ލޯބި ހޯދަން ލޯތްބާ ދުރަށް

އާދިއްތަ ދުވަހާ ގުޅޭ


"ދަރިފުޅު އެއްވެސް މީހަކު ދިން އެއްވެސް އެއްޗެއް ކެއިންތަ؟" އަޒީޒާ ސުވާލުކުރިއެވެ.

ރިފާގެ ކައިވެނި ރޫޅައިލުމުގެ ނިޔަތުގައި ރިފާއަށް އެއްޗެއް ކާންދިނީ ކާކު ހެއްޔެވެ؟ ރިފާގެ ހިތުގައި ފުރަތަމަ އުފެދުނީ އެ ސުވާލެވެ. އެ ނިޔަތުގައި މީހަކު އެއްޗެއް ދިން ނަމަ ރިފާ ނުވެސް ކެއީހެވެ.

"ނޫން!" ރިފާ ވިސްނައިލައިފައި ބުންޏެވެ.

"ޒުލްފާ އެއްވެސް އެއްޗެއް ދިންތަ؟" ސީދާ ނަން ބުނެފައި އަޒީޒާ އެހިއެވެ. "ރަނގަޅަށް ހަނދާންކުރޭ!"

ޒުލްފާ ދިން އެއްޗެއް ދިނީ ރިފާއަށް ފިރިހެން ދަރިޔަކު ހޯދައިދިނުމުގެ ނިޔަތުގައެވެ. އެއީ ގަދަކަމުން ނުވަތަ އޮޅުވައިލައިގެން ޒުލްފާ ކާންދިން އެއްޗެއް ނޫނެވެ. ޒުލްފާގެ ނިޔަތް ހެވެވެ. ރިފާގެ ވިސްނުން ހުރީ އެ ގޮތަށެވެ. އެ ވާހަކަ މަންމަ ގާތުގައި ބުނެގެން ބޭކާރު ގޮތެއްގައި ފަހަރިޔާ މައްސަލަ ޖެހޭކަށް ރިފާ ބޭނުމެއް ނޫނެވެ. ފަހަރިންނާއި ބޭބެއިންގެ މެދުގައި މައްސަލަޖެހޭލެއް މަދެއް ނޫނެވެ. ދޭތެރެ އަކުން ކޮންމެވެސް ޒުވާބެއް ކުރާ އަޑު އިވެއެވެ. އެކަކު އަނެކަކުގެ ގަޔަށް އަތްލާ ހިސާބަށް މައްސަލަ ބޮޑުވެއެވެ. ޖެހިގެން އަންނަ ދުވަހު މައްސަލަ ހައްލު ވިޔަސް، ރިފާ ބޭނުންވާ ކަހަލަ އޮމާން ދިރިއުޅުމެއް އެއްވެސް ބޭބެ އަކަށް ނުލިބުނެވެ. "ދަރިފުޅު އެއްޗެއް ނުބުނެ ތިހެން އިންނަންޏާ މަންމަ ހައްތަހާ ހާސްވާނީ،" އަޒީޒާ ކަންބޮޑުވެފައި ބުންޏެވެ. "ކޯޗެއް ޒުލްފާ ދިނީ؟ މަންމައަށް ސިއްރު ނުކުރޭ ދަރިފުޅާ!"

"ކުދިކުދި ކަރުދާސް ގުޅަ ތަކެއް ދިނީ،" ރިފާ ބުންޏެވެ. "އެކަމަކު މަންމާ! އެއީ މުޅިން އެހެން ކަމަކު ދިން އެއްޗެކޭ!"

ދެން ވެސް އަޒީޒާ ގާތަކަށް ރުޅިއެއް ނާދެއެވެ. އެކަމަކު ދެރަވިއެވެ. ރިފާއަށް ނުވިސްނޭތީއެވެ. ހަސަދަވެރިކަމުގެ އަލިފާނަކީ ކިހާ ދުރަށް ފެތުރޭ އެއްޗެއްކަން ރިފާއަށް ނޭނގޭތީއެވެ. ގޭގެ މަގުމަތީ ފަޅި ރިފާއަށް ލިބުމާއި، ޒުލްފާ ބޭނުންވި ކަހަލަ ފިރިއެއް ރިފާއަށް ލިބުނީތީ ޒުލްފާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ލިބުނު ދަނޑިވަޅުގައި ޒުލްފާ އެއް ދޮނުގައި އެތައް ބުޅިއެއް ޖަހައިލީއެވެ.

