ސުޝާންތުގެ ހަޔާތުގެ ވާހަކަ ފިލްމަކަށް!

މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އަމިއްލަ އަށް މަރުވި ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ހަޔާތާ ބެހޭ ފިލްމެއް ހަދަން ނިންމައި، އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.


މި ފިލްމަށް ދީފައިވާ ނަމަކީ "ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" އެވެ. ފިލްމުގެ ޕޯސްޓަރު ބުނާގޮތުން މި ފިލްމު ޕްރެޒެންޓްކޮށްދޭނީ ވީއެސްޖީ ބިންޖުންނެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކީ ކުރިން ޒީ ނެޓްވޯކްގައި މަސައްކަތްކުރި ޝަމިކް މޯލިކެވެ.

ފިލްމުގެ ސްކްރީންޕްލޭ ރާކޭޝް ކުމާރު ލިޔާ އިރު، ޕްރޮޑިއުސަރަކީ ވިޖޭ ޝޭކަރް ގުޕްތާ އެވެ.

ގުޕްތާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނިގޮތުގައި ބޮލީވުޑްގައި އެންމެ ހުނަވެރި ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނުނު ސުޝާންތަށް ބިނާކޮށް ހަދާ "ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" ގައި ބޮލީވުޑްގެ އަނދިރި ފަރާތް ދައްކުވައިދޭނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ 34 އަހަރުގައި މަރުވި އެކްޓަރާ ބެހޭ ގޮތުން ފިލްމެއް ހަދަން ނިންމި ނަމަވެސް، އޭނާގެ އާއިލާ އިން އެކަމަށް ހުއްދަ ހޯދިކަމެއް އަދި ކަށަވަރުނުވާ ކަމަށެވެ.

ސުޝާންތުގެ ކުއްލި މަރާ އެކު، އޭނާ ނިސްބަތްވާ ބިހާރު ސްޓޭޓްގެ ޕަޓްނާގައި މިހާރު ދަނީ ބޮލީވުޑްގެ ނުފޫޒު ގަދަ ބައެއް ފަންނާނުންނާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. ގިނަ ބަޔަކު ވަނީ ސުޝާންތުގެ މަރުގެ ޒިންމާ ބޮލީވުޑުން ނަގަން ޖެހޭނެ ކަމަށް ވެސް ބުނަމުންނެވެ. ސަބަބަކީ އޭނާ ޑިޕްރެޝަންގެ ތެރެއަށް ގޮސް، އެހީވާނެ ބަޔަކު ނެތި އަމިއްލަ އަށް ފުރާނަ ދުއްވައިލަން ޖެހުމެވެ. އަދި މިކަމާ ގުޅިގެން ބޮލީވުޑްގެ ނުފޫޒު ގަދަ ފަންނާނުންނާއި ޕްރޮޑަކްޝަން ހައުސްތަކާ ދެކޮޅަށް މިހާރު އަންނަނީ ޗޭންޖް.އޯގްގައި ޕެޓިޝަނެއް ހަދައި ސޮއިކުރަމުންނެވެ.

ސުޝާންތުގެ މަރާ އެކު ބޮލީވުޑްގައި ވަނީ މެންޓަލް ހެލްތާއި ނެފޮޓިޒަމްގެ ބަހުސް ވެސް ވަރަށް ބޮޑަށް ހޫނުވެފަ އެވެ.