ވާހަކަ ސިލްސިލާ: ދިހައެއް: ހަމަ އެންމެ ކަމަކަށް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

ޖޫން 25، 2020، ބުރާސްފަތިދުވަހުގެ ބަޔާ ގުޅޭ


ވީރު މުހައްމަދާ ކުރިމަތިލައިގެން ހުރި، ބިޔަ އެ ޒުވާނާގެ ހަށިގަނޑާއި މޫނުން އޭނާގެ ހިތަށް ނުތަނަވަސްކަން ވަނެވެ. އެއީ އޭނާ ބަލަހައްޓަން ޖެހޭ މީހާ، ރައީސް ހާލިދަށް ކަމެއް ވެއްޖެ ނަމަ، މިގެއަށް އައިސް، ތަން ފުނޑުކުރަން ޖެހިލުންވާނެ މީހެއް ނޫންކަން، ކަށަވަރުވި އެވެ. އެއީ މީގެ ކުރިން އޭނާއަށް ފެނިފައި ނުވާ ކަހަލަ ދިވެހި ފިރިހެނެކެވެ. ފާތިރު ކަހަލަ ފިރިހެނެއް ނޫނެވެ. އެއަށް ވުރެ މާ ހިތްވަރުގަދަ، މާ ކެރޭ، މާ ގޮތްދޫނުކުރާ މީހެއްކަން އެނގުނެވެ. "ކޮއްކޯ ހައްވާ!" ދަލޭކަދައިތަ ގޮވާ އަޑު އިވުނެވެ. އޭރު، ރައީސް ހާލިދާ އެކު، އެ ޒުވާނާ އެގެއަށް ފުރަގަސްދީ، ހިނގައިގެންފި އެވެ. ހައްވަ ވެސް އެނބުރި، ގެއަށް ވަންނަން ހިނގައިގަތެވެ.

ހައްވަ ގޭތެރެއަށް ވަދެގެން އަންނަ ތަން ބަލަން ދަލޭކަދައިތަ އޮތެވެ. އެނދު ކައިރިއަށް ހުއްޓި، އެ ހުރީ އޭނާ ބުނާ އެއްޗެއް އަޑުއަހަންކަން އެނގުނެވެ. ހައްވަގެ ގޮތަކީ އެ އެވެ. ފާތިރުއާ ކައިވެނި ކުރި ރޭ ދިމާވި މައްސަލަގަނޑަށް ފަހު، އަނެއްކާވެސް ހައްވަގެ މޫނު މަތިން ފެންނަނީ ކިޔަމަންތެރިކަމެވެ. އޭނާގެ ހަޔާތަށް ތޫފާނެއް އައިކަމުގެ އަލާމާތެއް ނުދައްކަ އެވެ.

ހައްވަ ހުރީ ދަލޭކަދައިތަގެ ކިޔަމަންތެރިކަމުގެ ދަށުގަ އެވެ.

"މުހައްމަދު ކައިރީ ބުނޭ އަންނާށޭ!" ދަލޭކަދައިތަ ބުންޏެވެ. އެ ވާހަކައާ އެކު ހައްވަ ގެއިން ނުކުތެވެ. ކުޑައިރުކޮޅެއް ފަހުން ގެއަށް ވަނީ ވީރު މުހައްމަދެވެ. ހައްވައެއް ނާދެ އެވެ.

ވީރު މުހައްމަދު ގޮސް އެނދު ކައިރީ ހުއްޓި، ދަލޭކަދައިތައާ ދިމާއަށް ފުންކޮށް، ކިޔަމަންތެރިކަމާ އެކު ބަލައިލި އެވެ.

"މިހިރީ އެ ފެން ފުޅި. ގެންގޮސް ހަމަ އެ ތަނުގައި ވަޅުލާ!" ދަލޭކަދައިތަ ބުންޏެވެ.

"ހައްވައަށް ކިޔައެއް ނުދޭނަންތަ ވީ ގޮތެއް؟" ވީރު މުހައްމަދު ސުވާލުކުރި އެވެ.

"އިހަށް މި ފޮރުވާ. މިއީ މި ގޭގައި އަހަރެމެންނަށް ރައްކާކުރެވޭނެ އެއްޗެއް ނޫން. އަހަރެންގެ ކާބަފައިން އެ ފެން ފުޅި މި ގެއިން ނެރެ، ރަސްގެފާނަށް ވެދުމަށް އެރުވީ ވެސް އެހެންވެ. އަވަހަށް ދޭ!" ދަލޭކަދައިތަ ބުންޏެވެ.

"ވީރު މުހައްމަދު އޭނާގެ ބޮލުގައި އައްސާފައި އޮތް ފޮތިގަނޑު މޮހާލި އެވެ. ދެން ދަލޭކަދައިތަގެ ބޯލާކޮޅުގައި ހުރި، ބިއްލޫރި ކުޑަކުޑަ ފުޅި ނެގި އެވެ. އޭގެ މަތިގަނޑަކީ ބޯ ބިއްލޫރީގެ އުނގުރިއެކެވެ. ފުޅި ތެރެއަށް އެ ހަރާލާފައި ހުރި ގޮތުން ހީވަނީ، އެންމެ ފެން ފޮދެއް ވެސް ބޭރަށް ނުނިކުންނާނެ ހެންނެވެ. މެދާ ހަމައަށް ހުރި ފެންފޮދު، ފުޅި ނެގުމާ އެކު އައި ތެޅުމުގައި، ކުޑަކުޑަކޮށް، ދެ ފަރާތަށް ހެލިލި އެވެ. އޭނާގެ ހުދު ފޮތިގަނޑުގެ ތެރެއަށް ފުޅި ލައި، ރަނގަޅަށް ފޮރުވި އެވެ.

"ހަނދާންކުރާތި! މުހައްމަދަށް ތި ލިބުނީ ކިހިނެއް ކަމެއް ހައްވައަކަށް ނޭނގޭނެ. އަހަންނާ ހަމައަށް ގެނައި ހާއްސަ އެއްޗެއްކަން އެކަނި އޭނާއަށް އެނގޭނީ. ތީގެ އަސްލު ކިޔައިދިނުމުގެ ބޭނުމެއް އަދި ނެތް. އަވަހަށް ދޭ!" ދައިލޭކަދައިތަ ބުންޏެވެ.