"ދަރިފުޅަށް ހާދަ ނުވިސްނެއޭ،" އޯގާތެރިކަމުގެ ނަޒަރުން ބަލައިލަމުން އަޒީޒާ ބުންޏެވެ. "މީހެއްގެ ކުރިއެރުމަށް ހުރަސްއަޅަން ވިޔަސް، ވިޔަފާރިއެއް ބަނގުރޫޓުކޮށްލަން ވިޔަސް، ކިޔެވުން ހަލާކުކޮށްލަން ވިޔަސް، އާންމުކޮށް ސިހުރު ހަދާނީ އެންމެ ކަމަކަށް. ދެމަފިރިން ދުރުކުރަން. ދެމަފިރިން ވަކި ވީމަ އެ ހިސާބުން ގޭތެރެ ބޮއްސުންލާނެ. ގޭތެރެ ބޮއްސުންލީމަ ހުރިހާ ކަމެއް ވެސް ދާނީ ގޯހުން ގޯހަށް. ދަރިފުޅަށް ބޮނޑިއެއްދީފަ ފިރިމީހާ ވެސް ޖަހައިގަންނަން އޭނަ އެ އުޅެނީ."

"އެއީ އޭނަ ސަމާސަ އަކަށް ބުނި އެއްޗެކޭ މަންމާ!" ރިފާ ޖަވާބުދިނެވެ.

އެއްޗެއް ނުބުނެވިފައި އެތައް އިރެއް ވަންދެން އަޒީޒާ އިނެވެ. އެކަމަކު ރުޅިއައިސްގެން ހަޅޭއްލެވުމުގެ ފައިދާއެެއް ނެތްކަން އަޒީޒާއަށް ވިސްނެއެވެ.

"ބޯއީއެއް ނުލިބޭތީ ފަންޑިތައެއް ހަދައިދޭނަމޭ ބުނީ،" ރިފާ އިތުރަށް ބުންޏެވެ. "މަންމަ ބޭނުމެއް ނޫންތަ ބޯއީއެއް ލައްވާ މާމަ ކިޔުއްވާކަށް."

ރިފާ ފިރިހެންކުއްޖަކު ކިހާ ބޭނުންކަން އަޒީޒާއަށް އެނގެއެވެ. އަނެއް ކޮޅުން، ވީ ކަމެއް ވެ ނިމިއްޖެއެވެ. ޒުލްފާއަށް ކާމިޔާބުވެ ރިފާގެ އާއިލާ ރޫޅިއެއްޖެއެވެ. އަޒީޒާއަށް އެންމެ މުހިންމުވީ އެ މައްސަލަ ހައްލުކުރުމެވެ.

"މަންމަ ބުނީމެއްނު އޭނަ ދޭ އެއްވެސް އެއްޗެއް ދަރިފުޅު ނުކައްޗޭ!" ދަރިފުޅު މޭގައި ލައްކޮށްލައިފައި ބޮލުގައި ފިރުމައިލަމުން އަޒީޒާ ބުންޏެވެ. "ކިހާ ދެރަ ގޮތެއް މި ވީ! ދެން ހުއްޓާލާ! އަހަރުމެންނަކަށް ވެސް ގޮތެއް ހުހެއް ނުވާނެ!"

