ބޮލީވުޑްގެ ކޮމީޑިއަން ޖަގްދީޕް މަރުވެއްޖެ

އެތައް ފިލްމެއްގައި ހެއްވާ މަޖާ ރޯލްތައް ކުޅެގެން އާންމުންގެ ލޯބި ހޯދި ބޮލީވުޑްގެ ކޮމީޑިއަން ޖަގްދީޕް މަރުވެއްޖެ އެވެ.


މީޑިއާތަކުން ބުނި ގޮތުގައި މިދިޔަ އަހަރު ބޭއްވި އައިފާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ލިބުނު 81 ގެ އެކްޓަރު މަރުވީ މުސްކުޅި ބަލީގައި ދިމާވެފައި ހުރި ސިއްހީ މައްސަލަތަކާ ގުޅިގެން ރޭގެ ވަގުތެއްގަ އެވެ.

ޖަފްދީޕަކީ މަޝްހޫރު އެކްޓަރު އަދި ކުޅަދާނަ ނެށުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ޖާވިދު ޖެފްރީގެ ބައްޕަ އެވެ. ޖާވިދާ އެކު ޖަގްދީޕްގެ ޖުމްލަ ހަ ކުދިން ތިބެ އެވެ. މިދިޔަ އަހަރު ފިލްމު "މަލާލް" އިން ބޮލީވުޑަށް ތައާރަފުވި މީޒާން ޖެފްރީ އަކީ ޖަގްދީޕްގެ ކާފަ ދަރިއެކެވެ. އެއީ ޖާވިދުގެ ދޮށީ ދަރިފުޅެވެ.

ފިލްމީ ދާއިރާގައި 60 ވަރަކަށް އަހަރު ވަންދެން މަސައްކަތްކުރި ޖަގްދީޕަކީ މަދިޔަ ޕްރަދޭޝްގެ ޑާޓިއާ އަށް އުފަން ފަންނާނެކެވެ. އޭނާގެ އަސްލު ނަމަކީ ސައީދު އިޝްތިއާގް އަހުމަދު ޖެފްރީ އެވެ. ޖަގްދީޕްގެ ނަމުން އޭނާ މަޝްހޫރުވީ ސްޓޭޖް ނަމެއްގެ ގޮތުގަ އެވެ.

އޭނާގެ ކެރިއަރުގައި 400 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ އިރު، އޭގެ ތެރޭގައި ވަރަށް ފާހަގަކޮށްލެވޭ ގިނަ ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ޝޯލޭ" އާއި "ޕުރާނާ މަންދިރު" އާއި "އަންދާޒް އަޕްނާ އަޕްނާ" އާއި "ޗައިނާ ގޭޓް" އާއި "ގުރުބާނީ" އަދި "އޭޖެންޓް ވިނޯދު" ފަދަ ފިލްމުތައް ހިމެނެ އެވެ.

ޖަގްދީޕް ފިލްމީ ދާއިރާ އަށް އެންމެ ފުރަތަމަ ނުކުތީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި، ޑައިރެކްޓަރު ބީއާރް ޗޯޕްޅާގެ "އަފްސާނާ" އިންނެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2012 ގެ "ގަލީ ގަލީ ޗޯރް ހޭ" އެވެ.

އެކްޓްކުރުމުގެ އިތުރުން ޖަގްދީޕް ވަނީ ފިލްމެއް ޑައިރެކްޓްކޮށް ވެސްކޮށްފަ އެވެ. އެއީ 1978 ގައި ރިލީޒްކުރި ކަލްޓް ފިލްމު "ޝޯލޭ" ގައި އޭނާ ކުޅުނު ކެރެކްޓާ ބޯޕާލް ސޫރްމާ އަށް ބިނާކޮށް ހަމަ އެ ނަމުގައި 1998 ގައި ގެނެސްދިން ފިލްމެވެ. "ބޯޕާލް ސޫރްމާ" ގައި ލީޑް ރޯލް ވެސް ކުޅުނީ ޖަގްދީޕެވެ.

ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި ކޮމީޑިއަނުންގެ ތެރޭގައި ހިމެނުނު ޖަގްދީޕްގެ މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށް، އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ.