ވާހަކަ ސިލްސިލާ: ދިހައެއް: ހަމަ އެންމެ ކަމަކަށް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

(ޖޫން 11، 2020، ބުރާސްފަތިދުވަހުގެ ބަޔާ ގުޅޭ)


"މިއީ އާދައިގެ ރެއެއް ނޫން!" ހެމުންހެމުން ރައީސަށް ބުނެވުނެވެ. ދެން އެ ފޮށީގެ ގަނޑުތައް ވެސް ނަގައި، ފުރަތަމަ ހޯދީ ކާލާ މަންނަ އެވެ. ދުނިޔޭގެ އެހެން ކަންކަން ހުއްޓުނު ފަދަ ހިނިތުންވުމަކާ އެކު ކާލާ މަންނަ ނަގައި، އޭގައި ދެ އަތުން ފިރުމާލި އެވެ.

"މިހިރަ ރީތިކަމެއްތާ ދޯ!" ރައީސަށް ބުނެވުނެވެ.

ނިހާދާއި ހުސޭނުބެގެ ހިތް ވެސް ސުވާލުތަކުން ފުރުނެވެ. ކުރިން ނުއުފެދޭ ކަހަލަ ބިރެއް، ހިތުގައި އުފެދުނެވެ. އަނެއްކާ ދެ މީހުންނަށް ކުޅެން މި ޖެހުނީ އެއް ގޭމެއް ހެއްޔެވެ؟ ދެ މީހުންގެ ހިތަށް ވެސް އެރި އެވެ. ނޫނީ ދެ މީހުން ވެސް މި މެހެވެނީ އެއް މަޅިއަކަށް ހެއްޔެވެ؟ ދެ މީހުން މި ކޮޓަރީގައި، ބެދި، ފުނޑިގެން ދިއުމުގެ ވަގުތު އައީ ހެއްޔެވެ؟ އެމީހުންނަށް ނޭނގޭ ސިއްރުތަކެއް މި ތާސްބައިތަކުގައި ހުރީ ހެއްޔެވެ؟

އެވަގުތު ދެ މީހުންގެ އަތުގައި އޮތް ގަޑިއަށް ވެސް ބަލައިލެވުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ.

"ނިހާދު ހުސޭނު ކައިރީގައި ބުނީތަ އެ ވާހަކަ؟" ތާސްބައިގެ ގަނޑުތަކުގެ ތެރެއަށް، ކާލާ މަންނަ ލަމުން، ރައީސް އެހި އެވެ.

"މިއަދު ދެއްކި ވާހަކަތަ؟ ނޫން...." ނިހާދު ޖަވާބުދިނެވެ.

"ދެ މީހުން ރާވައިގެން އުޅޭ ކަހަލަ ގޮތެއް ދޯ ހިތަށްއަރާނީ މިހެން ވީމަ. ހަމަ އެއްވައްތަރެއްގެ، އެހާ އަގު ބޮޑު ތާސްބައެއް ތި ގެނެސްދިނީ އެކުއެކީގައި. އެކަމަކު ދެ މީހުންނަކަށް ވެސް ނޭނގޭ އެކަމެއް."

"ތި ގަނެފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. ހިތަށްއެރީ ރަނގަޅު ކަމަކާ ދިމާކޮށްފައޭ ހަދިޔާކުރާނީ...." ނިހާދު ކަނޑައެޅިގެން ދޮގެއް ހަދައިގެން ރައީސަށް އޮޅުވާލި އެވެ.

"ރަނިން މޭޓް ކަމަކީ އެފަދަ ކަމެއްތާ!" ރައީސް ހިނިތުންވަމުން ބުންޏެވެ.

އެ ހަބަރުން ހުސޭނުބެ ހައިރާނެއް ނުވެ އެވެ. އެކަމަކު މިހާ އަވަހަށް އެކަން ނިންމީތީ ހިތުގައި ސުވާލު އުފެދުނެވެ. މިއީ ނިހާދު ބޭނުންވި އަދި އޭނާއާ ހިއްސާ ވެސް ކުރި އެއް އުއްމީދެވެ. އެކަމަކު ހުސޭނުބެއާ އެއްވެސް ކަހަލަ މަޝްވަރާއެއް ނުކޮށް އެގޮތަށް ނިންމުމުން ނުބައި ވަސްވާސްތަކެއް ހިތުގައި ހިނގައިގަތެވެ. އޭނާއަށް ބަލަން އިނދެވުނީ ނިހާދުއާ ދިމާއަށެވެ. އެވަގުތު ނިހާދު ގެނައި ތާސްބައި، އޭގެ ފޮއްޓަށާއި އޭގެ ފަހުން، ރަބަރު ކަވަރަށް ލުމަށް ފަހު ރައީސް ތެދުވި އެވެ. ކުރިމަތީގައި ހުރި ކަބަޑު ކައިރިއަށް ހުއްޓި، ދޮރު ހުޅުވާލި އެވެ. ދެން އެ ލާނެ ރަނގަޅު ތަނެއް ބަލާފައި، އެންމެ އެކަށީގެންވާ ހިސާބުގައި ބޭއްވި އެވެ.

"އަހަރެންގެ ރަނިން މޭޓަކީ ނިހާދު. އެ ވާހަކަ އޭނާ ކައިރިގައި މިއަދު ބުނީ ވެސް. އޭގެ ފަހުން ހުސޭނަށް ގުޅިން އެ ވާހަކަ ބުނެލާނަމޭ ހިތާ. އެކަމަކު ފޯނު އޮތީ ނިންވާލާފައި،" ރައީސް ހާލިދު ބުންޏެވެ.

ދެ ފިކުރުގައި އިނދެގެން ނަމަވެސް ސަލާންކޮށްލަން ހުސޭނުބެ އަތް ދިއްކޮށްލި އެވެ. ނިހާދު އެ އަތުގައި ހިފި އެވެ. އެކަމަކު ދެ މީހުންގެ ހިތުގައި ވެސް އުފެދިފައި އޮތީ ނަފުރަތާއި ޝައްކާއި ވަހުމެވެ. ދެ މީހުން ހިތުގައި ވެސް އެކަކު އަނެކަކަށް ދޭ އިންޒާރުތަކެވެ. "ކަލޭގެ ހުރި ނުބައިކަން،" ހުސޭނުބޭގެ ހިތުގައި އަނދަމުން ދިޔައީ އެ އިހުސާސެވެ. "މަގޭ ދުވަސް ދުއްވާލަން ނުކުމެ ތިހުރީ ކަލޭ"، ނިހާދުގެ ހިތް ކަޅުވަމުން ދިޔައީ އެ ޝައްކުންނެވެ.

ގޮނޑީގައި އަލުން އިށީނުމުގެ ބަދަލުގައި ހާލިދު ހުރީ ކޮޅަށެވެ. ނިހާދާއި ހުސޭނުބޭ ވެސް ރައީސާ ދިމާއަށް ބަލައިލި އެވެ.

