އިންޑިއާގެ ގިނަ ޓީވީ ޝޯތައް މި މަހުގެ އަލުން ގެނެސްދޭން ފަށާނެ

ކޮވިޑް-19އާ ފެތުރޭތީ އިންޑިއާގައި މާޗް މަހުގެ ފަހުކޮޅު އިއުލާންކުރި ލޮކްޑައުންގެ ސަބަބުން ހުއްޓިފައިވާ އިންޑިއާގެ ޓީވީ އުފެއްދުންތަކުގެ މަސައްކަތައް މިހާރު އަލުން ފަށާފައިވާތީ ގިނަ ޗެނެލްތަކުން ގެނެސްދެމުން ދިޔަ ޝޯތައް މި މަހުގެ ތެރޭގައި އަލުން ދައްކަން ފަށަން ތައްޔާރުވެއްޖެ އެވެ.


ގިނަ ޝޯތަކުގެ ޝޫޓިން ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އޭގެ ތެރޭގައި ސްޓާ ޕްލަސްގެ "ކަސޯޓީ" އާއި އެ ޗެނެލްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އާއި ކަލާޒްގެ "ނާގިން 4" އާއި ސޮނީގެ ޑާންސް ޝޯ "އިންޑިއާސް ބެސްޓް ޑާންސާ" ފަދަ އެތައް ޝޯއެއް ހިމެނެ އެވެ.

ލޮކްޑައުންގެ ކުރިން ކަލާޒުން ގެނެސްދެމުން ދިޔަ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ސީޒަން 10 ވެސް މިދިޔަ ހަފުތާ އިން ފެށިގެން ވަނީ އަލުން އާ އެޕިސޯޑްތަކާ އެކު ގެނެސްދޭން ފަށައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ ހޯމަ ދުވަހުގެ ރެއިން ތެރެއިން ފެށިގެން ދިވެހިން އާންމުކޮށް ބަލައި އުޅޭ އިންޑިއާގެ ގިނަ ޗެނެލްތަކުގެ ޝޯތައް އަލުން އާ އެޕިސޯޑްތަކާ އެކު ދައްކަން ފަށާނެ އެވެ.

އޭގެ ތެރޭގައި "ނާގިން 4" ގެ ފިނާލޭ އެޕިސޯޑް ވެސް ހިމެނެ އެވެ. ހަތަރު ވަނަ ސީޒަން ނިންމައިލުމަށް ފަހު، "ނާގިން" ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ވަނީ ވަރަށް އަވަހަށް މީގެ ފަސް ވަނަ ސީޒަން ގެނެސްދޭން ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ކަސޯޓީ" ގެނެސްދޭން ފަށާނީ މި މަހުގެ 13 ގަ އެވެ.

ލޮކްޑައުންއާ ހެދި ޝޫޓިންތައް ހުއްޓުމަކަށް އައުމުން މުނިފޫހި ޝޯތައް ގެނެސްދޭ އިންޑިއާގެ ހުރިހާ ޗެނެލްތަކަކުން ވެސް ދައްކަމުން އަންނަނީ ކުރީގެ ޝޯތަކެވެ.