަނުން،" ހުސޭނުބެއާ ޖެހިގެން ހުރެ، އަލަމާރި ތެރެއަށް ބަލަމުން އެމީހާ ބުންޏެވެ.

"ސަރުކާރުން ކީއްކުރަން ހޯދާ މަގާމެއް؟ ނުލަފާ ރައީސަށާއި ކަލެއަށް މާ ފައިދާ ބޮޑު، މަގާމެއް ނުދީ މިހެން ފައިސާ ހޯދެންޏާ. ކަލޭގެ ރިސޯޓްތަކުން ލިބޭ އެއްޗެއް ނޫން އަސްލު ގިނައީ. މިއީ އެއާ ނުބައްދަލު މިންވަރު. މިއީ ނިމޭ ކަހަލަ ކުޅިއެއް ނޫން. ދުވަހަކު ވެސް ނިމޭނެ ކުޅިއެއް ނޫން."

އެމީހާ ވާހަކަ ހުއްޓާލުމުން، ހުސޭނުބޭ އެމީހާއާ ދިމާއަށް ބަލައިލި އެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވި އެވެ.

"އަހަރެން މި އުޅެނީ ކަލޭ ފޭރެންވެގެންނޭ ހިތަށްނާރުވައްޗޭ. އަހަރެން އޮތީ އެންމެ ކަމެއް. އެކަން ކުރަން ކަލޭ އެއްބަސްވީމާ ނިމުނީ،" އެމީހާ ބުންޏެވެ.

"އެއްބަސްވާނަން،" ހުސޭނުބެއަށް ބުނެވުނެވެ.

"އެވާހަކަ ދައްކާނީ އިށީދެ ތިބެ،" އެހެން ބުނެފައި އެމީހާ އެނބުރުނެވެ. އަލަމާރީގެ ދޮރު ލެއްޕުމެއް ވެސް ނެތި އެމީހާގެ ފަހަތުން އޭނާ ހިނގައިގަތެވެ.

ކުރިން ތިބި ތަނުގައި ދެ މީހުން އިށީނެވެ. މޭޒު މަތީގައި ހުރި މައުސޫމްގެ އާއިލާ އާއި ނިހާދާއި ސޯދިގުގެ ފޮޓޯތައް ކައިރީގައި އޭނާއަށް އަދި ނުދައްކާ ފޮޓޯގަނޑު ވެސް އޮތެވެ. އެއީ ކާކު ހެއްޔެވެ؟

"އެންމެ ރަނގަޅު، މައުސޫމްގެ ދަރިންގެ ލޭގެ ބަދަލުގައި ސާރާ މަރާލައިފިއްޔާ އެވާނެތަ ބަދަލުހިފުމަށް؟" އެމީހާ އެހި އެވެ. ހުސޭނުބެއަށް ހީވީ އޭނާގެ ހިތަށް ކަށިތަކެއް ހެރުނުހެންނެވެ. އަނެއްކާ މި ދައްކަން ފެށީ ކޮން ވާހަކައެއް ހެއްޔެވެ؟

"ސާރާގެ ކޮން ކުށެއް އޮތީ؟" އޭނާއަށް ކުއްލިއަކަށް ސުވާލުކުރެވުނެވެ.

"އެއްވެސް ކުށެއް ނެތް. މައުސޫމްގެ ކުދިންގެ ވެސް އެއްވެސް ކުށެއް ނެތް،" އެމީހާ ބުންޏެވެ. ހުސޭނުބެއަށް ދޭނެ ރައްދެއް، ހަމަޖައްސަން ބުނާނެ ވާހަކައެއް ނުވިސްނުނެވެ. އެއީ ތެދެކެވެ. މި ހާލަތުގައި ސާރާއެކޭ އެ ކުދިންނެކޭ އެއްވަރެވެ. އެކަމަކު އޭނާގެ ލޭ ކަމަށް ވާތީ، ސާރާގެ މަރޭ ބުނާ އިރަށް އޭނާގެ ހިތް ވެސް ރޯން ފެށީ އެވެ.

