ރަންބީރް ކަޕޫރްގެ އާ ފިލްމުގެ ހުރިހާ ޝޫޓިންއެއް މުމްބާއީގައި

މިދިޔަ އަހަރު "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ، ރަންބީރު ކަޕޫރާ އެކު ހަދަން ނިންމާފައިވާ ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެ ފިލްމު އެއްކޮށް ޝޫޓްކުރާނީ މުމްބާއީގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ނޫސްތަކުން ކުރިން ބުނެފައިވާ ގޮތުގައި ރަންބީރަށް، ސަންދީޕް ހުށަހެޅީ "ޑެވިލް" ކިޔާ ގޭންގްސްޓާ- ޑްރާމާއެކެވެ. އަދި މީގެ ވާހަކަ ރަންބީރަށް ނެރޭޓްކޮށް ދީފައިވީ ނަމަވެސް ސްކްރިޕްޓަށް އޭނާ އިންތިޒާރުކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.

މި ފިލްމާ ބެހޭ ގޮތުން ޕްރޮޑިއުސަރު މުރާދު ކެތާނީ ބުނީ ސަންދީޕްގެ އާ ފިލްމު ވާނީ "ކަބީރް ސިންގް" ގޮތަށް އޯޑިއަންސް ހައިރާންކޮށްލާނެ ޒާތުގެ ފިލްމަކަށް ކަމަށެވެ. އަދި ވަރަށް އުންމީދުނުކުރާ ކަހަލަ ފިލްމަކަށް "ޑެވިލް" ވާނެ ކަމަށް ބުންޏެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ރަންބީރްގެ ކުރިއަށް އޮތް ދެ ފިލްމު ކަމަށްވާ ޑައިރެކްޓަރު ކަރަން މަލްއުތުރާގެ "ޝަމްޝޭރާ" އާއި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" ގެ މަސައްކަތްތައް އެއްކޮށް ނިންމައިލުމަށް ފަހު، އޭނާ ސަންދީޕްގެ ފިލްމަށް ވަގުތު ހުސްކުރާނެ އެވެ.

ރަންބީރް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެއް ވެސް ހިމެނެ އެވެ. އަދި ނަން އިއުލާންނުކުރާ އެ ފިލްމުގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ.

މިދިޔަ އަހަރު ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީއާ އެކު ސަންދީޕް ގެނެސްދިން "ކަބީރް ސިންގް" އަކީ އޭނާ 2018 ގައި ގެނެސްދިން ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެކެވެ. އަދި މި ފިލްމުވެގެން ދިޔައީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

އަނިޔާވެރި ލޯބީގެ ވާހަކައެއް ކިޔައިދިން "ކަބީރް ސިންގް" އަކީ ބޮކްސް އޮފީހުގައި 379 ކްރޯޑް ރުޕީސް (51 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހެދީ 60 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.