ވާހަކަ ސިލްސިލާ: ދިހައެއް: ހަމަ އެންމެ ކަމަކަށް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

ޖޫން 16، 2020، އަންގާރަދުވަހުގެ ބަޔާ ގުޅޭ


މިއީ އެހާ ބޮޑު އުއްމީދުތަކެއް ކުރަމުން އަންނަނިކޮށް ދުނިޔެއިން ނިމިދާން ޖެހޭ ގޮތް ހެއްޔެވެ؟ އޭނާއަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް މި ދިރިއުޅުން ހޯދުނީ ކީއްވެގެން ހެއްޔެވެ؟ ނޫރާއާ އޭނާ ކައިވެނިކުރި ނަމަ، މި އަނިޔާ ލިބުނީސް ހެއްޔެވެ؟ ނޫރާ ކޮބައި ހެއްޔެވެ؟ އަދިވެސް އޭނާއަށް އިންތިޒާރުކޮށް، ދުނިޔޭގައި އެބަ ހުރި ހެއްޔެވެ؟ ނޭނގެ އެވެ. ނޫރާގެ މަތިން އޭނާ ހަނދާނެއް ނެތެވެ. ކުޑަކޮށް ވެސް ވިސްނައެއް ނުލަ އެވެ. ދެން މި ވަގުތު ހަމަ ކުއްލިއަކަށް ނޫރާ ފެންނަން އެ ފެށީ ކީއްވެގެން ހެއްޔެވެ؟

އޭނާއަށް އަނެއްކާވެސް ބަލައިލެވުނީ އަނގައިން ފައިބަމުން ދިޔަ ލެއަށެވެ. މިއީ މައުސޫމް އާއި އޭނާގެ އަންހެނުންނާއި ދަރިންގެ ގައިން ވެސް ފޭބި ލެ އެވެ. މައުސޫމް ވެސް މަރުވެފައި އޮތީ، މިކަހަލަ ފްލޯއެއްގެ މަތީގަ އެވެ. ނިހާދުގެ ސިކުނޑިއަށް އެ ފޮޓޯތައް އެރި އެވެ. އެއީ ލޯ މެރެމުން ދިޔަ އިރު، އޭނާގެ ހިޔާލަށް އައި އެންމެ ފަހު މަންޒަރުތަކެވެ. އޭނާގެ ބޯ އެއްފަރާތަކަށް އެލި، ލަކުޑި ފްލޯމަތީގައި ޖައްސާލެވުނެވެ.

ނިހާދު އޮތީ އަނދިރީގަ އެވެ. އޭނާއަށް އަނދިރިކަން ނޫން އެހެން އެއްޗެއް ނުފެނެ އެވެ. ވިސްނުން ވެސް، ހިޔާލުތައް ވެސް އަނދިރީގެ ތެރެއަށް ގޮސް ގެއްލުނީ އެވެ.

އޭރު، މީގެ ކުޑައިރުކޮޅެއް ކުރިން ނިހާދު އިށީދެ އިން ގޮނޑި ކައިރީގައި ހުރި މޭޒު މަތީގައި އޮތް އޭނާގެ ފޯނު، ހުއްޓުމެއް ނެތި ރިންގްވަމުން ދެ އެވެ.

---

ރައީސްކަމުގެ ހުވާކުރިތާ މާ ގިނަ ދުވަހެއް ނުވެ، ރަޝިޔާގެ ސައިންސްވެރިޔަކު ރައީސް ހާލިދާ ބައްދަލުކުރި އެވެ. އޭނާ ބޭނުންވީ ހަމައެކަނި ރަޝިޔާގެ މަހުޖަނުންނަށް ހާއްސަކޮށްގެން ރިސޯޓެއް ހަދާށެވެ. ސަލާމަތީ ގޮތުން ވަރުގަދަ، ގެސްޓުންނަށް ކުޑަ ނަމަވެސް ނުރައްކަލެއް ނެތް ރިސޯޓެކެވެ.

އެ ސައިންސްވެރިޔާ އެކި ދުވަސް މަތިން ރައީސް ހާލިދާ އެކު ވަގުތު ހޭދަކުރި އެވެ. އޭނާ ދެއްކި ވާހަކަތަކުގެ ތެރެއިން ރައީސްގެ ސަމާލުކަން ލިބުނު އެންމެ މުހިންމު ކަމަކަށް ވީ، ރަޝިޔާގެ ޖާސޫސީ އިދާރާ އިން ހިންގި ސިއްރު މަޝްރޫއެކެވެ. ވަރަށް މަތީ ފެންވަރުގެ ދިހަ ސައިންސްވެރިން ބޭނުންކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ އެންމެ ބޭނުމެއްގަ އެވެ: ރަޝިޔާގެ އަސްކަރީ ވެރިންނާއި ޖާސޫސީ އިދާރާގެ ވެރިންނާއި ސިޔާސީ އެންމެ އިސް ބައެއް ލީޑަރުން، އެއްވެސް ކަހަލަ ވިހައެއް ނުވަތަ ޒަހަރަކުން ވިޔަސް ރައްކާތެރިވެވޭނެ ހާއްސަ ބޭހެއް އީޖާދުކުރުމެވެ. އެ ސައިންސްވެރިން ތައްޔާރުކުރީ އެންމެ ބޭހެއް ނޫނެވެ. އެތައް ބޭހެކެވެ. އަދި ބޮޑު ސިއްރެއްގެ ތެރެއިން އެ ބޭސްތައް އެކި މީހުން ބޭނުންކުރަމުން ވެސް އާދެ އެވެ.

