ވާހަކަ ސިލްސިލާ: ދިހައެއް: ހަމަ އެންމެ ކަމަކަށް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

ޖޫން 30، 2020، އަންގާރަދުވަހުގެ ބަޔާ ގުޅޭ


ހައްވަ ފަހަތަކަށް ނޭނބުރެ އެވެ. އެކަމަކު އޭނާގެ ހިތަށް، އެ ބަސްތައް ވަދެގެން ދިޔައީ، އެންމެ ލޯބިވި މީހާ ހަގީގަތުގައި ވެސް ގެއްލިއްޖެ ކަމުގެ އިހުސާސްތަކާ އެކު އެވެ. އެ ލޯބިވެރިޔާ އަލުން ދުވަހަކު ވެސް ނުފެނުނު ނަމަ ރަނގަޅުވީހެވެ. އޭރުން އޭނާ ނެތް ކަމަށް ގަބޫލުކުރަން ޖެހޭނެތާ އެވެ. އެކަމަކު ޝިހާބު އެހުރީ އޭނާ ފަދަ ހަނގުރާމަވެރިއެއްގެ ގޮތުގައިކަން އެނގުމުން، ހަޔާތުގައި ދެ މީހުންނަށް ވެސް ލިބުނީ ކެއްސެއްކަން އެނގުނެވެ. އާއެނކެވެ. އޭނާ ގަބޫލުކުރި ގޮތަށް، ޝިހާބަކީ ފިނޑިއެއް ނޫނެވެ. ދެ މީހުންނަށް ވެސް ނޭނގުނީ އެކަކު އަނެކަކުގެ ފޮރުވިފައި އޮތް ސިއްރެވެ. ދެ މީހުން ވެސް އުޅުނީ ހަމައެކަނި ލޯބީގެ ދުނިޔެއެއްގަ އެވެ.

ގޭގެ ދޮރާ ހަމައަށް ދެވުނު އިރު ހައްވަގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އޭނާގެ ގެ އޮތީ އަސްލު ހުހަށެވެ. އޭނާގެ ހަޔާތް ވެސް އަސްލު މުޅިން ހުހެވެ. ދެން އުފާވެރި ކޮން ދިރިއުޅުމެއް ހެއްޔެވެ؟

---

"ހުސޭނުބެއަކީ ތިން ވަނަ މީހާ އަހަރެމެންނަށް ދޫކޮށްލެވުނު. އޭނާ ދިރިހުންނާކަށް ހައްގެއް ނޫން. ރައީސް ހާލިދު މަރުވެއްޖެ. ނިހާދު ވެސް މިހާރު އޮންނާނީ ކޮންމެވެސް ތަނެއްގައި މަރުވެފައި. އެކަމަކު އެކަލޭގެ އެހެރީ ލަންޑަންގައި،" ނާވިޝްގެ ހިތްހަމަނުޖެހުން، ފާޅުގައި ހާމަކުރި އެވެ.

ފާތިރު އިނީ އަޑުއަހާށެވެ. ޒަވީން ވެސް އިނީ އަޑުއަހާށެވެ. އެކަމަކު ވާހަކަ ފެށުމާ އެކު ޒަވީން ބުރަވީ ނާވިޝްގެ ވާހަކަތަކަށެވެ.

"ރައީސް މަރުވުމަކުން މިކަމެއް ނުނިމޭނެ ހުސޭނު ދުނިޔޭގައި ހުރިހާ ހިނދަކު. އެއީ މައުސޫމާއި ކުށެއް ނެތް އަނބިމީހާ އާއި އެ ކުޑަކުޑަ ތިން ކުދިންގެ މަރުގެ މޭސްތިރިއެއް ނޫންތަ؟" ފާތިރާ ދިމާއަށް ކަޅި ވެސް ޖަހާނުލާ އިނދެ ނާވިޝް ބުންޏެވެ.

ނާވިޝް އާއި ޒަވީން ހިތްހަމަޖެހޭނެ ކަހަލަ ޖަވާބެއް ދެވޭކަށް ފާތިރަކަށް ނެތެވެ. ހުސޭނުބެ ދޫކޮށްލުމަކީ އޭނާގެ ނިންމުމެކެވެ. އަދި އޭގެ ކުރިން ޔާސިރު އާއި ޑރ. އަރުޝަދު ވެސް މަރާނުލާ ދޫކޮށްލީ އޭނާގެ ބަހަށެވެ. އެކަމަކު އޭރު ވެސް އެކަމާ ނާވިޝް ދެކޮޅުހެދި އެވެ. އޭނާ ގަބޫލުކުރީ، ތިން މީހުން އެކުވެގެން ފެށި އިންސާފު ހޯދައިދިނުމުގެ މަސައްކަތުގައި މައާފު ދެވޭ ވަރަށް ވުރެ ޔާސިރާއި އަރުޝަދުގެ ކުށް މާ ބޮޑުކަމެވެ. ޔާސިރުގެ އަނިޔާވެރި ހަމަލާތަކުގައި މަރުވީ ކުށެއް ނެތް އޭނާގެ ލޯބިވެރިޔާ އެވެ. އަރުޝަދު އެހީވެގެން މަރާލީ، ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށްވާ ހައިދަރާއި އޭނާގެ މުއްސަނދި ބައްޕަ ޝިޔާމެވެ. އެކަން އޭނާ ކުރީ، ލޯބިވެރިޔާ އަދި ޝިޔާމްގެ އަންހެނުން ސާދިޔާއަށްޓަކަ އެވެ.

ސާދިޔާ ވަނީ، ފާތިރުމެންގެ ރޭވުމެއްގައި މަރުވެފަ އެވެ. އެކަމަކު އަރުޝަދު ދޫކޮށްލީ އެވެ. އޭނާ މިހާރު ވެސް ގެންދަނީ ސަރުކާރުގެ ހޮސްޕިޓަލްގައި މަސައްކަތްކުރަމުންނެވެ.

"ހުސޭނުބެއަށް ހަމަ އެއްވެސް ކަމެއް ނުކުރާނަން؟" މިފަހަރު ފާތިރާ ސުވާލުކުރީ ޒަވީނެވެ.

މިއީ ފާތިރުގެ ނިންމުމަކާ މެދު ޒަވީން އެގޮތަށް ސުވާލު އުފެއްދި ފުރަތަމަ ފަހަރެވެ. އެހެންކަމުން ތިން މީހުން ފެށި އޮޕަރޭޝަން އެންމެ ފަހުން ވިހަޔަކަށް ބަދަލުވަނީތޯ، ފާތިރުގެ ހިތަށްއެރި އެވެ.