"އަހަންނަށް އެނގޭ ހުރިހާ އެއްޗެއް ކިޔައިދީފިން. އެކަމަކު އަދިވެސް ތި އުޅެނީ އަހަންނަށް އަނިޔާކުރަން. ކަލޭ ބޭނުން ވަރަކަށް ފައިސާ ހިފައިގެން ދާންވީ، އެހެރީ ފައިސާ. އެކަމަކު އަހަންނާއި ސާރާއަށް ކަމެއްނުކޮށް ދޫކޮށްލާ!" ޖަޒުބާތުގައި އިނދެ، ހުސޭނުބޭ ބުންޏެވެ.

"ސާރާގެ ވާހަކަ މި ގެނައީ ކަލެއަށް އިންޒާރެއްގެ ގޮތުގައި. އަހަރެން ބުނެލާ އިރަށް ކަލޭގެ ގެއަށް ވަދެ، ސާރާއަށް ކޮންމެ ފަދަ ކަމެއް ކޮށްލާނެ މީހުން ވެސް އެބަ ތިބި. މުޖޭ ކަހަލަ މީހުން. އެކަމަކު އަހަރެން އެގޮތެއް ބޭނުމެއް ނުވޭ. މި ތަނުގައި އަހަރެމެން ދެ މީހުން ވާ އެއްބަސްވުން ފުރިހަމަކޮށްދިނީމާ ނިމުނީ. ސާރާއަކަށް ވެސް، ކަލެއަކަށް ވެސް ގެއްލުމެއް ނުލިބޭނެ. އަހަރެން ބޭނުންވަނީ ހަމައެކަނި މި ކަންތައް،" އެހެން ބުނެފައި، މޭޒު މަތީގައި އޮތް، ކުރިން އޭނާއަށް ނުދައްކާ ފޮޓޯގަނޑު ނެގި އެވެ. ދެން މަޑުމަޑުން އޭނާއާ ދިމާއަށް އަނބުރާލި އެވެ.

ހުސޭނުބޭ ދިޔައީ ސިއްސައިގެންނެވެ.

"ނޫން...ކަލޭ ސިހޭނެ ކަމެއް ނެތް...މިއީ އަސްލު މީހަކީ،" ހުސޭނުބެއާ ދިމާއަށް ފުންކޮށް ބަލަން އިނދެ، އެމީހާ ބުންޏެވެ.

"ސީދާ ދޮގެއް...އަހަންނަށް ވެސް އެނގޭ ކަމެއް ވިއްޔާ...."

"ދެން އިތުރު ވާހަކައެއް ނެތް. އަހަންނާ އެކު ޑީލް ހަދަންޏާ ޑީލް. ސާރާ ނުވަތަ ކަލޭގެ ދުވަސް ގޮސް، ނުވަތަ ކަލޭ ބޭޒާރު ވަންޏާ އެކަން ވެސް އޮތީ ކަލޭގެ އަތް މަތީގައި،" އެހެން ބުނެފައި، ހުރިހާ ފޮޓޯތައް ނަގާ އޭނާގެ ދަބަހަށް ލި އެވެ.

ދެން އެނބުރުނެވެ. އިރުކޮޅެއް ވަންދެން ބަލަން އިނެވެ. ހުސޭނުބެއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އޭނާއަށް ވުރެ އެމީހާ އުޅެނީ މާ ކުރީގަ އެވެ. އޭނާއަށް ނުވެސް އެނގޭ ކަންކަމާއި މީހުން ވެސް އެބަ އެނގެ އެވެ. އެހެންކަމުން ހިމޭންވެލައި، އެމީހާ ދައްކާ ވާހަކަ އަޑުއެހުން ނޫން އެހެން އިހުތިޔާރެއް ނުފެނުނެވެ.

މަޑުމަޑުން އެމީހާ ވާހަކަ ކުރިއަށް ގެންދަން ފެށި އެވެ. ހުސޭނުބޭ ބައެއް ފަހަރު ހައިރާންވެ، އަނެއް ބައި ފަހަރު ދެ ލޯ ބޮޑުވެ، އަނެއް ބައި ފަހަރު، އާއެނކޭ ބުނާ ގޮތަށް ބޯ ޖަހާލަ އެވެ. އެމީހާގެ ބަހުން ނަމަ "ކަލޭގެ ފުރާނަ ސަލާމަތްކުރަން އުޅެން ޖެހޭނީ ކަލެ" އެވެ.