ރައީސް ހާލިދުގެ ހިތުގައި ވަސްވާސް އެނބުރެން ފެށީ އެހާ ހިސާބުންނެވެ. ރާއްޖޭގެ ކުރީގެ އެތައް ރައީސުންނަކަށް އެކި ގޮތްގޮތުން ގެއްލުންދޭން މަސައްކަތްކޮށްފައިވެ އެވެ. އެހެންކަމުން އޭނާ ބެލީ ކިތައްމެ ތެދުވެރި، އިހުލާސްތެރި ބައެއް ކަމަށް ހީވިޔަސް، އެންމެ ކައިރި މީހުންގެ ފަރާތުން ވެސް ނުރައްކަލެއް އޮވެދާނެ ކަމަށެވެ. އަދި އެންމެ ފުރުސަތު ބޮޑުވާނީ ކާ އެއްޗެއްގެ ތެރެއިން އެ ނުރައްކަލާ ކުރިމަތިވުން ކަމަށް ވެސް ގަބޫލުކުރި އެވެ. އެހެންކަމުން އެ ސައިންސްވެރިޔާ މެދުވެރިކޮށް އޭގެ ތެރެއިން، ރައީސްގެ ހަށިގަނޑާ އެންމެ ގުޅޭ، ބޭސް ހޯދި އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ހެނދުނު ގަވާއިދުން އެ ބޭސް އެ އަންނަނީ ކަމުންނެވެ. އެކަން، އެ ސައިންސްވެރިޔާ އާއި ރައީސް ނޫން އެހެން މީހަކަށް ނޭނގެ އެވެ. ރައީސް ދައްކާ ޑޮކްޓަރުން ކައިރީގައި ވެސް ނުބުނެ އެވެ.

އެއީ ހަމައެކަނި އެ ދެ މީހުންގެ ސިއްރެކެވެ.

ސައިންސްވެރިޔާ ބޭނުންވާ ކަމަށް ހުށައެޅި ރަށްރަށުގެ ތެރެއިން އޭނާ އެންމެ ހިތްހަމަޖެހޭ ރަށް ދިނެވެ. އަދި އެ ރަށުގައި އެންމެ މަތީ ފެންވަރުގެ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އެކަމަކު އެތަނަށް، ރަޝިޔާގެ މުއްސަނދިންނާއި ސިޔާސީ މީހުން ނޫން ބަޔަކު ނާރުވަ އެވެ.

ހުސޭނުބެ އާއި ނިހާދު މެދުވެރިކޮށް ހަދިޔާކުރި ތާސްބައިގައި ހިމެނޭ ވިހައިގެ މާއްދާ، އޭގެ އަސްލު ބާރު މިނުގައި، ރައީސް ހާލިދުގެ ހަށިގަނޑަށް ހަމަލާއެއް ނުދެވުނެވެ. އެކަމަކު މަޑުމަޑުން ގުނަވަންތަކަށް ދިޔައީ އޭގެ އަސަރު ފޭދެމުންނެވެ. އެހެންކަމުން ހިރުވުމަށް ހުއްޓުމެއް ނަ އެވެ. ނިދަން އޮތް އިރު ވެސް ދެ އަތާއި ތުންފަތް ހިރުވި އެވެ. އެކަމަކު ބިހި ނެގުން ކަހަލަ، އަނގައިން ލޭ އައުން ކަހަލަ، އެއްވެސް ކަމެއް ނުވެ އެވެ.

އުނދަގޫވެގެން އެންމެ ފަހުން ރައީސް ގުޅީ ނިހާދަށެވެ. އެކަމަކު އެތައް ފަހަރަކު ރިންގު ވީ އިރު ވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަމުން ރައީސް ނިންމީ، ގެއަށް ގޮސް ނިދީ ކަމަށެވެ. މާދަމާ ގުޅަން ނިޔަތްގަނެ، ފޯނު ބޭއްވީ އެވެ.

ނިދޭތޯ އެތައް ފަހަރަކު އެނދުގައި އޮށޯވެއްޖެ އެވެ. އެކަމަކު ހިރުވުން ކުރިއަށެވެ. އަނެއްކާ ތެދުވެ، ދެ އަތް އުނގުޅާލަ އުނގުޅާލަ އިނދެ އެވެ. ދެން ކޮޓަރި ތެރޭގައި ހިނގާލަ އެވެ. ދިމާވެގެން އުޅެނީ މައުސޫމްގެ މަރުގެ ބަދަލު ހިފަން ނުކުމެ އުޅޭ ބަޔަކު ފޮނުވި ތާސްބައިން ހަށިގަނޑަށް ވާސިލްވި ވިހައެއްގެ ނުބައި އަސަރުތައް ކަމެއް ރޭކައެއް ނުލަ އެވެ. އެފަދަ ކަމަކަށް ޝައްކެއް ވެސް ނުކުރެ އެވެ.

ކޮންމެ ދުވަހަކު ހެނދުނު ކަމުން އަންނަ ބޭހަކީ، އެކަހަލަ ނުރައްކާތަކުގެ ހިމާޔަތެއް ކަމަށް، ރައީސް ހާލިދު ހުރީ ނިންމައިގެންނެވެ. އެހެންކަމުން އޭނާގެ ހިތުގައި ޝައްކު އޮތީ، ކެވުނު އެއްޗަކުން ހަށިގަނޑަށް އައި ކުޑަ ބަދަލެއްގެ ގޮތުގަ އެވެ.

ނުވަތަ ސިހުރުގެ ކަމެކެވެ.