"މަ އެބަ އަންނަން ނިހާދާ އެކު ގޮސް ވަކިން ނަސްރާއަށް ގުލާލައިފައި. ހުސޭނު މަޑުކޮށްލާތި!" ހާލިދު އެހެން ބުނެފައި، ނުކުންނަން ހިނގައިގަތެވެ. ނިހާދު ފަހަތުން ދިޔަ އެވެ.

ހުސޭނުބެ ގެނައި ތާސްބައި އޮތީ އޭނާގެ ކައިރީގަ އެވެ. އެ ކަބަޑަށް ލާކަށް ރައީސްގެ ހަނދާނެއް ނެތެވެ. އެހެންކަމުން އޭނާ، އެހެން ހުރިހާ ހިޔާލުތަކެއްގެ ތެރެއިން ނުކުމެ، ތާސްބަޔަށް ހަދާނެ ގޮތަކާ މެދު ވިސްނާލި އެވެ. އެމީހާ ބުނެފައި އޮތީ، ކޮންމެވެސް ގޮތަކުން އެ ހިފައިގެން، ރިޔާސީ ގަނޑުވަރުން ނުކުތުމަށެވެ. އަދި "އެކަން ކުރާނެ ގޮތެއް ހޯދާނީ ކަލެއޭ" ވެސް ބުންޏެވެ.

ހުސޭނުބެ ތާސްބައި ނަގާ ޖީބަށް ލި އެވެ. ރައީސް ކޮށްފާނެ ސުވާލެއް ވިއްޔާ ދޫކޮށްލީ ރައީސަށެވެ. ކޮންމެ ސުވާލެއް ކުރިޔަސް، އެވަގުތު ދޭން އޮތް ޖަވާބެއް ދޭނީއޭ ވެސް ހިތަށްއެރި އެވެ.

އެކަމަކު ނިހާދަށް ހަމަ އެ ކަހަލަ ތާސްބައެއް ލިބުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ވެސް އެމީހާގެ ކަމެއް ހެއްޔެވެ؟ ނޫނީ އިއްތިފާގެއް ހެއްޔެވެ؟ ނިހާދަކީ ވެސް ލާރި ހުރި މީހަކަށް ވާތީ، އޭގެ ތާސްބައެއް ގަނެފައި، ވަގުތު ޖެހެންދެން ބޭއްވުން ވެސް އެކަށީގެންވެ އެވެ. އަދި މިއަދު އޭނާއަށް ރައީސް އެ ދިނީ ހަގީގަތުގައި ބޮޑު ހަބަރެކެވެ. މި ހުރިހާ އެއްޗެއް ހުސޭނުބޭގެ ހިތަށްއަރައި ފައިބަމުން ދިޔައީ، ދެ މީހުން ބެދިގެން އެ އުޅެނީ އެއް މަޅިއަކަށް ކަން ނަފުސަށް ގަބޫލުނުކުރެވިގެންނެވެ. ޔަގީނުން ވެސް ހުސޭނުބެ އެމީހާ ކައިރީގައި ބުނުމުގެ ކުރިން މައުސޫމްގެ މަރާ ނިހާދާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޭނގޭނެ އެވެ. އެހެންކަމުން އެހާ އަވަހަށް އޭގެ ތާސްބައެއް ނިހާދުގެ އަތަށް ދީފައި، ރައީސާ ހަމައަށް ގެންނާނެ ވަގުތެއް އެބަ އޮތް ހެއްޔެވެ؟ އޭނާގެ ހިތަށް ސާފު ޖަވާބެއް ނުދެވުނެވެ.

ހުސޭނުބޭގެ ހަނދާންތައް ދިޔައީ ބެންކޮކްގައި ހުރި އޭނާގެ ގޭގައި، އޭނާގެ ކުރިމަތީގައި އެ އިން މީހާ ދެއްކި ވާހަކައިގެ ތެރެއަށެވެ.

"ގިނަވެގެން ދެ ގަޑިއިރުގެ ތެރޭގައި ކަލޭ ވާނެ އެތަނުން ނުކުންނަން. އެކަން ކުރާނެ ގޮތް ހޯދާނީ ކަލޭ،" އެމީހާ ބުންޏެވެ.

"އަނެއްކާ ރައީސަށް ކަމެއް ވާނީތަ؟" ހުސޭނުބެއަށް އަހާލެވުނެވެ.

"ކަމެއް ވުމެއް ނޫން ޕޮއިންޓަކީ. ޕޮއިންޓަކީ އަހަރެންގެ ފަރާތުން ރައީސަށް ފޯރުކޮށްދޭ މެސެޖެއްގެ ސަބަބުން ކަލެއާ މެދު ޝައްކެއް އުފެދިދާނެތީ. ގަނޑުވަރުގައި ހިނގާ ކަންކަމުގެ މައުލޫމާތު އަހަރެން ހޯދާނަން. އެހެންވެ މި ބުނީ ރައީސާ ކަލޭ ބައްދަލުވާތާ ދެ ގަޑިއިރުގެ ތެރޭގައި އެތަނުން ނުކުންނާށޭ،" އެމީހާ ތަފުސީލު ދިނެވެ.

"އަހަރެން ނުކުންނަ ފަހުން ވެސް ތިޔަ ޝައްކެއް ހަމަ ކުރެވޭނެތާ! ދެން އަހަރެން ކިހިނެއް ހަދާނީ؟" ހުސޭނުބެ، ކަންބޮޑުވުމުގެ ތެރެއިން އިތުރު ހާސްކަމަކާ އެކު އަހާލެވުނެވެ.

"މި ދައްކާ ވާހަކަ އަޑުއަހާ ރަނގަޅަށް. ކުރިމަތީގައި ހުއްޓާ ޝައްކެއް ވެގެން ކުރާ ސުވާލާއި ފޯނުން ކުރާ ސުވާލުން ކަލެއަށް އިހުސާސްކުރެވޭ އެއްޗެއް ތަފާތުވާނެ. ކަލޭ ގެއަށް ދިއުމުގެ ކުރިން ފޯނު ނުނަގާތި. ކޯލެއް މިސްވެފައި އޮތިއްޔާ ވެސް ގެޔަށް ގޮސް ގުޅާ،" އެމީހާ ބުންޏެވެ.

"ތިއީ އެކަމަކު ހާދަ ބޮޑު މައްސަލައެކޭ. ގައުމުގެ ރައީސާ ތި ގޮތަށް ކުޅެން ހަދައިފިއްޔާ...."

"ބަލަ އަހަރެން ދެއްކިހާ ހުރިހާ ވާހަކައެއް ތި ހަނދާން ނައްތާލަނިންޔޭ،" އޭނާގެ ވާހަކަ މެދުކަނޑާލަމުން، އެމީހާ ބުންޏެވެ.

އެއީ ތެދެކެވެ. އޭނާ އޭރު ވަނީ ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ. އެހެންކަމުން މިހާރު އެ ބުނާ ކަންކަމާ ސުވާލު އުފެދުނަސް، އެ ވާހަކަތަކަށް އިތުބާރުކޮށް، އޭނާއަށް އޮތީ އަމަލްކުރުމޭ، ހިތަށްއެރި އެވެ.