"ދިވެހިންގެ ލޭ ކައްކުވާލަން ބޭނުންވާނީ ކުޑަކުޑަ ކަންޏެއް. އެ ކަންޏަށް ފުދޭ ވަރަށް އެކަލޭގެ އާއި ކަލެ އާއި ނިހާދާއި މުޖޭމެން ހުރީ ދަރު އަޅާފައި. އަހަންނަށް އޮތީ ރޯކޮށްލުން،" ހުރިހާ ވާހަކައެއް ދައްކާ ނިންމާފައި އެންމެ ފަހުން އޭނާ ބުންޏެވެ.

ހުސޭނުބެ އިނީ ހިމޭންވެފަ އެވެ. ނަމަވެސް އޭނާ އެކަމަށް އެއްބަސްވި އެވެ. އެ ބުނާ ކަމެއް ކޮށްދޭން ތައްޔާރުކަމަށް ވެސް ބުންޏެވެ.

ދެން އަނެއްކާވެސް އެމީހާ ދަބަސް ހުޅުވާލި އެވެ. ވަރަށް ފަރުވާތެރިކަމާ އެކު އެއްޗެއް ހޯދައި، އޭގައި ހިފާލި އެވެ. އެ ނެގި އެވެ. އެއީ ތާސްބައެއް ލެވޭވަރުގެ ފޮއްޓެކެވެ. އެކަމަކު އެ އޮތީ ކަޅު ކުލައިގެ ރަބަރުގަނޑަކުން ނިވާކޮށްފަ އެވެ. އެހެންކަމުން އެއީ ކޮން އެއްޗެއް ކަމެއް، ބޭރު ފުށަކުން ނޭނގެ އެވެ.

އިތުރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މޭޒު މަތީގައި އެ ބޭއްވި އެވެ. ދެން އެމީހާ ތެދުވި އެވެ. ވަރަށް ހަމަޖެހިގެން ހުރެ، ހިނިތުންވެލި އެވެ. މަޑުމަޑުން ދޮރު ކައިރިއަށް ގޮސް، ދޮރު ހުޅުވާލި އެވެ. އެހާމެ މަޑުން ލެއްޕި އެވެ.

ހުސޭނުބެއަށް މާނޭވާއެއް ލެވުނެވެ. ހީވީ އޭނާގެ މަރުން ސަލާމަތްވެވުނު ހެންނެވެ. އެކަމަކު އެއީ އަދި ފެށުމެކެވެ. ކުރިއަށް ކަންތައް އޮތީ އެވެ. އެ އިހުސާސްތަކާ އެކު ގޮނޑީގައި ބޯ އަޅާލައިފައި ލޯ މަރާލެވުނެވެ. އޭނާއަށް މަޖުބޫރު ވެއްޖެ އެވެ. އޭނާގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު އިމްތިހާނާ ކުރިމަތިލާން ޖެހިއްޖެ އެވެ. އޭނާގެ ފުރާނަ ސަލާމަތްކުރާށެވެ. އޭނާ ބޭޒާރުވުމުން ސަލާމަތްކުރާށެވެ. ލޯބިވާ ދަރިފުޅު ސަލާމަތްކުރާށެވެ. އޭނާއަށް ކުރެވުނު ބޮޑު ފާފައިގެ ކައްފާރަ އަދާކުރާށެވެ. މި ހުންނަނީ ވެސް ހަޔާތުގައި ދިމާވާ ކަންކަން ހެއްޔެވެ؟ ހުސޭނުބެއަށް އަމިއްލަ ހިތާ އެ ސުވާލު ކޮށްލެވުނެވެ. ޖަވާބަކީ އާއެނކޭ އެވެ. އޭނާއަށް އެކަން ދިމާވެއްޖެ އެވެ.