"މި ހުރިހާ މަސައްކަތެއް، މި ހުރިހާ ވަގުތެއް، ހުރިހާ ރިސްކެއް އަހަރެމެން ނެގީ ވަކި ކަމަކަށް ދޯ. ބުނަމާ ހިނގާ ހަމަ އެންމެ ކަމަކަށޭ. އެއީ އަނިޔާވެރިންނަށް ކޯޓުން ނުދޭ އަދަބު އަހަރެމެން ދިނުން. މުޅި ނިޒާމް ދެކެ ރުޅިއައުން. އެކަމެއް ފުރިހަމައެއް ނުވާނެ، ހުސޭނު އެގޮތަށް ދޫކޮށްގެންނެއް،" އަނެއްކާވެސް ވާހަކަ ދެއްކީ ނާވިޝް އެވެ.

އެއީ ދޮގެއް ނޫނެވެ. އެކަމަކު ހުސޭނުބެގެ ނުކުޅެދޭ ދަރިފުޅުގެ ހަގީގަތް އެނގުމުން ފާތިރުގެ ވިސްނުން ބަދަލުވި އެވެ. އޭނާ ބެލީ، އަދި އަމިއްލަ ހިތަށް ވިސްނައިދިނީ، ބިރުދައްކައިގެން ހުސޭނުބޭގެ ދިރިއުޅުން އިސްލާހުކުރެވިދާނެ ކަމަށެވެ. ރައީސް މަރުވުމާއި ނިހާދު ގެއްލުން ފަދަ ކަންކަމުން، ކޮންމެވެސް އެއްޗެއް ވިސްނޭނެކަން، މިހާރު ވެސް އޭނާއަށް ޔަގީނެވެ. އެކަމަކު ހުސޭނުބެއަށް އައި ބަދަލެއް އޭނާއަކަށް އަދި ނޭނގެ އެވެ. ލަންޑަނުން އެނބުރި އައުމުން އެކަން އޮޅުންފިލުވިދާނެ އެވެ.

ތިން މީހުންގެ މެދުގައި ހިމޭންކަމެވެ. ފާތިރު ބުނާނެ އެއްޗެއް އަޑުއަހަން، ނާވިޝް އާއި ޒަވީން އިންތިޒާރުކުރަނީ އެވެ.

ތިން އެކުވެރިން ތިބީ، އިންސާފުގެ ޗެމްބަރުގައި، ބޮޑު މޭޒު ބަހައްޓާފައި ހުރި ބައިގަ އެވެ. ބައްދަލުވުން ރޭވީ ނާވިޝްގެ އެދުމަށެވެ. ރައީސް ހާލިދު މަރުވުމާ އެކު އެމީހުންނަށް އެއްބަސްވެވުނީ ދުވަސްކޮޅަކު މައިތިރިވެލައިގެން ތިބެލާށެވެ. އިންސާފު ހޯދައިދޭން އެ މީހުން ފުރަތަމަ ކަނޑައެޅި ދިހަ ކޭހުގެ ތެރެއިން ކުރިއަށް ގެންދެވުނީ އެންމެ ތިން މައްސަލަ އެވެ. އޭގެ ފަހުން އުޅެން ޖެހިފައި ވަނީ، އެ މީހުން ކުރިން ތަހުގީގުކޮށްފައި ނެތް، ކުއްލި މައްސަލަތަކެއްގަ އެވެ.

ބާކީ ހަތް ކޭސްގެ ފައިލްތައް، މޭޒުގެ އެއްކޮޅުގައި ހުއްޓެވެ. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ، ހުރިހާ ކަމެއް ބަރާބަރަށް ދާ ނަމަ، މި ޗެމްބަރުގައި ބޮނޑިއެއް ބޯނެ ފަދަ ނުބައި، ނުލަފާ މީހުންނެވެ. އެކަމަކު މިހާރު ތިން މީހުން އެއްބަސްވި ގޮތާ ހިލާފު ވެއްޖެ އެވެ. އޭގެ ސަބަބަކީ ފާތިރެވެ.

"އަހަންނަށް ހީވަނީ ދެން މިހާ ހިސާބުން މިކަން ނިންމާލަންވީހެން،" ފާތިރު އެއްވެސް އެއްޗެކޭ ނުބުނުމުން، ނާވިޝް ތަންކޮޅެއް މަޑުން ބުނެލި އެވެ.

ފާތިރު ބަލައިލީ ޒަވީންގެ މޫނަށެވެ. އެ މޫނުން އޭނާއަށް ހައިރާންކަމެއް ނުފެނުނެވެ. އެހެންކަމުން މިއީ ދެ މީހުންގެ މެދުގައި ރޭވިގެން އައި ކަމެއްކަން އިހުސާސްކުރެވުނެވެ: އެއީ މައްސަލައެކެވެ. ތިން މީހުންގެ ތެރެއިން ދެ މީހުން އޭނާއާ ދެކޮޅަށް ނުކުތުމަކީ ފެޔަށް ޖެހުމުގެ އެއް ފިޔަވަޅެވެ.

"މިހިރަ ފައިލްތަކުގައި ހުރި މައްސަލަތަކަށް ކިހިނެއް ދެން ހަދާނީ؟" ނާވިޝްމެންގެ ވިސްނުން ހުރި ގޮތް ބަލައިލުމުގެ ނިޔަތުގައި ފާތިރު، އެންމެ ފަހުން އަހާލި އެވެ.

ނާވިޝް ބަލައިލީ ޒަވީންއާ ދިމާއަށެވެ. ހީވީ އެ ސުވާލަށް ޖަވާބު ދޭނީ ޒަވީން ހެންނެވެ.

"ފާތިރު...." ޒަވީން ވާހަކަ ދައްކަން އުޅުނެވެ. އެކަމަކު ފާތިރުގެ ނަން ބުނެފައި އޭނާއަށް ހުއްޓުމެއް އަ އެވެ. ނާވިޝް ވެސް، ފާތިރު ވެސް ބަލަހައްޓައިގެން އިނެވެ.

"އަހަންނަށް ވެސް ބުނެވޭނީ ނާވިޝް ބުނިހެން. މި ހިސާބުން ދެން މިކަން ނިންމާލަމާ ހިނގާ،" ޒަވީން އެންމެ ފަހުން ބުންޏެވެ.

"އެހެންވީމާ ދެ މީހުން ތި އައީ ރާވައިގެންތާ!" ފާތިރު، މަލާމާތުގެ ނިޔަތެއްގައި، ބުންޏެވެ.