"އޯކޭ. އެކަމަކު އަހަންނަށް އެއްވެސް ނުރައްކަލެއް އަތުވެދާނެތަ؟" ހުސޭނުބެއަށް އަހާލެވުނެވެ.

"ނޫން، އިރާދަކުރެއްވިއްޔާ ސާރާއަށްޓަކައި ކަލޭ ނުރައްކަލަކަށް ނުލާނަން. ރައީސްގެ ކައިރި މީހަކަށް ބަލާ ނަމަ ވަރަށް ކުޑަކުޑަ ކަމެއް ކޮށްލަން މި އެދުނީ. ގަބޫލުކުރެވޭތަ؟،" އެމީހާ ބުންޏެވެ.

އެ ވާހަކަ ހުސޭނުބެ ގަބޫލުކުރި އެވެ. ތާސްބަޔަކީ ރައީސް ވަރަށް ގަޔާވާ އެއްޗެކެވެ. ހާއްސަކޮށް އަގުބޮޑު، މޮޅު ތާސްބައެއް ހަދިޔާއަކަށް ދީފި ނަމަ، އެމީހެއް ދެކެ ވަރަށް ލޯބި ވެސް ވެ އެވެ. އޭނާ ރަހީނުކުރި މީހާއަށް އެކަން އެނގެ އެވެ. އެކަމަކު ނިހާދު ވެސް ހަމަ އެފަދަ ތާސްބައެއް ހަދިޔާކުރުމާއި ދެ މީހުންނަށް އެއްފަހަރާ ގަޑިއަށް ބަލައިލެވުން ފަދަ، އިއްތިފާގުތަކުން ހުސޭނުބޭގެ ހިތް ޝައްކުން ކަޅުވާން ފެށި އެވެ. އޭނާ، ކުއްލިއަކަށް ބޭނުންވީ، އެތަނުން ނުކުންނާށެވެ. ކޮންމެހެން ދެ ގަޑިއިރު މަޑުކުރުމުގެ ބޭނުމެއް ނެތެވެ. ސާރާގެ ކަމެއް ޖެހިގެން ދިޔަ ކަމަށް ހަދައިގެން، ރައީސަށް މެސެޖް ދެވިދާނެ އެވެ.

އެ ކޮޓަރިން ނުކުންނަން ވެގެން ހުސޭނުބެ ތެދުވި އެވެ. އޭރު އޭނާގެ ހިތުގެ ވިންދު އަވަސްވާން ފަށައިފި އެވެ. އޭނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ވީހާވެސް އަވަހަކަށެވެ.

ބާރަށް ހިނގާފައި ދޮރާ ހަމައަށް ގޮސް، ދޮރު ހުޅުވާލަން އަތް ދިއްކޮށްލި އެވެ. އެކަމަކު ކުއްލިއަކަށް ބޭރުން މީހަކު ދޮރު ހުޅުވާލި އެވެ. ކުރިމަތީގައި ހުރީ، ރައީސް ހާލިދު އެންމެ އިތުބާރުކުރާ، އަދި ދުވަހަކު ވެސް މޫނުމަތިން އޭނާއަށް ވެސް މާ ބޮޑު ހިނިތުންވުމެއް ނުދައްކާ، ބޮޑީގާޑެވެ. ހުސޭނުބޭގެ މޭގަނޑު ފުއްމައިގެން ދިޔަ އެވެ.

"ރައީސް އެބަ ބުނޭ އޮފީހަށް ވަރަށް އަވަހަށް ޖައްސާލަން،" ބޮޑީގާޑު ބުންޏެވެ.

ހުސޭނުބެ ހަމަޖެހެން މަސައްކަތް ކުރަމުން، ކޮޓަރިން ނުކުތެވެ. އޭނާގެ ފަހަތުން، ބޮޑީގާޑު ދޮރު ލެއްޕިކަން އެނގުނެވެ. ދެން ހުސޭނުބެ ހިނގައިގަތީ، ރިޔާސީ ގަނޑުވަރުގައި ރައީސަށް ހާއްސަކޮށްފައި ހުންނަ އޮފީހަށެވެ. އޭނާގެ ފަހަތުން ބޮޑީގާޑު ވެސް ހިނގާފައި އާދެ އެވެ. ވާން މި އުޅެނީ ކީއްކަމެއް ނޭނގުނެވެ. ވަރުގަދަ ބިޔަ ހަށިގަނޑުގައި ބާރު ހުރި ސިފައިންގެ މީހެކެވެ. ކަމެއް ޝައްކުވެގެން ވެސް އޭނާގެ އަތުން ހަމަލާއެއް އަރައިފި މީހަކަށް ވޭން ހުންނާނެ އެވެ. ރިޔާސީ ގަނޑުވަރު ތެރޭގައި، ހުސޭނުބޭ ކަހަލަ ރައީސާ ކައިރި މީހަކަށް އެފަދަ ކަމެއް ކުރިމައްޗެއް ނުވާނެއޭ ހީވިޔަސް، ހާލަތުގެ ގޮތުން، އޭނާގެ ހިތުގައި އެ ބިރު ވެސް އުފެދުނެވެ. ޖީބުގައި މަޑުމަޑުން އަތް ޖައްސާލެވުނީ، ތާސްބައި އޮތްތޯ އެވެ. މޭޒު މަތީގައި ބާއްވާފައި ނުކުމެވުނު ނަމައޭ ހިތަށްއެރި އެވެ. އެކަމަކު މިހާރު އޭނާ އެހެރީ، ހެދޭނެ އެހެން ގޮތެއް ނެތިފަ އެވެ.

ހުސޭނުބެ، ދޮރުގައި ހިފާލުމުގެ ކުރިން، ބޮޑީގާޑު އޭނާގެ ކުރިމައްޗަށް އަރައި ދޮރު ހުޅުވާލަ ދިނެވެ. ދެން ހުސޭނުބެ ވަނުމާ އެކު، ދޮރު ލެއްޕި އެވެ.

އޭނާ ބަލައިލި އިރު، ހާލިދު އިނީ މޭޒު ކައިރީގައި ހުރި ރައީސްގެ ގޮނޑީގަ އެވެ. ނިހާދު އިނީ ކުރިމަތީގައި ހުރި ދެ ގޮނޑިން އެއް ގޮނޑީގަ އެވެ. ހުސޭނުބެ ގޮސް، އަނެއް ގޮނޑީގައި އިށީނެވެ.

"މި ވާހަކަ ދެން ނުދައްކާ ވާކަށް ނެތް. މައުސޫމް މަރު އަދިވެސް ގަބޫލުކުރާކަށް ނަސްރާމެން ބޭނުމެއް ނުވޭ. އަހަންނަށް ހަމަ މަޖުބޫރުކުރަނީ، ކޮންމެ ދުވަހަކު ގުޅާފައި ބުނަނީ، ތަހުގީގު ކިހިނެއްހޭ. މިހާރު ނިހާދަށް އެކަމާ ހެދި ނެތް މަސައްކަތެއް ކުރެވޭކަށް ވެސް،" ހާލިދު އިނީ، ނަސްރާމެންނަށް ހަމްދަރުދީވުމުގެ މޫޑުގައި ނޫން ކަން ހުސޭނުބެއަށް އެނގުނެވެ. ގަބޫލުކުރަން އޭނާއަށް އުނދަގުލެވެ. އެކަމަކު އެ ވާހަކަ އެ ދައްކަނީ ސީދާ ރައީސެވެ.

