ވާހަކަ ސިލްސިލާ: ދިހައެއް: ހަމަ އެންމެ ކަމަކަށް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

ޖޫން 15، 2020، ހޯމަދުވަހުގެ ބަޔާ ގުޅޭ


"އަދި އެހެން ވާހަކައެއް. މި އުޅެނީ ކުއްލިއަކަށް ކަނާތް ތިލަ އާއި ތުން ފަތް ހިރުވާވަރުން. ހަމަ ހިރުވަނީ،" ރައީސްގެ އެ އަޑު އޭނާއަށް އިވުނެވެ.

ހުސޭނުބެ ދިޔައީ ސިހިގެންނެވެ. އޭނާއަށް ކުއްލިއަކަށް ފެނުނީ، ކާލާ މަންނައިގައި، ރައީސް އަތް ކާއްތަމުން ދިޔަތަނާއި ތުން ފަތުގައި އެ ޖައްސާލި މަންޒަރެވެ. އޭނާއަށް "ސުބުހާނަﷲ"އޭ ބުނެވެން އުޅުނެވެ. އެކަމަކު އެކޮޅުން ވާހަކަ ދައްކަމުން އެ ދަނީ ރައީސްކަން އެނގުމުން، އެހެން ނުބުނެ، ހުއްޓުންއެރީ އެވެ.

"ފަހަރެއްގައި މިރޭ ކެވުނު އެއްޗަކުން ކަމަށް ވެދާނެ،" މާ ބޮޑު ކަމަކަށް ނުހަދާ، ރައީސް ބުނި އަޑު އިވުނެވެ.

އެކަމަކު ހުސޭނުބޭގެ ހިތް ދިޔައީ ތެޅެމުންނެވެ. ރައީސް ވަރަށް މަދު ފަހަރެއްގައި ނޫނީ ބައްޔެއްވެގެން، ނުވަތަ އުނދަގޫތަކެއް ވެގެން އޭނާ ކައިރީގައި ބުނެފައެއް ނުވެ އެވެ. ރައީސް ހާލިދަކީ ސިއްހީ ދުޅަހެޔޮކަމަށް މާ ބޮޑު ސަމާލުކަމެއް ވެސް ދޭ މީހެއް ނޫނެވެ. ސިފަ ހުތުރުވާ ވަރަށް ފަލަނުވަނީ، އޭނާގެ ނަސީބު ރަނގަޅުކަމުންނެވެ.

"މަ މިދައްކާ ވާހަކަ ހުސޭނަށް އިވޭތަ އަނެއްކާ؟" ރައީސް އެހި އެވެ.

"އަޑު ކުޑަކުޑަކޮށް ކެނޑޭ. އެކަމަކު ރަނގަޅަށް އިވޭ،" ހުސޭނުބޭ ޖަވާބު ދިނެވެ.

"އަސްލު ހުސޭނު ފޮނުވާކަށް ބޭނުމެއް ވެސް ނުވޭ. އެކަމަކު ނުފޮނުވާ ވާކަށް ވެސް ނެތް. ދެން މާދަމާ ފުރުމުގެ ކުރިން ގުޅާލާނަށް. މިހާރު ނިދާލަން ބޭނުންވަނީ،" އެހެން ކިޔާފައި ރައީސް ހާލިދު ފޯނު ބޭއްވި އެވެ.

ހުސޭނުބެއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެކަމަކު ފޯނު ބޭއްވިޔަސް އޭނާގެ ހިތަށް ކުޑަ ވެސް ހަމަޖެހުމެއް ނުލިބެ އެވެ. އޭނާ ހިތަށްއަރަނީ މިވަގުތު ވެސް ފްލައިޓެއް އޮތް ނަމަ ފުރަންވީ އެވެ. އެންމެ ސިކުންތެއް ވެސް މާލޭގައި މަޑުކުރާކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭނާއަށް އިހުސާސްވަނީ ކޮންމެވެސް ނުބައި ކަންތައްގަނޑެއް ހިލިގަތް ކަމެވެ.

ގޭގެ ލިފްޓުން މައްޗަށް އެރިއިރު، އޭނާގެ މޫނުން ދާހިއްލަނީ އެވެ. އޭނާއަށް ވެސް ފާޑެއްގެ ގޮތްތަކެއް ވާކަމުގެ އިހުސާސްކުރެވެން ފެށި އެވެ. އަނެއްކާ ތާސްބައިގެ ކޮންމެ ތަނެއްގައި އަތް ލުމުން ވެސް، މީހާއަށް ކަމެއް ވަނީ ހެއްޔެވެ؟ އޭގައި ވިހައެއް އުނގުޅާފައި ހުރީ ހެއްޔެވެ؟ އެކަން ސާފުކުރަން އޭނާ ބޭނުންވި އެވެ. އެހެންކަމުން ގެއަށް ވަދެ، އޭނާ ދުއްވައިގަތީ ކޮޓަރިއަށެވެ. ދެން ފާހާނާ އަށެވެ. ދަތްއުނގުޅާ ބުރުސް ލާފައި ހުރި މާބުލް ތަށިން، ހަތަރު އިންޗި ހުންނަވަރުގެ ވަރަށް ތުނި ދަގަނޑު ފަތިކޮޅެއް ނެގި އެވެ. އޭނާ ދެން އިށީނީ އަތްދޮންނަ ތަށީގެ ދަށުގަ އެވެ. ފަތީގެ ކޮޅު މަޑުމަޑުން ވައްދާލައި، ކުޑަ މަސައްކަތަކުން އޭނާ ނައްޓާލީ އެހާމެ ހިމަ، ހުދު ކުލައިގެ ޕެކިނެއް ކަހަލަ އެއްޗެކެވެ. އެ ޕެކިން އަޅާފައި ހުރީ ވަށައިގެން ހަތަރު އިންޗި ހުންނަވަރުގެ ހަތަރެސް ކަން ތަންކޮޅެއް ފޮރުވަންވެގެންނެވެ. ޕެކިން ނައްޓާލުމުން އެ ޖާގަ ރީއްޗަށް ފެނުނެވެ. ދެން އެ ފަތިކޮޅު ކޮއްޕާލާފައި އެތަން ނައްޓާލި އެވެ. އޭގައި ތަތްކޮށްލާފައި އޮތީ، ކުޑަކުޑަ ފޯނެކެވެ.

އެއީ ސިއްރު ބޮޑެތި ކަންކަމުގައި ބޭނުންކުރަން ޖެހިދާނެ ފަދަ ފޯނުތައް ރައްކާކުރަން، އެ ތަށީގައި ހިމަނާފައި ހުރި ބައެކެވެ. އޭނާ ނޫން އެހެން މީހަކަށް އެ ކަމެއް ނޭނގޭނެ އެވެ.

