ވިދިޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" މި މަހުގެ 31 ގައި

އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައިވާތީ ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން، ވިދިޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" މި މަހުގެ 31 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.


އެ ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމިކަން އިއުލާންކުރީ މިދިޔަ މެއި މަހުގެ 15 ގަ އެވެ. އެކަން ހިއްސާކުރިތާ ދެ މަހެއްހާ ދުވަސްފަހުން "ޝަކުންތަލާ ދޭވީ" މި މަހުގެ 31 ގައި ޕްރިމިއާކުރަން ނިންމިކަން ހާމަކޮށް، ވިދިއާއާ އެކު ވަނީ ފިލްމުގެ ޕްރޮމޯޝަނަލް ވީޑިއޯކޮޅެއް ވެސް އާންމުކޮށްފަ އެވެ.

"ޝަކުންތަލާ ދޭވީ" އަކީ "ހިއުމަން ކޮމްޕިއުޓަރު" ގެ ނަމުން މަޝްހޫރުވި އިންޑިއާގެ ކުރީގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. އަނޫ މެނަން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓައިޓްލް ރޯލް ކުޅުނީ ވިދިޔާ އެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސާނިއާ މަލްއުތުރާ އާއި އަމިތު ސާދާއ މަޝްހޫރު ބެންގާލީ އެކްޓަރު ޖިއްޝޫ ސެންގުޕްތާ ހިމެނެ އެވެ.

"ޝަކުންތަލާ ދޭވީ" ބެލުންތެރިންނަށް ދޫކޮށްލާ އިރު، ޝަކުންތަލާ ވަނީ 2013 ގައި އުމުރުން 84 އަހަރުގައި މަރުވެފަ އެވެ.

މި ފިލްމުގެ ކުރިން އެމެޒޯނުން ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އަމީތާބް ބައްޗަނާއި އަޔޫޝްމަން ކްރާނާގެ "ގުލާބޯ ސިތާބޯ" ވެސް ޕްރިމިއާކޮށްފަ އެވެ. ޝޫޖިތު ސިރްކާ ޑައިރެކްޓްކުރި އެ ފިލްމަކީ ލޮކްޑައުންގެ ތެރޭގައި ޑިޖިޓަލްކޮށް ރިލީޒްކުރި ބޮލީވުޑްގެ ފުރަތަމަ ބޮޑު ފިލްމެވެ.

ސިނަމާތައް ބަންދުކޮށްފައި ހުރުމާ ގުޅިގެން ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ވެސް ބޮޑު ހަތް ފިލްމެއް ޕްރިމިއާކުރަން ނިންމާފައިވާކަން މިދިޔަ ހަފުތާގައި އިއުލާންކޮށް، އެ ފިލްމުތަކުގެ ޕޯސްޓަރުތައް ވެސް ވަނީ ދައްކާލައިފަ އެވެ.