"ދެންމެ ވެސް ހަމަ އެ ވާހަކަ ދެއްކީތަ؟" ނިހާދު ގޮވައިގެން ރައީސް ނުކުތީ، ނަސްރާއާ ގުޅަށް ކަމަށް ބުނުމުން، އެ ކޯލަށް އިޝާރަތްކޮށް، ހުސޭނުބެ އެހި އެވެ.

"އެ ނޫން ވާހަކައެއް ނުދައްކަނިއްޔޭ. އަހަރެން ނުގުޅައިފިއްޔާ ނަސްރާ ވެސް، ޔުމްނާ ވެސް ގުޅަނީ. މައުސޫމް ދުނިޔޭގައި ހުރި އިރު ހީވީ އޭނާގެ ބަލާއިން ސަލާމަތް ނުވެވިގެން އުޅުނުހެން. އެހެންނެއް ނޫންތަ، ނިހާދު؟" ރައީސްގެ އެވާހަކަ އައީ އިންޒާރެއްގެ ފާޑަށެވެ. ކަންބޮޑުވެއްޖެ ނަމަ، ހިތްހަމަނުޖެހޭ ކަމެއް ވެއްޖެ ނަމަ، ތިރީ ތުންފަތުގައި ދަތް އަޅާލާ ގޮތް، ހުސޭނުބެއަށް ފެނުނެވެ. މިހާރު އެ އިނީ، މީގެ ކުޑަ އިރުކޮޅެއް ކުރިން، ތާސް ކޮޓަރިން ފެނުނު ހާލިދެއް ނޫނެވެ. މިހާރު ހިތުގައި އެ އަނދަމުން ދަނީ، ނަސްރާމެންނަށް އަލިފާނެވެ. "ބަލާއެކޭ" އެ ބުނީ އެ ރުޅިވެރިކަމުގެ ތެރޭގަ އެވެ.

"ބައްޕަ މަރުވުމާ އެކު މައުސޫމާ މުޅިން ހިޔާލު ތަފާތުވި. ވިޔަފާރީގެ ތެރެއަށް އޭނާ ވައްދާކަށް ވެސް ބޭނުމެއްނުވި. އެކަމަކު މިހާރު ހީވަނީ...."

"އެމީހުން ކިތައްމެ ވަރަކަށް ތެޅުނަސް، ތަހުގީގު ދާނީ އެ ދާ ގޮތަކަށް. އަވަހެއް ނުވާނެ،" ނިހާދުގެ ވާހަކަ ނުނިމެނީސް، ރައީސް ހާލިދުގެ އަޑު އިވުނެވެ.

ހުސޭނުބެއަކީ ވެސް އަމިއްލަ އެދުން ބޮޑު، އެ އެދުން ފުރިހަމަކުރަން އަނިޔާވެރިކަން ވެސް އިސްކުރި މީހެކެވެ. އެކަމަކު މި ތިބަ ވަރުގެ ނުބައި، ލަދުހަޔާތް ކުޑަ ބަޔަކު ނުފެންނާނެއޭ ހިތަށްއެރި އެވެ. މައުސޫމްގެ ލޭގެ ބަދަލުހިފަން ނަސްރާމެން ބޭނުންނުވާނެއެކޭ ދުވަހަކު ވެސް އޭނާގެ ހިތެއް ނުބުނެ އެވެ. އެ ވާހަކަ، ނިހާދު ގާތުގައި ވެސް އޭނާ ބުންޏެވެ. "ކަލެއަށް ހަމަޖެހިގެން ނަސްރާއާ އެކު އުޅެވޭނެހޭ!" އެއީ ހުސޭނުބެ އޭރު ކުރި އެއް ސުވާލެވެ. ޖަވާބަކަށް ވީ "ނަސްރާ އަކީ އަހަރެންގެ އަޅެން" މި އެވެ.

އެކަމަކު އެހެންނެއް ނުވިތާ އެވެ.

"ދެން ކިހިނެއް ހެދެން އޮތީ؟" އޭނާގެ ވިސްނުން އެހާ ފުނަށް ގެނބުނަ ނުދޭންވެގެން، އެންމެ ފަހުން ހުސޭނުބޭ ސުވާލުކުރި އެވެ.

"ހުސޭނު މާދަމާ ފުރަންވީ ލަންޑަނަށް. ގޮސް އެ މީހުންނާ ބައްދަލުކޮށް، އަހަރެން މި ދޭ މެސެޖް ވަރަށް ސާފުކޮށް ކިޔައިދޭންވީ،" ރައީސް އޭނާއާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުންޏެވެ.

"ރައީސް ބުނި ގޮތެއް،" އަވަހަށް ގަނޑުވަރުން ނުކުތުމުގެ އެދުން، އަނެއްކާވެސް ހިތުގައި އުފެދުމާ އެކު، ހުސޭނުބެ ބުންޏެވެ.

"ބުނަންވީ މައުސޫމްގެ މަރުގެ ކަންކަން ވަރަށް ކައިރިން ބަލަމުންނޭ އަންނަނީ. އެއީ ކޮން ބައެއްކަން ހޯދާނޭ. ދެން މިހާރު ހިނގާށޭ ނިހާދުގެ ކަންކަމާ އުޅެން. އޭނާ ނައިބު ރައީސަކަށް ވުމަކީ ނަސްރާމެންގެ އާއިލާއަށް ކިހާ ބޮޑު ޝަރަފެއްހޭ. ނަސްރާމެންގެ ބައްޕަ އާއި ބޭބެގެ ހަނދާނުގައި ވެސް މި ވަގުތަށް ރައީސަށް ކުރެވޭނީ އެކަހަލަ ކަމެއް ނޫންހޭ،" ރައީސް ބުންޏެވެ.

އޭނާއަށް އެއީ އެހާ ބޮޑު ކަމެއް ނޫނެވެ. ފުރަންވީ އަންހެނުންނާއި ސާރާ ވެސް ގޮވާގެންނޭ، އެ ވަގުތު ހިތަށްއެރި އެވެ. ދެން ހިތުގައި އުފެދުނީ ލަންޑަނަށް ދާ ގޮތަށް އެނބުރި ނައުމުގެ އެދުމެވެ. މިއީ އެކަން ކުރަން އެންމެ ރަނގަޅު ދަނޑިވަޅު ވެސް މެ އެވެ. މި މީހުންނަށްޓަކައި އޭނާ އެތައް ފާފައެއް ކޮށް، އެތައް ނުބައެއް ހަދައިފި އެވެ. އޭނާ ތައުބާވުމުން، މާތްރަސްކަލާނގެ، މިހާރު އެ ދައްކަވަނީ އާ މަގުތަކެކެވެ.