ފޯނު ހިފައިގެން ކޮޓަރިން ބޭރަށް ނުކުމެ، ޓެރަސް މައްޗަށް ދިޔަ އެވެ. ދެން ފޯނު އޮންކޮށްލި އެވެ. އިރުކޮޅެއް ފަހުން އޭގެ ކުޑަ ސްކްރީން ދިއްލުނެވެ. އެކަމަކު ރާއްޖޭގެ އެއްވެސް މޮބައިލް ކުންފުންޏެއްގެ ލޯގޯއެއް ނެތެވެ. އެ ގުޅިފައި ހުރީ ކޮންމެވެސް އެހެން ނެޓްވޯކަކާ އެވެ. އޭނާ އެ ފޯނުގައި ސޭވްކޮށްފައި އޮތް ހަމައެކަނި ނަންބަރަށް ގުޅާލި އެވެ. ހައެއްކަ ފަހަރު ރިންގް ވީ ތަނުން ފޯނު ނެގި އެވެ.

"ކަލޭ ބުނީ ތެދެއް. މައުސޫމްގެ މަރުގައި ރައީސް ބައިވެރިވޭ. އެކަމަކު ރައީސަށް ކޮންމެވެސް ގޯސް ކަންތައްގަނޑެއް އެބަ ވޭ!" ހުސޭނުބެ ބުންޏެވެ.

"ކޮން ކަމެއް؟" އޭނާ ރަހީނުކުރި މީހާ ބުންޏެވެ.

"އަހަންނަށް ދިން ކަހަލަ ތާސްބައެއް ނިހާދު ވެސް، ހަމަ އެވަގުތު އައިސް ދިން. ރައީސް ދެންމެ ގުޅާފައި ބުނީ އަތާއި ތުންފަތް ހިރުވާ ވާހަކަ. ދެ ތާސްބައިގެ ވެސް ކާލާ މަންނަ ނަގައި، އޭގައި އަތް އުނގުޅާ، ބޮސްދީ ހެދި. ތާސްބައިގައި ވިހައެއް ލީތަ؟ އަހަރެން ވެސް މިހާރު އެބަ ހުންއާދޭ،" ހުސޭނުބޭ އަމުނާލި އެވެ.

"ހަމަޖެހިލާ. އަހަރެން ބުނީމެއްނު، ކަލޭ ސަލާމަތްވާނެއޭ. އަނެއް ދެ މީހުންނާ މެދު ނުވިސްނާ!" އެމީހާ ވަރަށް ހަމަޖެހިފައި ބުންޏެވެ.

"ދެން ކީއްވެ އަހަންނަށް މި އުނދަގޫވަނީ؟" ހުސޭނުބޭ އެހި އެވެ.

"މާ ބޮޑަށް ޝައްކުކުރަނީ،" އެމީހާ ބުންޏެވެ.

"ދެން ރައީސަށް އެވަނީ ކިހިނެއް؟" ހުސޭނުބެ އެހި އެވެ.

"އެކަމާ ނުވިސްނާ. މާ ގޯހެއް ނުވާނެ. އެހެން އުޅެދާނެ ދުވަސްކޮޅެއް ވަންދެން،" އެކޮޅުން ވާހަކަ ދައްކަނީ ވަރަށް ހަމަޖެހިގެން ހުރެގެންކަން ހުސޭނުބެއަށް އިހުސާސްވެ އެވެ.

"ތާސްބައިގައި ޒަހަރެއް ލާފައި ހުރިއްޔާ އެކަން ނޭނގިއެއް ނުދާނެ. ރައީސެއްގެ ވާހަކަ މި ދައްކަނީ. ހުރިހާ ބާރެއް އަތުގައި އޮތް މީހަކާ އަހަރެމެން މި ބެހެނީ،" ހުސޭނުބޭ ހިތްހަމަނުޖެހިގެން ހުރެ ބުންޏެވެ.

"ކަލޭ އެ ރައީސް ދެކެ ހަމްދަރުދީ ވަންޏާ، ވާހަކަ ކުރިއަކަށް ނުގެންދެވޭނެ. ކަލޭ އަތަށް ދިން ތާސްބައި ކޮބާ؟" އޭނާ ކުއްލިއަކަށް އެހި އެވެ.

"އެ ފޮރުވައިފިން،" ހުސޭނުބޭ ބުންޏެވެ.

"ކަލޭގެ ސިކުނޑި ރަނގަޅު. ވަކި ގޮތަކަށް ނުބުންޏަސް ކަންކަން އަމިއްލައަށް ކުރުމަކީ މީހާ ސަލާމަތްވާން އެނގުން. ދެން ބާއްވަނީ. ތި ފޯނު ވެސް ރަނގަޅަށް ފޮރުވާތި...."

"މަޑުކޮށް ބަލަ. ނިހާދު މީގެ ތެރެއަށް ވެއްދީތަ؟" އެކޮޅުން ފޯނު ބާއްވަފާނެތީ އަވަހަށް އެހި އެވެ.

"ތި ވާހަކަ ވެސް ނުދައްކާ. އަހަރެން ކަލޭ ކައިރީގައި ބުނަން ޖެހޭ ވާހަކައެއް ވިއްޔާ ހުންނާނީ ބުނެފައި. ކަލޭ ހަމަޖެހިގެން ސާރާ ކައިރީގައި ހުރޭ،" އެމީހާ ބުންޏެވެ.

"މާދަމާ އަހަރެން އެބަ ފުރަން ލަންޑަނަށް ރައީސް ބުނެގެން. ނަސްރާމެން ދެކެ ވަރަށް ރުޅިއައިސް ހުރީ،" ހުސޭނުބެ އެހެން ވާހަކައެއް ފެށި އެވެ.

"އެހެންތަ؟ ނިހާދު ދޭތަ؟" އެމީހާ އެހި އެވެ.

"ނޫން، ނިހާދު ދައްކާ ވާހަކަ އެމީހުން މިހާރު އަޑެއް ނާހާ. ނިހާދަކީ ރައީސްގެ ރަނިން މޭޓް. އެކަން އަހަރެން ކައިރީގައި މިރޭ ބުނެފި،" ރައީސްގެ ސިއްރު ހުސޭނުބެ ކިޔައިދިނެވެ.

އޭނާއަށް އިވުނީ އެކޮޅުން ހޭން ފެށި އަޑެވެ. އެކަމަކު އޭނާ ރަހީނުކޮށްގެން އެމީހާ ހުރި އިރު އެންމެ ފަހަރަކު ވެސް އެގޮތަށް ހީފައެއް ނެތެވެ. އޭނާއަށް ފެނުނީ ވަރަށް ސީރިއަސް މޫނެކެވެ.

"ކީއްވެ ތި ހެނީ؟" ހުސޭނުބެއަށް ސުވާލުކުރެވުނެވެ.

"އެމީހުން ބޭނުންވާ ގޮތަކަށް ކަންކަން ރާވަން ބަހައްޓާ. ދެން އަހަންނާ ގުޅާނީ ލަންޑަނުން އެނބުރި އައިސް. ފޯނު ގެއިން ބޭރަށް ނުގެންދާތި!" އެހެން ކިޔާފައި އެކޮޅުން ބޭއްވި އެވެ.