"ނޫނެކޭ ބުނެފިއްޔާ ވާނީ ދޮގުހެދީ ކަމަށް. ހަމަ ޔަގީނުން ވެސް އަހަންނެއް ނޯންނާނެ އެއްވެސް ދޮގެއް ހަދާފައެއް. އަހަރެން ޒަވީންއާ ބައްދަލުކޮށް ހިތްހަމަނުޖެހުން ކިޔައިދިނިން. ޒަވީން ގަބޫލުކުރި އަހަރެން ދެއްކި ވާހަކަ. ތެދެއް، ފާތިރަކީ އަހަރެމެންގެ އެންމެ އިސް މީހާ. ފާތިރުގެ މުއްސަނދިކަން ބޭނުން މިކުރަނީ. ފާތިރު އަހަރެމެންނަށް ވެސް އެހީވަނީ. އެކަމަކު ރޭވި ގޮތަށް ކަންކަން ނުދަންޏާ ދެން ހަމަ ފެތޭނީ މަޅިއަކަށް. އަހަރެމެންނަށް ހެދޭ ގޯހަކުން މަޅިއަކަށް ފެތޭކަށް ބޭނުމެއް ނޫން،" ނާވިޝް، އޭނާގެ ވިސްނުން، ތަފްސީލުކޮށް ކިޔައިދިނެވެ.

"ވަކި މީހަކާ މެދު ހަމްދަރުދީ އުފެދެންޏާ މި ކަމެއް ނުވާނެ، ފާތިރަށް ވެސް އެކަން އެނގޭނެ،" ޒަވީން ވާހަކަ ފެށި އެވެ.

"ހުސޭނަށް ފާތިރު ހަމްދަރުދީވަންޏާ ދެން ކުރާނެ ކަމެއް ނެތް. ރައީސް ހާލިދަށް ތާސްބައި ދިނުން އޭނާގެ ފަހު މަސައްކަތަކަށް ވާންވާނީ. ނާވިޝް ހުރީ އޭނާއަށް ހައްގު އަދަބުދޭން ތައްޔާރުވެގެން. އެކަމަކު ފާތިރު އެކަން ހުއްޓުވީ."

"ކަލޭމެންނަށް ފެނުނުތަ އޭނާގެ ދަރި ސާރާ؟" އެންމެ ފަހުން ފާތިރު ސުވާލުކުރި އެވެ.

ދެ މީހުން ކުރެ އެކަކަށް ވެސް ސާރާ ފެނިފައެއް ނުވެ އެވެ. އެކަމަކު ފާތިރަށް އެ ޒުވާން އަންހެނާގެ ހުރިހާ ކަމެއް އެނގެ އެވެ.

"އެނގުނަސް ނޭގުނަސް މިއީ ވަކި މީހަކަށް ހަމްދަރުދީ ވެވޭނެ ކަމެއް ނޫން،" ނާވިޝް ބުންޏެވެ.

އެއީ ތެދެކެވެ. ވަކި މީހަކާ މެދު އުފެދޭ ހަމްދަރުދީގެ އަޅަކަށް، އެ މީހުން ވެގެން ނުވާނެ އެވެ. މިއީ އަދަބު ހައްގު މީހުންނަށް އެ އަދަބެއް، އިތުރު ފިކުރެއް ނެތި، ދިނުމުގެ މަސައްކަތެވެ. ގޭންގްގެ ފަސް ޒުވާނުންގެ ދުވަސް ދިޔައީ، ނާވިޝްގެ ބެލުމުގެ ދަށުންނެވެ. އެކަމަކު އޭނާގެ ހިތުގައި އެ ހަމްދަރުދީ އުފެދުނަކަ ނުދިނެވެ. އޭނާގެ ވިސްނުމުގައި އޮތީ އަދި އޭނާ ހަމަޖެހިގެން ހުންނަން ހިތްވަރު ހޯދީ، މައުސޫމްގެ މުޅި އާއިލާ ގަތުލުކުރުމުގެ އިތުރުން، އެތައް މަރެއްގެ އަޑީގައި ތިބީ، އެ ފަސް ޒުވާނުންކަން ޔަގީންކުރަމުންނެވެ. އެއިން އެއްވެސް ފުރާނައަކަށް އެމީހުންގެ ހިތުން ލޯތްބެއް ނުދެވުނެވެ. އެމީހުންގެ ކަރުނަ އާއި ރުއިންތަކަށް، ހަމްދަރުދީއެއް ނުވެވުނެވެ. ރަނގަޅު ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހުން ގެންދިޔަ ނަމަ، ޒުވާން މޫނުތަކުން އެ ފަނޑިޔާރުގެ ހިތް މަޑުވިޔަކަ ނުދޭނެ އެވެ. ދުނިޔޭގައި މި މީހުން އަދި ދުވަސްކޮޅަކު، މިނިވަންކަމާ އެކު، އުޅުނަ ދިނުން ރަނގަޅޭ، ހިތަކަށް ނާރާނެ އެވެ.

ތިން އެކުވެރިން އެއްބަސްވީ އެކަމަށެވެ. އިންސާފުގެ މި ޗެމްބަރު ހެދީ އެ އަޒުމުގަ އެވެ. ޖަޕާނަށް ގޮސް، އާދަޔާ ހިލާފު އަހުލާގަކާއި ކެތްތެރިކަމާއި ތަޅާފޮޅުމާއި އަޒުމްގެ މައްޗަށް އަޒުމް ހޯދީ، އެ ނިޔަތުގަ އެވެ.

އެކަމަކު އިންސާނުންނަށް ވީތީ ހެދޭ ގޯސްތައް އެ މީހުންގެ މެދުގައި މިހާރު ވަނީ އާންމުވާން ފަށައިފަ އެވެ. އެއީ އެކުގައި ކުރިއަށް ދާން ކުރިމަތިވި ހުރަހެކެވެ. ނާވިޝް އާއި ޒަވީނަށް ނިންމުނީ އެގޮތަށެވެ.

އާއެނކެވެ. މިހާރު ވެސް ވަކި ބަޔަކަށް އިންސާފު ހޯދައިދެވިއްޖެ އެވެ. އެކަމުގައި ރާއްޖޭގެ ރައީސް ވެސް ނިމި އެދިޔައީ އެވެ. އެއީ އަނިޔާވެރިކަމުގެ މައްޗަށް ލިބުނު ކުޑަ ކާމިޔާބީއެއް ނޫނެވެ. އެހެންކަމުން މޭޒު މަތީގައި އަދި އޮތް ހަތް ފައިލްގައި ހިމެނޭ މީހުންގެ ފަހަތުން ދެން ދުވާނެ ކަމެއް ނެތެވެ. ދެން އޮތީ، ހަގީގަތުގައި ވެސް، ތިން މީހުން ވަކިވުމެވެ. އިންސާފުގެ ޗެމްބަރަށް ނުވަނުމެވެ.