ކިޔަމަންތެރިކަމާ އެކު ވީރު މުހައްމަދު ނުކުތެވެ. އޭރު ހައްވަ ހުރީ، އޭނާގެ ގޭ ދޮރު ކައިރީގައި، ގޭ އަންހެންވެރިންނާ ވާހަކަ ދައްކާށެވެ. ވީރު މުހައްމަދު އަންނަން ފެށުމުން، ވާހަކަ ހުއްޓާލާފައި، ގެއާ ދިމާއަށް ހިނގައިގަތެވެ. ހައްވަ ގެއަށް ވަދެ، ދޮރު ލެއްޕި ތަން މުހައްމަދަށް ފެނުނެވެ. އެހާ ހިސާބުން އޭނާގެ ހަރަކާތްތައް އަވަސްވި އެވެ. އޭނާގެ ފިރިހެން އެއް ދަރި، ގޭގައި ބަހައްޓާފައި އަނެއް ދެ ދަރިން ގޮވައިގެން، ބާރަށް ހިނގާފައި ގޮސް، ވަލުތެރެއަށް ވަނެވެ.

އެ މީހުން މިސްރާބު ޖެހީ، މަލިކުން ފިއްލަދުއަށް ކުރި ދަތުރުގައި ފިއްލަދޫ މޫދަށް ގެނބެމުން ދަނިކޮށް ނަގައިގެން ގެނެސް ހައްވަ ބޭއްވި އެނދު ހުރި ތަނަށެވެ.

---

ޖަލްސާއަށް ދާން ތައްޔާރުވެ، ރައީސް ހާލިދު އެނދުގައި އިށީނދެލައިގެން އިނެވެ. ކައިރީގައި، އެނދު މަތީގައި، އޮތީ ދަލޭކަދައިތަ ދިން ފަތެވެ. އެ ކިޔަން ބުނެފައި އޮތް ގަޑި ޖެހުނީ އެވެ. އޭނާ އުޅުނީ ފަތް ހުޅުވާލާށެވެ. އެކަމަކު އެ ވަގުތު އައި ފޯނު ކޯލް އެއަށް ވުރެ މާ މުހިންމެވެ. ރަޝިޔާގެ ސައިންސްވެރިޔާ، އޭނާގެ މުއްސަނދި ރިސޯޓުން އެ ގުޅި ކޯލަށް، މި ދެ ދުވަހު ރައީސް ދިޔައީ އިންތިޒާރުކުރަމުންނެވެ.

ފިއްލަދޫން އައި ގޮތަށް، ތާސް ކޮޓަރިއަށް ވަދެ، ކަބަޑު ބަލައިލި އިރު ރައީސަށް ފެނުނީ ހަމައެކަނި ނިހާދު ދިން ތާސްބަ އެވެ. ހުސޭނުބޭގެ ތާސްބައި ވީ ތަނެއް ނޭނގެ އެވެ. އެކަމަކު ލަންޑަންގައި ހުރި ހުސޭނުބެއަށް ގުޅައި، އެކަމާ މެދު އެއްވެސް ސުވާލެއް ކުރާކަށް ބޭނުމެއް ނުވި އެވެ. ރައީސް އިންތިޒާރުކުރީ ސައިންސްވެރިޔާގެ ޖަވާބަކަށެވެ.

ރައީސް ހާލިދަކީ ވިސްނޭ މީހެކެވެ. އެހެންކަމުން ނިހާދުގެ ތާސްބައި އޭނާ ނެގީ ރޭގަނޑު، ޔޫނުސް ވެސް ގެއަށް ފޮނުވާލައިފަ އެވެ. ކާ އެއްޗެހި ނަގަން ބޭނުންކުރާ ދައްޗެއްގެ އެހީގައި ތާސްބައި ނަގައި، ކޮތަޅަކަށް ލި އެވެ. އަނެއް ދުވަހު އެ ހަވާލުކުރީ، ސައިންސްވެރިޔާގެ ރިސޯޓުން ފޮނުވި ހާއްސަ މީހަކާ އެވެ.

ޖަލްސާއަށް ދާން ތައްޔާރުވެގެން ހުއްޓާ އޭނާއަށް ގުޅީ، އެ ސައިންސްވެރިޔާ އެވެ. އޭނާގެ ރިސޯޓް ހަދާފައި ވަނީ، ކެމިކަލް އާއި ވިހައިގެ މާއްދާތަކަށް ޓެސްޓްކުރެވޭނެ ލެބޯރަޓަރީއަކާ ވެސް އެކުގަ އެވެ. އެހެންކަމުން ނިހާދު ހަދިޔާކުރި ތާސްބައި އެއްކޮށް، އެ ސައިންސްވެރިޔާ ތަހުލީލުކުރި އެވެ. ހުރިހާ ގޯހެއް އެކުލެވިފައި އޮތީ ކާލާ މަންނައިގަ އެވެ. ސައިންސްވެރިޔާ ބުނީ، އެއީ ސީދާ ރައީސް މަރާލަން ލާފައި ހުރި ވިހައެއް ކަމަށެވެ. އޭނާ ދިން ބޭސް ކޮންމެ ދުވަހަކު ކަމުން ދިޔަ ނަމަވެސް، އަވަހަށް ހޮސްޕިޓަލަށް ގޮސް، ޓެސްޓްތައް ހަދަން ސައިންސްވެރިޔާ އެދުނެވެ.

ޖަލްސާ ކެންސަލްކުރަންވީ ހެއްޔެވެ؟ ތާސްބައިގައި އަތްލި ފަހުން އެތައް ދުވަހެކެވެ. އޭނާއަށް އެއްވެސް ކަމެއް އަދި ނުވެ އެވެ. އެހެންކަމުން ޖަލްސާ ނިންމާލާފައި ވެސް އެކަން ކުރެވިދާނެ އެވެ. އެކަމަކު ޓެސްޓެއް ހެދުމަށް ވުރެ ވެސް ބޮޑަށް ރައީސްގެ ހިތަށް އަސަރުކޮށްފައި ވަނީ، އެންމެ ގާތް ދެ މީހުން އޭނާ މަރާލަން އުޅުނުކަން އެނގުމުންނެވެ. ކީއްވެގެން ހެއްޔެވެ؟ ރިޔާސީ ކެންޑިޑޭޓްކަން ޖަހައިގަންނަން ނިހާދު ބޭނުންވީ ހެއްޔެވެ؟ ނިހާދަށް އެހީތެރިވާން ހުސޭނުބެ އުޅުނީ ހެއްޔެވެ؟ ނުވަތަ ހުސޭނުބެ ގަނެލީ ހެއްޔެވެ؟

އެކަމަކު ތާސްބައިގައި ވިހަ ލާފައި ހުރިކަން އެނގޭ ނަމަ އޭނާއާ އެކު ނިހާދު އެ ކުޅުނީ ކީއްވެގެން ހެއްޔެވެ؟ ނިހާދު ދިޔަ ފަހުން ވީނުވީއެއް ނޭނގި ގެއްލުނީ ކީއްވެގެން ހެއްޔެވެ؟ ގޭތެރޭގައި ލޭ ހުރީ ކީއްވެގެން ހެއްޔެވެ؟ އެއީ އިންސާނުންގެ ކަމެއް ނޫނޭ، ހަސަން ތައްހާނު ބުނީ ކީއްވެގެން ހެއްޔެވެ؟