ހުސޭނުބެ ކަންފަތުން ފޯނު ނައްޓާލި އެވެ. ކުރިމައްޗަށް ގެނެސް އެއަށް ބަލައިލި އެވެ. އެވަރުގެ ކުޑަ އެކަމަކު އެހާ ބާރުގަދަ ފޯނެއް އޭގެ ކުރިއަކުން އޭނާ ނުދެކެ އެވެ. އެމީހާ ބުނި ގޮތުން ވިއްޔާ އެ ފޯނުގެ ގުޅުންތަކެއް، ރާއްޖެއަކަށް ނުހޯދޭނެ އެވެ. އެއީ ތެދެއްކަމެއް ނުވަތަ ދޮގެއް ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ. ހަމައެކަނި އެމީހާގެ ބަހަށް އިތުބާރުކުރީ އެވެ.

---

ނިހާދު ވާހަކަ ދައްކަދައްކާ ހުއްޓާ، ފުރަތަމަ ފަހަރަށް ނަސްރާ ފޯނު ބޭއްވީ މިރެ އެވެ. ދެ ފަހަރަށް ފޯނު ކަނޑާލީ އެވެ. އޭގެ ފަހުން ގުޅޭ ގޮތެއް ނުވި އެވެ.

ގޭގެ ބޮޑު ސިޓިން ރޫމުގައި، އެކަނިމާއެކަނި އޭނާ އިނީ ވިސްނާށެވެ. މިއަދު ހެނދުންސުރެ އޭނާގެ ބިރާއި ފިކުރާއި ޝައްކުތަކާއި ވަސްވާސްތައް، އޭނާގެ ސިކުނޑި ކައި ހުސްކޮށްފި އެވެ. ރައީސްގެ ރަނިން މޭޓަކަށް ހެދުމުގެ އުފަލެއް ވެސް، ހަގީގަތުގައި، އޭނާއަކަށް ނެތެވެ. ހަތަރު ފަރާތުން ވެސް ދަލެއްގައި ޖެހި، ނުނެއްޓިގެން އުޅޭކަމުގެ އިހުސާސުން އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ.

މިއަދު ހުރިހާ ކަމެއް ވެސް ވީ ކުއްލިއަކަށެވެ. ނުދަން މީހަކު/ބަޔަކު ފޮނުވި ނުރައްކާތެރި މެއިލް އެވެ. އެހާ ހިސާބުން އޭނާ އެހެރީ ބްލެކްމެއިލް ވެފަ އެވެ. ދެން ރައީސްގެ ކުއްލި ނިންމުމުގެ ހަބަރެވެ. އެއީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ. އެ ބައްދަލުވުމަށް ފަހު އޮފީސް ކޮޓަރިއަށް ވަދެ، ފޯނު ބަލައިލި އިރު، މެއިލްގައި އޮތީ އަނެއްކާވެސް ނުދަންނަ އެކައުންޓުން ފޮނުވި އާ މެއިލްއެކެވެ. މެއިލް ކިޔަން އޭނާ އަބަދުވެސް ބޭނުންކުރަނީ ކޮމްޕިއުޓަރު ކަމަށް ވާތީ، މޭޒު ކައިރީގައި އިށީނދެ ހުޅުވާލި އެވެ.

އެއީ އޭނާ ލައްވާ ކުރުވަން ބޭނުން ކަމަށް ކުރީ މެއިލްގައި ފާހަގަކޮށްފައި އޮތް ކަންތަކުގެ ތަފުސީލެވެ. ފުރަތަމަ މެއިލްގައި އެދުނީ، ކުޑަ ހަދިޔާއެއް ރައީސަށް ގެންގޮސްދިނުމަށެވެ. "ކަލެއަށް ޖެހޭނީ ރައީސްއާ އެކު ތާސްގަނޑެއް ކުޅޭށެވެ،" އެހެން ލިއެފައި އޮތެވެ. ތާސްބައި ކުޅެމުން، މައުސޫމްގެ ލޭ އޮހޮރުވާލި ވާހަކަ ދައްކަން ފަށަން ޖެހެ އެވެ. އެއީ ރައީސް ކައިރީގައި ވަކިން އިންނަ އިރު ދައްކަން އޭނާއަށް އުނދަގޫ ވާހަކައެއް ވެސް ނޫނެވެ. ރައީސަށް ނޭނގޭ ވާހަކައެއް ވެސް ނޫނެވެ. އެހެންކަމުން އޭނާ ޔަގީންކުރީ އެއީ ވަރަށް އާދައިގެ ކަންކަންކަމެވެ.

އޭރު ވެސް އޭނާ ވިސްނީ "ކުޑަ ހަދިޔާއަކީ" ކޮބައިތޯ އެވެ. ދެ ވަނަ މެއިލްގައި އެކަން ސާފުކޮށްދިނެވެ. އޭނާ އެކަނި ދާންވީ ހުޅުމާލެއަށެވެ. ހުޅުމާލޭގެ ނިރޮޅު މަގުގެ، އެމްޑަބްލިޔުއެސްސީ ބިމަށް ވުރެ ތަންކޮޅެއް އުތުރުން، އިރުމައްޗަށް ވީ ފަޅީގައި ހައްދާފައި ހުރި ފިތުރޯނުގަސްތަކުގެ ތެރޭގައި ތާސްބައި އޮންނާނެ ކަމަށް މެއިލްގައި ލިއެފައިވެ އެވެ. އެ އޮތް ތަން ފާހަގަކުރަން، ފިތުރޯނު ގަސްތަކުގެ ތެރޭގައި، ބަލާ މީހަކަށް އަޅައިގަންނާނެ ފަދަ ގޮތަކަށް، ރަތް ކުލައިގެ ރިބަން ކޮޅެއް ހަރުކޮށްފައި ހުންނާނެ ކަމަށް، އިރުޝާދު ދިނެވެ. މިހާރު ދިޔަސް އެ ފެންނާނެއޭ ބުންޏެވެ. އެކަމަކު ރަނގަޅުވާނީ، ރޭގަނޑު ހަތެއް ޖަހާކަން ހާއިރު ކަމަށް، މެއިލްގައިވެ އެވެ. އޭރު އެ ހިސާބުގަނޑު އަނދިރިވެފައި، މާ ގިނަ ބަޔަކު ނޫޅޭނެކަން ނިހާދަށް ވެސް އެނގެ އެވެ.