ރައީސް ހާލިދަކީ މޮޔައެއް ނޫނެވެ. ނުބައިކަމާ އެއްވަރަށް އޭނާގެ ވިސްނުން ވެސް ރަނގަޅެވެ. ފާފަތަކުން އޭނާގެ ހަޔާތް ކިލަނބުވެ، މަރަކީ އެހާ އަވަހަށް ކުރިމަތިނުވާނެ ކަމެއް ކަމަށް، ނަފުސަށް އަބަދުވެސް ވިސްނައިދެ އެވެ. އަދި ސައިންސްގެ ހަގީގަތްތަކާ އެއްވަރަށް ރޫހާނީ ބާރުތަކެއް ވެސް، ހަޔާތުގައި އޮތް ކަމަށް ގަބޫލުކުރެ އެވެ. ކުޑައިރު، އޭރުގެ މީހުން ހެދި ފަންޑިތަ އާއި ސިހުރަކީ، އޭނާގެ ހިތުގެ އަގީދާއެއްގެ ގޮތުގައި އަދިވެސް އޮތީ އެހެންވެ އެވެ. ފަންޑިތަވެރިންނާއި ސިހުރުވެރިންގެ ބޭނުން ވެސް ގެންދަނީ ހިފަމުންނެވެ.

ނަސްރާމެންގެ ބައްޕަ، މަހުޖަނު ނަލަ އިބްރާހިމް މަރުވުމުގެ ހަފުތާއެއް ކުރިން، އޭނާގެ ރިސޯޓަށް، ޖެހިޖެހިގެން ތިން ރެއަކު ރައީސް ޒިޔާރަތްކުރީ ވަރަށް ބޮޑެތި ސަބަބުތަކާ އެކު އެވެ. އެންމެ ފަހު ރޭ، ރަހުމަތްތެރިޔާ ކައިރީ ރައީސް އެދުނީ މުޅިން އެހެން ކަމަކަށެވެ: ފިއްލަދޫގައި އޮތް މުސްކުޅި ދަލޭކަދައިތައާ ބައްދަލުކޮށްދޭށެވެ. ރައީސް ހާލިދާ ހަމައަށް ދަލޭކަދައިތަގެ ވާހަކަ ގެންގޮސްދިނީ ސިހުރު ހަދަން ގެނައި، ދެކުނު ރަށެއްގެ ސިހުރުވެރިއެކެވެ. އެކަމަކު ރައީސް ކައިރީގައި އޭނާ ބުނީ "މަށަށް އެ ރަށަށް އަރަން ވެސް ލާހިކެއް ނޫން،" މިހެންނެވެ. އެހެންކަމުން އެ ދައިތައާ ބައްދަލުކުރަން ރައީސް ދިއުން އެންމެ ރަނގަޅީ، އިބްރާހިމާ އެކު ކަމަށް، އޭނާ ނަސޭހަތްދިނެވެ.

އެ ސިހުރުވެރިޔާއަށް ދަލޭކަދައިތަގެ އިލްމުވެރިކަން އޮތީ މާ ކުރިންސުރެ އެނގިފަ އެވެ. އެކަމަކު އެއީ އޭނާ އާއި އޭނާގެ އާއިލާގެ ކުރީގެ ސިހުރުވެރިންގެ މެދުގައި އޮތް ސިއްރެކެވެ. ރައީސް ހާލިދު ކައިރީގައި އެ ސިއްރު ބޭޒާރުކުރީ، ރައީސް ދެކެ ހަސަދަވެރިވެ، ރުޅިއަންނަ މީހުން ރާއްޖޭގައި ގިނަކަމުން، ސިހުރަށް ވުރެ ރަނގަޅު އެހީއެއް ބޭނުންވާކަން ގަބޫލުކޮށްގެންނެވެ. އެހެން ނޫނީ ރައީސް ގެންނަ އޭނާ ކަހަލަ އެންމެންގެ އިތުބާރު ގެއްލި، "މިއީ އެއްވެސް ކަމެއް ވާ ބައެއް ނޫނޭ ބުނެ" އެމީހުން ދޫކޮށްލަފާނެތީ އެވެ.

އެކަމަކު އިބްރާހިމް މަރުވީ ރައީސް ހާލިދަށް ފިއްލަދުއަށް ދެވި، ދަލޭކަދައިތައާ ބައްދަލުނުކުރެވި އުޅެނިކޮށެވެ. އަދި އޭގެ ފަހުން އުފެދުނު ހިޔާލު ތަފާތުވުމުގައި ސީދާ ރައީސްގެ ބައިވެރިވުން އޮވެ، މައުސޫމްގެ ލޭ އޮހޮރުވާލީ އެވެ. މިހާރު އޭނާ ހޭދަކުރަމުން އެ އަންނަނީ އެ އަނިޔާވެރިކަމުން އުފެދުނު ކަންތައްގަނޑުގެ ތެރޭގަ އެވެ.

ގޮތް ނޭނގޭ ހިރުވުންތަކެއް ކުއްލިއަކަށް އައުމާ އެކު އަނެއްކާވެސް ރައީސްގެ ހިޔާލުތައް އެނބުރުނީ އެ ބުނާ ދަލޭކަދައިތަ ކައިރިއަށް ގޮސް، ސިހުރުވެރިޔާ ދިން ނަސޭހަތް ކަމަށްވާ، އޭނާގެ އަތުން ފެން ތައްޓެއް ބުއިމުގެ އެދުމާ ދިމާއަށެވެ. އިންތިހާބު އައިސް ޖެހެނީ އެވެ. ރަނިން މޭޓް ކަނޑައަޅައިފި އެވެ. ބޮޑު ޖަލްސާ ބާއްވަނީ އެވެ. އެކަމަކު އެ ޖަލްސާގެ ކުރިން، ރައީސް މިހާރު ބޭނުންވަނީ އަމިއްލަ ޕާޓީގެ ތެރެއިން ނަފުރަތާއި ރުޅިވެރިކަން ނާންނާނެ ފަދަ ރޫހާނީ ބާރެކެވެ. މިކަހަލަ ހިރުވުންތަކާއި ނުނިދި އުޅެން ޖެހުން ފަދަ ކަންކަން ދިމާވަނީ، ބަދުނަސީބެއް ނުވަތަ ބަދުނަސީބުތަކެއް، ކުރިއަށް އޮތުމުން ކަމަށް، ހިތަށްއެރި އެވެ.