އަނެއްކާ މިހުރިހާ ކަމެއް ރާވައިގެން މި އުޅެނީ ހުސޭނުބެ ހެއްޔެވެ؟ ނިހާދަށް ވެސް ނޭނގި، އޭނާގެ އަތަށް ވެސް ތާސްބައި ދީގެން، މި ނުބައި ކަންތައްގަނޑު ހިންގީ، ހުސޭނުބެ ހެއްޔެވެ؟ ކޮން މަގުސަދެއް އޮވެގެން ހެއްޔެވެ؟ އޭނާ އާއި ނިހާދު ވެސް މަރާލަން، ހުސޭނުބެ ބޭނުންވީ ހެއްޔެވެ؟

ފުރަތަމަ ފަހަރަށް ރައީސް ހާލިދުގެ ހިތުގައި، ރައީސްގެ މަގާމާ މެދު ވެސް ފޫހިކަން އުފެދުނެވެ. ކަމެއް ދިމާވަން ވެއްޖެ ނަމަ، އެ މަގާމުގެ ވެސް ބާރެއް ނެތްކަން، އިހުސާސްކުރެވުނެވެ. އެކަމަކު އޭނާގެ ނަސީބު ގޯހެއް ނޫނެވެ. ރަޝިޔާގެ ސައިންސްވެރިޔާއާ ދިމާވިކަން ރަނގަޅެވެ. އެހެން ނޫން ނަމަ، މިހާރު އޭނާ އޮންނާނީ މަރުވެފަ އެވެ.

އެކަމަކު އޭގެ ކުރިން އޭނާއަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިއްޖެ އެވެ. ދަލޭކަދައިތަ، އޭނާގެ އަތުގައި ހިފަހައްޓާލައިގެން އޮވެ އެ ކިޔައިދިން ވާހަކަތަކުން، އޭނާގެ ހިތް މަޑުވެ، އަސަރު އުފެދުނެވެ. މައުސޫމާއި މުޅި އާއިލާ ގަތުލްކޮށް، އެ ހަބަރު ދިން އިރު ނިހާދުގެ ކުރިމަތީގައި އޭނާ ހޭން ފެށި ގޮތް، ހަނދާންވި އެވެ. އެރޭ އޭނާގެ ހިތަށްއެރީ، ސިޔާސީ ގޮތުން ވަރަށް ބޮޑު ކާމިޔާބީއަކަށް މަގު ކޮށައިފި ކަމެވެ. ނަލަ އިބްރާހިމް ދޭން ބުނި ހަތްދިހަ މިލިއަން ޑޮލަރު ޔަގީންވީ ކަމެވެ.

ނަމަވެސް ފިއްލަދޫން އެނބުރި މާލެ އައި ފަހުން އޭނާގެ ސިކުނޑިން އެ މަރުތަކުގެ ހިޔަނި ފިލައިގެންނެއް ނުދިޔަ އެވެ. އޭނާގެ ދަރިއެއް ދުނިޔޭގައި ހުރި ކަމުގެ ހަގީގަތް، ދަލޭކަދައިތަ ބުނި ފަހުން، އޭނާގެ ހިތުގައި ދަރިވަންތަކަމުގެ ލޯބި އުތުރިއަރަމުން ދެ އެވެ. މައުސޫމްގެ ކުޑަކުޑަ ތިން ކުދިންގެ ފުރާނަ ގެއްލުވާލުމުގެ ބޮޑު ފާފައިގެ އިހުސާސްތަކުން، އޭނާގެ ހިތުގައި ބިރުވެރިކަން އުފެއްދި އެވެ. މިދިއަ ދެ ދުވަސް މާޒީވީ، ރާއްޖޭގެ ރައީސްގެ ޒިންމާތަކާ މެދު ކުޑަކޮށް ވެސް ވިސްނާ ނުލެވި އުޅެނިކޮށެވެ. އޭނާ އުޅުނީ އޮހޮރުވާލި ލޭތަކުން އަމިއްލަ ހަޔާތް ރަތްވަމުން ދާކަމުގެ ފިކުރުގަ އެވެ.

އަނިޔާވެރިކަން ވިސްނައިދިން ދެ ދުވަހެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލުކޮށްލި ދެ ދުވަހެވެ. ހިތްވަރުގަދަ، ކެރޭ، ހިތް ހަރު، އެހެން މީހުންނާ މެދު ނުވިސްނާ، ލޯތްބެއް ނެތް، ކުލުނުވެރިކަމުން ދުރުގައި ހުރި، ރައީސް ހާލިދުގެ ހިތަށް އަރަމުން ދިޔައީ ބޭކާރު ހަޔާތެއް ވޭތުކުރެވިއްޖެ ކަމެވެ.

އާއެނކެވެ. ބާރަކީ ހަމައެކަނި އުފަލެއް ނޫނެވެ. ފިއްލަދޫގެ އެ ކުޑަކުޑަ ގޭގައި، ނުތެދުވެވި އޮތް، މުސްކުޅި ދަލޭކަދައިތަގެ ބާރު ވެސް އޭނާއަށް ވުރެ މާ ގަދަ އެވެ. އޭނާގެ ހަޔާތުގެ ބޭކާރުކަން ހަނދާންކޮށްދިނީ ގައިމު އެ ދައިތަ އެވެ.

ކައިރީގައި އޮޅާލާފައި އޮތް ފަތަށް ރައީސް ހާލިދުގެ ނަޒަރު ހުއްޓުނެވެ. ވަގުތު ޖެހެނީ އެވެ. އޭގައި އެ އޮތީ ކޮން ސިއްރެއް ހެއްޔެވެ؟ ދެން އިތުރަށް އޭނާއަށް އެނގެން އޮތީ ކޮން ކަމެއް ހެއްޔެވެ؟ މި ސުވާލުތަކާ އެކު، ފަތަށް ނަޒަރު ހުއްޓާލައިގެން ރައީސް ހާލިދު އިނީ އެވެ. ދެން އެންމެ ފަހުން އެ ނަގައި ކުރިމައްޗަށް ގެނަ އެވެ. ވިސްނަން ކުޑަ ވަގުތުކޮޅެއް ވޭތުވި އެވެ. ކަނާތުން، އޭގެ ވާކޮޅު ނައްޓާލި އެވެ. ދެން ހުޅުވާލި އެވެ. އެއީ އޭނާ ހީކުރި ވަރަށް ވުރެ ބޮޑު ފަތެކެވެ. އެނދުގެ އެއް ފަރާތު އަރިމަތީގައި ހުރި ބޮކި ދިއްލި އެވެ. ދެން ފަތަށް އޭގެ އަލި އެޅޭ ވަރަށް ކައިރިކޮށްލި އެވެ. އޭގައި ލިއެފައި ވަނީ މިހާރުގެ ތާނަ އަކުރަކުންނެއް ނޫނެވެ. އަކުރުތައް ތަންކޮޅެއް ދިގެވެ.

