ގިނަ ސިލްސިލާތައް މި މަހު 13 އަށް ތައްޔާރު

ކޮވިޑް-19ގެ ސަބަބުން އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ ހެދި ހުއްޓުމަކަށް އައި އިންޑިއާގެ ޓީވީ ޗެނެލްތަކުގެ ގިނަ ސިލްސިލާތައް މި މަހުގެ 13 އިން ފެށިގެން ދައްކަން ތައްޔާރުވެއްޖެ އެވެ.


ދިވެހިން އާންމުކޮށް ބަލާ އިންޑިއާގެ ސިލްސިލާތައް ދައްކާ ސްޓާ ޕްލަސް އާއި ސޮނީ އާއި ޒީ ޓީވީ އާއި ކަލާޒް ފަދަ ޗެނެލްތަކުން އެ އުފެއްދުންތައް ގެނެސްދެމުން ގެންދިޔަ ސިލްސިލާތަކުގެ ޝޫޓިންތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އެގޮތުން ގިނަ ޗެނެލްތަކުން ވަނީ މި މަހުގެ 13 ގައި އެ ޗެނެލްތަކުގެ ސިލްސިލާތައް އެ ތާރީހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ދައްކަން ފަށާނެކަން ކަށަވަރުކޮށް ދީފަ އެވެ.

އޭގެ ތެރޭގައި ސްޓާ ޕްލަސްގެ "ކަސޯޓީ" އާއި އެ ޗެނެލްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" އާއި އޭގެ ސްޕިން އޮފް "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އާއި "ޔޭ ހޭ ޗާހަތޭ" އަދި "އަނޫޕަމާ" ހިމެނެ އެވެ.

ކަލާޒުން މި މަހުގެ 13 އިން ފެށިގެން ދައްކަން ފަށާނެ ސިލްސިލާތަކުގެ ތެރޭގައި "ޗޯޓީ ސަރުދާރުނީ" އާއި "އިޝްގް މޭ މަރުޖާވާ" ސީޒަން ދޭއް ހިމެނެ އެވެ.

ޒީޓީން މި މަހުގެ 13 ގައި އަލުން ގެނެސްދޭން ފަށާ ސިލްސިލާތަކުގެ ތެރޭގައި "ކުމްކުމް ބަގިއާ" އާއި "ކުންދަލީ ބަގިއާ" އާއި "ގުރުބާން ހުއާ" އާއި "ގުއްޑަން ތުމް ސޭ ނާ ހޯ ޕާއޭގާ" އާއި "ތުޖްސެ ހެ ރާބްތާ" ހިމެނެ އެވެ.

މާޗް މަހުގެ ތެރޭގައި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ ހެދި މިހާތަނަށް އިންޑިއާގެ ހުރިހާ މުނިފޫހި ޗެނެލްތަކަކުން ވެސް ގިނައިން ދައްކަމުން އަންނަނީ ކުރީގެ ޝޯތަކެވެ. ނަމަވެސް މީގެ ހަފުތާއެއް ކުރިން ފެށިގެން ބައެއް ޗެނެލްތަކުން ވަނީ ޝޯތަކުގެ އާ އެޕިސޯޑްތައް ގެނެސްދޭން ފަށައިފަ އެވެ.

އޭގެ ތެރޭގައި ބައެއް ރިއަލިޓީ ޝޯތައް ވެސް ހިމެނެ އެވެ. އަދި މިއަދު ބައެއް ޗެނެލްތަކުން އެ ޗެނެލްތަކުގެ ސިލްސިލާތަކުގެ ތެރެއިން ބައެއް ސިލްސިލާތައް ދައްކަން ފަށާނެ އެވެ.

ޗެނެލްތަކުން އާންމުކޮށް ސިލްސިލާތައް ގެނެސްދެނީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއާ ހަމައަށެވެ. ސލްސިލާތައް އަލުން ދައްކަން ފަށާ އިރު، ގިނަ ބަދަލުތަކެއް ވެސް ފެންނާނެ ކަމަށް ބެލެވެ އެވެ. އެހެންވެ މިއީ ސިލްސިލާތައް ބަލާ މީހުން ވަރަށް ބޮޑަށް އިންތިޒާރު ވެސް ކުރާނެ ކަމަކަށް ވާނެ އެވެ.