ވާހަކަ ސިލްސިލާ: ދިހައެއް: ހަމަ އެންމެ ކަމަކަށް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

(ޖޫން 23، 2020، އަންގާރަދުވަހުގެ ބަޔާ ގުޅޭ)


ޔޫނުސް ގޮސް އަވަހަށް ތިރިވެ، ދެ ކަކޫ ޖައްސާލައި، ރައީސްގެ ބުރަކަށީގެ ދަށަށް އަތް ކޮއްޕާލި އެވެ.

"ދަރިފުޅާ...." އެވަގުތު ރައީސް ހާލިދަށް މަޑުމަޑުން ބުނެވުނެވެ. އޭރު އޭނާގެ އެންމެ ފަހު ނަޒަރު ހުއްޓިފައި ހުރީ ޔޫނުސްގެ މޫނަށެވެ.

ގަޑިން ރޭގަނޑު ދިހަގަޑި ދިހައެކެވެ. ރައީސް ހާލިދުގެ ފަހު ނޭވާ، އޭނާގެ ދަރިފުޅުގެ އަތް މައްޗަށް ދޫކޮށްލި އެވެ.

އެކަމަކު އެ ކުއްލި އަދި މުޅި ގައުމަށް ހުއްޓުން ގެނައި ނިމުން އަސްލު ފެށުނީ، ހއ. ފިއްލަދޫގައި ހުރި އެ ކުޑަކުޑަ ގެއިންނެވެ. އެގޭ ދޮރުން އެތެރެއަށް އެޅި ފިޔަވަޅާ އެކު، ރައީސް ހާލިދުގެ ފަހު ވަގުތުކޮޅުގެ ކަށި ހިނގަން ފަށައިފި އެވެ.

ހުރިހާ ސެކުއިރިޓީން ސްޓޭޖްގެ ކުރިމަތީގައި އެތުރި، އެއްވެސް މީހަކަށް ރައީސް ކައިރިއަށް ނުދެވޭ ގޮތަށް ތަން ބަންދުކުރި އެވެ. ރައީސްގެ ސިއްހީ ކުއްލި އެމަޖެންސީއަށް ހާޒިރުވެ ހުރި ހާއްސަ ޑޮކްޓަރު ގޮސް ރައީސްގެ ވިންދު ބަލައިލި އެވެ. ދެން އޭނާއަށް ދޫކޮށްލެވުނީ މާޔޫސްކަމުގެ ނޭވާއެކެވެ. އެކަމަކު ޑޮކްޓަރުގެ އެ ނިންމުން ގަބޫލުކުރާކަށް ޔޫނުސް ބޭނުމެއް ނުވި އެވެ. ރައީސްގެ ހަށިގަނޑު އޭނާގެ އަތްދަނޑި މައްޗަށް ލައި، ދުއްވައިގަތީ، ކުރިމަތީގައި އޮތް އެމްބިއުލެންސާ ދިމާއަށެވެ.

އެންމެ ފަސްވަރަކަށް މިނިޓް ތެރޭގައި ހިނގި ކުއްލި އެ ހާދިސާއާ އެކު، ރައީސްގެ އެތައް ހާސް ސަޕޯޓަރުން ތިބީ ހުއްޓުން އަރައިފަ އެވެ. އެއް ބަޔަކު ރޮނީ އެވެ. ގިނަ އަންހެނުންގެ އަނގަ މަތީގައި، ބޭއިހުތިޔާރުގައި އަތް އެޅިފަ އެވެ. ބައެއް ފިރިހެނުން ރުޅިވެރިކަމާ އެކު، އިދިކޮޅުގެ ސުންޕާއެއް ކަމަށް ގޮވަމުން ދިޔަ އެވެ.

އެމްބިއުލެންސްގެ އެނދުގައި ރައީސްގެ ހަށިގަނޑު ބާއްވާލައިގެން، ކައިރީގައި ޔޫނުސް އިނެވެ. އޭނާއާ ޖެހިގެން ޑޮކްޓަރެވެ.

"ދަރިފުޅާ...." ރައީސް ގޮވާލި އެ ގޮވާލުން، ޔޫނުސްގެ ސިކުނޑީގައި އަޑުހިއްޕާލާފައި ހުއްޓެވެ. އެއީ އޭނާގެ މުޅި ހަޔާތުގައި ވެސް، ބައްޕައެއްގެ ހައިސިއްޔަތުން ދަރިފުޅާއޭ ކިޔާފައި މީހަކު ގޮވާލި ފުރަތަމަ ފަހަރެވެ. އަދި އެއީ ރާއްޖޭގެ ރައީސް އެވެ.

ކަރުނަ ހިފަހައްޓަން އޭނާ އުޅުނެވެ. އެކަމަކު ބައްޕަ އާއި ދަރިފުޅަށް، އެކަކު އަނެކަކަށް އަނގައިން ބުނާނެ ފުރުސަތު ވެސް ނުލިބި ހުއްޓާ، ހަމަ ކުއްލިއަކަށް، އަދި ރާއްޖޭގެ އެތައް ލައްކަ ބަޔަކު ވަގުތުން ޓީވީން ބަލަމުން ދިޔަ ހަފުލާއެއްގައި، ބައްޕަ އެ އޮތީ މަރުވެފަ އެވެ. މިއީ ސިހުރުވެރިޔާ ހަސަން ތައްހާނުގެ ނަސޭހަތަށް ފިއްލަދުއަށް ގޮސް އޭނާގެ ބައްޕަ އަމިއްލައަށް ލިބިގަތް ދެރައެއްކަން ގަބޫލުކުރި އެވެ. އެ ގޭގެ ދޮރުމަތީގައި އޭނާ ހުރި އިރު، ހާސްވުން ބޮޑުވި އެވެ. ބައްޕަ އާއި އެ މުސްކުޅި ދައިތަގެ ދެމެދުގައި ހިނގި ކަމެއް ވިއްޔާ ބަލަން ދާން އުޅުނެވެ. އެކަމަކު ބައްޕަ ވެސް އަދި އޭނާ ހަރަކާތްތައް ހުއްޓުވަން ހުރި ބިޔަ ފިރިހެނާ ވެސް އެ ފުރުސަތެއް ނުދިނެވެ.