ސިހުރުވެރިޔާ މާލޭގައި ހުރެއްޖެ ނަމަ، އޭނާ މާދަމާ ގަނޑުވަރަށް ގެންނަން ރައީސް ނިންމި އެވެ. ދެން އަނެއްކާވެސް އެނދުގައި އިށީނެވެ. ދެ އަތް ތިލައަށް ބަލައިލި އެވެ. ހިރުވުން ކުރިއަށެވެ. ތުންފަތުގައި ދޫ ކާއްތަމުން، އެނދުގައި އޮށޯވެ މައްޗަށް ބަލަހައްޓައިގެން އޮތެވެ.

ރައީސަށް ނިދުނީ އެހެން އޮއްވަ އެވެ.

---

ރައީސް ހާލިދަށާއި ނިހާދަށް ނުރައްކާތެރި ކަމެއް ކުރިމަތިވި ކަމުގެ ހަބަރެއް، އެއްވެސް މީޑިއާއެއްގައި އަދި ނެތެވެ. ހުސޭނުބެ އިން އެމިރޭޓްސް ފްލައިޓް، މީގެ ބައިގަޑިއެއްހާ އިރު ކުރިން ނައްޓާލިކަން އޭނާއަށް އެނގެ އެވެ.

މިވީ ކިހިނެއް ހެއްޔެވެ؟ ފާތިރުގެ ހިތަށްއެރި އެވެ.

އޭނާ އިރުއިރުކޮޅާ ޗެކްކުރަމުން ދިޔައީ ރާއްޖޭގެ އޮންލައިން ނިއުސް ސައިޓްތަކެވެ. ރައީސަށް ނުވަތަ ނިހާދަށް ކަމެއް ވީ ނަމަ، މިހާރު ހަބަރު އަރާހާ އިރު ވެއްޖެ އެވެ. އެކަމަކު އަދި އެއްވެސް ހިލަމެއް ނުވެ އެވެ. އެހެންކަމުން އޭނާގެ ހިތުގައި ކުޑަކުޑަ ޝައްކެއް އުފެދެން ފެށި އެވެ. އެ ދެ ތާސްބަޔަކީ ވެސް އާދައިގެ އެއްޗެއް ނޫނެވެ. އެއަށް އޭނާ ކުރި ހޭދަ އެހާ ބޮޑެވެ. އެމެރިކާ އިން މެލޭޝިއާ އަށް ގެނައި ދެ ތަޖުރިބާކާރުން ލައްވާ އޭނާގެ ސިފަ ބަދަލުކޮށް، މެލޭޝިއާގެ ތަމަޅައެއްގެ ނަމުގައި ހަދާފައި އޮތް ވަގު ޕާސްޕޯޓްގައި، ރޭލު ދަތުރަކުން ތައިލެންޑަށް ގޮސް، ހުސޭނުބެ ރަހީނުކުރުމަކީ ވެސް، ނިސްބަތުން ބޮޑު ހޭދައެކެވެ. ބިރުވެރި މަސައްކަތެކެވެ.

ގޯސްކޮށް ދިޔައީ އެންމެ ކަމެކެވެ. ސެޓެލައިޓް ފޯނު ދޭން ހަނދާން ނެތުމެވެ: އޭގެ މަތިން ހަނދާންވީ އެ އިމާރާތުން ނުކުމެ ނުކުމެ ހުއްޓަ އެވެ. އެކަމަކު އަލުން މައްޗަށް އަރާކަށް ބޭނުމެއް ނުވި އެވެ. އެހެންކަމުން އިމާރާތުގެ ރިސެޕްޝަން ކައުންޓަރު ކައިރިއަށް ދިޔަ އެވެ. އެތަނުގައި އިން ތައިލެންޑްގެ އަންހެން ކުއްޖާ ކައިރީގައި އޭނާ ބުނީ، އެއާޕޯޓަށް ދާ ގަޑި ޖެހޭތީ މައްޗަށް އެރެން ނެތުމުން، މި ފޯން ގެންގޮސް، މިވެނި އެޕާޓްމަންޓަކާ ހަވާލުކޮށްދިނުމަށެވެ. ދެން ޓިޕްސް އަށް ދުއިސައްތަ ބާތު ދީފައި އޭނާ ނައްޓާލީ އެވެ.

ހުސޭނުބެއަށް ގުޅީ، ރޭލް ސްޓޭޝަނަށް ގޮސްފަ އެވެ. ދެ ރިންގެއް ވީ ތަނުން ފޯނު ނެގި އެވެ.

"މާލެ ދާނީ ތި ފޯނު ހިފައިގެން. ރައީސާ ތާސްބައި ހަވާލުކޮށްފައި ގެއަށް ގޮސް އަހަންނަށް ގުޅާތި. ރާއްޖޭގެ އެއްވެސް ނެޓްވޯކަކަށް ތި ފޯނުގެ ކޯލްތަކެއް ނޭނގޭނެ. މި ދެއްކި ވާހަކަ އެނގިއްޖެތަ؟" ފާތިރު އެހި އެވެ.