ފަތުގައި ލިއެފައި އޮތީ ހަމަ އެންމެ ދެ ޖުމްލަ އެވެ. އެ ކިޔާލުމާ އެކު، ރައީސް ހާލިދަށް އަމިއްލަ ނަފުސަށް ބުނެވުނީ "މާތްރަސްކަލާނކޯ! މިހެންނެއް ނުވާނެ. މިހެންނެއް ނުވާނެ،" އެވެ.

އެ ފަތަށް ބަލަހައްޓައިގެން، ރައީސް ހާލިދު އިރުކޮޅަކު އިނެވެ. ދެން އޭނާ ތެދުވި އެވެ. ކޮޓަރީގައި ހުރި ހައިވަކަރު، ރީތި މޭޒުގެ ވަތްގަނޑު ހުޅުވާލި އެވެ. އެއިން ރައީސުލްޖުމްހޫރިއްޔާގެ ނިޝާން ޖަހާފައި އޮތް ސިޓީ އުރައެއް ނަގައި، އޭގެ ތެރޭގައި އެ ފަތް ރައްކާކުރި އެވެ. ދެން ކޮޓަރިން ނުކުތެވެ. އޭނާގެ އިންތިޒާރުގައި، ވަރުގަދަ ބޮޑީގާޑު، ޔޫނުސް ހުއްޓެވެ. ރައީސް ހާލިދު، ރިޔާސީ ގަނޑުވަރުން ނުކުންނަން ހިނގައިގަތެވެ. އޭނާއާ ޖެހިގެން، އޭނާގެ ހިމާޔަތުގައި ޔޫނުސް އާއި ދެ ވަނަ ބޮޑީގާޑު ވެސް ހިނގަން ފެށި އެވެ.

ކާރަށް އަރަން ދޮރު ހުޅުވާލަ ދިނީ، ޔޫނުސް އެވެ. ދެ ވަނަ ބޮޑީގާޑު ދިޔައީ ފަހަތުގައި އޮތް ވެހިކަލަށް އަރާށެވެ. ޔޫނުސް ގޮސް، ކާރުގެ ކުރީ ގޮނޑީގައި އިށީނެވެ. ކާރު ނައްޓާލި އެވެ. އެތައް ހާސް ސަޕޯޓަރުން، ރައީސްގެ އިންތިޒާރުގައި ތިއްބެވެ. ކާރު މަޑުކޮށްލުމާ އެކު، ޔޫނުސް ފައިބައި ދޮރު ހުޅުވާލަދިނެވެ. ރައީސް ހާލިދު ނުކުމެ، ޔޫނުސްއާ ދިމާއަށް ފުރަތަމަ ފަހަރަށް، ބައްޕައެއްގެ ހައިސިއްޔަތުން ބަލައިލި އެވެ. ދެން އޭނާގެ އަތުގައި އޮތް ސިޓީ އުރަ ދިނީ، އޭނާގެ ސިއްރެއް ހިމާޔަތްކޮށް، އަދި އޭގައި ލިއެފައި އޮތް އެއްޗެއް ކިޔާލާށޭ ބުނެލުމުގެ އުއްމީދުގަ އެވެ.

ގޮނޑީގައި އިށީންއިރު ރައީސް ވަނީ ކަންތައް ކުރަންވާ ގޮތް ނިންމައިފަ އެވެ. އޭނާ ބޭނުންވީ ރައީސްކަމުގެ މަގާމަށް ދެން ކުރިމަތިނުލާނެކަން އިއުލާންކުރާށެވެ. ފާފަވެރި ހަޔާތުން އިބުރަތް ލިބި، އެހެން މީހުން ވެސް އިސްލާހުވާން ގޮވާލާށެވެ. އޭގެ ފަހުން ޔޫނުސްއާ ވަކިން ބައްދަލުކޮށް، ހަޔާތުގެ ސިއްރު ތަފުސީލުކޮށް ކިޔައިދޭށެވެ. އިއުތިރާފްވާށެވެ. މައާފަށް އެދޭށެވެ. ދެން ކުރިއަށް އޮތް ދުވަސްތައް އެކަނިމާއެކަނި ހޭދަކުރާށެވެ.

އެކަމަކު އޭރު ރައީސްގެ ހާލަތު ދަންވާން ފަށައިފި އެވެ. އޭނާގެ ބަނޑުގައި ގަދައަށް ރިއްސަނީ އެވެ. އޭނާގެ ދެ އަތަށް އައްސިކަން ފެތުރިގެންފަ އެވެ. ވާހަކަ ދައްކަން ސްޓޭޖަށް އަރަން ހިނގައިގަތް އިރު ވެސް، ރައީސް ހާލިދު ހުރީ އެ ހާލަތުގަ އެވެ. އެކަމަކު އޭނާ ބޭނުންވީ ރައީސެއްގެ ގޮތުން ރައްޔިތުންނާ ބައްދަލުކުރާނެ ފަހު ރޭ ކަމަށް ވާތީ ކެރިގެން ވާހަކަ ދައްކާށެވެ. މިއީ ފަހު ފަހަރެވެ.

ވާހަކަ ފެށި ތަނުން، ރައީސްގެ ލޮލުގެ ފެނުން ފުސްވާން ފެށި އެވެ. ދެ ލޮލުގައި މަޑުމަޑުން އަތް ޖައްސާލައި، ސާފުކޮށްލަން އުޅުނެވެ. އެކަމަކު އެއީ ސާފުވާ ކަަހަލަ ފުސްކަމެއް ނޫނެވެ. ދެން އިހުސާސްވާން ފެށީ ހިތް މާ ބާރަށް ތެޅެމުން ދާ ކަމެވެ. ޔޫނުސް ހުރި ދިމާއަށް އޭނާ އެނބުރުނެވެ. "އާދެ ބަލާށޭ" ހިތުން ބުނެވުނެވެ. އެކަމަކު މުޅި ރާއްޖެއަށް ވަގުތުން ދައްކަމުން ދިޔަ މަންޒަރުތަކަކަށް ވާތީ، އޭނާ ވަގުތުން ކުރިމައްޗަށް، އެތައް ހާސް ސަޕޯޓަރުންނާ ދިމާއަށް، ނަޒަރު ހުއްޓާލި އެވެ.