މޫނު ފޮހެން އޭނާގެ ޖީބުގައި އަބަދުވެސް އޮންނަ ޓިޝޫތަކުން ޓިޝޫއެއް ނަގައި، ލޯ ފޮހެލި އެވެ. އެވަގުތު އަނެއް ޖީބުގައި، ބައްޕަ ދިން ސިޓީ އުރަ އޮތްކަމުގެ އިހުސާސްކުރެވުނެވެ. އޭނާ އެ ނަގަން އުޅުނެވެ. އެކަމަކު ޑޮކްޓަރު ކައިރީގައި އިނުމާއި، މިއީ އަދި އެ ވަގުތު ނޫންކަން ވިސްނުމުން، ހަމަޖެހިލީ އެވެ.

މުޅި ހޮސްޕިޓަލް އޮތި އެލާޓްގަ އެވެ. އިމަޖެންސީ ބަޔަށް އެމްބިއުލެންސް ކައިރިކުރި އިރު، އެތައް ޑޮކްޓަރުންނަކާއި ނަރުހުން ތިބީ ތައްޔާރުވެގެންނެވެ.

އެކަމަކު ކިތައްމެ ވަރަކަށް ޓެސްޓްތައް ހެދިޔަސް، އަދި އިތުރަށް ޔަގީންކުރަން އުޅުނަސް، ރައީސް ހާލިދު އެނބުރި ދުނިޔެއަކަށް ނާންނާނެ އެވެ. އޭނާ އޮތީ މަރުވެފަ އެވެ.

---

މަޑުމަޑުން ގޮސް އެ ކުޑަކުޑަ ގޭގެ ދޮރުމައްޗަށް ހުއްޓުނެވެ. އެތެރެއަށް ބަލައިލި އެވެ. ދޮރާ ޖެހިގެން، އަރިމަތީގައި ހުރި އަށިމަތީ އެމީހާ އޮތެވެ. ފުޅިބައްތީގެ އަލިން ގޭތެރެ އަލިވެފައި ހުއްޓެވެ. މިއީ ހަސަން ތައްހާނު އޭނާ ކައިރީގައި ބުނި ސިއްރެވެ. މިއީ ނަލަ އިބްރާހިމްގެ ކިބައިން އޭނާ އެދުނު އެންމެ ބޮޑު އެއް އެދުމެވެ. މިހާރު އޭނާ އެ އަޅަނީ، އެ އަޖައިބެއް ކަހަލަ އިލްމުވެރިޔާ އޮތް، ކުޑަކުޑަ ގޭތެރެއަށް ފުރަތަމަ ފިޔަވަޅެވެ.

ބިސްމިން ކިޔާލުމަށް ފަހު ރައީސް ހާލިދު، އެ ގޭގެ އޮޅިގަނޑު ހުރަސްކޮށްލި އެވެ. އެންމެ ހަތަރު ފިޔަވަޅެވެ. އޭނާއަށް ހުރެވުނީ، ރީތިކޮށް އޮށޯވެލައިގެން، އަމާންކަމުގައި، އޮތް ދަލޭކަދައިތަގެ ހަމަ ކައިރީގަ އެވެ. ދޮން، ރީތި މޫނެކެވެ. ދެ ލޯ މަރާލައިގެންނެވެ. ހީވަނީ ދުނިޔޭގެ ހުރިހާ ކަމެއް ފުރިހަމަވެ، އެއްވެސް ޝަކުވާއެއް ނެތުމުގެ އުފާވެރިކަން ހެންނެވެ. އުމުރުން ނުވަދިހަ އަހަރުގައި ވެސް، އެއަށް ވުރެ މާ ޒުވާންކަމަށް އެ ފެންނަނީ، ވަށައިގެން ވެސް ހިތްހަމަޖެހުން ލިބޭތީ އެވެ. ގެ ކިތައްމެ ފަގީރަސް، އަދި ފުޅިބައްތީގެ އަލިކަމުގެ ތެރޭގައި ރޭގަނޑު ހޭދަކުރިޔަސް، އެދައިތައަށް ދުނިޔެ މާ ފުރިހަމަ އެވެ.

އެކަމަކު ރާއްޖޭގެ ރައީސް އެ ގެއަށް ވަދެ އެ ހުރީ އަދިވެސް ހިތް ނުފުރިގެންނެވެ. ކޮންމެ ފަދަ ހާލެއްގައި ވިޔަސް، ދެން ވެސް ބާރު ދަމަހައްޓާށެވެ. ދޮގާއި މަކަރެވެ. އަނިޔާ އާއި ލޭ އޮހޮރުވުމެވެ. ފަސާދަ އާއި ހިޔާނާތެވެ.

ދަލޭކަދައިތަގެ މޫނަށް ބަލަހައްޓައިގެން ރައީސް ހާލިދު މަޑުމަޑުން ހުރީ އެވެ. ގޮވާލުމުގެ ކުރިން، ނުވަތަ އޭނާގެ ފަރާތުން އެއްވެސް އިރުޝާދެއް އައުމުގެ ކުރިން، އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. އިށީނދެވޭކަށް ނެތެވެ. ފަރާތަކަށް ބަލައިލެވޭކަށް ނެތެވެ. އެކަމަކު އެއީ ރާއްޖޭގެ ރައީސެވެ.

"ކޮއްކޯ، ހައްވާ، ފެން ތަށި ހިފައިގެން އާދޭ،" ލޯ ހުޅުވާލުމެއް ނެތި، ހަމަ އެ ގޮތަށް އޮވެ، ދަލޭކަދައިތަ ބުންޏެވެ.

ރައީސް ހާލިދު ދިޔައީ ސިއްސައިގެންނެވެ. އެކަމަކު ވިސްނާކަށް ވަގުތެއް ނުލިބުނެވެ. އޭނާއަށް ފެނުނީ، ގޭގެ އަނެއް ކޮޓަރިން، އޭގެ ކުރިން އޭނާ ނުދެކޭހާ ރީތި އަންހެނަކު، ދަގަނޑު ތައްޓެއް ހިފައިގެން، މަޑުމަޑުން އައި ތަނެވެ. ހާލިދުގެ ނަޒަރު، ހައްވަގެ މޫނަށެވެ. ހައްވަ، ކިޔަމަންތެރިކަމާ އެކު އައިސް ރައީސް ކައިރިއަށް ހުއްޓުނެވެ. އެކަމަކު އޭނާގެ ނަޒަރު ތިރިއަށެވެ.

"ހާލިދު، ތި ފެން ތަށި ބޯލާފައި، އެ މަންޖެގެ އަތަށް ތަށި ދީ،!" ދަލޭކަދައިތަ ބުނި އަޑު އިވުނެވެ.