ކުޑައިރު ކޮޅެއްގެ ތެރޭގައި ހުސޭނުބޭގެ ލޮލުން ކަރުނަ ފައިބަން ފެށި އެވެ. އެއީ ސާރާއާ ނުގުޅޭ އެހެން ކަމެއްގައި، މިދިއަ ތިރީސް ފަސް އަހަރުގެ ތެރޭގައި، އެގޮތަށް އޭނާގެ ލޮލުން ކަރުނަ ފައިބައިގަތް ފުރަތަމަ ފަހަރެވެ.

---

"ހުސޭނުބެ ގޯސްހަދައިފި. ގަބޫލުކުރަން އުނދަގުލަސް އޭނާ ގޯސް ހަދައިފި... ހަދައިފި...ހަދައިފި...." ރައީސް އޮފީހުގައި އޭނާއަށް ހާއްސަ އޮފީސް ކޮޓަރީގެ ބޮޑު ގޮނޑީގައި އިން ނިހާދުއަށް މަޑުމަޑުން ބުނެވުނެވެ.

އެގޮތަށް އޭނާ ވިސްނާތާ އެތައް ދުވަހެކެވެ. ފަޅުރަށެއްގައި މަރުވެފައި ތިބި ހަތަރު މީހުން ފެނުމާ އެކު، ހުސޭނުބެ އޭނާއާ ބައްދަލުކޮށް، އޭގެ ތެރެއިން އެކަކީ ކާކުކަން ބުނެދިން ފަހުންނެވެ. އެއީ ނުކުންނާނެ ކޮޅެއް ނެތް އަނދިރި ހޮހަޅައެއްގެ ތެރެއަށް ވަދެވުނުކަން، ފުރަތަމަ ފަހަރަށް އޭނާއަށް އިހުސާސްކުރެވުނު ވަގުތުކޮޅެވެ.

އެއީ ތެދަކަށް ވާ ނަމަ ހުރިހާ ރޭވުމެއް ބޭޒާރުވުން އެ އޮތީ ފެށިފަ އެވެ. އޭނާގެ މުޅި ހަޔާތް ނެތިދިޔައީ އެވެ. އޭނާގެ ހުވަފެންތައް، މާ އަވަހަށް، އަދި މާ ޒުވާން އުމުރުގައި ބިލާހަކަށް ވީ އެވެ.

އެ މަރުތަކުގެ ސިއްރު އާންމުންނާ ހިސާބަށް ތިލަވަމުން ދާނީ ކިހިނެއް ކަމެއް ނޭނގެ އެވެ. އެކަމަކު ދުވަހަކު ވެސް، އާއެނކެވެ. ދުވަހަކު ވެސް ފަޅާނާރާނެހާ ސިއްރުން ހުސޭނުބެ ލައްވާ ކުރުވި ކަމެއް، އެހާ ފަސޭހައިން ބޭޒާރުވެގެން ނުވާނެ އެވެ. އެހެން ނޫން ނަމަ އެވަރުގެ ކަމަކާ އޭނާ ކުރިމައްޗެއް ނުލީހެވެ.

އެކަމަކު ކުރިމަތީގައި އޮތް މޫދާއި މާކަނޑާއި ރަށްތަކާ ދިމާއަށް ބަލަހައްޓައިގެން އޭނާ އެ އިނީ އެ ހުރިހާ ކަމެއް ފަޅާއަރައިގެންނެވެ. އެހެންކަމުން އޭނާއަށް އެ މަންޒަރުތަކެއް ނުފެނެ އެވެ. ވަށައިގެން އެ އޮތް މާހައުލު އޭނާގެ ކުރިމަތިން ނުފެންނަ ފަދަ އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ލެޕްޓޮޕް ހުޅުވާލައި، އަމިއްލަ މެއިލް ޗެކްކޮށްލި އިރު އައިސް އޮތް ނުދަންނަ މީހެއްގެ މެއިލްގައި އެ ހުރީ އެ ސިއްރުގެ މައުލޫމާތެވެ. އޭނާގެ ޅިޔަނާއި ޅިޔަނުގެ އަންހެނުންނާއި ދަރިންކޮޅު ގަތުލުކޮށްފައި ތިބި ފޮޓޯތަކެވެ. ފަޅުރަށުގައި މަރުވި މީހުން، ރުއްތަކެއްގައި ބަނދެފައި ތިބި ފޮޓޯތަކެވެ. ހުރިހާ ވާހަކައެއް ހުސޭނުބެ ކިޔައިދިން ކަމަށް ބުނެ، އޭގެ ތެރެއިން ބައެއް ވާހަކަތަކެވެ.