ދެއްކުނު ވާހަކައެއް، ދެއްކޭ ވާހަކައެއް މާ ބޮޑަކަށް ނޭނގުނެވެ. އޭނާ ހިތަށްއެރި އެއްޗެއް ކިޔަމުން ދަނީ އެވެ. ހިތުގައި އޮތީ "އަހަންނަށް ފުދިއްޖެ" އެވެ. "އަހަރެން ދެން މި މަގާމެއް ބޭނުމެއް ނުވެ" އެވެ. "މަގާމާ ހަވާލުވާ މީހަކު ވެސް، ރައްޔިތުން ވެސް އިސްހުވާށޭ" އެވެ. ދެން އެންމެ ފަހުން ބުނަން ބޭނުންވީ "އަހަންނަށް މައާފުކުރާށޭ" އެވެ.

އެކަމަކު މާ ގިނަ އިރެއް ނުވެ، ކޮޅަށް ނުހުރެވޭ ވަރަށް ހިތުގެ ތެޅުން މައްޗަށް ދިޔަ އެވެ. ދާހިއްލާ ފޯވި އެވެ. ލޯ ފުސްވަމުން ގޮސް، އެއްވެސް ތަނެއް ނުފެނެ އެވެ. ކޮޅަށް ނުހުރެވި، އެންމެ ފަހުން ވެއްޓުނީ އެވެ. އޭނާގެ ދަރިފުޅު، ދުވެފައި އަންނާނެކަން އެނގެ އެވެ. އޭނާގެ ހިމާޔަތުގައި ހުރިކަން އެނގެ އެވެ. އައިކަން އެނގުނެވެ. "ދަރިފުޅާ"އޭ ގޮވާލެވުނު އަޑު، އަމިއްލަ ކަންފަތަށް އިވުނެވެ. އެކަމަކު ދަރިފުޅުގެ މޫނު، އޭނާއަކަށް ނުފެނުނެވެ. އާއެނކެވެ. ނުފެނުނެވެ. އޭނާގެ ލޮލުގެ ނޫރު ނެތި ހިނގައްޖެ އެވެ. ހިއްސުތަކުން ވާގި ހިނގައްޖެ އެވެ. ނޭވާ ހުސްވެއްޖެ އެވެ.

ދަރިފުޅުގެ އަތް މައްޗަށް، ރައީސް ހާލިދު މަރުވި އެވެ.

---

މުސްކުޅި ގޭގައި ޓީވީ ހުޅުވާލައިގެން އެކަނިމާއެކަނި ފާތިރު އިނެވެ. އޭނާގެ ހުރިހާ ރޭވުމެއް ފޭލްވެއްޖެ އެވެ. އޭނާ ބުނި ގޮތަށް ދަލޭކަދައިތަ ކަންތައް ކުރި ނަމަ، ރައީސް ހާލިދު މިހާރު ދުނިޔެއަކު ނުހުންނާނެ އެވެ. އޭނާގެ މެސެޖް ދަލޭކަދައިތައާ ހަމައަށް ދިޔަކަން ޔަގީނެވެ. ފިއްލަދުއަށް ނުގޮސް އެ ހުރިހާ ކަމެއް އޭނާ ކުރީ، ރައީސް ހާލިދު މަރާނުލެވިއްޖެ ނަމަ، ދެން ރާއްޖެ ކުރިމަތިލާނީ ކުރިއަށް ވުރެ ވެސް ބޮޑު އަނިޔާވެރިކަމަކާކަން ޔަގީންވާތީ އެވެ. އެހެންކަމުން އޭނާ ދެ ވަނަ ފަހަރަށް، ބިންގަރާހުގެ ދިހަ ނަންބަރު ކަބަޑުގައި ހުރި ފެން ފުޅީގެ ބޭނުން ހިފަން ނިންމި އެވެ. ފަހުން ކުރިމަތިވެދާނެ ނުރައްކަލަކަށް ބެލުމެއް ނެތި، އެއިން ފޮން ފޮދެއް، ކުޑަކުޑަ ބިއްލޫރި ފުޅިއަކަށް އަޅައި، ރަނގަޅަށް މަތި ޖެހި އެވެ. ދެން އެ ހިފައިގެން އޭނާ ހަމަ އެ ދުވަހު، ފުރި އެވެ.

އޭނާ ދިޔައީ، ވީރު މުހައްމަދުގެ ޝަހީދުވި ދަރިފުޅުގެ ހުވަފަތް އަނބިމީހާ ދިރިއުޅެމުން އަންނަ ހދ. ފިނޭއަށެވެ. އޭނާ އެ ގެ ހޯދި އެވެ. އޭނާ ބައްދަލުކުރީ އެ އަންހެންމީހާގެ ބައްޕައާ އެވެ. އެއީ ރޭގަނޑު ދަންވަރު، ކުޑަ ދޯންޏެއްގައި، ފިއްލަދުއަށް ދިޔަ މީހާކަން އެނގުނެވެ. އަންހެން ދަރިފުޅާއި ކާފަ ދަރިފުޅު މިހާރު ދިރިއުޅެނީ އޭނާގެ ހިމާޔަތުގަ އެވެ. އެއީ ވީރު މުހައްމަދު ކަހަލަ މީހެކެވެ. އެއީ ދިވެހިންނާ މުޅިން ތަފާތު ބައެކެވެ. އެކަމަކު އާންމު ދިވެހިންނަކަށް އެ ހަގީގަތެއް ނޭނގެ އެވެ.

އެމީހާއަށް އޭނާ ވިސްނައިދިނެވެ. އޭނާއަށް ފިއްލަދުއަށް ނޭރޭނެ ކަމާއި މި ފެން ފުޅި ހިފައިގެން ގޮސް، ވީރު މުހައްމަދުގެ އަތަށް ދިނުމަށެވެ. ދެން ދިއްކޮށްލީ އޭނާ ލިއެފައި އޮތް ކުޑަކުޑަ ގަނޑުކޮޅެކެވެ.

އެރޭ އެ މީހާ ފުރިކަން އެނގެ އެވެ. އަދި އެރޭ އެމީހާ ފިނޭއަށް އަ އެވެ. އެރޭ އެމީހާ އޭނާއަށް އެ ހަބަރު ދިނެވެ. "ކަލޭ ބުނި ގޮތަށް އެކަން ކޮށްފިން"، މިއީ ހަމައެކަނި ބުނެލި ވާހަކަ އެވެ. އެވަރު ފާތިރަށް ފުދެ އެވެ.