ހައްވަގެ އަތުން ތަށި މަޑުމަޑުން އަތުލައި، އެއްފަހަރާ ބޯލި އެވެ. ދެން އެ ތަށި އަނބުރާ ދިނެވެ. އެއްވެސް ގޮތަކަށް ރައީސް ހާލިދާ ދިމާއަށް ބަލައިލުމެއް ނެތި، ހައްވަ ގޮސް ވަނީ، އޭނާ ނުކުތް ކޮޓަރިއަށެވެ.

"ދެން އިށީނދޭ!" ދަލޭކަދައިތަ ބުންޏެވެ.

ކުރިމަތީގައި ހުރި ގޮނޑީގައި ރައީސް އިށީނެވެ. ލޯ މަރާލައިގެން އޮވެ ދަލޭކަދައިތަގެ އަތުން ރައީސްގެ އަތުގައި ހިފި އެވެ. ދެން އަތްތިލައަށް، މަޑުމަޑުން ބާރުކޮށްލި އެވެ. ރައީސް ހާލިދުގެ ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔަ އެވެ. މިވަނީ ކީއްހޭ، އަމިއްލަ ހިތާ ސުވާލުކުރެވުނެވެ.

ދަލޭކަދައިތަ އޮތީ އެވެ. ވިސްނަމުންދަނީ އެވެ. އޭނާގެ ހިޔާލީ ލޯ، ނިމި ގޮސްފައި ހުރި ހާދިސާތަކެއްގެ ތެރެއަށް ވަންނަނީ އެވެ. އޭނާގެ ކުރިމަތީގައި އެ މަންޒަރުތައް ހުޅުވެމުން، ސާފުވަމުން ދެ އެވެ.

"އަހަންނަށް އެބަ ފެނޭ ބަޔަކު ގޮސް ދުވެދުވެ ހުރި މީހެއްގެ ގަޔަށް ވަޅި ހަރާތަން. އޭނާ ގޮވަނީ ތިހެން ނުހަދާށޭ، ތިހެން ނުހަދާށޭ، ކަލޭމެން ބޭނުން އެއްޗެއް ދީފާނަމޭ. އެ މީހުން ގޮވަނީ ކަލޭ އަތުން އެއްޗެއް ބޭނުމެއް ނޫނޭ، ރައީސަށް ކަލޭ ކޮން ޖެއްސުމެއް ކުރާކަށްހޭ...." ދަލޭކަދައިތަ ވާހަކަ ދައްކަން ފެށި އެވެ.

ގެއަށް ވަދެ އެޅި ފުރަތަމަ ފިޔަވަޅާ އެކު ބަސް ހުއްޓިފައި ހުރި ރައީސް ހާލިދުގެ ސިކުނޑި ކުއްލިއަކަށް މާޒީގެ ތެރެއަށް ވަދެގަތެވެ. ލިބުނު ހައިރާންކަން، ވާނުވާއެއް ނޭނގޭ މާހައުލަކަށް އޭނާ ވައްޓާލި އެވެ.

"އެއީ ހާލިދު ބުނެގެން އޮހޮރުވާލި ފުރަތަމަ ލޭ. ސިޔާސީ ލެއެއް. އެކަމަކު އަދިއަދަށް ދާންދެން ވެސް، އެ މަރުގެ ހަގީގަތެއް އެހެން ބަޔަކަށް ނޭނގޭ. ހޯދިޔަކަ ނުވެސް ދޭ،" ދަލޭކަދައިތަގެ މޫނުމަތިން ކުރިން ފެންނަން ހުރި ހަމަޖެހުމާއި އަމާންކަމުގެ އަސަރުތައް ކެނޑި ހިތާމަވެރިކަން ދައްކާލި އެވެ.

ރައީސް ހާލިދުގެ މާޒީން އެ ސަފުހާ ފެނުނެވެ. އެއީ އޭރުގެ އިދިކޮޅުން އޭނާއަށް އެންމެ ބޮޑަށް، އެންމެ ކެރިގެން ފާޑުކިޔަމުން ދިޔަ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރެވެ. މަރާލާފައި އޮއްވާ ފެނުނީ، އޭނާ ނިސްބަތްވާ ދާއިރާގެ ރަށަކަށް ގޮސް އުޅެނިކޮށް، ވަލުތެރެއިންނެވެ. ރޭގަނޑު އޭނާ ވަލަށް ވަން ގޮތެއް، އެތަނަށް އޭނާ ގެންދިޔަ ބައެއް، މަރާލި ބައެއް، އެނގޭ ވަރެއް ނުވި އެވެ.

ދަލޭކަދައިތަ އަނެއްކާވެސް ވާހަކަ ދައްކަން ފެށި އެވެ.

"އަހަންނަށް އެބަ ފެނޭ ދިހަ ބުރީގެ ގެއެއް. އެންމެ މަތީ ބުރީގެ ކޮޓަރިއެއް. އެތެރޭގައި ހުރި ފިރިހެނެއްގެ އަނގަ މަތީގައި އެހެން މީހަކު ހުރީ އަތް އަޅައިގެން. އެހެން މީހަކު އޭނާގެ ދެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާލައިގެން، ތިން ވަނަ މީހާ އޭނާގެ ފައި ބިމުން ނައްޓާލި. ތިން މީހުން ވެގެން އޭނާ ގެންގޮސް، ހުޅުވާފައި ހުރި ކުޑަދޮރުން ބޭރަށް އެ އެއްލައިލީ."

އެއީ ރައީސް ހާލިދު ރޭވި ދެ ވަނަ މަރެވެ. ދަލޭކަދައިތަގެ ވާހަކާގައި އެއްވެސް އޮޅުވާލުމެއް، ދޮގެއް ނެތެވެ. އަޖައިބެކެވެ. ހަސަން ތައްހާނުގެ ވާހަކަ ސީދަލެވެ. މިއީ އިލްމުވެރިކަމުގެ އަދި ނުފެންނަ ބައެކެވެ. އޭނާއަށް މީގެ ކުރިން ދުވަހަކު ވެސް އެނގުނު ހަގީގަތެއް ވެސް ނޫނެވެ.

ރައީސް ހާލިދުގެ ގައިން ދާހިއްލަން ފެށި އެވެ. އޭނާގެ ބޮލުން ދާތައް ގިނަވެގެން، ނިތްކުރިމަތިންނާއި ކަންފަތް ކައިރިން ފައިބަނީ އެވެ. ހިތް ހީވަނީ އޭގެ ޖާގައިގައި އޮންނަން ބޭނުންނުވާ ހެންނެވެ. ތެޅެމުން، ފޮޅެމުން ދެ އެވެ.