ހުސޭނުބެ "އާނ" އޭ ހަމަ ބުނާ އިރަށް އޭނާ ފޯނު ކަނޑާލި އެވެ.

ރޭ އެ ފޯނުން، ފާތިރު އަތުގައި އޮތް އޭގެ އަނެއް ފޯނަށް ކޯލް އައުމުގެ ކުރިން، ހުސޭނުބެ އާއި އޭނާއާ ދެމެދު އެއްވެސް ކަހަލަ ގުޅުމެއް ނެތެވެ. ނިހާދަށް މެއިލްތައް ފޮނުވަމުން ގެންދިޔައީ، ސްރީ ލަންކާގައި ހުރި ޒަވީން އެވެ. ހުޅުމާލޭގެ ފިތުރޯން ގަސްތަކުގެ ތެރޭގައި ދެ ވަނަ ތާސްބައި ބޭއްވީ، ނާވިޝް އެވެ.

ފާތިރުގެ ހިތަށްއެރި އެވެ. އެ މީހުންގެ މުޅި އޮޕަރޭޝަންގެ އެންމެ ފަހުގެ ނަތީޖާ މިއަދު ލިބެން ޖެހޭނެ އެވެ. ތިން ރަހުމަތްތެރިންނަށް އެ މީހުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް ވަދެވެން އަންނަނީ، ރައީސް ހާލިދަށާއި ނިހާދުގެ ނިމުން އައުމުންނެވެ. އޭގެ ފަހުން ދެން ވެރިކަމަށް އަންނާނީ އެހެން ބައެކެވެ. އެ ބަޔަކަށް އޭރު އޮންނާނީ ފިލާވަޅު ލިބިފަ އެވެ. ތާސްބައިގެ ހަގީގަތް ފުލުހުން ކައިރީގައި ބުނާނީ ހުސޭނުބެ އެވެ. ރައީސް ކައިރީގައި އޭނާ އިންދާ ނިހާދު ވެސް އެތަނަށް ވަންކަން ސެކިއުރިޓީންނަށް ވެސް އެނގޭނެ އެވެ. އެހެންކަމުން ރައީސް މަރާލުމުގެ ކަންކަން ރޭވީ ނިހާދު ކަމަށް، ފުލުހުންނަށް ނިންމޭނެ އެވެ.

ފާތިރު އިނީ އޭނާގެ ގޭގެ ސިއްރު ބިންގަރާހުގަ އެވެ. އިންސާފުގެ ޗެމްބަރުގަ އެވެ. އިންސާފު ހޯދައިދޭށާއި ރާއްޖޭގެ އެންމެ ބޮޑެތި ބައެއް ކުށްވެރިންގެ އަތުން މުޖުތަމައު ސަލާމަތްކުރަން ރޭވި ހުރިހާ ރޭވުމެއްގެ ފަހު ދުވަހަކީ މި އެވެ. ދެން އޮތީ، ޒަވީން އާއި ނާވިޝްއަށް ނޭނގޭ އޭނާގެ ހަޔާތުގެ ސިއްރެވެ: ދަލޭކަދައިތަ އާއި ހައްވަ އާއި ވީރު މުހައްމަދާއި ކަޅު ހިޔަނިތަކެވެ. ދެ ރަހުމަތްތެރިންގެ ކައިރީގައި އެ ވާހަކަ ބުނެވޭ ވަރަށް ވުރެ، އެމީހުންނަށް އޭނާ އޮޅުވާލި އޮޅުވާލުން ބޮޑެވެ. އަދި މިހާރު އޭނާއަށް ވަދެވިފައި އެ ހުރީ، ޒަވީން އާއި ނާވިޝްއަށް ކިޔައިދެވޭ ވަރަށް ވުރެ މާ ނުރައްކާ ހިސާބަކަށެވެ. އެހެން މީހަކު އެ ހަނގުރާމައިގެ ތެރެއަށް ވައްދާކަށް ބޭނުމެއް ނުވެ އެވެ.

އެއީ ގަބޫލުކުރަން ދަތި އަދި އޭނާ ބޭނުންވިޔަސް އެހެން މީހަކަށް ނުފެންނާނެ ފަދަ ހަގީގަތެކެވެ. އެހެންކަމުން އެ ބައި ބާއްވާނީ ހަމައެކަނި އޭނާގެ ހަޔާތުގެ ސިއްރެއްގެ ގޮތުގަ އެވެ. ކުރިމަތިލާން ޖެހޭ ކޮންމެ ކަމަކަށް ނުކުންނާނީ އޭނާ އެކަނިމާއެކަންޏެވެ. އެހެން މީހަކަށް އޭގެ ގެއްލުމެއް ނޯންނާނެ އެވެ.

ހައްވައާ ބައްދަލުވެވޭނީ ތިން އަހަރު ފަހުންނެވެ. އޭނާ މައާފަށް އެދޭނެ އެވެ. ހައްވަގެ ލޯބި އަލުން ހޯދާނެ އެވެ.

އެކަމަކު އޭގެ ކުރިން ރައީސް ހާލިދާއި ނިހާދުގެ ނިމުން އަންނަން އެބަ ޖެހެ އެވެ.

ފާތިރު ދެކޮޅަށް ހިނގަ ހިނގާ ހުއްޓެވެ. ރޭވި ގޮތަށް ހުރިހާ ކަމެއް ދިޔަ ނަމަ ރައީސް މިހާރު އޮންނާނީ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ނުވަތަ މަރުވެ، ރިޔާސީ ގަނޑުވަރު ތެރޭގަ އެވެ. ނިހާދު، އޭނާގެ އަންހެނުން ނަސްރާގެ ގޭގަ އެވެ.