"އަދި އެބަ އޮތް އެހެން ވާހަކައެއް. އަހަރެމެން ކައިރީގައި ބުނެ ވެސް ނުލާ ފާތިރު ދެ ފަހަރަށް ފިއްލަދުއަށް ހިނގައްޖެ،" ހިމޭންކަން ދުއްވާލީ ނާވިޝްގެ އެ ވާހަކައިންނެވެ.

އެއީ ކޮންމެ ވަގުތަކު ވެސް އެނގިދާނެ ކަމެއް ކަމަށް ފާތިރު ހުރީ ވިސްނައިގެންނެވެ. އެހެންކަމުން ނާވިޝްގެ އެ ވާހަކައިން އޭނާއަށް ޝޮކެއް ނުލިބެ އެވެ. އެކަހަލަ ސުވާލެއް އަތުވެއްޖެއްޔާ ތެދަށް ވާހަކަ ދައްކަން އޭނާ ނިންމި އެވެ. އެ ވަގުތު މިއައީ އެވެ.

"ރަނގަޅު، އަހަރެން ދިޔައިން. އެ ވާހަކަ ނުބުނުމަކީ ހެދުނު ގޯހެއް. އެހެންވެ މި ކިޔައިދެނީ،" ފާތިރު ވާހަކަ ފެށި އެވެ.

ނަލަ އިބްރާހިމްގެ ފަރާތުން ދަލޭކަދައިތަގެ ނަން އިވުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ކަން ވީ ގޮތެވެ. އެކަމަކު ދެ ސިއްރެއް އޭނާ ހާމައެއް ނުކުރެ އެވެ. އެ ޗެމްބަރުގެ ދިހަ ނަންބަރު ކަބަޑުގައި ހުރި ފެނުގެ ހަގީގަތާއި ހައްވައާ ކުރި ކައިވެންޏެވެ. އޭނާ ބެލީ އެއީ މި ވަގުތު ބުނެވޭ ވަރަށް ވުރެ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ.

"އަހަރެންގެ އާއިލާގެ ލޭ ވެސް ގުރުބާން ކުރެވިއްޖެ. ފުރަތަމަ ކަމަކީ ލަންޑަންގައި ހުރި ކޮއްކޮ. އޭނާ މަރުވީ، ނަލަ އިބްރާހިމަށް އަހަރެމެން ހެދި ގޮތުންނޭ، ދަލޭކަދައިތަ ބުނި. ދެ ވަނަ ކަމަކީ ސުނާހާއަށް އިހަށް ދުވަހު އެ ދިމާވި މައްސަލަ. އެއީ ވެސް މީގެ ތެރެއިން ކޮންމެވެސް މަރަކާ ގުޅުން ހުރި ކަމެއް. ދެން ނާވިޝްމެން ގޮތެއް ކަނޑައަޅާ،" ފާތިރު ބުންޏެވެ.

ދެ އެކުވެރިންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ފާތިރަށް އެމީހުން އިތުބާރުކުރެ އެވެ. އެހެންކަމުން އޭނާ އެ ކިޔައިދިން އާދަޔާ ހިލާފު ކަންތަކުގެ ތެދާ މެދު ޝައްކެއް ނުކުރެ އެވެ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް، އެ މީހުންނަށް ދެން އެކުގައި ކުރިއަށް ދެވޭކަށް ނެތެވެ.

"ފާތިރު ވެދިން އެހީތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ދެން އަހަންނެއް މި ތަނަކަށް ނުވަންނާން، އިރާދަކުރެއްވިއްޔާ. ދެން އަހަރެން ވެސް ބަލާނީ އަމިއްލަ ދިރިއުޅުމެއް ފެށޭތޯ،" ފާތިރާ ދިމާއަށް އަތް ދިއްކޮށްލަމުން، ނާވިޝް ބުންޏެވެ.

އިތުރު ގޮތެއް ނެތެވެ. ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ އެވެ. އެހެންކަމުން މި ނުރައްކާތެރި، އަނިޔާވެރި އޮޕަރޭޝަން ވެސް ދެން ނިމުނީ އެވެ. ނާވިޝް އާއި ޒަވީން ހިފެހެއްޓުމުގެ ބޭނުމެއް ނެތެވެ. ވިސްނައިދިނުމުގެ ބޭނުމެއް ވެސް ނެތެވެ.

ފާތިރު ތެދުވި އެވެ. ދެން ވަރަށް ބާރަށް ނާވިޝްގެ އަތުގައި ހިފާ، ސަލާންކޮށްލި އެވެ.

"އަހަރެން ވެސް މިކަން ދެން މި ނިންމާލީ. ލޯބިވެރިއެއް ހޯދަން މިރެއިން ފެށިގެން މަސައްކަތް ކުރަން މި އުޅެނީ،" އެހެން ބުނަމުން ޒަވީން ވެސް ތެދުވެ، ފާތިރަށް އަތް ދިއްކޮށްލި އެވެ. ފާތިރު ސަލާންކުރި އެވެ.

ދެ ރަހުމަތްތެރިން ޗެމްބަރުން ނުކުންނަން ހިނގައިގަތެވެ. ފާތިރު އިށީނީ އެވެ.

މިއީ އޭނާ އުއްމީދުކުރި ނިމުމެއް ނޫނެވެ. އެހާ ބޮޑު ހަރަދެއް ކޮށްފައި، ބިމު އަޑީގެ މި ބިންގަރާސް ހެދީ ތިން މީހުންގެ ގުޅުން މިހާ އަވަހަށް ކެނޑިދާނެ ކަމަށް ބަލާފައެއް ނޫނެވެ.

މިކަން މިގޮތަށް ނިމުމަކީ ރަނގަޅެއް ހެއްޔެވެ؟ ފާތިރުގެ ހިތާ ސުވާލުކޮށްލެވުނެވެ. އެއްގޮތަކުން ރަނގަޅެވެ. އޭނާއަށް ސުހާނާއާ އެކު ވަގުތު ހޭދަކުރެވޭނެ އެވެ. ރައީސް ހާލިދު މަރުވި ރޭ، އަންހެނުންގެ ބަނޑުގައި ރިއްސާތީ ގޮސް، ހޮސްޕިޓަލަށް ގެންދިއުމުން އެނގުނު ހަގީގަތަކީ އޭނާ އުއްމީދުކުރި ކަމެއް ވެސް ނޫނެވެ. ސުހާނާ އޭނާގެ ދިރިއަކަށް ބަނޑުބޮޑުވެ، ބައިގެން ދިޔައީ އެވެ. އޭނާ ނިންމީ، ދަލޭކަދައިތަ މެދުވެރިކޮށް، ރައީސް ހާލިދަށް އެ ފެން ދީ މަރާލުމުގެ ބަދަލެއް ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް، ޑޮކްޓަރުން ބުނި ވާހަކަތަކާ އެ ހަގީގަތް ހިލާފެވެ: އޭނާއަކީ ކުދިން ނުލިބޭނެ މީހެއް ނޫންކަން މިހާރު ޔަގީނެވެ.

ދެން އޭނާގެ ސިކުނޑިއަށް ވެރިވެގަތީ ހައްވަ އެވެ. ރީތި ހައްވަ އެވެ. އެއީ އޭނާގެ ދެ ވަނަ އަންބެވެ. އޭނާ ކައިރީގައި ވެސް ރޭކުރި އެވެ. ހައްވަ އަކީ އިންސާނެއްގެ ގޮތަށް ހުއްޓަސް، ސުހާނާ ކަހަލަ އިންސާނެއް ނޫނެވެ.

"އަހަރެން ދޫކޮށްފައި ހިނގައިދާނަންތަ؟" ޖައްވުގެ ތެރޭގައި، އޭނާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ހައްވަ ކުރި ސުވާލު ފާތިރުގެ ވިސްނުމުގައި އަލުން ކުރެހުނެވެ. ލޯބިވެރިޔަކަށް އެހާ ހިތްގައިމު މާހައުލެއް ލިބޭނެ ހެއްޔެވެ؟ ގަސްތަކުގެ މަތިން، ވައިގެ ތެރޭގައި، އެއްވެސް ތަނެއްގައި ނުޖެހި، ހައްވަ އާއި އޭނާ ހުއްޓިފަ އެވެ.

"ދުވަހަކު ވެސް ނުދާނަން. ވަރިހަމަ މި ބޮޑު ޖައްވުގައި ދެ މީހުން އެކަނި ދަތުރުކުރަން ޖެހުނަސް. ހައްވައަކީ އަހަރެންގެ އެއް ބައި،" އޭނާ ޖަވާބު ދިނެވެ.

އެކަމަކު ދަލޭކަދައިތަގެ ބަސް ގަބޫލުކޮށްގެން ނަމަވެސް، އޭނާ މާލެ އައީ އެ ވައުދާ ހިލާފުވެގެންނެވެ. އޭނާ އަމިއްލައަށް ހައްވަ ދޫކޮށްލީ އެވެ. އެ ރީތި ރީތި ޒުވާން އަންހެނާއަކީ އަޖައިބެކެވެ. އޭނާގެ އެ މޫނާއި ހީލުމާއި އެ އަސަރުތަކެވެ. އެ އޮމާން ހަންގަނޑެވެ. އެ ކުލަ އެވެ.

ދިރިއުޅުމުގައި އޭނާ ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ ފާތިރުގެ ހިތަށް އެރި އެވެ. ބާރު ހެއްޔެވެ؟ ބަދަލުހިފުން ހެއްޔެވެ؟ ލޯބި ހެއްޔެވެ؟ އޭނާއަކަށް ޖަވާބެއް ނެތެވެ.

ގޮނޑިން ތެދުވި އެވެ. ޗެމްބަރުން، އޭނާގެ މުސްކުޅި ކޮޓަރިއަށް ނުކުތެވެ. އޭނާ ދިޔައީ ކާފަ އާއި ބައްޕަ ވެސް ގެންގުޅުނު އަލަމާރި ކައިރިއަށެވެ. އެ ހުޅުވާލި އެވެ. އޭގެ ފަހުން ހުޅުވާލީ ކުޑަ ވަތްގަނޑެކެވެ. އޭގެ ތެރެއިން އޭނާ ނެގީ، ދަލޭކަދައިތަ އޭނާއަށް ދިން ފޮތެވެ.

އޭގެ ގަނޑުތަކެއް ބަލަމުން ގޮސް، ބޭރު އުނދޯލީގައި އިށީނެވެ. ފޮތުގެ ތިން ގަނޑެއްގައި ނުގުޅޭ ބަސްތަކެއް ހުއްޓެވެ. އެ ބަސްތަކުން ނުކުންނަ މާނައަކީ ކޮބައިތޯ ވިސްނާ ވިސްނާ ވެސް ނޭނގުނެވެ. އެތައް ފަހަރަކު މަސައްކަތްކޮށްފި އެވެ. ތިން ގަނޑުގައި އަސްލު ލިއެފައި ހުރި ވާހަކަތަކާ، އެ ބަސްތަކާ އެއްވެސް ގުޅުމެއް ނެތެވެ. އެހެންކަމުން އެއީ ދަލޭކަދައިތަގެ ސިއްރެއްކަން އޭނާއަށް ޔަގީންވި އެވެ.

މީގައި މާނައެއް އޮންނަން ވާނެއޭ، ފާތިރުގެ ހިތަށްއެރި އެވެ.

ދެން އޭނާ އޭގެ ތެރެއަށް ވިސްނުން ދޫކޮށްލި އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން، ދެ އެކުވެރިން އޭނާގެ އެ މުހިންމު ޗެމްބަރު ދޫކޮށް ދިއަކަމުގެ ހަނދާން ވެސް ނެތުނެވެ.

ފާތިރު ބޭނުންވީ އެ ބަސްތަކުގައި އެ ބުނާ އެއްޗެއްގެ މާނަ ހޯދާށެވެ. އެ މާނަ ނޭނގި، އެ މަސައްކަތް ހުއްޓައެއް ނުލާނެ އެވެ.

---

ބިޔަ ހިޔަނި ހުރީ، ގަލުން ހަދާފައި ހުރި ކުޑަކުޑަ ކޮޓަރިއެއްގެ ތެރޭގަ އެވެ. އެތަނުގައި ގަލުގެ އައްޓެއް ވެސް ހުއްޓެވެ. އޭގެ މަތީގައި، ހިކި އަނަރޫފަވެފައި އޮތް، މުސްކުޅިއެއް އޮތެވެ. އެއީ ހިޔަނިތަކުގެ އަސްލު ރަސްގެފާނެވެ. އެކަމަކު ބިޔަ ހިޔަނި މި ސަރަހައްދަށް އައުމާ އެކު، ރަސްގެފާނުގެ ބާރު ކެނޑި، އޭނާގެ އަޅުން އެނބުރުނީ، މިހިރަ ނުބައި، ބިޔަ އެތިގަނޑާ ދިމާއަށެވެ.