"މިއީ ކަލޭގެ ރޭވުމެވެ. މިއީ ރާއްޖޭގެ ރައީސްކަމަށް އަންނަން ކަލޭ ޖަހަމުން ދާ ސަކަރާތުގެ އެއް ބަ އެވެ،" އިނގިރޭސިން ލިއެފައި އޮތް މެސެޖްގެ މެދުތެރޭގައި ބުނެފައިވެ އެވެ.

"އެކަމަކު ކަލެއަށް ހުރަސްއަޅާނީ މި ވެބްސައިޓެވެ،" އެހެން ލިއެފައި، ވެބްސައިޓެއްގެ އެޑްރެސް ހިމަނާފައި އޮތެވެ. އޭނާ ޗެކް ވެސް ކޮށްލި އެވެ. "މިނިސްޓަ ނިހާދުގެ ހަގީގަތް" މިއީ އެ ހުޅުވާލުމާ އެކު ފުރަތަމަ ވެސް އޭނާއަށް ފެނުނު ސުރުހީ އެވެ.

އެއީ އޭނާ ކުރިއަރާތީ، ރައީސްގެ އެންމެ އަރިސް މިނިސްޓަރަށް ވާތީ، ބަޔަކު އަޑީގައި ތިބެގެން ކުރާ ބޭޒާރެކޭ ބުނެވިދާނެ އެވެ. ސަލާމަތްވުމަށްޓަކައި އެ ދޮގު ހަދަން އޭނާ ތައްޔާރެވެ. އެކަމަކު މައުސޫމްގެ މަރާ ގުޅިގެން އޭނާއަށް ކުޑަ ވެސް ތުހުމަތެއް ކުރުމަކީ، މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހުމެވެ. ސިޔާސީ ހަޔާތް ދޫކޮށްލަން ޖެހުމެވެ. ދެން އޮންނާނީ ހައްޔަރުވުމާއި ކަން ހިނގި ގޮތް ކިޔައިދިނުމެވެ. އަދި އެންމެ ފަހުން، ނަސްރާ ވެސް ވަރިކުރަން ޖެހުމެވެ. ބޭބެ އާއި ފަހަރި އާއި ކޮއްކޮމެންގެ މަރާ އެކު ލިބުނު ހިތާމަ އާއި ފިކުރުތަކުން ސަލާމަތްނުވެވި، އަދިވެސް ނަސްރާ އެހެރީ ލަންޑަންގަ އެވެ. އޭނާ އަށާއި ސީދާ ރައީސަށް ނުގުޅާ ދުވަހެއް ނުދެ އެވެ. ގާތިލުން ހޯދަން އާދޭސްނުކުރާ ދުވަހެއް ނުދެ އެވެ.

މީހަކު މަރާލުމަކީ އަދި ނިމުން ނޫންކަން ނިހާދަށް ޔަގީންވީ، ނަސްރާއަށް އައި ބަދަލުންނެވެ. މައިދަތަ އާއި ފަހަރި ވެސް ސަރުކާރަށް ކުރަން ފެށީ މަޖުބޫރެވެ. އާއެނކެވެ. ރައީސް ހާލިދުގެ ސިޔާސީ ހަޔާތުގެ މައިގަނޑު ބަޔަކީ ނަލަ އިބްރާހިމެވެ. އޭނާ މަރުވިޔަސް، އޭރު އެކުރި ހޭދައަކީ ހާލިދުގެ ކުރިމަތީގައި އޮތް ދަރަންޏެކެވެ. އެހެންކަމުން އާއިލާގެ އާދޭސްތަކަށް ފުރަގަސްދީގެންނެއް ވެސް ނުހުރެވޭނެ އެވެ. އެހެންކަމުން ފުލުހުން ލައްވާ ވެސް އޭގެ އަޑިއަށް ދާން ކުރެވެން ހުރި ކަމެއް ކުރާނެކަމުގެ ޔަގީންކަން، ނަސްރާއަށް ވެސް ރައީސް ދެ އެވެ.

