ވިޝާލްގެ "މިޑްނައިޓްސް ޗިލްޑްރެން" ގެ ރޯލެއް ޝާލިން ބެނޮޓަށް

ސަލްމާން ރުޝްދީގެ ވާހަކަ "މިޑްނައިޓްސް ޗިލްރެން" އަށް ބިނާކޮށް، ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ ވެބް ސީރީޒްގެ ރޯލަކަށް މަޝްހޫރު ޓީވީ އެކްޓަރު ޝާލިން ބެނޮޓް ސޮއިކޮށްފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސީރީޒުން ޝާލިން އަށް ލިބިފައި ވަނީ އޭގެ ވަރަށް މުހިއްމު ބޮޑު ކެރެކްޓާއެކެވެ. އެކަމަކު ރޯލާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެެއްނުކުރެ އެވެ. ޝާލިން އަކީ މި އަހަރު ކުރީކޮޅު ނިންމައިލި ރިއަލިޓީ ޝޯ "ބޮގް ބޮސް" ގެ 13 ވަނަ ސީޒަނުގައި ވާދަކުރި ޓީވީ ބަތަލާ ދިލްޖީތު ކޯރްގެ ކުރީގެ ފިރިމީހާ އެވެ.

ޝާލިން މިހާތަނަށް ވަރަށް ގިނަ ސިލްސިލާތައް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ކަލާޒްގެ "ނާގިން" ސީޒަން 4 ވެސް ހިމެނެ އެވެ. އޭނާ ކުޅުނު މަޝްހޫރު ބައެއް ސިލްސިލާތަކުގެ ތެރޭގައި "ސާތު ޕޭރޭ: ސަލޯނީ ކީ ސަފަރު" އާއި "ބޭޓިޔާން އަޕްނީ ޔާ ޕަރާޔާ ދަން" އަދި "ދިލް މިލް ގަޔޭ" ހިމެނެ އެވެ.

ޝާލިން ދެތިން ފިލްމެއްގައި ސަޕޯޓިން ރޯލްތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 2006 ގެ "ޕިޔާރޭ މޯހަން" ހިމެނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "ކަމީނޭ" އާއި "އޯމްކާރާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ވިޝާލް މިހާރު "މިޑްނައިޓްސް ޗިލްޑްރެން" ގެ ކާސްޓުން ފައިނަލްކުރަމުން އަންނަ އިރު، ވަރަށް އަވަހަށް އޭގެ ޝޫޓިން ވެސް ފަށާނެ އެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ޕަޓާކާ" އެވެ.

ވިޝާލް ކުރިން ބުނެފައިވާ ގޮތުގައި "މިޓްނައިސްޓް ޗިލްޑްރެން" އަކި އޭނާގެ ކެރިއަރުގެ އެންމެ ޗެލެންޖިން މަސައްކަތަށް ވާނެ އެވެ.

ރުޝްދީ 1981 ގައި ނެރުނު އަދި ޖޭމްސް ޓެއިޓް މެމޯރިއަލް ބުކް ޕްރައިޒް ހޯދާފައިވާ "މިޑްނައިޓްސް ޗިލްޑްރެން" ގައި ކިޔައި ދެނީ އިންޑިއާ އަށް މިނިވަންކަން ލިބުނު ތާރީހު ކަމަށްވާ އޮގަސްޓް، 15، 1947 ގެ ސުންގަޑި ސުންމިނިޓްގައި އުފަންވާ ސަލީމް ސިނާއި ކިޔާ ކުއްޖެއްގެ ވާހަކަ އެވެ.

މި ވާހަކަ އަށް ބިނާކޮށް އިންޑިއާ ދަރިކޮޅުގެ ކެނެޑާގެ ޑައިރެކްޓަރު ދީޕާ ޕެހެތާ ވަނީ "މިޑްނައިޓްސް ޗިލްޑްރެން" ގެ ނަމުގައި 2012 ގައި ފީޗާ ފިލްމެއް ވެސް ގެނެސް ދީފަ އެވެ.