"ކަލޭ ކުރަން ތި އުޅޭ ކަމުގެ ނުބައިކަމާ. މިއީ ކަލޭގެ ސަރަހައްދެއް ވެސް ނޫން،" މުސްކުޅިޔާ ބުންޏެވެ.

"އަނގަ މަޑުންލައިގެން އޮވޭ. އަހަރެން މި ގައުމަށް އައީ އެންމެ ކަމަކު. އަހަރެންގެ އަތުން އިންސާނުން ޖަހައިގެންފައިވާ ހައްވަ ހޯދަން. އޭނާއަށްޓަކައި އަހަރެން މި ގުރުބާންވަނީ،" ބިޔަ ހިޔަނި، މުސްކުޅިޔާގެ މޫނާ ދިމާއަށް ގުދުވަމުން ބުންޏެވެ.

"ކަލޭގެ ނަމަކީ އަގްނީ. އެކަމަކު ކަލޭގެ ނަމުގެ މާނައަށް ވެސް ހުތުރު، ކަލޭގެ އަނިޔާވެރިކަމާ ހެދި. ކަލޭ ތި ކުރަން އުޅޭ ކަންތައް ކޮށްފިއްޔާ އަހަރެމެން އެންމެންގެ ދުވަސް ހިނގައިދާނެ،" މުސްކުޅިޔާ ބުންޏެވެ.

"ކަލޭ ކައިރިއަށް އަންނާނެ މީހަކު ނެތް. ތި އޮތީ ފިނޑިކަމުން އެކަނިވެރިވެފައި. ދެން އޮތީ މިކަން ނިންމާލުން،" ބިޔަ ހިޔަނީގެ ކަނޑި ހިއްލާލައި، މުޅި ތަން އަލިކޮށްލި އެވެ.

"އަހަރެމެންގެ އަތުން އިންސާނަކު ގުރުބާން ނުކުރާތާ 860 އަހަރު ވެގެން މި ދިއައީ. އެކަމަކު އެއީ އެކަން ނުކުރެވޭނެތީކީ ނޫން. އަހަރެމެންގެ މުޅި ނަސްލު ހަލާކުވިޔަ ނުދޭން. ކަލޭ އެކަން ގަބޫލެއް ނުކުރޭ. އެތިބަ އެންމެން ކަލޭގެ ފަހަތުން އެ އުޅެނީ ކަލޭގެ ގޮތް ނޭނގޭތީ. ކަލެއަކީ އަހަރެމެން އެންމެން އަންދާލަން އައި އަލިފާނެއް،" މުސްކުޅިޔާގެ ލޮލުން ވެސް ރަތްކަން ފެންނަން ހުއްޓެވެ. އެކަމަކު ގައިގެ ބާރު ދެރަކަމުން، އަލިފާނުގެ ސީދާ ރަތް ކަމެއް ނާދެ އެވެ.

އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ދިގު ކަނޑިން ޖެހިޖެހީނުން، މުސްކުޅިޔާގެ ބޯ ވަކިކޮށްލި އެވެ. އިރުކޮޅެއްގެ ތެރޭގައި ހަށިގަނޑުގައި އަލިފާން ރޯވެ، އަނދާ ހުލިވި އެވެ. ބިޔަ ހިޔަނި، އެތަނުން ނުކުތެވެ.

ހޮހޮޅައެއް ފަދަ ދިގު، އަނދިރި އެތަން ދިއްލިފައި ވަނީ، ދެ ފަރާތުގައި ސަފަކަށް އެތުރިގެން ތިބި ހިޔަނިތަކުގެ ކަނޑިތަކުންނެވެ. އެ ކަނޑިތަކުގައި އެ އަލިކަން ނެތް ނަމަ، މުޅި ތަން އޮންނާނީ، ޖެހިގެން ހުންނަ މީހާ ވެސް، ނޭނގޭހާ އަނދިރިވެފަ އެވެ.

ދިގު ދެ ސަފުގެ ކޮޅާކޮޅު ނުފެންނަ ފަދަ އެވެ. ހިޔަނިތަކަށް އޮތީ، ޔަގީނުން ވެސް، ހަމައެކަނި ކަނޑިން އަލިކޮށްދިނުން ނޫންކަން އެނގެ އެވެ. ގަދައަށް ހަޅޭއްލަވަމުން ވެސް ގެންދިޔަ އެވެ. އެ ހަޅޭއްކުގެ މަގުސަދަކީ ހަމައެކަނި އަޑެއް ލެއްވުމެއް ވެސް ނޫނެވެ: އެއީ ހިޔަނިތަކުގެ ތެރެއަށް އަލަށް ވަން އިންސާނަކަށް މަރުހަބާ ކިޔުމެވެ.

އެ އިންސާނާ މަޑުމަޑު ހިނގުމެއްގައި، ދެ ފަރާތަށް ބަލަމުން، ހުރެ އާދެ އެވެ. އޭނާގެ އަސްލު ކުލަ ވަނީ ގެއްލިފަ އެވެ. ހޭނާރާ އޮންނަތާ ގިނަ ދުވަސް ވުމުން އޭނާއަށް ހަމަ ފިޔަވަޅުތަކެއް ނޭޅެ އެވެ. ހީވަނީ ވެއްޓެން އުޅޭހެންނެވެ. އެކަމަކު އޭނާ ވެއްޓުނަކަ ނުދެ އެވެ. މި އޮތް ބައިވަރު ހިޔަނިތައް، އެހާ ގަދަ އަޑާ އެކު، އަދި އެހާ ރީތި ދިއްލުންތަކަކުން އޭނާއަށް މަރުހަބާ ކިޔުމަކީ، ކުޑަ ކަމެއް ނޫނެވެ.

އެއީ ޝަރަފެކެވެ. އެއީ އޭނާގެ އާ ދިރުމަށް ދޭ ހިތްވަރެކެވެ.

