ތުހުމަތުކުރި މީހުންގެ އަތުން ޖަސްޓިން ބީބާ ބޭނުމީ 20 މިލިއަން ޑޮލަރު

ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރި ދެ މީހުންގެ އަތުން 20 މިލިއަން ޑޮލަރު ބަދަލެއް ގޮތުގައި ނަގައިދޭން އެދި ކޯޓަށް ހުށަހަޅައިފި އެވެ.


މޮޑެލް ހެއިލީ ރޯޑްއާ ކައިވެނިކޮށްގެން އުޅޭ ބީބާގެ މައްޗަށް އެންމެ ފުރަތަމަ މިދިޔަ ހަފުތާގެ ތެރޭގައި ޖިންސީ ގޯނާގެ ތުހުމަތުކުރީ ޑެނިއަލް ކިޔާ މީހެކެވެ.

އޭނާ ބުނެފައިވާ ގޮތުގައި ބީބާގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނީ މާޗް 9، 2014 ގައި ޓެކްސަސްގެ އޮސްޓިންގައި ހިންގާ ފޯ ސީޒަންގެ ހޮޓަލެއްގަ އެވެ. ޑެނިއަލް ބުނީ އޭނާ އާއި އިތުރު ރައްޓެހިންތަކެއް ބީބާ ހުރި ހޮޓަލަށް ދިޔައީ ލަވަކިޔުންތެރިޔާގެ ފަރާތުން ލިބުނު ދައުވަތަކަށް ކަމަށާއި ބައްދަވުމުގެ ތެރޭގައި ރުހުމަކާ ނުލައި ގަޔަށް އަތްލައި ބެހިފައިވާ ކަމަށެވެ.

ޑެނިއަލްގެ ތުހުމަތަށް ފަހު، ދެން ބީބާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރީ ނިއު ޔޯކްގެ ކާޑީ ކިޔާ މީހެކެވެ. އޭނާ ބުނި ގޮތުގައި ބީބާއާ އޭނާ ބެހުނީ 2015 ވަނަ އަހަރުގެ މެޓް ގާލާގައި ބައިވެރިވާން ކުރި ދަތުރުގެ ތެރޭގަ އެވެ.

ނަމަވެސް މި ތުހުމަތުތަކަށް 26 އަހަރުގެ ލަވަކިޔުންތެރިޔާ އިންކާރުކޮށް ބުނެފައި ވަނީ އެ ތުހުމަތުތައް ލުއިކޮށް ނުނަގާނެ ކަމަށެވެ.

އެހެންވެ އޭނާގެ ބޮލުގައި ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް އަޅުވާފައިވާ ކަމަށް ބުނެ، ގެއްލުމުގެ ބަދަލަށް ދެ މީހުންގެ އަތުން 20 މިލިއަން ޑޮލަރު ނަގައިދޭން އެދިފައިވެ އެވެ. އެއީ މީހަކަށް 10 މިލިއަން ޑޮލަރުގެ މަގުން ކަމަށް ޓީއެމްޒީން ބުންޏެވެ.