އިތުރު މައުލޫމާތެއް ލިބެންޏާ ދެން ލިބޭނީ ނާވިޝް އައިމަ އެވެ. އޭނާ ވީ ނަސްރާގެ ގެ ކައިރީގައި އާދަޔާ ހިލާފު އެއްވެސް ކަމެއް ހިނގައިތޯ ބަލަން ގޮހެވެ. ނާވިޝް ޗެމްބަރަށް ވަނުމުގެ ކުރިން، އޭނާ އާއި ފާތިރާ އެއްވެސް ކަހަލަ ގުޅުމެއް ހިންގޭކަށް ނެތެވެ.

ގޯސްވެގެން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ އަނެއްކާ ހުސޭނުބެ އޭނާއަށް ހެދީ ދޮގެއް ހެއްޔެވެ؟ ހުސޭނުބެ އާއި ނިހާދާއި ރައީސް ހާލިދު އެކުވެގެން އޭނާއާ ދެކޮޅަށް ކަމެއް ރާވަނީ ހެއްޔެވެ؟ މިއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނެތެވެ. ހަމައެކަނި އިތުރު މައުލޫމާތެއް ލިބެން އޮތީ ނާވިޝް އާއި ޒަވީން މެދުވެރިވެގެންނެވެ. ފުލުހުންގެ ސިއްރުތައް ހޯދަނީ އެ މީހުންނެވެ.

އެކަމަކު ހަގީގަތުގައި ކަންތައް ވެގެން މި އުޅެނީ މުޅިން އެހެން ގޮތަކަށެވެ. ހެނދުނު ރައީސް ހާލިދަށް ހޭލެވުނީ ސެކިއުރިޓީން ކޮޓަރިއަށް ވަދެ ގޮވުމުންނެވެ. އެހާ ފުންކޮށް ދުވަހަކު ވެސް އޭނާއަކަށް ނުނިދެ އެވެ. ފެންވަރައިގެން ނުކުތް އިރު ވެސް، ހިރުވުމުގެ އިހުސާސްތައް ހުއްޓެވެ. އެކަމާ މެދު ވިސްނުމަށް ވުރެ ބޮޑަށް ރައީސް އުޅެގަތީ ނިހާދާ ގުޅޭތޯ އެވެ. އެކަމެއް ނުވި އެވެ. ނަސްރާ ލަންޑަނަށް ފުރީއްސުރެ ނިހާދު އުޅެމުން އަންނަނީ އެކަނިމާއެކަނިކަން ރައީސަށް އެނގެ އެވެ.

ނިހާދު ހޯދަން ރައީސް ފޮނުވީ އެންމެ އިތުބާރުކުރާ ބޮޑީގާޑެވެ. އިސްކޮޅުން ދިގު، ވަރުގަދަ އެ ހާއްސަ ސިފައިންގެ މީހާ ދިޔައީ އިތުރު ދެ ބޮޑީގާޑަކު ވެސް ގޮވައިގެންނެވެ. ދޮރުގެ ބޭރު ރަނގަބީލް އެތައް ފަހަރަކު ޖެހުމުން ވެސް ޖަވާބެއް ނުލިބުނެވެ. ދެން ބަލާކަށް ނުހުރެ، ކޮނޑުން ކުޑަ ގޮތަކަށް ޖެހިޖެހީނުން، ދޮރުފަތް ފުނޑާލައި، އެތެރެއަށް ވަނެވެ. އަނެއް ދެ މީހުން ތިބީ ބޭރު ދޮރުން އެތެރޭގައި މަޑުކޮށްލައިގެންނެވެ.

އޭނާ ގޭ ތެރެއަށް ވަދެ، ބޮޑު ސިޓިން ރޫމަށް ނަޒަރު ހުއްޓާލި އެވެ. ލޮލުގައި އަޅައިގަތީ، ދޮރު ހުޅުވާފައި ހުރި ކޮޓަރި އެވެ. ބާރަށް ހިނގާފައި ގޮސް ހުއްޓުނެވެ. އެއްވެސް މީހަކު ނެތެވެ. އޭނާ މަޑުމަޑުން ކޮޓަރި ތެރެއަށް ވަނެވެ. ލޮލުގައި އަޅައިގަތީ، އެނދު ކައިރީގައި ހުރި ލޭތަކެވެ. އެތަނަށް ހުއްޓި ގުދުވެ ބަލައިލި އެވެ. އެއީ ވަޅިއެއް ހެރިގެން ނުވަތަ އެފަދަ ބޮޑު ޒަހަމަކުން ފައިބާނެ ފަދަ ގޮތަކަށް އެޅިފައި ހުރި ލެ އެވެ. ދެން އޭނާ ބަލައިލީ، ފާހާނާއާ ދިމާއަށެވެ. އެތަން ހުރީ ހުޅުވައިފަ އެވެ. އޭނާ މަޑުމަޑުން އެ ހިސާބަށް ދިޔަ އެވެ.

ނިހާދަށް އެތައް ފަހަރަކު ގޮވާލި އެވެ. ގޭގެ އެހެން ކޮޓަރިތައް ބެލި އިރު ވެސް އިންސާނެއްގެ ހިލަމެއް ނެތެވެ. ގޭގެ އެހެން އެއްވެސް ހިސާބަކުން ލޭގެ އަސަރެއް ވެސް ނުފެނުނެވެ. ނިހާދު ޒަހަމްވެގެން ހިނގާފައި ނުކުތް ނަމަ ކޮންމެވެސް ވަރަކަށް ލޭ ތިކިތައް ހުރީސްކަން، ރައީސްގެ ބޮޑީގާޑަށް އެނގުނެވެ. އޭނާއަށް ހަމައެކަނި ފެނުނީ، ބޭރު މޭޒު މަތީގައި އޮތް ނިހާދުގެ ފޯނެވެ. އެ ފޯނު އޭނާ ނެގި އެވެ.