"ހުސޭނުބެއަށް އެކަން ދެން ވާން އޮތީ،" ނިހާދުގެ އަޑު އިވުނެވެ. އެކަމަކު އޭނާ ބަލައިލި އިރު، ނިހާދުގެ ދެ ލޮލުން އޭނާއަށް ފެނުނީ ނުރުހުމެވެ. ފަހަރެއްގައި، ލަންޑަނަށް އޭނާ ފޮނުވުމުގެ ނިންމުން އެ އައީ ހަމަ ދެންމެއަކު، ރައީސްގެ ސިކުނޑިންނެވެ. އެކަމަކު ނަސްރާ ކައިރިއަށް ހުސޭނުބެ ފޮނުވަން، ނިހާދު ބޭނުންނުވާކަން، އިހުސާސްކުރެވުނެވެ.

ހުސޭނުބެ އަވަހަށް ބަލައިލީ ރައީސް ހާލިދާ ދިމާއަށެވެ.

"ތިކަން ހަމަޔަކަށް އެޅުވިދާނެ،" ހުސޭނުބެ ޔަގީންކަން ދިނެވެ.

"ހަމަޖައްސާފައި ނޫނީ ނާންނާތި! ހަމަޖެހުނީމާ ދެން ބުނޭ ނައިބު ރައީސަކަށް ނިހާދު ވީމާ ވެސް ސަރުކާރުގައި އާއިލާގެ ބާރު އޮންނާނެ ނޫންހޭ. އެކަމަކު މި ވާހަކަތައް ދައްކަން މި ވަގުތު މަށަށް ވަރަށް އުނދަގޫ. އެންމެ ރުޅިއަންނަނީ އޭނާގެ ބައްޕަ އަހަންނަށް ދިން ޔަގީންކަން ވެސް ހަނދާން ނައްތާލީމާ. އިބްރާހިމް މަރުވުމާ އެކު، އެ މީހުން އަމިއްލައަށް މައުސޫމާ ދެކޮޅަށް ނުކުމެ، އަހަރެންގެ ކެމްޕޭނަށް އެހީވާން އުޅުނީ. އެ މައުސޫމު އަހަންނާ ދިމާއަށް ބުނި، ސިޔާސީ ކަންކަމަށް ޝައުގުވެރިކަމެއް ނެތޭ. ބަލާއެއް ނޫންތަ؟" ހުސޭނުބެއާ ދިމާއަށް ހަތަރު ކަޅި ހަމަކޮށްގެން އިނދެ ރައީސް ހާލިދު ބުންޏެވެ. އަދިވެސް ހަމަ އެ ރުޅި އެވެ.

ހިތުގައި އެއްވެސް އަސަރެއް ނެތެވެ. ހުސޭނުބެއަށް އެކަން ނޭނގެނީއެއް ނޫނެވެ. އެކަމަކު ރަހީނެއްގެ ގޮތުގައި އޭނާ ހުރި ހުރުން، ރަނގަޅު އިންސާނެއްގެ ސިފަތައް ދަސްކޮށްދީފި އެވެ. އެހެންކަމުން އެކަކު އަނެކަކަށް ކޮށްދޭ ކަންކަމުގެ އަގުވަޒަންކުރެވެ އެވެ. ނަލަ އިބްރާހިމަކީ، އޭނާއަށް ވުރެ ވެސް ބޮޑަށް، ހާލިދަށް ހަރަދުކުރި މީހެކެވެ. އެކަމަކު މިއަދު، އެ އާއިލާ އެހާ ބޮޑު ހިތާމައެއްގައި އުޅޭ އިރު، ރައީސްގެ ހިތުގައި ކުޑަ ވެސް ހަމްދަރުދީއެއް ނެތެވެ. އޭނާ އެ އުޅެނީ މި ވަގުތު ވެސް، ނިހާދު ބޭނުންކޮށްގެން ފައިދާ ނަގާށެވެ. އަދި ނިހާދު އެ ހުރީ އަމިއްލަ އެދުމުން މީހާ ފުރި، އޭނާގެ އަންހެނުން ވެސް ގުރުބާންކުރަން ތައްޔާރުވެގެންނެވެ.

ނުބައިކަން ބޮޑު ތިން މީހުންނެވެ. ހުސޭނުބޭގެ ހިތަށްއެރީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރުގައި، ރައީސަށް ހާއްސަ މޭޒު ދޮށުގައި މިހާރު އެ ތިބީ މުޅި ރާއްޖޭގެ ވެސް އެންމެ ނުބައި، އެންމެ އަނިޔާވެރި ތިން މީހުން ކަމެވެ. އޭނާ ވެސް ލައިގެންނެވެ. އެކަމަކު ނަސްރާމެންނަށް އޭނާގެ ހިތުގައި ހަމްދަރުދީ އެބަ އޮތެވެ.

ރައީސް ގޮނޑިން ތެދުވި އެވެ. ހުސޭނުބެ އާއި ނިހާދު ވެސް ތެދުވި އެވެ. ރައީސް އައިސް ހުއްޓުނީ އެ މީހުންގެ މެދަށް ވާ ގޮތަށެވެ.

"ހުސޭނު ކައިރީގައި އަދި އަހަރެން މި ވާހަކައެއް ނުބުނަން. އިބްރާހިމް މަރުވުމުގެ ކުރިން އޮތީ ވައުދުވެފައި ރިޔާސީ ކެމްޕޭނަށް ހަތްދިހަ މިލިއަން ޑޮލަރު ހޭދަކުރަން. އެއީ އަހަރެން ހޮވެން ބޭނުންވާ އަދަދު. އެ އަދަދު ނަސްރާމެން އަހަންނަށް ދޭން ޖެހޭނެ. މިހިރީ ނިހާދު، އޭނާ އަހަންނަށް ޔަގީންކަން ދިން ހޯދައިދޭނެކަން. އެހެންވީމާ އެކަން ވާނެ. އެކަން ވާން އޮތް ގޮތަކަށް ކުރާނަން. އެ ފައިސާއަށް އެދިއެދި އަހަރެން، މިހާރު އަހަރެމެން ދެ މީހުން މި ތިބީ. މިކަން ދެން ހުއްޓުވޭނެ ގޮތެއް ނޯންނާނެ. ހުސޭނުގެ ސިކުނޑީގައި މިކަން ބާއްވާތި. އެނގޭނެ މިއީ ކުޑަ މެސެޖެއް ނޫންކަން،" ދެ މީހުންނާ ދިމާއަށް ކަޅި އުކަމުން، ލޮލުން ރުޅިވެރިކަމާއި އިންޒާރުގެ އަސަރުތައް ފާޅުކުރަމުން، ރައީސް ބުންޏެވެ.

ދެން ހިނގާފައި ގޮސް، އެއް ފަރާތުގައި ހުރި އަލަމާރިއެއް ހުޅުވާލި އެވެ. ބިއްލޫރި ދޮރުފަތްތައް ހުރި އަލަމާރީގެ އެކި ބައިތަކުގައި ހުރީ، ތަރުތީބުން އަތުރަލާފައިވާ، ލިއެކިއުންތަކެވެ. އޭގެ ތެރެއިން އެއް ބައިން އޭނާ ނެގީ ކަޅު ކުލައިގެ ކަރުދާސް ފައިލެކެވެ. އެ ހުޅުވާލައިގެން ހުރެ އައިސް، ކަރުދާސްތައް ބަލަމުން، ގޮސް އިށީނީ މޭޒުގެ ގޮނޑީގަ އެވެ. ނިހާދާއި ހުސޭނުބޭ ވެސް އިށީނެވެ.