އެކަމަކު ރައީސް ހާލިދު އެހެރީ އެވެ. އޭނާ ރައްޔިތުންނާ ވާހަކަ ދައްކަނީ އެވެ. މާ ރަނގަޅު މީހަކަށް ވެގެން، އެންމެން އިސްލާހުވާށޭ، އޭނާއަށް ބުނެވޭނެ ހެއްޔެވެ؟ އޭނާ އެހެރީ އެފަދަ މަގާމެއްގައި ހެއްޔެވެ؟ އެތައް ބައެއްގެ މަރުގެ ޒިންމާ ސީދާ ނަގަން ޖެހޭ ރައީސެކެވެ. މައުސޫމްގެ މުޅި އާއިލާ ލޭ އޮހޮރުވާލި ގާތިލެވެ. ހިތުގައި އެއްވެސް ލޯތްބެއް ނެތް އިންސާނެކެވެ. ގައުމެއްގެ ވެރިޔަކަށް، އެންމެ ސިކުންތަކަށް ވެސް، ބަހައްޓައިގެން ނުވާނެ މީހެކެވެ.

އެކަމަކު އެހެރީ އެވެ. އޭނާ ދިން ވިހައިން ވެސް ސަލާމަތްވެގެންނެވެ. އޭނާ އާދޭސްކޮށްފައި، ދަލޭކަދައިތައަށް ފޯރުކޮށްދިން މެސެޖުން ވެސް ސަލާމަތްވެގެންނެވެ.

ދެން ފެނުނީ އެ މަންޒަރެވެ. ރައީސް ކުއްލިއަކަށް ވެއްޓުނެވެ. ފާތިރަށް ކޮޅަށް ތެދުވެވުނެވެ. ބިޔަ ބޮޑީގާޑު ދުވެފައި ގޮސް، ރައީސް ކައިރީގައި އިށީންތަން ފެނުނެވެ. މީހުން ހަޅޭއްފަޅޭއްލަވައި އަޑު އިވިއިވި ހުއްޓެވެ. އެމްބިއުލެންސް އަ އެވެ. ސްޓޭޖް ކުރިމަތީގައި ސިފައިން އެތުރުނެވެ. ރައީސްގެ ހަށިގަނޑު ކައިރީގައި ދެން އިށީނީ ޑޮކްޓަރުކަން އެނގުނެވެ. ކުއްލިއަކަށް ބޮޑީގާޑުގެ އަތްދަނޑި މައްޗަށް ރައީސްގެ ހަށިގަނޑު ނެގި އެވެ. އޭނާ ދުއްވައިގަތެވެ. އެމްބިއުލެންސަށް އެރުވި އެވެ. ނައްޓާލި އެވެ.

މާ ގިނަ އިރެއް ނުވެ، އިވުނީ ރައީސް ހާލިދު މަރުވެއްޖެކަމުގެ ހަބަރެވެ. އޭނާ ދިން ފެން ފޮދު ރައީސް ހާލިދު ބޮއިފިކަން ޔަގީންވި އެވެ. ދިހަ ނަންބަރު ކަބަޑުގައި ހުރި، އެ ނުރައްކާ ފެން މެދުވެރިކޮށް، ފޮނުވާލި ދެ ވަނަ ހަމަލާ އެވެ. އޭގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އޭނާއާ ދެން ކުރިމަތިވާނީ ކޮން ބަދުނަސީބެއް ހެއްޔެވެ؟ ހައްވަ މަރުވާނީ ހެއްޔެވެ؟ ދަލޭކަަދައިތަ މަރުވާނީ ހެއްޔެވެ؟ ނުވަތަ އޭނާ މަރުވާނީ ހެއްޔެވެ؟

ކުއްލިއަކަށް ފޯނު ރިންގުވާން ފެށި އެވެ. ޖީބުން ފޯނު ނެގި އެވެ. އޭނާގެ ހަނދާނަށް އައީ، ފިއްލަދޫގައި ކުރިމަތިވި ހާދިސާ އެވެ. ދަލޭކަދައިތަގެ ގޭ ކުރިމަތީގައި ހުރެ، ލަންޑަނަށް، އޭނާގެ ދެބެންގެ ދެދަރި އަންހެން ކޮއްކޮއަށް ގުޅަން އުޅުނު ގޮތެވެ. އައިސް ހުރި މެސެޖްތަކެވެ. އެންމެ ފަހުން، އެ ކޮއްކޮ މަރުވިކަމުގެ ހަބަރެވެ.

ގުޅަނީ އަންހެނުން ސުހާނާ އެވެ. އަނެއްކާ ކިހިނެއް ވީ ހެއްޔެވެ؟ ފާތިރުގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށި އެވެ.

އޭނާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން، ކުއްލިއަކަށް އިވުނީ، "ފާތިރު، ވަރަށް އަވަހަށް އާދެ ބަލަ!"އޭ އަންހެނުން ބުނި އަޑެވެ.

"އަނެއްކާ ކަމެއް ވީތަ؟" ފާތިރަށް ސުވާލުކުރެވުނެވެ.

"އާނ، އަވަހަށް އާދޭ. އަހަންނަކަށް ކޮޅަކަށް ނުހުރެވޭ! އިށީނދެގެންނެއް ނީނދެވޭ،" ސުހާނާ ބުނި އަޑު އިވުނެވެ.

ފާތިރަށް އިތުރު ވާހަކައެއް ނުދެއްކުނެވެ. ފޯނު ޖީބަށް ލަމުން، ގެއިން ނުކުންނަން ދުއްވައިގަނެވުނެވެ.

---

އަނދިރިކަމެވެ. އޭނާގެ ވަށައިގެން ހަޅޭއްލަވާ އަޑެވެ. ހީވަނީ އެ އޮތް ތަނުގެ ހަތަރު ބިތުގައި އެ އަޑުތައް ޖެހިފައި، އަނެއްކާ، އެއަށް ވުރެ ބާރަށް އަންނަނީ ހެންނެވެ. ކަންފަތުގައި އަތް އަޅަން ބޭނުންވި އެވެ. އެކަމަކު ކައިރީގައި ތިބި، ކަޅު، ބިޔަ ދެ ހިޔަނި ހުރީ، އޭނާގެ އެ ހަރަކާތަށް ބަލަހައްޓައިގެންނެވެ. ކިރިޔާ ވެސް އަތެއް ގުޑުވާލާ އިރަށް އެ އަތުގައި ހިފަހައްޓާލަ އެވެ.

"ކަލޭ މިހާރު ތިއީ އަހަރެމެންގެ ތެރެއިން އެކަކު. ކަލެއަށް ދެން އާންމު އިންސާނެއްގެ ގޮތަކު ނޫޅެވޭނެ،" އޭނާގެ މޫނު ކައިރިއަށް ތިރިވެ އޮތް، އަނގަ ފުޅާ، ކަރު ފަލަ، ހިޔަނީގެ ވަރުގަދަ އަޑުން ބުންޏެވެ.