އެކަމަކު އެ ބޮޑު ސިއްރު ފަޅާއަރާފައި އެ އޮތީ ފުލުހުންގެ ތެރެއަކުން ނޫނެވެ. އެއީ މައުސޫމަށްޓަކައި އެހެން މީހަކު/ބަޔަކު ކުރަމުން އަންނަ ކަމެކެވެ. އޭނާއަށް އެކަން ޔަގީނެވެ.

"ހުސޭނުބެ ގޯސް ހަދައިފި...." އަނެއްކާވެސް އޭނާއަށް މަޑުމަޑުން ބުނެވުނެވެ.

ދެން އިރުކޮޅަކު އެހެން އިނދެފައި، ލެޕްޓޮޕާ ދިމާއަށް އެނބުރުނެވެ. އަނެއްކާވެސް މެއިލްގައި ލިއެފައި ހުރި ބައިތައް ކިޔަން ފެށި އެވެ. އޭނާގެ ސަމާލުކަން ހުއްޓުނީ، "މިކަން ކޮށްފިއްޔާ ކަލެއަށް ހުށައެޅުމެއް ދޭން ކަމަށެވެ،" ޖަހާފައި އޮތް ބަޔަށެވެ. އެއީ ކޮން ހުށައެޅުމެއް ހެއްޔެވެ؟

ނިހާދު ވަރަށް ސީރިއަސްކަމާ އެކު ކިޔަން ފެށި އެވެ. ހުށައެޅުމުގެ ހުރިހާ ވާހަކައެއް ނިމުމުން، އެދިފައި އޮތް ގޮތަށް އެ މެއިލް ޑިލީޓްކޮށްލި އެވެ. ދެން ނިހާދަށް ގޮނޑީގައި ބޯ ޖައްސާލެވުނެވެ.

"އެކަން ކުރަންވީ ހެއްޔެވެ؟" އޭނާގެ ހިތަށްއެރި އެވެ. އެކަމަކު ހުސޭނުބެ އެ އޮތީ ގޯސްހަދައިފަ އެވެ. އެ ގޯހުން ދެން ނުކުމެވެން އޮތީ، އޭނާއަށް ބިރު ދައްކަމުން އެ ދާ މީހާ/މީހުން ބުނާ ގޮތެއް ވެސް ހަދައިގެންނެވެ. އެކަން ކޮށްފި ނަމަ އިންތިހާބުގެ ކުރިން ހުރިހާ ކަމެއް ސިއްރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައި އޮތެވެ. ނުދަންނަ ބަޔަކަށް އިތުބާރުކުރަންވީ ހެއްޔެވެ؟ ބޮޑު ސުވާލެކެވެ.

"އެކަމަކު ކުރަން އެ ބުނަނީ މާ އުނދަގޫ ކަމެއް ވެސް ނޫނޭ" ނިހާދުގެ ހިތަށް އަރަމުން ދެ އެވެ. އަދި ނުލާހިކު ކުޑަ މުއްދަތެއްގެ ތެރޭގައި މިހާ ހިސާބަށް ދަތުރުކޮށް، ހިތްވަރު އެލުވާލުމުގެ ނިޔަތެއް އޭނާގެ އަދި ނެތެވެ.

ވިސްނާލަން އިނދެފައި، ގޮނޑީގައި ހަމަޖެހިލުމަށް ފަހު، ރައީސް ހާލިދުގެ އިންޓަކަމް ނަންބަރަށް އޭނާ ގުޅާލި އެވެ.

(ފަސް ވަނަ ބައި، ޖޫން 11، 2020، ބުރާސްފަތިދުވަހު)