ރައީސަށް ގުޅާފައި ބުނީ، ނިހާދު ފެންނަން ނެތް ކަމާއި ނަމަވެސް އޭނާގެ ފޯނު އެބަ އޮތް ކަމަށެވެ. ދެން ރައީސްގެ އަމުރަށް އެ ފޯނު ހިފައިގެން ބޮޑީގާޑު އެ ގެއިން ނުކުމެ، ގަނޑުވަރަށް ދިޔަ އެވެ.

ރައީސްގެ ހާއްސަ ސެކިއުރިޓީންގެ ހަރަކާތްތައް ބަލަން، ތަންކޮޅެއް ދުރުގައި ނާވިޝް ހުއްޓެވެ. ކަމެއް ގޯސްވެއްޖެ ކަން އޭނާއަށް އެނގުނެވެ. އެކަމަކު އެ ގެ ކައިރިއަށް ގޮސް، އެ ސީނުގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނުވި އެވެ. އެހެންކަމުން ސެކިއުރިޓީންގެ ކާރު ނައްޓާލުމުން، އޭނާ ވެސް އެ ހިސާބުން ދުރަށް ދިޔައީ އެވެ.

ޗެމްބަރަށް ނާވިޝް ވަދެ، ހުއްޓުނު ގޮތުން، ހުރިހާ ކަމެއް ވެސް ފާތިރަށް އިހުސާސްކުރެވުނެވެ.

"ނިހާދު ހިއެއް ނުވޭ ގޭގައި އުޅޭހެނެއް. އެއްކަލަ އަހަރެމެން ވެސް އަޅައިގަންނަ ބިޔަ ބޮޑީގާޑު ނިހާދުގެ ގެއަށް ވަނީ ދޮރު ހަލާކުކޮށްލައިގެން. ރަނގަބީލު ޖަހަޖަހާ ނުހުޅުވީ. އެތެރޭގައި މާ ގިނަ އިރެއް ވެސް ނުވޭ. ފަހަރެއްގައި ރައީސަށް ދިމާވި ކަމަކުން ޝައްކުވެގެން ނިހާދު ހޯދަނީ ކަމަށް ވެދާނެ. އެކަމަކު ފުލުހުންނެއް ނެތް،" ނާވިޝް ބުންޏެވެ.

"ކަމެއް ސިއްރުކުރަނީ ކަމަށް ވެދާނެ. ހިނގާ އިހަށް މަޑުކޮށްލަމާ. އެ އެންމެން ގުޅިގެން ކަމެއް ރާވަނީ ކަމަށް ވެސް ވެދާނެދޯ،" ފާތިރު ބުންޏެވެ.

"އެކަމަކު ހާދަ ބޮޑު އޮޕަރޭޝަނެކޭ މި ނާކާމިޔާބުވަނީ،" ނާވިޝްއަށް ކޮންމެވެސް ވަރެއްގެ މޮޅުވެރިކަމެއް އިހުސާސްވެގެން ބުނެވުނެވެ.

"ނާކާމިޔާބަކީ ފިލާވަޅެއް. އަދި މާޔޫސްނުވޭ. ފަހަރެއްގައި ނިހާދު އެހެން ތަނެއްގައި މަރުވެފައި ވެސް އޮވެދާނެ. މިއަދު ކޮންމެވެސް ކަމެއް އެނގޭނެކަން ޔަގީން،" ޗެމްބަރުގެ ވަކިން ހުރި ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ފާތިރު ބުންޏެވެ.

ފުރަތަމަ ހަބަރު ފެނުނީ، އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. "މިނިސްޓަރު ނިހާދު ގެއްލިގެން ހޯދަން ފަށައިފި،" މިއީ އެ ސުރުހީ އެވެ. އެއާ އެކު ރާއްޖޭގެ ހުރިހާ މީޑިއާގެ ސަމާލުކަން، މަޝްހޫރު ޒުވާން މިނިސްޓަރުގެ ވާހަކަތަކުން ފުރުނެވެ. އޭގެ ފަހުން މަޑުމަޑުން ކަންކަން ހާމަވަމުން އަ އެވެ. ނިހާދުގެ ކޮޓަރީގައި ލޭ ހުރި ކަމެވެ. އޭނާ އެންމެ ފަހުން ބައްދަލުކުރީ ރައީސް ހާލިދާ ކަމެވެ.

"މިއީ ގޯހެއް،" ފާތިރަށް ބުނެވުނެވެ.

"ކިހިނެއްބާ އަނެއްކާ މި ވީ؟" ނާވިޝްއަށް އެހުނެވެ.

"ރައީސަށް އެއްވެސް ކަމެއް ވީ ވައްތަރެއް ވެސް ނުޖަހާ. ނާވިޝް އާއި ޒަވީންގެ އަތުގައި މިހާރު ބޯޅަ އޮތީ. މަސައްކަތް ފަށާ. މިކަން އަވަހަށް ބަލަން ޖެހޭނެ،" ފާތިރު ބުންޏެވެ.

"އެ ހުސޭނަކާ ގުޅޭތޯ ވެސް ފާތިރު ބަލަންވީނު. އޭނާގެ ރޭވުމަކަށް ވެސް ވެދާނެ،" ނާވިޝް ބުންޏެވެ.