ނަސްރާމެންގެ އަމިއްލަ ގެއެއް ހުޅުމާލޭގައި ހުރެ އެވެ. އެ ގޭގެ ގަރާޖުގައި ކާރެއް އޮވެ އެވެ. އެހެންކަމުން ލޯންޗުގައި އޭނާ ހުޅުމާލެއަށް ގޮސް، ގެއަށް ވަދެ، ކާރު ނެރުނެވެ. ކާރުގައި އެ ސަރަހައްދުގެ އަރިމަތިން މަޑުމަޑުން ދާން ފެށީ ކާރުގެ ލައިޓް، ތިން ފޫޓުގެ އުސްމިނަށް ކޮށާފައި ހުރި ފިތުރޯނު ގަސްތަކަށް އެޅޭ ގޮތަށެވެ. ކުއްލިއަކަށް ރަތް ކުލައިގެ ރިބަންގަނޑު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެހިސާބުގައި ކާރު ޕާކްކޮށްލި އެވެ. ދެން އަވަހަށް ފައިބައިގެން ގޮސް އެތަނުގެ ތިރިއަށް ބަލައިލި އެވެ. އޭނާއަށް ފެނުނީ ޑައިންމޯގެ ސަބްމެރިން ލާން ބޭނުންކުރާ ކަހަލަ ކަރުދާސް ކޮތަޅެކެވެ. އޭނާ އެ ނަގައި އެތެރެއަށް ބަލައިލި އިރު، އޭގެ ތެރޭގައި އޮތީ ކަޅު ކުލައިގެ ރަބަރުން ހަދާފައި އޮތް ކުޑަކުޑަ ރީތި ކޮތަޅެވެ. އިތުރު އެއްޗެއް ނެތުމުން، ޑައިންމޯގެ ކަރުދާސްގަނޑު އެއްލައިލި އެވެ. ދެން އޭނާ ކާރަށް އަރައި، ރަބަރު ކޮތަޅުން ތާސްބައި ނެގި އެވެ. އެ އޮތީ ރަނގަޅަށް ބަންދުކޮށްފަ އެވެ. މެއިލްގައި އެދިފައި ވަނީ ތާސްބައި ނުހުޅުވުމަށެވެ. އެކަމަކު އެއީ ދުނިޔެއިން ވެސް ލިބޭނެ އެންމެ އަގުބޮޑު، އެންމެ ރީތި އެއް ތާސްބައި ކަމަށް، ލިއެފައި އޮތެވެ.

"ތާސް ބައި ރައީސްގެ އަތަށް ދޭތާ ދެ ގަޑިިއިރު ވާއިރު ކަލޭ ހުންނަން ވާނީ ރިޔާސީ ގަނޑުވަރުން ބޭރުގަ އެވެ. ނަސްރާ އަށް ގުޅާފައި، ރައީސަށް އަގު ބޮޑު ތާސްބައެއް ދިން ވާހަކަ ބުނަންވާނެ އެވެ. އެއީ މުޅި އާއިލާގެ ފަރާތުން މިވަގުތު ރައީސަށް ދެވެން އޮތް އެންމެ މުހިންމު އެއް ހަދިޔާކަމަށް ވެސް، ނަސްރާ ގާތުގައި ބުނުން މަޖުބޫރެވެ،" ފަހުގެ މެއިލްގައި ބުންޏެވެ.

އޭނާ ބްލެކްމެއިލް ކޮށްފައިވާ މީހަކު/ބަޔަކު ތިބީ ރާއްޖޭގައި ކަން، އެ މެއިލުން ޔަގީންވި އެވެ. އެކަމަކު ދެރަކަމަކީ އެ ބަޔަކު ހޯދޭނެ ގޮތެއް އޭނާއަށް ތަނަވަސްނުވުމެވެ. މައްސަލައިގެ ބާވަތުން އެކަން ފުލުހުންނަށް އެންގެން ވެސް ނެތުމެވެ.

އެކަމަކު ހުސޭނުބެ ވެސް، ހަމަ އެކަހަލަ ތާސްބައެއް ހިފައިގެން ގޮސް އިނުމުން، ނިހާދުގެ ބިރު ބޮޑުވި އެވެ. ދެ މީހުން ތިބީ އެ ދަލުގައި ޖެހި، ނުނިކުމެވިފައިކަން ކަށަވަރުވި އެވެ. އެކަމަކު އޭނާ އެ ހާލަތަށް ވެއްޓުމުގެ ހުރިހާ ވެސް ނުބަޔަކީ ހުސޭނުބެ އެވެ. ރޭވުންތެރިކަން ދަށްވުމާއި ބޮލެއް ނެތުމެވެ. އެހެންކަމުން ރައީސްގެ ތާސް ކޮޓަރިން ހުސޭނުބެ ފެނުމުން ވެސް، ނިހާދުގެ ރުޅިގަނޑު ދިޔައީ އަނދަމުންނެވެ. އޭނާއަށް ބާރެއް އޮތް ނަމަ، "މިކަލޭގެ ދެނިޔޭގައި ނުބަހައްޓާނެ"ހާ މިންވަރަށް ރުޅީގެ ހުޅު އޮތީ ރޯވެފަ އެވެ.

އެކަމަކު ދެން ވެސް ނަސީބު އެނބުރުނީ ހުސޭނުބޭ ކޮޅަށެވެ. ލަންޑަނަށް މާދަމާ ފުރަން ރައީސް އެ ބުނީ އޭނާ ކައިރީގަ އެވެ.

ރިޔާސީ ގަނޑުވަރުން ނިހާދަށް ވެސް އަވަހަށް ނުކުމެވުނެވެ. އެކަމަކު އެއީ އެތައް ފަހަރަކު އެދިގެންނެވެ. އެކަނި ހުރެ އަލުން ނަސްރާއަށް ގުޅާލަން ބޭނުން ވާހަކަ ވެސް، އެއްފަހަރަކު ބުނަން ޖެހުނެވެ. އެކަމަކު ދެ ގަޑިއިރު ނުވަނީސް ނުކުމެވުނެވެ.

އަގު ބޮޑު ތާސްބައެއް، އާއިލާގެ ފަރާތުން ރައީސަށް ދިން ވާހަކަ، ނަސްރާ ކައިރީގައި ބުނީ، އީމެއިލްގައި އަންގާފައިވާ ގޮތަށް، ކަނޑުވަރުން ހަމަ ނުކުމެފަ އެވެ.

"ނިހާދު މޮޔަވީތަ؟ މިހާރު ދޭންވީ ތާސްބައިތަ؟" އެއީ ނަސްރާ ފުރަތަމަ ވެސް ބުނި ވާހަކަ އެވެ. ދެން ފޯނު ކަނޑާލީ އެވެ.

ނިހާދު ދިޔައީ ސީދާ ގެއަށެވެ. ސިޓިންރޫމުގެ މަޑު ގޮނޑީގައި އިށީނދެ، އަނެއްކާވެސް ނަސްރާއަށް ގުޅި އެވެ. ފޯނު ނެގީ ދެ ވަނަ ފަހަރަށް ގުޅުމުންނެވެ.

"ތާސްބައިގެ ވާހަކަ ނުދައްކާތި. އަހަރެމެންނަށްޓަކައި ނިހާދަށް ވެސް، ރައީސަކަށް ވެސް ކަމެއް ނުކޮށްދެވުނު. އަހަންނަށް އެނގޭ ތަހުގީގު ރަނގަޅަށް ނުދާކަން. ލަސްކޮށްފައި އޮތްކަން ވެސް...."

"ނަސްރާ ތިހެން ނުބުނޭ. އަހަރެން...."

ނަސްރާގެ ވާހަކަ މެދުކަނޑާލަފައި، ދިފާއު ވާންވެގެން ނިހާދު ވާހަކަ ދައްކަން ފެށި އެވެ. އެކަމަކު އޭނާ އާއި ރައީސްގެ ދިފާއުގައި އެއްޗެއް ބުނުމުގެ ފުރުސަތެއް ނަސްރާ ނުދިނެވެ.

"އަހަރެން ދެން ބޭނުމެއް ނޫން ރައީސަކަށް ވެސް، ނިހާދަކަށް ވެސް ގުޅާކަށް. އަހަރެމެން ބަލާނަން ކިހާ ވަރަކަށްތޯ އަހަރެމެން މުހިންމުވަނީ. ނިހާދު ވެސް ދެން މަށަށް ނުގުޅިއްޔާ ރަނގަޅީ...." އެހެން ބުނެފައި ފޯނު ކަނޑާލީ އެވެ.

އެއީ މައުސޫމްގެ މަރުގެ ކުރިން އޭނާއާ އެކު އުޅުނު ނަސްރާއެއް ނޫނެވެ. އޭރު އަންހެނުން ހުންނަނީ އޭނާ ބޭނުން ކަމެއް ނުބުނެގެންނެވެ. މައުސޫމްގެ މިޒާޖާއި ގޭ އެހެން މީހުންގެ މިޒާޖު ތަފާތެވެ. ނަސްރާ އާއި ޔުމްނާ އާއި އެމީހުންގެ މަންމަ ހުރީ ރައީސް ބޭނުން ކަމެއް ކޮށްދޭ ގޮތަށެވެ. އެކަމަކު މައުސޫމާއި ތިން ކުދިންނާއި އަންހެނުންގެ ގަތުލާ އެކު، ރައީސް އާއި ނިހާދު ވެސް ހީކޮށްފައި ނެތް މިންވަރަށް، ނަސްރާމެންގެ ހިތާމަ ބޮޑުވި އެވެ. ގާތިލުން ނުހޯދައި ހުއްޓާނުލާނެ ކަމަށް، ތަކުރާރުކޮށް، ރައީސް ކައިރީގައި ވެސް ބުންޏެވެ. އެންމެ ފަހުން މިރޭ ވެސް ބުނީ ހަމަ އެހެންނެވެ. ރައީސް ބޮޑަށް ރުޅިއައީ، ނަސްރާގެ ހިތްހަމަނުޖެހުން އެނގުމުންނެވެ.

"ރައީސް ބާރުއަޅައި، ސަމާލުކަން ދީފި ނަމަ ނުކުރެވޭނެ ކަމެއް ނޫން، އެއީ. ބޭނުންވަނީ އިންސާފު. އެ އިންސާފު ހޯދުން ހުއްޓައެއް ނުލާނަން،" އެއީ ނަސްރާ ރައީސް ކައިރީގައި ބުނި އެއް ވާހަކަ އެވެ.

މި ވަރަށް އޭނާގެ އަންހެނުން ހިނގައިދާނެ ކަމަކަށް، ނިހާދު ގަބޫލެއްނުކުރެ އެވެ. އޭނާ ޔަގީންކުރީ ނަސްރާއަކީ، މުޅި އުމުރަށް އޭނާގެ "އަޅެއްކަމެ"ވެ. ނަސްރާއަށް ނިހާދުގެ އަސްލު ހަގީގަތް އެނގުމުން ވެސް، އޭނާ ދޫކޮށް ދާން ބޭނުންނުވީ އެހެންވެގެންނެވެ: ނިހާދަކީ ދަރިން ނުލިބޭ މީހެކެވެ. އުފެދުމުގައި ހުރި އެ މައްސަލަ ޑޮކްޓަރު ބުނި ދުވަހު ވެސް، ނަސްރާ ބާރުކޮށްލީ ނިހާދުގެ އަތަށެވެ. އަހަރެން ދުވަހަކު ވެސް ނިހާދު ދޫކޮށްނުލާނަމޭ ބުނާ ފާޑަށެވެ.

އާނއެކެވެ. އެ ހިތްދަތި ހަގީގަތާ އެކު ވެސް ނަސްރާ ހުރީ ނިހާދު އިސްކޮށްގެންނެވެ. އޭނާގެ ދައްތަ، ޔުމްނާއަށް ވެސް ކުދިންނެއް ނުލިބެ އެވެ. އާއިލާގައި ތިބިއްޔާ ތިބީ، މައުސޫމާއި އޭނާގެ ފިރިހެން ތިން ދަރިންނެވެ. ނަސްރާމެން އެ ކުދިން ދެކެ ވަރަށް ލޯބިވި އެވެ. ބޭބެއާ ހިޔާލު ތަފާތުވިޔަސް، އަބަދުވެސް ނަސްރާމެން އެކުދިންނާ އެކު ވަގުތު ހޭދަކުރި އެވެ.

އެކަމަކު ކުޑަކުދިން ދެކެ ނިހާދު ލޯތްބެއް ނުވެ އެވެ. އެ ކުދިންނާ ސަމާސާކޮށެއް ވެސް ނުހަދަ އެވެ. ދަރިން ނުލިބޭނެކަމުގެ ހަގީގަތާ އެކު، އޭނާގެ ހިތުން ކުޑަކުދިންގެ ލޯބި ފޮހެވުނީ އެވެ. ނުވަތަ ކުރިންސުރެ ވެސް އެ ލޯބި ނެތީ އެވެ.

ނިހާދަށް އޭނާގެ މިސްރާބު އެނގެ އެވެ. އޭނާ ބޭނުންވަނީ ރައީސް ހާލިދާ ވީހާވެސް ކައިރިވެ، ކުރިއަށް އޮތް އިންތިހާބުގެ ރަނިން މޭޓްކަމެވެ. އިބްރާހިމް މަރުވުމާ އެކު ރައީސް މާ ބޮޑަށް އޭނާ ކައިރިކުރި އެވެ. ޔުމްނާގެ ފިރިމީހާ ސޯދިގަކީ ވެސް ރައީސް އޮފީހުގެ މިނިސްޓަރެއް ނަމަވެސް، އޭނާއާ އެފަދަ ކައިރިކަމެއް ރައީސް ނުގެންގުޅެ އެވެ. އެހެންކަމުން ސޯދިގު ހުންނަނީ ކުޑަކޮށް ޒާތީ ވެފައޭ ވެސް، ނިހާދުގެ ހިތަށް، ބައެއް ފަހަރު، އަރަ އެވެ.

ނިހާދު މަޑުމަޑުން، ގޮނޑީގައި އޮށޯތެވެ. އޭނާގެ ނިތްކުރި މަތީގައި ކަނާތް ބާއްވާލި އެވެ. ގޭގެ ރީތި ސީލިންގައި ހަރުކޮށްފައި ހުރި ބޮކިތަކަށް ނަޒަރު ހުއްޓާލި އެވެ. އާއެނކެވެ. ނަސްރާ އާއި އޭނާގެ ގުޅުން މިހާ ދަށް ފެންވަރަކަށް ވެއްޓުނީ ސީދާ އޭނާގެ ސަބަބުންނެވެ. މިހާރު ބައެއްގެ އަޅުވެތިކަމުގައި އެހުރީ އޭނާ އެވެ. ނަސްރާ މިނިވަންކަމާ އެކު ލަންޑަންގަ އެވެ. އޭނާގެ ކުރިމަތީގައި އޮތް ބިރުވެރިކަން ނޭނގޭހާ ހިސާބުގަ އެވެ.

ނިހާދުގެ ހަނދާނަށް ރައީސްގެ އެ ބައްދަލުވުން އަރަން ފެށި އެވެ. ދެ މީހުން ތިބީ ތާސް ކޮޓަރީގައި، އެކަނިމާއެކަންޏެވެ. ރައީސް ދެއްކީ ސިޔާސީ ގޮތުން ކުރިއަރާނެ ގޮތުގެ ވާހަކަތަކެވެ. އެއީ އިބްރާހިމް މަރުވުމާ އެކު، ކޮންމެ ރެއަކުހެން އޭނާ ކައިރީގައި ދައްކަން ފެށި ވާހަކަތަކުގެ ބައެކެވެ. އާއިލާގެ މީހެއް ވިޔަސް، އަންހެނުން ވިޔަސް، ދަރިއެއް ވިޔަސް، ސިޔާސީ ކަންކަމުގައި ހުރަސްއެޅިގެން ނުވާނެ އެވެ. ދެން އެނބުރުނީ މައުސޫމްގެ މައުލޫއުއަށެވެ. އޭނާއަކީ ނިހާދަށް ވެސް، އަދި މުޅި އާއިލާއަށް ވެސް އޮތް ބިރެއް ކަމަށް ބުންޏެވެ.

"ފައިސާ ހޭދަކޮށްގެން ސިޔާސީ ބޮޑެތި ކަންކަން ކުރެވޭނީ. ނިހާދު މި ގޭމުގައި ބައިވެރިވަންޏާ މައުސޫމްގެ އަތް ދަށުން ސަލާމަތްވޭ. އެކަން ފުރަތަމަ ކުރަންވީ،" ރައީސް ހާލިދު ބުންޏެވެ.

"އޭނާގެ ހިޔާލެއް ބަދަލެއް ނުކުރެވޭނެ ދޯ؟" ނިހާދު އެހި އެވެ.

"ނުވާނެ. އެއަށް ވުރެ މާ ބޯހަރު. އަހަރެން ދެކެ ޖެހިލުންވާ ހެނެއް ވެސް ހިއެއްނުވޭ. ދެން ކިހިނެއް ވަކި ނިހާދަށް ކަމެއްކުރެވޭނީ، ނަސްރާއާ އިނދެގެން އުޅުނަސް. ނިހާދާއި ސޯދިގު ވާނީ މައުސޫމް ގެންގުޅޭ ކުޑަކުދިންތަކަކަށް. ފައިސާ ހޯދަން އޭނާގެ ފަހަތުން ދުވާ ބަޔަކަށް. އެކަމަކު އޭނާ ދިނިއްޔާތާ ދެވޭނީ،" ހިނިގަނޑެއް ޖަހާލަމުން، ހާލިދު ބުންޏެވެ.

އެހާ ދަށްވާކަށް ނިހާދު ބޭނުމެއް ނުވެ އެވެ. މައުސޫމްގެ ހުންނަ އަޅާލުންކުޑަ ގޮތް އޭނާއަށް އެނގެ އެވެ. ނަސްރާގެ ބައްޕަގެ ފިރިހެން ދަރިއަށް ވާތީ، އޭގެ ފައިދާ ކުރިއަށް އޮތީކަން މައުސޫމް، އެމީހުންނާ ދިމާއަށް ބުނާ ކަހަލަ އެވެ.

"ކީއްކުރާ މައުސޫމެއް، ނިހާދު. ކަލޭ މަޑުން ހުންނާނެ ކަމެއް ނެތް. އަހަރެމެން ދެ މީހުންނަށް މިކަން ވާނެ. ނިހާދު ބަލައިދީ، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، އެ ވަރިހަމަ ލޭ އޮހޮރުވުމެއް ކަމަށް ވިޔަސް، އިބްރާހިމް ބުނި ހަތްދިހަ މިލިއަން ޑޮލަރު އަހަންނަށް ހޯދައިދޭން. އޭގެ ފައިދާ، ސިޔާސީ ގޮތުން ނިހާދަށް ނުލިބިއެއް ނުދާނެ،" ރައީސް ވާހަކަ ދެއްކީ، އެއްވެސް ޖެހިލުމެއް ނެތި އެވެ. އޭނާ އެ ދައްކާ ހުރިހާ ވާހަކައެއް ނިހާދު ގަބޫލުކުރާނެކަމުގެ ޔަގީންކަމާ އެކު އެވެ.

ނިހާދު ގަބޫލުކުރި އެވެ.

"މިކަމުގައި ނިހާދު ކުރާ އެއްވެސް ކަމެއްގެ ތަހުގީގެއް، ކަމެއް ފެންނަ ގޮތަކަށް ކުރިއަށް ނުދާނެކަން ޔަގީންކުރޭ. އެއީ އަހަރެންގެ ވައުދެއް. މި ރައީސް، ނިހާދަށް ކުރާ ވައުދެއް،" ތާސްބައިގެ ގަނޑުތައް ޖަހަމުން، ނިހާދާ ދިމާއަށް ހަތަރު ކަޅި ހަމަކޮށްގެން އިނދެ ރައީސް ހާލިދު ބުންޏެވެ.

އެރޭ އެތަނުން ނުކުތް އިރު، ނިހާދުގެ ސިކުނޑީގައި ވަނީ އެކަން ނިންމާނެ ގޮތުގެ ހިޔާލު އުފެދެން ފަށައިފަ އެވެ. އޭނާ އެކަމާ ވަރަށް ވިސްނި އެވެ. އަދި ރައީސްގެ ކައިރީގައި ބުނުމެއް ނެތި، އޭނާގެ ވެސް ސިއްރުވެރިއެއްގެ ގޮތުގައި، ހުސޭނުބެ ހެދި އެވެ. ދެން ހުސޭނުބެ ކައިރީގައި އެކި ވާހަކަ، އެކި ދުވަހު ދައްކަމުން ގޮސް، އެންމެ ފަހުން، ކުރަން ބޭނުންވާ ކަންތައް ކިޔައިދިނެވެ. ހުސޭނުބެ ފުރަތަމަކޮޅު ދެކޮޅުހެދި އެވެ. އެކަމަކު ފުރަތަމަ އަގަކަށް އެއް މިލިއަން ޑޮލަރު އަދި އޭނާ ނައިބު ރައީސަކަށް ވެއްޖެ ނަމަ އިތުރު ތިން މިލިއަން ޑޮލަރު ދޭނެ ވާހަކަ ބުނުމުން، އެއްބަސްވި އެވެ. އެކަން ކޮށް ނިންމާނެ ގޮތާއި ކުރިއަށް ގެންދާނެ ގޮތް ދޫކޮށްލީ ހުސޭނުބެ އަށެވެ.