އެއީ އޭނާގެ ވަށައިގެން އިރުއިރުކޮޅާ ހުރަސްކުރާ ހިޔަނިތަކުގެ މައި އެތި ކަން ހިތަށްއެރި އެވެ. އެކަމަކު އެއްޗެކޭ ބުނާނެ ވަރެއް އޭނާގެ ހަށިގަނޑަކު ނެތެވެ. އޭނާއަށް އެނގޭހާ ވެސް ކަމަކީ، މަރުވަމުން ދިޔަ ކަމެވެ. ނުވަތަ އެއީ، މަރުވުމުގެ ކުރިން އިންސާނުންނަށް ފެންނަ އަނދިރިކަމެވެ.

އޭގެ ކުރިން، ނިހާދަށް އެންމެ ފަހުން ވިސްނުނީ، މައުސޫމާއި އޭނާގެ އާއިލާ މަރާލާފައި އޮތް މަންޒަރުތަކުގެ ފޮޓޯތަކާ މެދުގަ އެވެ. އޭނާ ވެސް މަރުވެގެން އެދަނީ، ހަމަ އެގޮތަށް، ލޭތަކުގެ ތެރޭގައިކަން އިހުސާސްކުރެވުނެވެ. އޭގެ ފަހުން ލޯ މެރުނީ އެވެ. ދެން ހޭލެވުނު އިރު، އޭނާ އޮތީ، މި އަށިމަތީގަ އެވެ. ލަކުޑިކަމެއް، ހިލަކަމެއް، ގާކަމެއް ނޭނގެ އެވެ. ޔަގީނުން ވެސް މިއީ މަޑު ތަންމައްޗެއް ނޫނެވެ. އޭނާ ނިދަން އޮންނަ، އަރާމު ތަންމައްޗެއް ނޫނެވެ.

އޭނާ ބަލަހައްޓަމުން އެދަނީ، އޭގެ ކުރިން ދުވަހަކު ވެސް ނުދެކޭ ބައެކެވެ: ކަޅު ހިޔަނިތަކެވެ. ބިރުވެރި މޫނުތަކެވެ. ރަތް ލޯތަކެވެ. ދިއްލޭ ކަނޑިތަކެވެ.

މިއީ އިންސާނުންގެ ތެރެއިން ވާ ބައެއް ނޫންކަން، ނިހާދަށް ވިސްނުނެވެ. އެކަމަކު އޭނާ މަރުވަމުން ދަނިކޮށް، އެ އަނދިރކަމުން ސަލާމަތްކުރީ މީގެ ތެރެއިން ހިޔަންޏެކެވެ. ނުވަތަ ހިޔަނިތަކެކެވެ. އޭގެ އެންމެ ވަރުގަދަ އެތި މިހާރު އެބުނަނީ، "ކަލެއަށް ދެން އާންމު އިންސާނެއްގެ ގޮތަކު ނޫޅެވޭނެ"އޭ އެވެ. އެހެންކަމަށް ވާ ނަމަ އޭނާ އެ އޮތީ ކޮން ތަނެއްގައި ހެއްޔެވެ؟ ބިމު އަޑީގައި ހެއްޔެވެ؟ މަތީގައި ހެއްޔެވެ؟

"ކަލޭ މަރުން ސަލާމަތްކޮށްގެން އަހަރެމެން މި ގެނައީ އެންމެ ކަމަކަށް. ހަމަ އެންމެ އިންސާނަކާ ހަނގުރާމަކުރަން،" ތުން ފަތް މަތީގައި، ނޭފަތާ ކައިރިން ކަނާތް ފަރާތުގައި ހުދު ކުލައިގެ ދެ ކަޅުތިލަ ހުރި، ބިޔަ ހިޔަނި ބުންޏެވެ.

"އެއީ ކާކު؟" ނިހާދު އެހި އެވެ.

"އެއީ ކަލެ އަށާއި ކަލޭގެ ރައީސަށް ވިހަ ދީ މަރާލަން އުޅުނު މީހާ،" ނިހާދުގެ ގައިމަތިން ބޯ ހިއްލާލައި، ހަށިގަނޑު މައްޗަށް ދަމާލަމުން އެ ހިޔަނި ބުންޏެވެ.

އެ ބުނަނީ ދެވަނަ އެހެން މީހެއްގެ ވާހަކައެއް ނޫނެވެ: އޭނާ ބްލެކްމެއިލް ކުރި މީހާ އެވެ. އޭނާއަށް ތާސްބައި ދިން މީހާ އެވެ. ރައީސްއާ ހަމައަށް އެ ތާސްބައި ފޮނުވާލި މީހާ އެވެ.

"އެއީ އަހަރެންގެ އަންހެނުން ޖަހައިގަނެގެން އުޅޭ ނުބައި އިންސާނާ. އޭނާގެ އަތުން ކަލޭގެ ރައީސް މިހާރު މަރުވެއްޖެ. ކަލޭ ނުކުންނަންވީ އޭނާއާ ދެކޮޅަށް،" ހިޔަނި ބުންނެވެ.

"އެއީ ކާކުހޭ؟" ނިހާދު ސުވާލުކުރި އެވެ. އޭނާގެ އަޑުގައި ތަފާތު ހުރިކަން އެނގުނެވެ. އަޑު ބަރުވެފައި، ނުސާފެވެ. ހިޔަނި ބުނި ގޮތަށް މިހާރު އޭނާއަކީ ކުރީގެ އޭނާއެއް ނޫނެވެ. ކުރީގެ ނިހާދެއް ނޫނެވެ.

"ނަމަކީ ފާތިރު،" ހިޔަނީގެ ފުނޑެމުން ދާ އަޑު، އޭނާއަށް އިވުނެވެ.

---

ރޭގަނޑު އެކެއް ޖަހައިފި އެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި، ހަތަރު މީހުން ނުކުތެވެ. ވީރު މުހައްމަދު އައިސް ހުއްޓުނީ ޔޫނުސްގެ ކުރިމައްޗަށެވެ. އޭނާގެ ތިން ދަރިން އޭނާގެ ފަހަތުގައި، ސަފަކަށް އެތުރުނެވެ.

ޔޫނުސްގެ މޫނުމަތިން ގޮތްދޫނުކުރުމުގެ އަސަރުތަކެވެ. އޭނާގެ ލޮލުން، ހަރުކަށިކަމުގެ ވިދުވަރެވެ. އޭނާ ބޭނުންވަނީ ނޭނގި ކުރިމަތިލާކަށެއް ނޫނެވެ. އޭނާ ބޭނުންވަނީ މި މީހުންނަށް އޭނާ އައިކަން އެނގި، އޭނާއާ ބައްދަލުކުރާށެވެ. އޭނާ ޖެހިލުންވާނެ މީހަކު ނެތެވެ. އޭނާއަށް ގެއްލޭނެ އެއްޗެއް ވެސް ނެތެވެ.