ދިހަ ބުރީގެ މަތިން ބޭރަށް އެއްލައިލީ، އަމިއްލަ ޕާޓީން އޭނާއާ ދެކޮޅަށް އަޑިއަޑިން އެންމެ ނުބައި ރޭވުންތައް ރާވަމުން ދިޔަ މީހާ އެވެ. އެކަމަކު އެއީ ރާއްޖޭގެ ވަރަށް ބޮޑު ޑްރަގް ނެޓްވޯކެއްގެ މީހަކަށް ވާތީ، އާންމުންނަށް ހީވީ، މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ ތެރޭގައި އުފެދުނު ޒުވާބެއް، ލޭއޮހޮރުވުމަކަށް ބަދަލުވީ ކަމަށެވެ.

އެކަމަކު އެއީ ސީދާ ރައީސް ހާލިދުގެ ނިންމުމެކެވެ.

"އަހަންނަށް އެބަ ފެނޭ އަންހެނަކަށް ތިން ފިރިހެނަކު އަނިޔާކުރާތަން. އޭނާގެ އަނގަ އޮތީ ބަނދެފައި، އޭނާގެ ދެ އަތް އޮތީ، އެނދުގެ ދެ ފަރާތަށް ލައި އައްސާފައި، އޭނާގެ ދެ ފައި ވެސް އެ އޮތީ ދުރުކޮށްފައި، އައްސާފައި. ތިން މީހުން އޭނާއަށް އެބަ ވަރަށް އަނިޔާކުރޭ. ގޯސް އަނިޔާތައް، ކެތްކުރެވޭ ވަރަށް ވުރެ ގޯސް އަނިޔާތައް،" ދަލޭކަދައިތަގެ އަޑު މަޑުވަމުން ދިޔަ އެވެ. އޮތީ ދެ ލޯ މަރާލައިގެން ކަމަށް ވިޔަސް ކަރުނަ ފޭބިތަން، ރައީސް ހާލިދަށް ފެނުނެވެ.

އެއީ ވެސް ރައީސް ހާލިދު ކުރުވި ކަމެކެވެ. ނަމަވެސް އޭނާ ރޭވީ، އެ އަންހެންމީހާގެ ހަނދާނުން ފޮހެނުލެވޭނެ ކަމެއް ކުރާށެވެ. އެގޮތުން އޭނާގެ އެޕާޓްމަންޓަށް ވަދެ ބިރުދައްކަން ނިންމި އެވެ. ކުޑަކޮށް ގައިގައި އަތްލައި ހަދަން ވެސް، އެންމެ ރަނގަޅު ކަމަށް، ރައީސް ހާލިދު އެންގި އެވެ. އެކަމަކު އަންހެންމީހާ ވީ، އެ ދިޔަ ތިން ޒުވާނުންނަށް ދޫކޮށްލެވޭ ވަރަށް ވުރެ މާ ރީތި މީހަކަށެވެ. އެހެންކަމުން ވަގުތުން ޕްލޭން ބަދަލުކޮށް، ތިން މީހުން ވެގެން ގްރޫޕް ރޭޕަކަށް ދިޔައީ އެވެ.

އެއީ ރައީސް ހާލިދު ނަގަމުން ދިޔަ މިލިއަން މިލިއަން ޑޮލަރުގެ ކަޓުތައް ފަޅާއަރުވާލަން، އެކި ވިޔަފާރިވެރިންނާ ގުޅައިގެން މަސައްކަތްކުރި ހުނަރުވެރި، ބިރުކުޑަ އަންހެން ނޫސްވެރިޔެކެވެ.

ރައީސް ހާލިދުގެ ހިތަށް ވަންނަން ފެށީ ބިރެވެ. އެކަމަކު އެއީ އޭނާގެ ކުރީގެ އާދައެއް ނޫނެވެ. އޭނާއަކީ ކެރޭ މީހެކެވެ. ގޮތްދޫނުކުރާ މީހެކެވެ. ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ކުރަމުން ދާ މީހެކެވެ. ބާރު ހުރި މީހެކެވެ.

އެކަމަކު އެ މުސްކުޅި، ނިކަމެތި އަންހެންމީހާގެ އަތް ފޮޅާލާނެ ހިތްވަރެއް ވެސް ނެތެވެ. ރައީސް ހާލިދުގެ އަނދިރި، އަނިޔާވެރި، ރަހުމެއް ނެތް މާޒީގެ އެންމެ ބޮޑެތި މަންޒަރުތައް އެކިޔައިދެނީ، އެކަންކަން ހަމަ ހިނގި ގޮތަށެވެ.

"އަހަންނަށް އެބަ ފެނޭ ސިލޯނުގައި ހުރި ގެއެއް. އެގެއަށް ފަސް ފިރިހެނުން ވަދެއްޖެ. އެގޭގައި ހުރި ފިރިހެނަކަށް ހަމަލާދީ، އޭނާ ވައްޓާލައި، ކަރަށް ވަޅި އެ ހެރީ. އޭގެ ތެރެއިން އެކަކު ކޮޓަރިއަކަށް ވަދެ، އަންހެނަކު އެ މަރާލީ. އަނެއް ތިން މީހުން، އެހެން ކޮޓަރިއަކަށް ވަދެ...އެ ތިބީ ތިން ކުދިން ނިދާފައި. އެކަމަކު އެ މީހުން އެ ތިން ކުދިންގެ ކަރަށް ވެސް....މާތްރަސްކަލާނކޯ، އެ މަރާލީ...." އެހެން ބުނެވުނު އިރު، ދަލޭކަދައިތައަށް ގިސްލެވެން ފެށުނެވެ.

ދެން ރައީސް ހާލިދުގެ އަތުން ދޫކޮށްލި އެވެ. އޭނާގެ މޫނަށް ބަލަހައްޓައިގެން، ނިކަމެތިކަމާ އެކު، ރައީސް އިނެވެ. އޭނާއަށް ފެންނަނީ ފައިބަމުން ދިޔަ ކަރުނަތަނެވެ. ގިސްލުމުގައި ތުރުތުރު އަޅަމުން ދިޔަ ތުންފަތެވެ.

"ކުޑަ އިރުކޮޅަކަށް ބޭރަށް ނުކުމެލަދީ، އަހަރެން ވުލޫކުރުވަން ވަންނާނެ ބަޔަކު،" ދަލޭކަދައިތަ ބުންޏެވެ.