މައުސޫމާއި އޭނާގެ އާއިލާގެ މަރުން މުޅި ގައުމު ސިހުނެވެ. ރައީސް ހާލިދު، ރައްޔިތުންގެ ކުރިމަތީގައި ދެރަވެގެން އެ ވާހަކަ ދެއްކި އެވެ. ގާތިލުން ހޯދަން، ލަންކާގެ ފުލުހުންނާ މިހާރު ވެސް ދިވެހި ފުލުހުން ގުޅިއްޖެ ކަމަށް ބުންޏެވެ. އެކަމަކު އެރޭ ތާސް ކޮޓަރީގައި، ނިހާދާ ވަކިން ބައްދަލުކޮށް، ދެއްކީ މުޅިން އެހެން މޫނެކެވެ. ނިހާދަށް މިހާރު ވެސް އެ މަންޒަރު ފެނެ އެވެ. ތާސްބައިގެ ގަނޑުތައް އަތަށް ނަގައިގެން، ކުޅެން ފެށުމުގެ ކުރިން ދެ މީހުން އެކަކު އަނަކާ ދިމާއަށް ބަލައިލި ވަގުތު، ކުއްލިއަކަށް ރައީސްގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. އެތައް އިރެއް ވަންދެން ހޭން އިނެވެ.

"އިތުރު ވާހަކައެއް މިރޭ ނެތް. ސާބަސް، ސާބަސް. ސާބަސް،" ނިހާދަށް އޭނާގެ ހިތުގައި އޮތް ތައުރީފް، ރައީސް ހާލިދު ބަންޑުންކޮށްލި އެވެ.

"ސިޔާސީ ހަޔާތް އަދި ކިރިޔާ ތި ފެށުނީ،" ދެން ވެސް ވާހަކަ ދެއްކީ ރައީސެވެ.

ގޮނޑީގައި އޮށޯވެގެން އޮތް އިރު، ނިހާދަށް ފެންނަނީ ރައީސް އެހެން ބުނެލި ގޮތެވެ. ހިތުގައި އެހެން މީހަކާ މެދު އެއްވެސް ލޯތްބެއް، ދިވެހި ރައްޔިތެއްގެ ފުރާނަ ދެކެ ވެސް ރައީސްގެ ލޯތްބެއް ނެތްކަން، ނިހާދަށް މިހާރު އެބަ ވިސްނެ އެވެ.

އެ ގަތުލުތަކުގެ ހިޔަނި އައިސް، ނިހާދުގެ ހަޔާތް ބައްދާލީ އެވެ. އޭނާއަށް އަނދިރިކަން ނޫން އެހެން އެއްޗެއް ނުފެނެ އެވެ. އޭނާގެ ފަހަތުން އުޅޭ މީހާ/ބަޔަކު ދެމުން އަންނަނީ އޭނާގެ މުޅި ނަން ހަރާބުވެ، ހަޔާތުގެ ދެން އޮތް ބައި ޖަލުގައި އޮންނަން ޖެހޭނެކަމުގެ އިންޒާރެވެ.

ދެ ގަޑިއިރު ވުމުގެ ކުރިން ރިޔާސީ ގަނޑުވަރުން ނުކުންނަންވެގެން، އެތައް ފަހަރަކު "ދެން ދާންވީހޭ" އެހީ ވެސް އެ ބިރުގައި އިނދެ އެވެ. އެކަމަކު އެހެން ކިޔަކިޔާ އިންދާ ރައީސް އެދުނީ ތާސްގަނޑެއް ޖަހާލާށެވެ. ތާސް ކޮޓަރިއަށް ވަދެ ކަބަޑު ހުޅުވާލައިފައި، އޭނާ ނެގީ ނިހާދު ހަދިޔާއަށް ދިން ތާސްބަ އެވެ.

"ހުސޭނުބެ ގޮސް ދައްކާ ވާހަކަތަކުން ނަސްރާމެންގެ ހިތް އަހަންނަށް ފަތަހަވާނެ. އެހެންވީމާ އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ބަލައި، މި ތާސްބައި މި ނަގަނީ،" ކަބަޑުގެ ދޮރު ލައްޕަމުން ރައީސް ބުންޏެވެ.

ބެހި ހަތަރު ގަނޑުގެ ތެރެއިން ދެ ގަނޑުގައި ކާލާ މަންނަ ލިބުނީ ރައީސަށެވެ. އަނެއް ދެ ފަހަރު ނިހާދަށެވެ. ތާސްބައި ރީތިކަމުން، އޭނާއަށް ވެސް އިނގިލިތަކުން އެ ގަނޑުތަކުގައި އަތް ކާއްތާލެވެ އެވެ.

މައުސޫމްގެ މަރުގެ ކަންތައް ފަޅާއަރުވަން އުޅޭ ބަޔަކު ކީއްކުރަން ދިން އަގުބޮޑު ތާސްބައެއް؟ ގޮނޑީގައި އޮވެ ވިސްނި ވަރަކަށް ނިހާދުގެ ހިތަށްއަރަމުން ދެ އެވެ.

ކީއްކުރަން އެ ތާސްބައިން ރައީސާ އެކު ކުޅެންވީ؟ ކީއްވެ ދެ ގަޑިއިރުގެ ކުރިން އެތަނުން ނުކުމެ، ނަސްރާއާ ގުޅަންވީކީ؟ އަނެއްކާ އެ ތާސްބައިގައި، ނޫން....

އެހެން ހިތަށްއެރުމާ އެކު އޭނާއަށް ދެ އަތުގެ އަތް ތިލައަށް ބަލައިލެވުނެވެ. އޭރު ވަރަށް ބޮޑަށް ހިރުވަމުން ދާކަން އިހުސާސްވި އެވެ. އޭނާ އަވަހަށް، ސިޓިން ރޫމުގެ އެއް ފަރާތުގައި ހުރި ބޮޑު ބަދިގޭގެ އިސްކުރެއް ކައިރިއަށް ޖެހިލައި، ފެން ދޫކޮށްލި އެވެ. ދެން ވަރަށް ރަނގަޅަށް އަތް ދޮވެ، އޭގެ ފަހުން، ފޮހެލައި، ހިއްކާލި އެވެ. އަތަށް ބަލަން ހުއްޓެވެ. ކަނާތުގެ ހުދު ހަމުން، ރަތް ކުލައިގެ ކުދިކުދި ބިހިތަކެއް ދައްކާލި އެވެ. ބިރުވެރިކަން ބޮޑުވެ، މީހާ ހާސްވި އެވެ. ދެން ބަދިގޭގެ ބޮކިތައް ދިއްލި އެވެ. ކުރިއަށް ވުރެ ބޮޑަށް، ލޮލާ ތަންކޮޅެއް ކައިރިއަށް އަތްތިލަ ނަގައި، ކަޅި ހުއްޓާލި އެވެ.

އަތް ތިލާގައި ނެތް އެއްޗެއް އޭނާއަށް ފެންނަނީކީ ނޫނެވެ: އޭނާ ބަލަބަލާ ހުއްޓާ ކުދިކުދި އެ ބިހިތައް ދިޔައީ ގިނަވަމުންނެވެ. އިރުކޮޅެއްގެ ތެރޭގައި ވާތުގެ ހުދު ހަމުން ވެސް، އެ ތިކިތައް ދައްކާލި އެވެ. ދެން ހިރުވަން ފެށި އެވެ. މިއީ ދުވަހަކު ވެސް އޭނާއަށް ކުރިމަތިވި ކަމެއް ނޫނެވެ.

