ކޮރިއޮގްރާފަރު ސަރޯޖް ޚާން މަރުވެއްޖެ

ނޭވާލާން އުނދަގޫވެގެން މިދިޔަ މަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދިޔަ ބޮލީވުޑްގެ ކުޅަދާނަ ކޮރިއޮގްފާރު ސަރޯޖް ޚާން މަރުވެއްޖެ އެވެ.


އިންޑިއާގެ ނޫސްތަކުން ބުނިގޮތުގައި 71 އަހަރުގެ ސަރޯޖް މަރުވީ ހާޓްއެޓޭކެއް ޖެހިގެން ރޭ މެންދަމުގެ ވަގުތެއްގަ އެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 17 ގަ އެވެ.

ސަރޯޖްގެ މަރުގެ ޚަބަރަކާ އެކު ބޮލީވުޑްގެ އެތައް ފަންނާނުންނެއް ޓްވިޓާގައި ހިތާމަފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަރޯޖް އަބަދު ވެސް މޮޅު ނެށުންތެރިއެއްގެ ގޮތުގައި ފާހަގަކުރާ މަޝްހޫރު ބަތަލާ ޑިކްސިޓް ހިމެނެ އެވެ. މަދޫރީގެ އައިކޮނިކް އެތައް ލަވައެއްގެ ނެށުން ހަދާފައި ވަނީ ސަރޯޖެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ލަވަ އަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ކަލަންކް" ގެ ލަވަ "ތަބާ ހޯޔޭ" ހިމެނެ އެވެ.

ބޮލީވުޑްގެ ފިލްމުތަކަށް ދެހާހަށް ވުރެ ގިނަ ލަވައިގެ ނެށުން ތައްޔާރުކޮށްދީގެން ސަރޯޖަކީ ތިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު އެއް އަންހެން ކޮރިއޮގްރާފަރުންގެ ތެރެއިން އެކަކެވެ.

އޭނާ ނެށުންތައް ތައްޔާރުކޮށްދިން މަޝްހޫރު ލަވަތަކުގެ ތެރޭގައި ފިލްމު "ތޭޒާބް" ގެ "އޭކް ދޯ ތީން" އާއި "ދޭވްދާސް" ގެ "ޑޯލަރޭ" އާއި " "ޖަބް ވީ މެޓް" ގެ "ޔޭ އިޝްގް ހާޔޭ" އާއި "ތަނޭދާރު" ގެ "ތައްމާ ތައްމާ" އަދި "ބޭޓާ" ގެ "ދަކް ދަކް ކަރްނޭ ލަގާ" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.

"ދަ މަދާ އޮފް ޑާންސް/ކޮރިއޮގްރަފީ އިން އިންޑިއާ" އަދި "މާސްޓަޖީ" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސަރޯޖަކީ އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދީފައިވާ ބައެއް ޑާންސް ޝޯތަކުގައި ޖަޖެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. ތިން ކުދިން ތިބި ސަރޯޖް ފިލްމީ ދާއިރާ އަށް ނުކުތީ 1958 ގަ އެވެ.