ބިރާއި ފިކުރާއި ހިޔާލުތަކުގައި ހުރެގެން ރައީސް ހާލިދު ނުކުތެވެ. އެވަގުތު ހަތަރު އަންހެނަކު ގެއަށް ވަނެވެ. ޔޫނުސް އާއި ވީރު މުހައްމަދު، ތަންކޮޅެއް ދުރުގައި ތިއްބެވެ. އޭނާގެ ހާލު ބަލަން ޔޫނުސް އުޅޭނެކަން ޔަގީނެވެ. އެކަމަކު އެ ފުރުސަތު ދޭކަށް އޭނާ ބޭނުމެއް ނުވެ އެވެ. ދަލޭކަދައިތަ އެ ކިޔައިދިނީ މީގެ ކުރިން އޭނާއަށް އެއްވެސް އަސަރެއް ނުކުރި، ހަގީގަތްތަކެވެ. އެކަމަކު ހަށިގަނޑު ތެރޭގައި ފެތުރިފަައި އޮތް އާދަޔާ ހިލާފު ފިނިކަމަކާއި ދަލޭކަދައިތަގެ މަޑުމަޑު އަތްތިލައިން އޭނާގެ އަތް ދުރަށް ޖައްސާލާނެ ހިތްވަރެއް ނުނެރެވުން ފަަދަ، ހާލަތްތައް، އާދަޔާ ހިލާފެވެ. އެއީ އާންމު ދިރިއުޅުމުގެ ޝަރުތުތަކެއް ނޫންކަން ކަށަވަރެވެ.

އޭނާގެ ހިތަށް އަސަރުކުރުމަކީ ވެސް އާންމު ދިރިއުޅުމުގެ ބައެއް ނޫނެވެ. އެކަމަކު އެ ހިތުގައި ރެނދެއް ލައިފި އެވެ. އޭނާއަށް އެކަން ޔަގީނެވެ. އޭނާގެ މާޒީން ގެނެސްދޭ އުނދަގޫ އިހުސާސްތައް، އޭނާ މަޑުމައިތިރިކޮށްލި އެވެ. އެ ހަތަރު އަންހެނުން ނުކުތުމުން، ރައީސް އަލުން އެ ގެއަށް ވަނީ، މީގެ ކުޑައިރުކޮޅެއް ކުރިން އޮޅިގަނޑު ގިރާކޮށްލި އިރު އޮތް ހިތަކައިގެންނެއް ނޫނެވެ.

ބިރެވެ. ސިހުމެވެ. އާދަޔާހިލާފު ފިނިގަނޑެވެ.

ރައީސް ހާލިދު ގޮސް، ދަލޭކަދައިގެ ކައިރީގައި ހުއްޓުނެވެ. ހަމަ އެވަގުތު ދަލޭކަދައިތަ ލޯ ހުޅުވާލި އެވެ. ރައީސް ހާލިދާ ދިމާއަށް، އޭނާގެ ހަރުދަނާ، ފުން ނަޒަރު ފުރަތަމަ ފަހަރަށް ހުއްޓާލި އެވެ.

"ރާއްޖޭގެ ރައީސް ހާލިދު، ގޮނޑީގައި އިށީނދޭ!" ދަލޭކަދައިތަ އެހެން ބުނެލީ އަމުރުވެރި އަޑަކުންނެވެ.

ރައީސް ހާލިދު އިށީނެވެ. ދަލޭކަދައިތައާ ދިމާއަށް ބަލައިލި އެވެ. އޭނާގެ ތިރީ ފުންފަތުގައި ދަތް އަޅައިލެވުނެވެ.

"ދެންމެ އަހަރެން މި ކިޔައިދިނީ ހާލިދުގެ ހަޔާތުގައި ހިނގާފައި ހުރި ކަންކަން. ދޮގެއްތަ؟" ދަލޭކަދައިތަ ސުވާލުކުރި އެވެ.

"ނޫނެކޭ" ބުނާކަށް ރައީސްގެ ސިކުނޑި ތަނެއް ނުދިނެވެ. އެކަމަކު އެއްވެސް އެއްޗެކޭ ނުބުނެ އިނުމަކީ ވެސް ޖަވާބެކެވެ. ރައީސް އިނީ އެވެ.

"އާނ، އެއީ އެއްބަސްވާން ފަސޭހަ ކަންކަމެއް ނޫން،" ދަލޭކަދައިތަ ބުންޏެވެ.

ދެ މީހުން އެކަކު އަނެކަކަށް ބަލަމުން ދެ އެވެ. ހިމޭންކަމެވެ.

"އެންމެ ރަނގަޅު، ހާލިދު މީހަކާ ނީނދެ ދުވަސްތައް ތި ހޭދަކުރަނީ ކީއްވެ؟ ރާއްޖޭގެ ރައީސް ހުސްހަށިބައިކޮށް، މީހުން ސުވާލެއް ނުކުރާނެތަ؟" ދަލޭކަދައިތަ، އެންމެ ފަހުން އެހި އެވެ.

"ދެ ކައިވެނީގައި ވެސް މަކަރުހެދީ،" ރައީސް ހާލިދު ޖަވާބުދިނެވެ.

"މަކަރު ހެދީމާ ވަރިކޮށްފައި، ލޭ އޮހޮރުވީމާ އަޅާނުލުން، މިއީ ވެރިޔަކަށް ކިހާ އިންސާފުވެރި ގޮތެއް. އިންސާފުވެރިތަ؟" ދަލޭކަދައިތަ އެހި އެވެ.

ނޫން، އެއްގޮތަކަށް ވެސް ނޫން، ރައީސް ހާލިދުގެ ހިތަށް ކުއްލިއަކަށް އެރި އެވެ. އެކަމަކު އޭނާއަށް އެ ނޫން އިހުތިޔާރެއް އޭރަކު ނުފެނުނެވެ. ނުހޯދީ ހެއްޔެވެ؟ ނުވަތަ ހޯދަން ނުކެރުނީ ހެއްޔެވެ؟ އޭނާގެ ވިސްނުން އޭރު ކޮބައި ހެއްޔެވެ؟ ޖަވާބެއް ނެތެވެ.

"އަހަރެން ކައިރިއަށް އަންނާނީ ވަރަށް ބޮޑު ނިޔަތެއް އޮވެގެން. ކޮބައި ބޭނުންވާ ކަމަކީ؟" ދަލޭކަދައިތަ އެހި އެވެ.