ލައިގެން ހުރީ ހަމައެކަނި ކުރު ސޯޓުބުރިއެކެވެ. އުނަގަނޑުން ފެށިގެން މަތި ބަރަހަނާކޮށެވެ. ހަންގަނޑު ވަނީ ދިރުމެއް ނެތް ގޮތަކަށް، ކަޅުވާން ފަށައިފަ އެވެ. އޭނާ ހިނގަމުން ދިޔަސް، ހަގީގަތުގައި އޭނާގެ ދިރުމެއް ނެތް ފަދަ އެވެ.

އޭނާއާ ޖެހިގެން، ފަހަތުގައި ހުރީ އެންމެ ބިޔަ ހިޔަންޏެވެ. ލޮލުގެ ރަތްކަން ހަމަ އެވަރުގަ އެވެ. މޫނު މައްޗަށް ވެރިވެފައި ހުރި ހިނިތުންވުމުން ދައްކައިދެނީ "އަހަރެން ބޭނުންވި ކަންތައް މި ނިމުނީ،"އޭ ބުނާހެންނެވެ.

ކުރިއަށް މަޑުމަޑުން ހިނގަމުން ދެ އެވެ.

"ކަލޭ ތީ މިހާރު އަހަރެމެންގެ މީހެއް. ކަލޭ އެންމެ ފުރަތަމަ ކުރާނީ ކޮން ކަމެއް؟" ބިޔަ ހިޔަނި، އޭގެ ބަރު އަޑުން ސުވާލުކުރި އެވެ.

"ނަދާ ކަތިލާނީ!" ނިދީގައި ހިނގަމުން، ވާހަކަ ދައްކާ މީހެއް ފަދައިން، އޭނާ ބާރަށް ގޮވާލި އެވެ.

"ދެން ކާކު؟" ބިޔަ ހިޔަނި އަހާލި އެވެ.

"ސުހާނާ ކަތިލާނީ!" ކުރިއެކޭ އެއްގޮތަށް އޭނާ ޖަވާބު ދިނެވެ.

"ދެން ކާކު؟" ހިޔަނި، ގަދައަށް ހޭން ފަށަމުން ސުވާލުކުރި އެވެ. އޭރު އޭނާގެ ޖަވާބުތަކާ އެކު، އެހެން ހިޔަނިތަކުގެ އަޑު ވެސް ބާރުވެ އެވެ.

"ދަލޭކަ ކަތިލާނީ!" އޭނާ ބުންޏެވެ.

"ދެން ކާކު؟" އެ އިންސާނާ ދޭ ޖަވާބުތަކުން ބިޔަ ހިޔަންޏަށް ފޯރި އަރަމުންދެ އެވެ.

"ސާރާ ކަތިލާނީ!" އޭނާ ވަގުތުން ގޮވާލި އެވެ.

"ދެން ކާކު؟" ފަސް ވަނަ ސުވާލެވެ.

"ނޫރާ ކަތިލާނީ!" ހަމަ އެއްގޮތަކަށް، އެއް ތައްގަނޑަކަށް، އޭނާ ޖަވާބު ދެމުން ގެންދެ އެވެ.

"އެއީ ކީއްކުރަން ކުރާ ކަމެއް؟" ބިޔަ ހިޔަނީގެ ހިނިގަނޑުން މުޅި ތަން ގުޑައިގެން ދާ ފަދަ ގޮތެއްގައި، އަހާލި އެވެ.

"އެއީ ޕަރީ ފެންގަނޑު ރަތްކޮށްލަން... އެއީ ޕަރީ ފެންގަނޑު ރަތްކޮށްލަން...." އޭނާ ބުންޏެވެ.

"ކަލޭ މިހާރު ތީ އަހަރެމެންގެ ތެރެއިން ވާ މީހެއް. ކަލޭ ތި ނުކުންނަނީ އެ ލޭތައް އަހަރެމެންނަށް ގެނެސްދޭން. ދެން ބުނެ ބަލަ، ކަލެއަކީ އަސްލު ކާކު؟" ބިޔަ ހިޔަނި ސުވާލުކުރި އެވެ.

"އަހަންނަކީ ގުރޯ!" އޭނާ އެ ސުވާލަށް ވެސް ޖަވާބު ދިނެވެ.

"ކޮން ގްރޯއެއް؟" ހިޔަނި އެހި އެވެ.

"ރަސްގެފާނުގެ ގުރޯ!" އޭނާ ބުންޏެވެ.

"ކޮން ރަސްގެފާނެއް؟" އަމިއްލަ ނަފުސަށް ފަހުރުވެރިވަމުން، ހިޔަނި އެންމެ ފަހުން އެހި އެވެ.

"ތިޔަ ރަސްގެފާނު. ތިއީ އަހަރެންގެ ރަސްގެފާނު...ތިއީ އަހަރެމެން އެންމެންގެ ރަސްގެފާނު...." އޭނާ ޖަވާބުދިނެވެ. އެއީ ސިކުނޑިއަށް އަޅައިދީފައި ހުރި ގޮތަށް، އެއްވެސް ބަދަލެއް، އުނިކަމެއް ނެތި ބުނާ ވާހަކަތަކެއް ފަދަ އެވެ.

"ދެން މަޑުކޮށްލާ!" ހިޔަނި ގޮވާލި އެވެ.

އޭނާ ވަގުތުން ހުއްޓުނެވެ. ހިޔަނި އޭނާގެ ކުރިމައްޗަށް އެރި އެވެ. ބަލައިލި އެވެ. މިއީ މަރުވެގެން މޫދު އަޑިއަށް ދަނިކޮށް ނަގައިގަނެގެން ސީދާ އޭނާ ގެނައި އިންސާނާ އެވެ. މިއީ ހިޔަނިތަކުގެ ކާބަފައިންނަށް ކުރަން ނުކެރުނު ކަންތައްގަނޑު ހިންގާލަން ހޯދި އަދި އެކަމަށް އެންމެ ކުޅަދާނަވާނެ އިންސާނާ އެވެ. މިއީ ގުރުބާންކުރާ އަންހެނަކު ކަތިލަން އެއްވެސް ޖެހިލުމެއް ނުވާނެ އިންސާނާ އެވެ.

"މިހިރީ ދޮރު. އަހަންނާ އެކު ހިނގާ ނުކުންނަން،" ހިޔަނި ބުނެލި އެވެ. ދެން އެއް ފަރާތަކަށް ބަލައިލި އެވެ. އެތުރިގެން ތިބި ހިޔަނިތައް ޖާގަ ދެއްކި އެވެ. ކަނޑިތަކުގެ އަލި އެ ދޮރަށް އެޅުނެވެ. ލަކުޑީގެ ދޮރެކެވެ. ހަތަރެސްކަން ގޮޅިތަކަކުން މުޅި ދޮރު އޮތީ ފުރިފަ އެވެ.

