"ދަ ކަޕިލް ޝަރުމާ ޝޯ" މި މަހުގެ ފަހުކޮޅު

ކޮވިޑް-19އާ އެކު ހުއްޓުމަށް އައި، އިންޑިއާގެ އެންމެ މަގުބޫލު ކޮމެޑީ ޝޯ، ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" މި މަހުގެ ފަހުކޮޅު އަލުން ގެނެސްދޭން ފަށާނެ ކަމަށާއި މި މަހުގެ ތެރޭގައި ޝޯގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި ޝޯގެ ހޯސްޓް ކަޕިލް އަންނަނީ އެ ޝޯގެ ބައިވެރިންނާ އެކު އޮންލައިންކޮށް ބައްދަލުވުންތައް ބާއްވައި މަޝްވަރާތައް ވެސް ކުރަމުންނެވެ. އެގޮތުން މި މަހުގެ މެދުތެރޭގައި ޝޫޓިން ފަށަން ސޮނީ ޓީވީގެ ޓީމުން ވެސް މިހާރު ތައްޔާރުވެފައިވާ ކަމަށް ބުންޏެވެ.

މި މަހުގެ ފަހުކޮޅު އަލުން ޝޯ ގެނެސްދޭން ފަށާނެ ކަމަށް ބުންޏަސް އަދި ވަކި ތާރީހެއް ކަށަވަރެއް ނުވެ އެވެ. ކޮވިޑާ އެކު ކުރިމަތިލި ލޮކްޑައުނާ ހެދި ޝޯގެ ޝޫޓިން މާޗް މަހުގެ ތެރޭގައި ހުއްޓުނު ފަހުން، ގެނެސްދެމުން އަންނަނީ ޝޯގެ ކުރީގެ އެޕިސޯޑްތަކެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގައި ސޮނީން ގެނެސްދޭ ޝޯއެކެވެ.

ކަޕިލްއާ އެކު ޝޯގެ މުހިއްމު ބައިވެރިންނަކީ ސަޕްނާގެ ކެރެކްޓާ ކުޅޭ އަބީޝެކް ކްރިޝްނާ އާއި ބައްޗާ/އައްޗާ ޔާދަވްގެ ކެރެކްޓާ އިން ފެންނަ ކިކޫ ޝަރްދާ އާއި ޗަންދޫގެ ކެރެކްޓާ އިން ފެންނަ ޗަންދަން ޕްރަބާކަރާއި ބޫރީގެ ކެރެކްޓާ އިން ފެންނަ ސުމޯނާ ޗަކްރަވަތީގެ އިތުރުން ބަބްލީ/ލައްލީ މޯސީގެ ކެރެކްޓާ އިން ފެންނަ ބާރްތީ ސިންގެވެ.

މީގެ އިތުރުން ހާއްސަ މެހުމާނެއްގެ ގޮތުން އަރްޗަނާ ޕުރާން ސިންގް އަކީ ވެސް ޝޯގެ މުހިއްމު ހިއްސާއެކެވެ.

ރިޕޯޓްތައް ބުނާގޮތުން "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އަލުން ފަށާ އިރު، ފުރަތަމަ މެހުމާނެއްގެ ގޮތުގައި ޝޯއިން ފެންނާނީ އެކްޓަރު ސޯނޫ ސޫދެވެ.

އިންޑިއާގެ އާންމުންގެ މެދުގައި ހަގީގީ ބަތަލެއްގެ ދަރަޖަ މިހާރު ލިބިފައިވާ ސޯނޫ އަކީ ލޮކްޑައުނާ ދިމާކޮށް އިންޑިއާގެ އެކިއެކި ސްޓޭޓްތަކުގައި ތާށިވި އެތައް ބަޔަކު އެ މީހުންގެ އަމިއްލަ ވަޒަނަށް ފޮނުވައިދޭން އެތައް ބަހަކާއި ރޭލު ދަތުރުތަކެއް ހަމަޖައްސައިދީގެން އާންމުންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ އެކްޓަރެކެވެ.