"އަހަރެން ބޭނުންވަނީ ތިން ކަމެއް. އެއް ކަމަކީ އިންތިހާބު ކާމިޔާބުކުރުން. އަނެއް ކަމަކީ ރައްޔިތުންގެ މަޖިލިސް ކާމިޔާބުކުރުން. ތިން ވަނަ ކަމަކީ އަހަރެންގެ ދެ އަތާއި އަނގަ ކެހުން ހުއްޓުވުން،" ދަލޭކަދައިތަގެ ވާހަކަތަކުގެ ސަބަބުން އޭނާގެ ސިކުނޑީގައި ފޮރުވެމުން ދިޔަ އެދުންތައް، އެންމެ ފަހުން ރައީސް ހާލިދު ތިލަކޮށްލި އެވެ.

ދަލޭކަދައިތަގެ ލޮލުން ފޭދެން ފެށީ ރައީސް އެހެން ބުނުމުން އުފެދުނު ހިތްހަމަނުޖެހުމެއްގެ އަސަރުކަން ފާހަގަކުރަން އުނދަގޫވި އެވެ. އެކަމަކު އެ ނަޒަރު ތަފާތު ވެއްޖެ އެވެ.

"އެކަން ކޮށްދީފާނަން. އެކަމަކު ފުރަތަމަ އެއްބަސްވޭ، އަހަރެން ކިޔައިދިނީ ތެދެއްކަން. މިއީ އަހަރެމެން ދެ މީހުންގެ މެދުގައި އޮތް ސިއްރެއް،" ދަލޭކަދައިތަ ބުންޏެވެ.

މި މުސްކުޅިޔާ، ތެދެއް ނޫނީ ނުބުނާނެކަން ރައީސް ހާލިދަށް ޔަގީނެވެ. އެހެންކަމުން ދޮގެއް ހެދުމުގެ ބޭނުމެއް އަސްލު ނެތެވެ.

"ދައިތައަށް ތި ފެނުނީ ހަމަ ރަނގަޅަށް،" އެންމެ ފަހުން ރައީސް، އެއްބަސްވި އެވެ.

"ކޮއްކޯ، ހައްވާ!" ދަލޭކަދައިތަ، ގޭގެ އަނެއް ކޮޓަރިއަށް ބަލައިލަމުން ގޮވާލި އެވެ. ރައީސް ހާލިދަށް ކުއްލިއަކަށް ގޮނޑިން ތެދުވެވުނެވެ. އޭނާގެ ނަޒަރު ވެސް އެދިމާއަށް ހުއްޓުނެވެ. މިފަހަރު ވެސް ހައްވަ އައީ ފެން ތައްޓެއް ހިފައިގެންނެވެ. އެކަމަކު ރައީސް ހާލިދާ ދިމާއަށް އެންމެ ފަހަރަކު ވެސް ބަލައެއް ނުލަ އެވެ.

"ތި ފެން ތަށި ބޮމުން، ބޭނުން ކަމަކަށް ނިޔަތްގަނޭ،" ދަލޭކަދައިތަ ބުންޏެވެ.

ކުރިމަތީގައި ހުރި، އިސްކޮޅުން ދިގު، ހިމަ، އަޖައިބެއް ކަހަލަ ރީތި އަންހެން ކުއްޖާ، ރައީސް ހާލިދުގެ އަތަށް ފެން ތަށި ދިއްކޮށްލި އެވެ. ދެން ދަލޭކަދައިތަ ކައިރީގައި ބުނި ތިން ކަންތައް ފުރިހަމަވާން ނިޔަތް ގަންނަމުން، ބޮމުން ގެންދިޔަ އެވެ. ހައްވަ ބަލައިލާތޯ ދެ ފަހަރަކު، އެ މޫނަށް ނަޒަރު ހުއްޓާލި އެވެ. އެކަމަކު އޭނާ ހުރީ އިސްޖަހައިގެންނެވެ.

"ދެން އިށީނދޭ!" ދަލޭކަދައިތަ ބުނި އަޑު އިވުނެވެ. ހީވީ ހައްވަގެ ރީތިކަމުގެ ތެރެއަށް ރައީސް ހާލިދު ގެއްލިދާނެކަމުގެ ބިރު، އުފެދުނީ ހެންނެވެ. ރައީސް އެނދާ ދިމާއަށް އެނބުރި، ގޮނޑީގައި އިށީނެވެ. ހައްވަ ގޮސް ކޮޓަރިއަށް ވަނެވެ. ދަލޭކަދައިތަ ބަލަން ފެށި އެވެ.

"ހާލިދު، ތާސް ކުޅުމަކީ ބިލާހެއް. ބިރެއް، މުސީބާތެއް،" ދަލޭކަދައިތަ ބުންޏެވެ.

ރައީސް ހާލިދަށް އަނެއް ހައިރާންކަމެވެ. މި ފެށީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނާ އެއްޗެކޭ ނުބުނެ، އަޑުއަހަން އިނެވެ. ދަލޭކަދައިތަ އަނެއްކާ ފެށި އެވެ.

"އެއީ މުސީބާތެއްކަން އެނގޭނެ މާލެ ގޮސް، ރަނގަޅަށް ބަލާ!"

"ކޮން އެއްޗެއް ބަލަންވީ؟" ރައީސް ހާލިދު ސުވާލުކުރި އެވެ.

"އެންމެ ފަހުން ހަދިޔާކުރި ތާސްބައިތަކުގެ ހަގީގަތް. އެހެން އެއްވެސް މީހެއް ކައިރީގައި ނުބުނެ، އަމިއްލައަށް ބަލާ!" ދަލޭކަދައިތަ ބުންޏެވެ. ދެން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އެއިން އެކަކު ރާއްޖެއަކު ނެތް. އަނެކަކު ގެއްލިއްޖެ. އެކަމަކު ގޭގައި ހުރީ ހުސް ލޭ! މާލެ ގޮސް އެ ތާސްބައިތައް ބަލާ ރަނގަޅަށް."

ރައީސް ހާލިދުގެ ހިތުގައި އުފެދުނީ ޝައްކުގެ ރާޅުބާންޏެކެވެ. ނިހާދާއި ހުސޭނުބެ، ކުއްލިއަކަށް އެއް ވަގުތެއްގައި ހަދިޔާކުރި އަގުބޮޑު ދެ ތާސްބަ އެވެ. ހުރިހާ ކަމެއް ހަނދާންކުރަން، ލޯ މަރާލެވުނެވެ. އާއެނކެވެ. ކަމެއް ހިނގައިފި އެވެ. ރިޔާސީ ގަނޑުވަރުގެ އޮފީސް ކޮޓަރީގައި ތިބެގެން ދެ މީހުންނާ ވާހަކަ ދެއްކި އިރު އެކަކު އަނެކަކަށް، ދޭތެރެ ދޭތެރެއިން ބަލަމުން ދިޔަ ގޮތެވެ. ނުނިކުމެވިގެން، ލަސްވެގެން އުޅޭ ކަހަލަ ގޮތަކަށް، ދެ މީހުން ވެސް އުޅުނު އުޅުމެވެ. އެހެންޏާ ހުސޭނުބެ، ގެއަށް ނުގޮސް، އެތަނުގައި އިނދެގެން ވެސް ފޯނުކޮށް، ޓިކެޓް ޔަގީންކުރީހެވެ. ނިހާދު ކިތައްމެ ފަހަރަކު ގެއަށް ދާން އެދުނެވެ. ދިޔަ ފަހުން ހަބަރެއް ނުވި އެވެ.

"އަހަންނަށް ލަނޑެއް ދިނީތަ؟" މާޔޫސްކަމާއި، ދެރަވުމާއި، އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އިނދެ، ރައީސް ހާލިދަށް އަހާލެވުނެވެ.

"ގޮސް އަމިއްލައަށް ބަލާށޭ ދޯ މި ބުނީ. ދެން އޮތީ އެހެން ކަމެއް،" ދަލޭކަދައިތަ ބުންޏެވެ.

"ކޮން ކަމެއް؟" ރައީސް ހާލިދު ސުވާލުކުރި އެވެ.

"އިސްލާހުވުން. ހާލިދު ކޮށްގެން ތި އުޅެނީ މަރުގެ އަދަބު ހައްގު ކުށްތަކެއް. ތައުބާނުވެ ސަލާމަތްވެވެން ނެތް ފާފަތަކެއް. އޭގެ މުސީބާތް އައިސް ލައިގެންފި. އެކަމަކު ކޮންމެ މީހަކަށް ވެސް ވަގުތު ލިބޭ. އަމިއްލައަށް ވިސްނާ. ދެން ފުރަތަމަ ލޯބިވެރިޔާއަށް ހެދި ގޮތާ މެދު ވެސް ވިސްނާލާ!" ދަލޭކަދައިތަ ބުންޏެވެ.

ނިހާދާއި ހުސޭނުބޭގެ ހީލަތެއްގައި ޖެހި ލަނޑު ލިބިއްޖެކަމުގެ އިހުސާސްތަކުން ސަލާމަތްނުވެވި އުޅެނިކޮށް ދެން އެ ބުނީ އަދި މުޅިން އެހެން ވާހަކައެކެވެ. ހަސަން ތައްހާނުގެ ނަސޭހަތް އަޑުއެހުމުން، އޭނާ މެޅިފައި އެ އިނީ ދަންމަޅިއަކަށެވެ. އޭނާއަށް އެއްވެސް ކޮޅަކުން ނުކުމެވޭކަށް ނެތެވެ. ސަލާމަތެއް ނެތެވެ.

ފުރަތަމަ ލޯބިވެރިޔާގެ ނަން އޭނާގެ ހަނދާނަކުން ނުފޮހެވެ އެވެ. ފަރީދާ އީސާ އެވެ. އޭނާ އެ ދުވަސްކޮޅު ލޯބިން ކިޔަމުން އައީ ފަރީ އެވެ. ދެ މީހުން ލޯބިވި އެވެ. ބަންދު ދުވަސްތަކުގައި ހުރާއިން މާލެ ގެނެސް، އޭނާގެ ކޮޓަރީގައި ގެންގުޅުނެވެ. އިންނަން ހުށައެޅި އެވެ. ބަނޑުބޮޑުވި ވާހަކަ ވެސް ބުންޏެވެ. އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ. ޒުވާބު ހިނގި އެވެ. އޭނާގެ އެތިފަހަރެއް ވެސް، ފަރީގެ މޫނަށް އެރި އެވެ. ރުޔެވެ. ކަރުނަ ބޭލި އެވެ. އާދޭސްކުރި އެވެ. އެހެން މީހަކާ އެކު ނޫޅެމޭ ބުނެ، ހުވާގެ މައްޗަށް ހުވާ ވެސް ކުރި އެވެ. އެކަމަކު ސަލާމަތްވާންވެގެން ފަރީގެ ބޮލުގައި ތުހުމަތުތައް އެޅުވި އެވެ.

"އެ ލޯބިވެރިޔާގެ ދަރީގެ ބައްޕައަކީ ހާލިދު. ފިރިހެން ކުއްޖެއް. އެ ކުއްޖާ މިހާރު ބޮޑުވެއްޖެ، ބިޔަވެއްޖެ. އަދި ބައްޕަ ދެކެ އެހާ ލޯބި ވެސް ވޭ،" ދަލޭކަދައިތަ ބުންޏެވެ.

"އޭނާ ކޮބާ؟" ރައީސް ހާލިދަށް ކުއްލިއަކަށް އެހުނެވެ.

"ކޮއްކޯ ހައްވާ!" އެ މުހިންމު ސުވާލުކުރުމުން، ދަލޭކަދައިތަ ގޮވާލީ ހައްވައަށެވެ. ކުއްލިއަކަށް ރައީސް ހާލިދަށް ތެދުވެވުނެވެ. ހައްވަގެ އަތުގައި މިފަހަރު އޮތީ އޮޅާލާފައި އޮތް ފަތެކެވެ. އޭނާގެ ކުރިމައްޗަށް ހުއްޓި އެ ދިއްކޮށްލި އެވެ. އޭގައި ރައީސް ހާލިދު ހިފި އެވެ. ފަތް ބަނދެފައި އޮތީ ކުޑަކުޑަ ވާ ކޮޅަކުންނެވެ. ދެން ދަލޭކަދައިތައާ ދިމާއަށް ބަލައިލި އެވެ. ހައްވަ އެތަނުން ގޮސް، ކޮޓަރިއަށް ވަނެވެ.

"ތި ކިޔަން ޖެހޭނީ ބާއްވަން ތިޔަ އުޅޭ ޖަލްސާއަށް ދާން ގަނޑުވަރުން ނުކުތުމުގެ ކުރިން. އޭގެ ކުރިން ކިޔައިފި ނަމަ، ނިޔަތްގަތް އެއްވެސް ކަމެއް ނުވާނެ. ހަނދާން ހުންނާނެތަ؟" ދަލޭކަދައިތަ ބުންޏެވެ.

"ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ،" ރައީސް ހާލިދު ޖަވާބުދިނެވެ.

"ގަޑިން ކިހާ އިރެއް؟" ދަލޭކަދައިތަ ސުވާލުކުރި އެވެ.

ރައީސް ހާލިދު ގަޑިއަށް ބަލައިލި އެވެ.

"ބަރާބަރު ދިހައެއް އެ ޖެހީ،" އޭނާ ބުންޏެވެ.

"އެހެންވީމާ ހާލިދުގެ ވާހަކަ އެރޭ ފަށަންވާނީ ބަރާބަރު ދިހައެއް ޖަހާއިރު. މިހާ ހިސާބުން އަހަރެންގެ ވާހަކަ ނިމުނީ،" ދަލޭކަދައިތަ ބުންޏެވެ. ދެން ފެނުނީ ދެ ލޯ މަރާލި ތަނެވެ.

ގެއިން ނުކުންނަން ވެގެން ރައީސް ހާލިދު ތެދުވި އެވެ. އޭނާގެ ލޮލުގައި ބިއްލޫރި އެ ކުޑަކުޑަ ފުޅި އަޅައިގަތީ އެވަގުތު އެވެ. މެދަކާ ހަމައަށް ފެން އަޅައިފަ އެވެ. ފުޅި ހުރީ ދަލޭކަދައިތަ ބޯ އަޅައިގެން އޮތް ބާލީހުގެ ފަހަތުގަ އެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟ ހާލިދުގެ ހިތަށްއެރި އެވެ. އޭނާއަށް އެއިން އެ ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟

އެންމެ ފަހުން، ނުކުންނަންވެގެން އެނބުރުނެވެ. އަތުގައި އޮތް ފަތުގައި ލޯ އަޅައިގަތެވެ. އެފަދަ އެއްޗެއް ޔޫނުސްއަށް ދެއްކުން ރަނގަޅުނުވާނެކަން ވިސްނުނެވެ. އެހެންވެ، ގަމީހުގެ މަތީ ދެ ގޮށް ނައްޓާލައިފައި، ގަމީސް ތެރެއަށް ވައްޓާލި އެވެ. ބެގީކޮށްފައި ހުރުމުން، ފަޓުލޫނާއި ގަމީހުގެ ގުޅޭ ހިސާބުގައި ތާށިވި އެވެ. ދެން ގޮށް އެޅުވި އެވެ.

ބޭރަށް ނުކުތެވެ. އޭނާގެ ކަންފަތަށް އިވެން ފެށީ، މީހުންގެ ރުއިމެވެ. ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންގެ ރުއިމުގެ އަޑެވެ. އޭނާގެ ހިތުގައި އެޅި ރެނދު، ބޮޑުވަމުން، ބޮޑުވަމުން ހުރެ ދެ އެވެ. އޭނާގެ ހިތް މަޑުވަމުން މަޑުވަމުން ހުރެ ދެ އެވެ. އޭނާގެ އަސްލު އިހުސާސްތައް މަޑުމަޑުން މަޑުމަޑުން، ފެތުރެމުން ހުރެ ދެ އެވެ.

އެއީ އެގެއަށް ވަން ރައީސް ހާލިދެއް ނޫނެވެ. އެއީ މިހާރު ގާތްގަނޑަކަށް މަރުވެފައި ހުރި މީހެކެވެ.

ދަލޭކަދައިތަ ލޯ މަރާލައިގެން އޮތް އިރު، ހާލިދުގެ ހަށިގަނޑަށް އަންނަ ބަދަލުތައް ފެނުނެވެ. ތާސް ބައިގެ ވިހައިން ކުރި އަސަރުތަކުން، އެތެރެ ހަށީގެ ގުނަވަންތައް ހަލާކުވެ، އޭގެ ފަހު މަރުހަލާއަށް އޮތީ ވެއްޓިފަ އެވެ. އެކަމަކު އެ މަރުހަލާ ކުރިއަށްދާ ހަލުއިމިން، އެގެއަށް ވަދެ، ދަލޭކަދައިތަގެ އަތް ޖައްސާލުމުން، ބާރުވާން ފެށި އެވެ. އެއީ އޭނާގެ ބޯލާކޮޅުގައި ބެހެއްޓި ފުޅީގައި ހުރި ފެނުގެ ބާރުން ކަމެއް، ނުވަތަ ރައީސް ހާލިދުގެ މަރު އަވަސް ވުން އޮތީ، މި ގޭތެރެއިން ކަމެއް، ނޭނގެ އެވެ.

"ކޮއްކޯ ހައްވާ،" ދަލޭކަދައިތަ ގޮވާލި އެވެ. އޭރު ހައްވަ ހުރީ، ގިފިލިތެރޭގައި ހުރި ފާރު ކައިރީގަ އެވެ. އެ ފާރުގައި ބޭރު ފެންނަ ގޮތަށް ހުރި ބޮޑު ލޯވަޅުން، ބޭރަށް ބަލާށެވެ.

ވީރު މުހައްމަދާ ކުރިމަތިލައިގެން ހުރި، ބިޔަ އެ ޒުވާނާގެ ހަށިގަނޑާއި މޫނުން އޭނާގެ ހިތަށް ނުތަނަވަސްކަން ވަނެވެ. އެއީ އޭނާ ބަލަހައްޓަން ޖެހޭ މީހާ، ރައީސް ހާލިދަށް ކަމެއް ވެއްޖެ ނަމަ، މިގެއަށް އައިސް، ތަން ފުނޑުކުރަން ޖެހިލުންވާނެ މީހެއް ނޫންކަން، ކަށަވަރުވި އެވެ.

އެއީ މީގެ ކުރިން އޭނާއަށް ފެނިފައި ނުވާ ކަހަލަ ދިވެހި ފިރިހެނެކެވެ. ފާތިރު ކަހަލަ ފިރިހެނެއް ނޫނެވެ. އެއަށް ވުރެ މާ ހިތްވަރުގަދަ، މާ ކެރޭ، މާ ގޮތްދޫނުކުރާ މީހެއްކަން އެނގުނެވެ.

"ކޮއްކޯ ހައްވާ!" ދަލޭކަދައިތަ ގޮވާ އަޑު އިވުނެވެ. އޭރު، ރައީސް ހާލިދާ އެކު، އެ ޒުވާނާ އެގެއަށް ފުރަގަސްދީ، ހިނގައިގެންފި އެވެ. ހައްވަ ވެސް އެނބުރި، ގެއަށް ވަންނަން ހިނގައިގަތެވެ.

(12 ވަނަ ބައި، ޖޫން 29، 2020، ހޯމަދުވަހު)