"މިހިރީ އަހަންނަށް އިބްރާހިމް ފޮނުވާފައި ހުރި ސިޓީތައް، އެކި ކަންކަމަށް. ރިސޯޓް ހަދަން ރަށްރަށް، ފަޅުތައް، މިވެނި ތަނަކުން މިވެނި ބިމެއް، މިވެނި ތަނެއް. މި ހުރިހާ ކަމެއް އޮންނާނީ ކޮށްދީފައި. މިދިއަ ހަތަރު އަހަރު، އޭނާގެ މުއްސަނދިކަން ހުންނާނީ ދެ ގުނަ ބޮޑުވެފައި. އަހަރެންގެ ލަފާ މި ބުނީ. އިބްރާހިމް ގަބޫލުކުރި އެކަން. އެހެންވީމާ އޭނާގެ ދަރިން ކީއްވެ؟ ދެކޮޅުހެދި ދަރި އެ އޮތީ މަރުވެފައި. ދެން ކޮން ހުރަހެއް ތިން އަންހެނުންނަށް އޮތީ؟ ހުސޭނު ބުނެބަލަ!" ރައީސް އޭނާއާ ދިމާއަށް ބަލަމުން، ކޮޅު އެއްލި އެވެ.

"ލަދުހަޔާތް ކުޑަވީމާ ވާނީ އެހެން...."

"ތި ބުނީ އެކަމަށް އެންމެ ގުޅޭ ލަފުޒު،" ހުސޭނުބޭގެ ވާހަކަ މެދުކަނޑާލަމުން، އެއްބަސްވުމުގެ ގޮތުން ކުޑަކޮށް ބޯ ވެސް ކުރިއަށް ޖަހަމުން، ރައީސް ބުންޏެވެ. ހުސޭނުބެ އެހެން ބުނީ ވެސް، ރައީސް ހާލިދު ހިތްހަމަޖެހޭނީ އެގޮތަށް ވާހަކަ ދައްކައިގެން ކަމާއި ވީހާވެސް އަވަހަކަށް އެތަނުން ނުކުންނާނެ ގޮތެއް ހޯދާށެވެ. ވަގުތު ހިނގަނީ އެވެ. މިހެން މި ތަނުގައި ދެ ގަޑިއިރަށް ވުރެ ވެސް ގިނަ އިރު ހޭދަކުރަން ޖެހިދާނެ އެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލާ އެކު އޭނާ ނިހާދަށް ކަޅިއެއް އެއްލި އެވެ. އޭރު ނިހާދު ވެސް އަގުބޮޑު ރޮލެކްސް ގަޑިއަށް ބަލަން އިނެވެ. އެއީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ފާހަގަކުރި އެމީހުންގެ ކައިވެނީގެ އަހަރީ ދުވަހު ނަސްރާ ދިން ހަދިޔާއެއް ކަމަށް، ނިހާދު އޮތީ އޭނާ ކައިރީ ބުނެފަ އެވެ.

"ހުސޭނު މިހާރު ގޮސް މާދަމާގެ އެމިރޭޓްސް އިން ޓިކެޓް ނަގާ. ނުލިބިއްޖެއްޔާ އަހަންނަށް ގުޅާ. އެންމެ ސިކުންތެއް ވެސް ދެން ނެތް ހޭދަކުރެވޭކަށް، އަހަރެންގެ މި މެސެޖް އެމީހުންނާ ހަމައަށް ނުގެންގޮސް. ނިހާދު ކީކޭ ބުނަނީ!" ރައީސްގެ ލޯ ނިހާދަށް އަމާޒުވި އެވެ.

"އަހަރެން ބުނެގެން ނަސްރާ ގަބޫލެއް ނުކުރޭ. ހުސޭނުބެ ދިޔައިމަ ދެން އެނގޭނެ ރައީސް ވިސްނާ ގޮތް. މި ވަގުތު ވެސް ކަންބޮޑުވާކަން. ދެން ހުސޭނުބެއަށް އެނގޭނީ ކަން ކުރަންވާ ގޮތެއް. މާ މޮޅުވާނެ އެކަމަށް،" ނިހާދު ބުންޏެވެ.

ރައީސް ހާލިދު އިން ގޮތް ފެނިފައި، އެ ނޫން އެހެން މިސްރާބަކަށް ނިހާދަށް ވާހަކަ ދެއްކެން ނުވެސް ނެތްކަން، ހުސޭނުބެއަށް އެނގެ އެވެ. އެ ހަގީގަތާ އެކު އޭނާއަށް ހިތްހަމަޖެހުން ލިބުނީ އެތަނުން އަވަހަށް ނުކުމެވޭނެއޭ އިހުސާސްކުރެވުމުންނެވެ.

"ހުސޭނު ދޭ އަވަހަށް އެކަން ކުރަން،" ރައީސް އެންމެ ފަހުން ބުންޏެވެ.

ހުސޭނުބޭ ތެދުވި އެވެ. އެކަމަކު އޭރު އޭނާގެ ހިތް އަނެއްކާވެސް ބާރަށް ތެޅެން ފަށައިފި އެވެ. ޖީބުގައި އެ އޮތީ، ރައީސަށް ހަދިޔާއަކަށް އޭނާ ދިން ތާސްބަ އެވެ. ރައީސަށް އޭނާ ހަދިޔާކުރި އެއްޗެއް މީގެ ކުރިން އެގޮތަކަށް ނުގެންދެ އެވެ. އެހެންކަމުން ރިޔާސީ ގަނޑުވަރުން ވައްކަން ކުރާކަމުގެ އިހުސާސް ވެސް ފެތުރި، ހީބިހި ނަގާ ގޮތްވި އެވެ. ޔަގީނުން ވެސް އަދި ދެ ގަޑިއިރެއް ނުވެ އެވެ.

"ނިހާދު އަދި އެބަ މަޑުކޮށްލަން ޖެހޭ،" ރައީސް ބުނި އަޑު ހުސޭނުބެއަށް އިވުނެވެ. އެކަމަކު އޭނާއާ ދިމާއަށް އިތުރު އެއްޗެކޭ ނުބުނުމުން، ދޮރު ހުޅުވާލި އެވެ. އޭރު ބޮޑީގާޑު ސީދާ ދޮރުދޮށުގައި ހުއްޓެވެ. އޭނާއާ ހަތަރު ކަޅި ހަމަވި އެވެ. ރައްދުގައި ހިނިތުންވުމެއް ނުފެންނާނެކަން އެނގޭ އިރު ވެސް ހުސޭނުބެ ހިނިތުންވެލި އެވެ. ދެން ގަނޑުވަރުން ނުކުންނަން ހިނގައިގަތެވެ. ކޮންމެ ވަގުތަކު ވެސް އޭނާއަށް ގޮވާލާފާނެކަމުގެ ބިރުން ސިކުނޑި އޮތީ ފުރިފަ އެވެ. އޭނާގެ ހިތުގެ ތެޅުން، ހައްތަހާ ދިޔައީ މަތިވަމުންނެވެ.

