"ސައުންޑްސް އޮފް މޯލްޑިވްސް" ޝޯ ސިންގަޕޫރަށް ބަދަލުކޮށްފި

މިހާރު ހަމަޖެހިފައި އޮތް ގޮތުން ނަމަ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯ ކުރިއަށް ދާނީ އަންނަ ފެބްރުއަރީ މަހުގެ 24-26 އަށް ސިންގަޕޫރުގެ ސަންޓެކް ސިޓީގައި.

ދިވެހި މިއުޒިކީ ފަންނާނުންގެ ހުނަރު ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ދައްކާލަން ކުރިއަށް ގެންދާ "ސައުންޑްސް އޮފް މޯލްޑިވްސް" މި އަހަރުގެ ޝޯ އަންނަ ޑިސެމްބަރު މަހު ބެންކޮކްގައި ބާއްވަން ކުރިން ނިންމުމަށް ފަހު، އަންނަ އަހަރު ސިންގަޕޫރުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


ހައި ރައިޒް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ޝޯ ދެން އޮންނާމީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 24-26 އަށް ސިންގަޕޫރުގެ ސަންޓެކް ސިޓީގަ އެވެ.

ސިންގަޕޫރުގައި ޕަފޯމްކުރާ ހުރިހާ އާޓިސްޓުންނާއި ބޭންޑްތައް ފަހުން އިއުލާން ކުރާނެ ކަމަށް ހައިރައިޒުން ބުންޏެވެ. އެހެން ނަމަވެސް ބޮޑުބެރުގައި ރާއްޖޭގައި މަޝްހޫރު ހަބޭސް ފެނިގެން ދާނެކަން މިހާރު ވެސް ވަނީ ކަށަވަރުވެފަ އެވެ. މިއީ ހަބޭސް ބޮޑުބެރު ގްރޫޕުން ގިނަ އަދަދެއްގެ މެމްބަރުންތަކެއް ވަކިވެގެން ދިއުމަށް ފަހު، ބޭންޑާ އަލަށް ގުޅުނު މެމްބަރުންނާ އެކު ރާއްޖޭން ބޭރުގައި ޕަފޮމްކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

ހައިރައިޒް އިން ބުނީ ކުރީ އަހަރުތަކާ ހިލާފަށް، އަންނަ އަހަރު ބާއްވާ "ސައުންޑްސް އޮފް މޯލްޑިވްސް" ގެ ހަތް ވަނަ އެޑިޝަން ދެ ދުވަހުގެ އިވެންޓެއްގެ ކުރިއަށް ގެންދާނީ ޑައިވް، ރިސޯޓްސް އެންޑް ޓްރެވެލް (ޑީއާރްޓީ) ޝޯއެއްގެ ގޮތުގައި ކަމަށެވެ.

ހަބޭސް ބޮޑުބެރު ބޭންޑް: ސިންގަޕޫރުގައި ޕަފޯމް ކުރާނެ. ފޮޓޯ: ހަބޭސް

އަދި ކުރީގެ ޝޯތަކާ އަންނަ އަހަރުގެ ޝޯ ތަފާތު ވެސް ވާނެ ކަމަށް ވެސް ހައިރައިޒުން ބުންޏެވެ. އެގޮތުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާ އެކު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

މީގެ ކުރިން "ސައުންޑްސް އޮފް މޯލްޑިވްސް" ގެ ޝޯތައް ބާއްވައިފައި ވަނީ ކުޑަ ބަނޑޮސް ރިސޯޓާއި މާލެ އާއި ސްރީލަންކާގެ ކޮލޮމްބޯގެ އިތުރުން މެލޭޝިއާގެ ކުއަލާލަމްޕޫރާއި އިންޑިއާގެ ބެންގަލޫރު އަދި ދުބާއީގަ އެވެ.