ބިރުން ހުރެ ބާރަށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް، ކޮޓަރިއަށް ވަދެ ފާހާނާ ހުޅުވާލި އެވެ. އޭނާ ހުއްޓުނީ ބޮޑު ލޯގަނޑުގެ ކުރިމައްޗަށެވެ. މޫނަށް ބަލައިލި އެވެ. އާއެނކެވެ. ގޯހެވެ. މުޅިން ގޯހެވެ. ތުންފަތް ކައިރީގައި ހަމަ އެ ބިހިތަކެވެ. އޭނާ މަޑުމަޑުން އަތް ކާއްތާލި އެވެ. ދެން ދިޔައީ ސިހިގެންނެވެ. އިނގިލި ޖެހުނު ބިހިތައް ފެޅި، މަޑުމަޑުން ލޭ އަންނަން ފެށި އެވެ.

ނިހާދަށް މަޑުމަޑުން، އޭނާގެ އެއްވެސް އިހުތިޔާރެއް ނެތި، ފަހަތަށް ޖެހެވުނެވެ. އޭނާގެ ސާފު، އެއްވެސް ކަހަލަ ބިއްސެއް، އައިބެއް ނެތް، މޫނަށް ބަލަން ހުރެވުނެވެ. "މިއީ ހަމަ އަހަރެންގެ މޫނު ހެއްޔޭ" ހިތަށްއެރި އެވެ. ބިހިތައް ގިނަވަމުން، ހިރުވަމުން ހުރެ ދެ އެވެ. އޭނާ ފަހަތަށް ޖެހެމުން، ފަހަތަަށް ޖެހެމުންނެވެ. ދޮރާ ހަމައަށް ދެވުނު ތަނުން، ދޮރު ކަނީގައި ހިފަހައްޓާލެވުނެވެ. އޭނާގެ ކަނާތު ފަޅިން ވާގި ދިޔަހެން ހީވި އެވެ. އެ އަތެއް ނުނެގުނެވެ. ނިހާދަށް މަޑުމަޑުން ތިރިވެވުނީ އެވެ. ފާޑަކަށް އިށީނދެވުނީ އެވެ. ދޮރުން ބޭރަށް ހަށިގަނޑު ގެންދަން، ތަޅުންގަނޑުމަތީގައި ވާތުން ހިފަހައްޓާލި އެވެ. ދެން އަމިއްލަ ހަށިގަނޑު، ހަމައެކަނި ވާތުގެ ބާރުން ދަމަމުން ކަހަލަ ގޮތަކަށް، އެނދާ ހަމައަށް ދިޔަ އެވެ.

އޭނާ ބޭނުންވީ އެނދަށް އަރާށެވެ. އެކަމަކު އެ ބާރެއް ނެތެވެ. ލޮލުން ކަރުނަތައް ފައިބައިގަތެވެ. ކަނާތް ފަޅި ނޫން ހަށިގަނޑުގެ ހުރިހާ ހިސާބެއްގައި ގަދަ ހިރުވުމެކެވެ. އަރުތެރޭގައި ލޭ ރަހަ އެވެ. ގޮދަނޑީގައި ވާތުން ހިފަހައްޓާލަން އުޅުނެވެ. އެކަމަކު އޭނާގެ އެ ބިޔަ ހަށިގަނޑު ނެގޭ ވަރަށް ވުރެ އަތުގައި ބާރު ނެތުމުން، ހުދު ބެޑްޝީޓް އައީ އަތަށެވެ. އޭނާގެ އަތް އެނދުން ދޫވި އެވެ.

ނިހާދުގެ މޫނު އޮތީ، މަޑު މުށި ކުލައިގެ ލަކުޑި ފްލޯގައި ޖެހިފަ އެވެ. އޭނާ ބޯ ހިއްލައިލައި، ތުންފަތް ޖެހުނު ތަންކޮޅަށް ބަލައިލި އެވެ. އޭނާއަށް ހީކުރެވުނީ ރަނގަޅަށެވެ. އަނގައިން ލޭ އެބަ ފައިބަ އެވެ. ހެދޭނެ އިތުރު ގޮތެއް ނެތެވެ. އޭނާއަށް ފެނުނީ އޮލަކޮށް ހުރި ލޭތައް ފައިބަމުން ދިޔަ ތަނެވެ. ނިކަމެތިކަމާއި، އާރެއްބާރެއް ނެތް ހާލަތެއްގައި އޭނާ އޮތް ކަމެވެ. ކުޑަކޮށް ވެސް އޭނާއަށް ހަށިގަނޑު ހަރަކާތް ނުކުރެވޭކަމެވެ.

މިއީ އެހާ ބޮޑު އުއްމީދުތަކެއް ކުރަމުން އަންނަނިކޮށް ދުނިޔެއިން ނިމިދާން ޖެހޭ ގޮތް ހެއްޔެވެ؟ އޭނާއަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް މި ދިރިއުޅުން ހޯދުނީ ކީއްވެގެން ހެއްޔެވެ؟ ނޫރާއާ އޭނާ ކައިވެނިކުރި ނަމަ، މި އަނިޔާ ލިބުނީސް ހެއްޔެވެ؟ ނޫރާ ކޮބައި ހެއްޔެވެ؟ އަދިވެސް އޭނާއަށް އިންތިޒާރުކޮށް، ދުނިޔޭގައި އެބަ ހުރި ހެއްޔެވެ؟ ނޭނގެ އެވެ. ނޫރާގެ މަތިން އޭނާ ހަނދާނެއް ނެތެވެ. ކުޑަކޮށް ވެސް ވިސްނައެއް ނުލަ އެވެ. ދެން މި ވަގުތު ހަމަ ކުއްލިއަކަށް ނޫރާ ފެންނަން އެ ފެށީ ކީއްވެގެން ހެއްޔެވެ؟

އޭނާއަށް އަނެއްކާވެސް ބަލައިލެވުނީ އަނގައިން ފައިބަމުން ދިޔަ ލެއަށެވެ. މިއީ މައުސޫމް އާއި އޭނާގެ އަންހެނުންނާއި ދަރިންގެ ގައިން ވެސް ފޭބި ލެ އެވެ. މައުސޫމް ވެސް މަރުވެފައި އޮތީ، މިކަހަލަ ފްލޯއެއްގެ މަތީގަ އެވެ. ނިހާދުގެ ސިކުނޑިއަށް އެ ފޮޓޯތައް އެރި އެވެ. އެއީ ލޯ މެރެމުން ދިޔަ އިރު، އޭނާގެ ހިޔާލަށް އައި އެންމެ ފަހު މަންޒަރުތަކެވެ. އޭނާގެ ބޯ އެއްފަރާތަކަށް އެލި، ލަކުޑި ފްލޯމަތީގައި ޖައްސާލެވުނެވެ.

(ނުވަ ވަނަ ބައި، ޖޫން 18، 2020، ބުރާސްފަތިދުވަހު)