"އަހަރެންގެ ބައްޕަ މަރާލީ ކަލޭމެން،" ވީރު މުހައްމަދާ ދިމާއަށް ކަޅި ވެސް ޖަހާނުލައި ހުރެ، ޔޫނުސް ބުންޏެވެ.

"އަހަރެމެން އޭނާ ކައިރިއަކު ނުބުނަން މިގެއަށް އަންނާށެކޭ،" ވީރު މުހައްމަދު ބުންޏެވެ.

"ނުބުންޏަސް، ބުންޏަސް، ކަލޭގެ ބެލުމުގެ ދަށުގައި އެ އޮތް ދައިތަގެ ނުބައިކަން،" ޔޫނުސް ބާރަށް ބުނެލި އެވެ.

"ކަލޭ ބޭނުންވަނީ ކޮން ކަމެއް؟" ވީރު މުހައްމަދު ސުވާލުކުރި އެވެ.

"ބަދަލުހިފަން،" ޔޫނުސް ޖެހިލުމެއް ނެތި، އޭނާގެ ނިޔަތް ބޭރުކުރި އެވެ.

"ކަލެއަށް އެކަން ވާނެތަ؟" ވީރު މުހައްމަދު ރައްދުދިނެވެ.

"ނުވަންޏާ އަހަރެން މި ރަށަކަށް ނާންނާނެތާ!" ޔޫނުސް ބުންޏެވެ.

އިތުރު ވާހަކައެއް ނުދައްކަ އެވެ. ބިޔަ ފަސް ފިރިހެނުންގެ މެދަށް ވެރިވީ ހިމޭންކަމެވެ. ވީރު މުހައްމަދުގެ ހަތަރު ފަހުލަވާނުންގެ ލޯ ޔޫނުސްގެ މޫނަށެވެ. ޔޫނުސްގެ ދެ ލޯ، ވީރު މުހައްމަދަށް އަމާޒުވެފަ އެވެ.

"ކަލޭ ހަލާކުވުމުގެ ކުރިން އަަވަހަށް މިރަށުން ފައިބައިގެން ދޭ!" އެންމެ ފަހުން ވީރު މުހައްމަދު ބުންޏެވެ.

އެވަގުތު ކުއްލިއަކަށް ޔޫނުސްގެ ވަރުގަދަ ކަނާތުން، ވީރު މުހައްމަދުގެ ކަރުގައި ހިފި އެވެ. އެއީ ވީރު މުހައްމަދު ހީކުރި ފަދަ ހަމަލާއެއް ނޫނެވެ. އެއަށް ވުރެ އަވަސް ވެފައި، ވަރުގަދަ އެވެ. އޭނާގެ ތިން ދަރިން ހަމަލާ ދޭން އުޅުނެވެ. އެކަމަކު އޭގެ ކުރިން، ޔޫނުސްގެ ފަހަތުން، ވާތުން ނެގި ވަޅި، ކުރިމައްޗަށް ދިއްކޮށްލި އެވެ.

"އެންމެ ފިޔަވަޅެއް ކުރިއަށް ޖެހިލިޔަސް، މި ވަޅި ވަންނާނީ މީނާގެ ބޮލަށް،" ޔޫނުސް އިންޒާރު ދިނެވެ.

މިއީ އިންސާނެއްގެ ބާރު، ވީރު މުހައްމަދަށް ތަޖުރިބާކުރެވުނު ފުރަތަމަ ފަހަރެވެ. މިހާ ބާރުގަދަ، ބިޔަ ދިވެއްސެއް އޭނާއާ ކުރިމައްޗެއް ނުވެ އެވެ. އިންސާނުންގެ ހަމަ ދުނިޔޭގައި، އެ މީހުންނާ ދިމާކުރުން ފަސޭހަ ނޫންކަން، ހާސްވަމުން ދިޔަ، އޭނާގެ ހިތަށް އެރި އެވެ. މީގެ ކުރިން އޭނާ ހަނގުރާމަކުރަމުން އައީ އިންސާނުންނަކާ ނޫނެވެ. އެކަމަކު ހަޔާތުގައި ފުރަތަމަ ފަހަރަށް، އިންސާނުން އޭނާގެ ގޭގެ ސަރަަހައްދަށް ވަދެއްޖެ އެވެ. އޭނާއަށް ހަމަލާދީފި އެވެ.

ވީރު މުހައްމަދަށް، ޔޫނުސްގެ އަތުން ސަލާމަތެއް ނުވެވުނެވެ. އޭނާއަށް ހީވީ އޭނާގެ އަތުގައި އެވަރުގެ ބާރެއް ނެތް ހެންނެވެ. ދެން އޭނާއަށް ފެނުނީ ޔޫނުސްގެ ފަހަތުން މަޑުމަޑުން މީހަކު އަންނަ ތަނެވެ. ވީރު މުހައްމަދުގެ ތިން ދަރިން ވެސް އެ ދިމާއަށް ބަލައިލި އެވެ. ކަމެއް ވާ ހެން ޔޫނުސްއަށް ހީވި އެވެ. އޭނާ ފަހަތަށް އެނބުރި ބަލައިލަން އުޅުނެވެ.

ދަަލޭކަދައިތަ އޮތް ގޭގެ ގިފިލި ތެރޭގައި ހުރި ހައްވައަށް އެ ހުރިހާ މަންޒަރެއް ވެސް ފެނެ އެވެ. ކަންތައް ވަމުން އެ ދަނީ އޭނާ ހަމަ ގަބޫލުކުރި ގޮތަށެވެ. އެ ޒުވާނާއަކީ އާދައިގެ މީހެއް ނޫނެވެ. ބަދަލުހިފަން އަންނާނެ ކަން އޭނާއަށް އެނގެ އެވެ. އެހެރީ އައިސްފަ އެވެ. އެހެރީ ވަރުގަދަ ވީރު މުހައްމަދުގެ ކަރުގައި ހިފައިގެންނެވެ.

ނަމަވެސް އެ ޒުވާނާގެ ފަހަތުން އައިސް އެ ހުއްޓުނީ އޭނާ ހީކުރި ކަހަލަ މީހެއް ނޫނެވެ. އެއީ ކާކުކަން އެނގުމުން، ހައްވަގެ ދެ ލޯ ބޮޑުވި އެވެ. އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އޭނާގެ ހިތް ތެޅެމުން، ވިންދުތައް އަވަސް ވަމުން ދިޔަ އެވެ.

ޒުވާނާގެ ކަރުގައި އެ ހިފަނީ، ދެވަނަ އެހެން މީހެއް ނޫނެވެ: ޝިހާބެވެ.

(13 ވަނަ ބައި، ޖޫން 30، 2020، އަންގާރަ ދުވަހު)