އެކަމަކު ދޮރުން އެތެރޭގައި ތިބި އެންމެ ފަހުގެ ސެކިއުރިޓީން އޭނާއަށް ޝައްކުގެ ނަޒަރަކުން ނުބަލަ އެވެ. އޭނާއަށް އެތަނަށް ވަދެވުނީ ވެސް، ކުރިއެކޭ އެއްގޮތަށް މާ ބޮޑު ފާސްކުރުމެއް ނެތި އެވެ. ފޯނާއި ތަޅުދަނޑިއެއް ނަގައި ބޭއްވުން ފިޔަވައި އެހެން ކަމެއް ނުކުރެ އެވެ. ތާސްބައި އޮތީ، ގަނޑުވަރަށް ވަތް އިރު ވެސް، ޖީބުގަ އެވެ. މިހާރު އެ ނުކުންނަނީ އެ ހިފައިގެންނެވެ. އޭނާއަކީ އެ އެންމެން ވެސް ދަންނަ އަދި ރައީސްގެ ކިހާ ކައިރި މީހެއް ކަމުން ޝައްކުކުރުގެ ބޭނުމެއް ނުފެނެ އެވެ. ނުކުންނަން ދޮރު ކައިރިއަށް ދިއުމުން، އޭރު ތިބި ތިން ސެކިއުރިޓީން ވެސް ހީލީ އެވެ.

ރިޔާސީ ގަނޑުވަރުން ނުކުތެވެ. ދުރުގައި އޭނާގެ ކާރު އޮތެވެ. އަވަހަށް ގޮސް ކާރަށް އަރައި، ގެއާ ދިމާއަށް ދާން މިސްރާބު ހިފި އެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެ ވަގުތު އެވެ. ވިސްނެން ފެށީ ވެސް އެވަގުތު އެވެ. އޭނާ ކާރުގެ ދުވެލި ބާރުކުރި އެވެ.

މި އޮތް ހުރިހާ އިރަކު އޭނާގެ ހިތަށްއަރައި ފައިބަމުން ދިޔަ އަސްލު މަންޒަރުތައް ސިކުނޑިއަށް ނަގައިގެނުވީ އަދި ކިރިޔާ އެވެ. އޭނާއަށް އެ ނުކުމެވުނީ، ދެން އެނބުރި ދުވަހަކު ވެސް ނުވަންނާނެ ވަރުގެ ނުބައި ތަނަކުންނެވެ. ރިޔާސީ ގަނޑުވަރޭ ކިޔަސް، އެތަނަށް ވުރެ އަނިޔާވެރި ރޭވުންތައް ރާވާ ތަނެއް ނެތެވެ. އޭނާ ރަހީނުކުރި މީހާ، އެންމެ ފަހު ވަގުތު ދެއްކި ފޮޓޯ އާއި އޭނާއަށް ލިބުނު ސިހުން ބޮޑުވީ ސަބަބުތަކެއް ހުރެގެންނެވެ. އާއެނކެވެ. އޭރު އޭނާ އެކަމެއް ގަބޫލެއް ނުކުރެ އެވެ. އެކަމަކު މިރޭ ރައީސް ހާލިދު ދެއްކި ވާހަކައިން އެމީހާ އެ ހެދީ ދޮގެއް ނޫންކަން ކަށަވަރުވެއްޖެ އެވެ.

"ނަލަ އިބްރާހިމް އޮތީ ރިޔާސީ އިންތިހާބަށް ހަތްދިހަ މިލިއަން ޑޮލަރު ދޭން އެއްބަސްވެފައި،" ރައީސްގެ ފޮޓޯގަނޑު ދައްކާފައި، ދެން ކުރިއަށް ގެންދިޔަ ވާހަކަތަކުގައި، އެމީހާ ބުންނެވެ.

"މައުސޫމްގެ މުޅި އާއިލާ ގަތުލުކުރީ އެ ހަތްދިހަ މިލިއަން ޑޮލަރު ހޯދަން. އެއީ ނަސްރާގެ ނުބައި ފިރިމީހާ ކަލޭ ލައްވާ އެކަން ކުރުވި އެންމެ ބޮޑު މަގުސަދު. ކަލޭ ލޯބިވާ އެ ނުބައި ރައީސަކަށް ނެތް، ނިހާދު ލައްވާ ނޫން ގޮތަކަށް އެ ލާރި ހޯދޭކަށް. ދެން ވިސްނާ! ހަމަ ބުއްދީގައި ކަލޭ ވިސްނާލާ! ކުށެއް ނެތް އާއިލާއެއްގެ ލޭ އެ އޮހޮރުވާލީ އަހަރެމެންގެ ރައީސޭ. ކީކޭ ކަލޭ ބުނަނީ؟ ހިތެއް އޮވެއްޖެއްޔާ ކަލޭ މިހާރު ރޯން ޖެހޭނީ. އެކަމަކު ކަލޭގެ ވެސް ހިތެއް ނެތް!" އޭނާ އެހެން ބުނެ، ނިންމާލި އިރު، އަމިއްލަ ނަފުސަށް ވެފައި އިން ގޮތް، ހުސޭނުބެއަށް ސިފަވެގެން އަ އެވެ. އެހެންނާ ދުއްވާ ވަރަށް ވުރެ ބާރަށް ކާރު ދުއްވަމުން ދިޔަ އިރު ވެސް، އޭނާގެ ހިޔާލުތައް ހުރީ، ބެންކޮކްގެ އެ އެޕާޓްމަންޓްގަ އެވެ. އޭނާގެ ކުރިމަތީގައި އިނީ ކަޅު އަދި ލޯ ކުޑަކޮށް ރަތް މީހާ އެވެ.

ގޭ ދޮރުމައްޗަށް ކާރު ހުއްޓާލައިފައި ފައިބައިގެން އޭނާ ހިނގައިގަތީ ގެއަށް ވަންނާކަށެއް ނޫނެވެ. އޭނާގެ އިންތިޒާރުގައި ހުރި ޑްރައިވަރު ކައިރީގައި ގަރާޖަށް ކާރު ވައްދަން ބުނެފައި، މާ ބޮޑު ކަމެއް ނުވާކަން ދައްކަން، މަޑުމަޑުން މަގުގެ އެއްކޮޅަށް ހިނގައިގަތެވެ. ދެން އޭނާ ފޯނު ނެގި އެވެ. އެމިރޭޓްސްގެ މެނޭޖަރަށް ގުޅައި، މާދަމާގެ ފުރަތަމަ ފްލައިޓުން، ފަސްޓް ކްލާހުގެ ސީޓެއް ބުކްކުރަން ބުނެފައި ފޯނު ބޭއްވީ، ފުލް ފްލައިޓެއް ނަމަ، ފައިވް ސްޓާ ރިސޯޓަކުން އެކަކަށް ވިއްޔާ އެކަކަށް، ދެ މީހަކަށް ވިއްޔާ ދެ މީހަކަށް، ހަފުތާއެއްގެ ދަތުރެއް ދީފައި ނަމަވެސް އޭނާއަށް ސީޓެއް ހޯދަައިދޭން، ފާޑަކަށް އަމުރު ވެސް ކޮށްފަ އެވެ.