ބިޔަ ހިޔަނި ދޮރާ ދިމާއަށް އެޅި ފިޔަވަޅާ އެކު އަމިއްލައަށް ހުޅުވުނެވެ. ފުރަތަމަ ނުކުތީ ހިޔަންޏެވެ. އޭނާގެ ފަހަތުން ގުރޯ އެވެ.

ދޮރު ބަންދުވި އެވެ. އެކަމަކު ބޭރުން ބަލާއިރު އެ ދޮރު ފެންނާކަށް ނެތެވެ. ފެންނަން އޮތީ، އެކި ހިސާބުތަކުގައި ކުރުކުރުކޮށް ވިނަ ފަޅާފައި ހުރި ފަސްގަނޑެކެވެ. އެ ފަސްގަނޑު އޮތީ އުސްކޮށެވެ. މުޅި ހިސާބުގަނޑުގައި ވެސް އެހާ އުސް ތަނެއް ނެތެވެ.

"އެތައް އިންސާނުންނެއް މަރުވެ އެ ދިޔައީ، ހަމަ އެންމެ ކަމަކަށް. ބާރު. އަހަރެން ވެސް ބޭނުންވަނީ ބާރު. ކަލެއަކީ އެ ބާރު އަހަންނަށް ގެނެސްދޭނެ މީހެއް،" ގުރޯއާ ދިމާއަށް އެނބުރި، ރަތް ދެ ލޮލުން ފުންކޮށް ބަލަމުން، ހިޔަނި ބުންޏެވެ.

"ކިޔަމަންތެރިކަމާ އެކު،" އޭނާ ބުނެލި އެވެ.

ބިޔަ ހިޔަނި ތިރިވި އެވެ. ގުރޯ، އޭގެ ފަހަތުން ކަރުގައި ދެ އަތުން ހިފަހައްޓާލި އެވެ. ހިޔަނި މައްޗަށް އުދުހިގަތެވެ. އޭނާ އަރިއަކަށް އެނބުރި ބަލައިލި އިރު ފެންނަން އޮތީ، ހަވިއްތަ އެވެ. އެއީ އޭނާގެ މުޅި އުމުރު ހޭދަކުރި ރަށުގެ އެންމެ ތާރީހީ އެއް ތަނެވެ. ރާއްޖެ އިސްލާމްވުމުގެ ކުރިން ބުދުދީނުގެ އެންމެ ބޮޑު އެއް ފައްޅި އެވެ. އެހެން ރައްޓެހިންނާ އެކު ދުވެ އަރާ އުޅުނު ފަސްގަނޑެވެ.

އެކަމަކު ބިޔަ ހިޔަނީގެ ގައިގައި ހިފަހައްޓާލައިގެން އޭނާ އޮތް އިރު، ހަނދާނުގައި އެއިން އެއްވެސް ތަނެއް ނެތެވެ. އޭނާއަކީ ކާކުކަން ވެސް އަސްލު ނޭނގެ އެވެ. އޭނާއަށް އޮތީ ހަމައެކަނި ކިޔަމަންވުމެވެ. އޭނާއަށް ދެއްކެނީ ވެސް ކިޔަމަންގަތުމުގެ ވާހަކަތަކެވެ. އޭނާގެ ސިކުނޑީގައި އޮތީ އޭނާގެ ނަމާ އެކު، ފަސް ނަމެވެ. އެއިން ކޮންމެ އަންހެނެއްގެ ސޫރަ އޭނާއަށް ސިފަވެ އެވެ.

ގުރޯގެ ކުރީގެ ހަޔާތުން އެންމެ މަންޒަރެއް ވެސް، ހަނދާނަކު ނެތެވެ.

އެކަމަކު އޭނާ އެ ދަނީ ލޯބިވެރިޔާ ނަދާ ގުރުބާންކުރާށެވެ.

ލިއުންތެރިޔާގެ ނޯޓު

"ދިހައެއް" ސިލްސިލާގެ މި ބައި ވެސް ނިމުނީ އެވެ. ދެން ފެށެން އުޅޭ "ހަނގުރާމައި"ގެ ކުރިން އެހެން ބައެއް ވާހަކަތައް އައުން އެކަށީގެންވެ އެވެ. މި ސިލްސިލާގައި އުފައްދާފައިވާ ބައެއް ޝަހުސިއްޔަތުތައް ކިއުންތެރިންނާ ހަމައަށް އަދިވެސް އަންނަން ޖެހޭ ކަމަށް ފެނެ އެވެ. ސުވާލު އުފެދޭ ކަންކަން ހުރުމާ އެކު އެވެ. ބައެއް ކިއުންތެރިން ބޭނުންވާ ޝަހުސިއްޔަތު އަނެއް ބައި ކިއުންތެރިން "ލޯބިވާ" ޝަހުސިއްޔަތުތަކާ ތަފާތުވެދާނެ އެވެ. އެކަމަކު މަސައްކަތް ކުރަމުން މި އަންނަނީ އެ ހުރިހާ ބަޔަކަށް ވެސް އިންސާފުކުރެވޭތޯ އެވެ.

ކިއުންތެރިން ދޭ ސަމާލުކަމަށް ޝުކުރިއްޔާ އެވެ. ބައެއް ފަހަރަށް ކިއުންތެރިން އުއްމީދުކުރާހާ ރަނގަޅަށް ނުލިޔެވުނަސް، ވަގުތު ލިބޭ ވަރަށް ބަލާފައި ހުންނާނީ ވީހާވެސް ގަޔާވާނެ ފަދަ ގޮތަކަށް ގެނެވޭތޯ އެވެ. ގަބޫލުކުރަމެވެ. ލޯތްބަކީ ދިވެހި ގިނަ ކިއުންތެރިންގެ މުހިންމު ބައެކެވެ. އެހެންކަމުން ޝަހުސިއްޔަތުތަކުގެ ލޯބީގެ ބައި ވެސް ކިޔައިދޭން އެބަ ޖެހެ އެވެ.

ދެން އަންނަ ބަޔާ އެކު އަނެއްކާވެސް ޝައުގުވެރި ހާދިސާތަކެއް ގެނެސްދެވޭނެ ކަމަށް އުއްމީދުކުރަމެވެ. މި ވާހަކައަށް ބެހެއްޓި ލޯތްބާއި ގާތްކަމަށް، ލިއުންތެރިޔާ ވެސް މި ފޮނުވަނީ ލޯތްބާއި ގާތްކަމުގެ ބަސްކޮޅެކެވެ.