"ލަންޑަނަށް ދެވޭހާ އިރުކޮށްފައި ގުޅާނަން،" ފާތިރު ބުންޏެވެ.

ދެ މީހުން އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ހިމޭންކަމުގައި ތިބެވުނެވެ. މިއީ އެ މީހުންގެ ހިތަށް ވެސް އެރި ކަމެއް ނޫނެވެ.

"ނިހާދުގެ ކޮޓަރީގައި ލޭ ހުންނާނީ ކޮންމެވެސް ކަމެއް ވެގެން. އޭނާ ފިލައިގެން އެ އުޅެނީ. އެކަމަކު ހިއެއްނުވޭ މާ ގިނަ އިރު ވާނެހެންނެއް. ކޮންމެވެސް ތަނެއްގައި މަރުވެފައި ވެސް އޮވެދާނެ،" ފާތިރު ބުންޏެވެ.

"އެހެން ވިއްޔާ ހާލިދަށް ކަމެއް ނުވާންވީ ކީއްވެ؟ ތާސްބައި ހުޅުވަން އޮތީ ހާލިދެއް ނޫންތަ؟" ނާވިޝް ބުންޏެވެ.

"ހުސޭނުބޭ ބުނި ރައީސްގެ އަތާއި ތުންފަތް ހިރުވާ ވާހަކަ އޭނާ ކައިރީ ބުނި ކަމަށް. އޭނާ ބުނި ތާސްބައިގައި އަތް ކޭއްތި ވާހަކަ ވެސް. އެހެންވީމާ އޭގެ އަސަރު ނުކޮށެއް ނުހުންނާނެ. ފުރަތަމަ ހިރުވާނީ. އެއީ ގުނަވަންތައް ފޭލްވުމުގެ ފުރަތަމަ އަލާމާތް،" ފާތިރު ތަފްސީލެއް ދިނެވެ.

"ހިނގާ ވިސްނަމާ އެހެން ދިމާލަކަށް މިކަން އެނބުރިއްޖެ ކަމަށް. މަށަށް ފެންނަނީ އަހަރެމެން ގެއިން ބޭރަށް ނުނިކުމެ، ދުވަސްކޮޅަކު އުޅެން. މަ މިދަނީ. ފާތިރު ވެސް ބޭރަށް ނުދާތި،" ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ނާވިޝް ނަސޭހަތް ދިނެވެ.

އޭނާ އެ ޗެމްބަރުން ނުކުންނަން ހިނގައިގަތެވެ. އެކަމަކު ފާތިރު މޭޒު ކައިރީގައި އިށީނދެ އިނީ އެވެ.

ހިތުގައި އޮތީ ހުސް ސުވާލެވެ. އޭނާއަށް ގަބޫލުކުރަން ވެސް ދައްޗެވެ. ނުލާހިކު މޮޅަށް ރޭވި ކަމެކެވެ. އެ މީހުން ބޭނުންވި ހިސާބަށް ހުރިހާ ކަމެއް ވެސް ގެންދިޔަ އެވެ. އެކަމަކު ފާތިރަށް ކޮންމެވެސް ވަރަކަށް އެއްބަސްވެވުނެވެ: ރައީސް ހާލިދުގެ ސިއްރުވެރި ކަންތައްތަކެއް އެބަ ހުއްޓެވެ. އޭނާއަށް ވެސް އަދި އޭނާގެ ދެ ބައިވެރިންނަށް ވެސް ނޭނގޭ ސިއްރުތަކެކެވެ. ފުލުހުންގެ ޖާސޫސުންނަށް ވެސް ނޭނގޭ ސިއްރުތަކެކެވެ.

އާއެނކެވެ. އެންމެ ނުބައި މީހާގެ ދުވަސް ދުއްވާލަން އެންމެ ރޭވުމެއް ނުފުދެ އެވެ. އެހެންކަމުން ފާތިރަށް، އެވަގުތު ނިންމުނީ، އޭނާގެ އެ ވަރުގަދަ ރޭވުން ނާކާމިޔާބު ވެއްޖެ ކަމެވެ. ފުރަތަމަ ފަހަރަށް އެމީހުންނަށް ގޯސް ފިޔަވަޅެއް އެޅިއްޖެ ކަމެވެ.

އޭނާ ގަޑިއަށް ބަލައިލި އެވެ. އެމިރޭޓްސްގެ ފްލައިޓް އަދި ލަންޑަނަކަށް ނުދާނެ އެވެ. އޭނާގެ އަތުގައި ހުސޭނުބޭގެ ނަންބަރު އެބަ އޮތެވެ. އޭނާގެ ސެޓެލައިޓް ފޯނު ރައްކާތެރި އެވެ. އެންމެ އަވަހަށް ވެސް ދެން މައުލޫމާތެއް ލިބެން އޮތީ، ހުސޭނުބެއާ ހިސާބުންނެވެ. އަދިވެސް އޭނާގެ ހިތުގައި ހުސޭނުބެއާ މެދު އެހާ ބޮޑު ޝައްކެއް ނުއުފެދެ އެވެ.

ސާރާ އެ އޮތީ މާލޭގަ އެވެ. ރައީސްގެ ފުރާނައަށް ވުރެ ހުސޭނުބެއަށް މުހިންމުވާނީ ދަރިފުޅުކަން ފާތިރަށް ޔަގީނެވެ. އެހެންކަމުން އެ ކޯލަށް އޭނާ އިންތިޒާރުކުރަން ފެށި އެވެ.

(ދިހަ ވަނަ ބައި، ޖޫން 22، 2020، ހޯމަދުވަހު)