ތާސްބައި ހިފައިގެން ނުކުންނާށޭ ބުންޏަސް، އެއަށް ހަދަންވާ ގޮތެއް، ރަހީނުކުރި މީހާ ނުބުނެ އެވެ. އެކަމަކު އެއަށް ހަދަންވާ ގޮތެއް އޭނާ އޮތީ ރާވައިފަ އެވެ. އެހެންކަމުން އެ ހިފައިގެން ގެއަށް ވަންނާކަށް ބޭނުމެއް ނުވި އެވެ. ހިނގާފައި ދިޔައީ، ގެއާ މާ ދުރު ނޫން ހިސާބެއްގައި އޮތް އޭނާގެ ގޯއްޗަށެވެ. ދޮރުމައްޗަށް ހުއްޓި، ޖީބުން ތަޅުދަނޑި ނަގައި، ހުޅުވާލި އެވެ. އެތެރެއަށް ފިޔަވަޅު އެޅި އެވެ.

އެ ތަން ގަނެފައި އޮންނަތާ ކިތައްމެ ދުވަހެކެވެ. އެކަމަކު ގޯތީގައި ކުރިން ހުރި އިމާރާތުގެ އެއް ބައި ތަޅާލި ގޮތަށް ބެހެއްޓީ އެވެ. ތަޅާލާފައި އޮތް ތަން ވެސް މުޅިން ސާފެއް ނުކުރެ އެވެ. ފަޅު ތަނެއް ނަމަވެސް ރޭގަނޑު އަލިކޮށްފައި ބާއްވަން ގޯތީގެ ދެ ކޮޅުގައި ބޮޑު ގޮބެއްގެ ސިފައަށް ހުރި ދެ ބޮކި އަބަދުވެސް ދިއްލަ އެވެ.

ޖީބުން ދެން ނެގީ ތާސްބަ އެވެ. އޭނާ ރަނގަޅު ތަނެއް ފެނޭތޯ ނަޒަރު ހިންގާލި އެވެ. ލޮލުގައި އަޅައިގަތީ، ތަޅާލި އިރު ވެއްޓިފައި އޮތް ފާރެއްގެ ތަންކޮޅެއް ބޮޑު ބައެކެވެ. އޭނާ ގޮސް އުޑުފައިން އިށީނދެ، ގާގަނޑަކުން އެތަން ކޮނެލި އެވެ. ދެން ތާސްބައި އެތަނުގައި ވަޅުލި އެވެ. އިތުރު ގާތަކެއް ގެެނެސް، އެކި ގޮތްގޮތަށް، އެ ތަންކޮޅަށް އުކާލި އެވެ.

ބޭރަށް ނުކުމެ، ދޮރު ތަޅުލާފައި، ގެއާ ދިމާއަށް ދާން ހިނގައިގަތް ވަގުތު، ފޯނު ރިންގުވާން ފެށި އެވެ. މި އޮތް ހުރިހާ އިރު އޭނާގެ ހަނދާނުގައި ކޯލެއް އަތުވެދަނެކަމުގެ އެއްވެސް ހިޔާލެއް ނެތެވެ. އެހެންކަމުން ސިއްސައިގެން ގޮސް، އަވަހަށް ފޯނު ނަގައި ބަލައިލި އިރު، އެއީ ރައީސް ވަރަށް މަދު މީހަކަށް ނޫނީ ގުޅަން ބޭނުންނުކުރާ ނަންބަރެވެ.

"ކޮބާ ޓިކެޓް ހަމަޖެހިއްޖެތަ؟" ހާލިދު ސުވާލުކުރި އެވެ.

"އެކަން ހަމަޖެހިއްޖެ،" ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ސީޓެއް ލިބޭނެކަން ޔަގީންވާތީ ހުސޭނުބެ ބުންޏެވެ.

"ކަލޭގެ ކަމެއް އިނގޭ އެމީހުންގެ ބޮލަށް އެރުމަކީ. ދުވަހަކު ވެސް މިހާތަނަށް ހުސޭނެއް ނެތް އަހަންނަށް ލަނޑެއް ދީފައެއް، އަހަރެން ބުނާ ކަމެއް ކޮށްނުދީއެއް،" ރައީސް ބުންޏެވެ.

"ޝައްކެއް ވެސް ކުރާނެ ކަމެއް ނެތް. އެ ލާރި ދޭން އެއްބަސްކޮށްފައި ނޫނީ މަށެއް ނާންނާނަން،" ހުސޭނުބެ ވެސް އޭނާގެ އަސްލު ގޮތް ދައްކާލަން މަސައްކަތް ކުރަމުން ބުންޏެވެ.

"މަށަށް ހީވަނީ ނިހާދު ވެސް ފަހުން ކުޑަކޮށް ޖެހިލުންވީހެން. އަބަދު އަހަނީ ދެން ދާންވީހޭ، ދެން ދާންވީހޭ. އެހެންދޯ ވާނީ. އޭނާ ވެސް ބޭނުންވާނެ ބޭރަށް ނުކުމެ އަންހެނުންނާ ގުޅާލައި، ވިސްނައިދޭން. އެކަމަކު ހުސޭނު ނުގޮސް ދެން މި ކަމެއް ނުވާނެ،" ރައީސް ބުންޏެވެ.

"ޔަގީންކުރޭ. އެ ފައިސާ ޖެހޭނީ ރައީސަށް ދޭން. އެ ނޫން ގޮތެއް އެ މީހުންނަކަށް ނޯންނާނެ،" ހާލިދު އެ އުޅެނީ އަދިވެސް ހިތްހަމަޖައްސާނުލެވިގެންކަން ހުސޭނުބެއަށް އެނގޭތީ، ބުންޏެވެ.

"އަދި އެހެން ވާހަކައެއް. މި އުޅެނީ ކުއްލިއަކަށް ކަނާތް ތިލަ އާއި ތުން ފަތް ހިރުވާވަރުން. ހަމަ ހިރުވަނީ،" ރައީސްގެ އެ އަޑު އޭނާއަށް އިވުނެވެ.

ހުސޭނުބެ ދިޔައީ ސިހިގެންނެވެ. އޭނާއަށް ކުއްލިއަކަށް ފެނުނީ، ކާލާ މަންނައިގައި، ރައީސް އަތް ކާއްތަމުން ދިޔަތަނާއި ތުން ފަތުގައި އެ ޖައްސާލި މަންޒަރެވެ. އޭނާއަށް "ސުބުހާނަﷲ"އޭ ބުނެވެން އުޅުނެވެ. އެކަމަކު އެކޮޅުން ވާހަކަ ދައްކަމުން އެ ދަނީ ރައީސްކަން އެނގުމުން، އެހެން ނުބުނެ، ހުއްޓުންއެރީ އެވެ.

(އަށް ވަނަ ބައި، ޖޫން 16، 2020، އަންގާރަ ދުވަހު)