ޒާހިރަކީ ގޭގައި ކުރަން ހުންނަ ކަންތައްތައް ބަރާބަރަށް ކުރަމުން އާމްދަނީ ހޯދަން މަސައްކަތް ކުރާ ހީވާގި މީހެކެވެ. ޒިންމާދާރު ފިރިއެކެވެ. ކުއްލި ގޮތަކަށް ޒާހިރު ގެއިން ނުކުތުމުން ރިފާގެ ދިރިއުޅުމަށް ހުސްކަމެއް ވެރިވިއެވެ. ފަޅުކަމެއް ފެތުރުނެވެ. ރިފާ ރުޅިއަންނަ ކަހަލަ އެއްވެސް ކަމެއް ޒާހިރު ނުކުރެއެވެ. ވީއިރު އެ ފަދަ ބޮޑު ލަދެއް ޒާހިރަށް ކުރިމަތިކުރެވުނީތީ ރިފާ އިންތިހާއަށް ދެރަވިއެވެ. ޒާހިރު މާ ދެރަވާނެކަން ރިފާއަށް ވިސްނެއެވެ. ސުވާލަކީ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރިފާއަށް ވިސްނުނީ އެންމެ ހައްލެކެވެ. މާފަށް އެދުނެވެ. ޒާހިރު ގެއްލޭކަށް ރިފާ ބޭނުމެއް ނޫނެވެ.

ރިފާ ވަރަށް ހިތްވަރުކޮށްފައި ޒާހިރަށް ގުޅިއެވެ. ޒާހިރު ފޯނެއް ނުނެގިއެވެ. ޒާހިރާ އިނީއް ސުރެ އެހާ ތަނަށް، ދުވަހަކު ވެސް ރިފާ އަކަށް ޒާހިރު އެ ގޮތަކަށް ކަންތަކެއް ނުކުރެއެވެ. ކިތަންމެ އަވަދިނެތިކޮށް އުޅުނަސް ރިފާގެ ފޯނަށް ޖަވާބު ދޭނެއެވެ. ފަހުން ގުޅާނަމޭ ބުނަން ނަމަވެސް ފޯނު ނަގާނެއެވެ. ޒާހިރު އިންނަ ފިހާރައަށް ދާކަށް ރިފާ އަކަށް ނުކެރުނެވެ.

މައިންބަފައިންގެ ކައިވެނި ރޫޅުމުން ނަޝްފާގެ ހަޔާތަށް ކުރި އަސަރު ބޮޑެވެ. ރިފާއަށް ފެންނަނީ ނަޝްފާ އިސްޖަހައިލައިގެން ފިކުރަކަށް ގެއްލިފައި އިންނަ ތަނެވެ. ކުރިޔަށް އޮތީ ނަޝްފާގެ އޯލެވެން އިމްތިހާނެވެ. އުމުރު ދުވަހު ކުރި މަސައްކަތް ފެނަށް ވާކަށް ރިފާ ބޭނުމެއް ނޫނެވެ. އެހެނަސް ނަޝްފާއާ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ ވަރިޔަށް އެދުނީ ރިފާއެވެ. ޒާހިރުގެ ގަޔަށްބޮލަށް އެރީ ވެސް ރިފާއެވެ. ނަޝްފާ ލިބުނު ދުވަހުން ފެށިގެން ރިފާ އެންމެ އިސްކަމެއް ދިނީ ނަޝްފާގެ މުސްތަގުބަލަށެވެ. މޮޅަށް ކިޔެވުމުގެ ފުރުސަތަކީ ރިފާއާއި ޒާހިރަށް ވެސް ނުލިބުނު ނަސީބެކެވެ. ރިފާއަށް ވިސްނުނު ގޮތުގައި، ވީކަމެއް ނުވާ ކަމަކަށް ހެދުމަކީ ހައްލެއް ނޫނެވެ. ކަމެއް ވީމައި ޖެހޭނީ އެ ކަމާ ކުރިމަތިލާށެވެ. އެހެނަސް ނަޝްފާ އެއްވެސް ސުވާލެއް ނުކުރެއެވެ. ރިފާއަށް މައްސަލައަކީ އެއީއެވެ.

"ދަރިފުޅު ނިދީތަ؟" ރޭގަނޑު ނިދަން ތިބެގެން ރިފާ ހަގީގަތާ ކުރިމަތިލިއެވެ.

"އުހުނ!" ނަޝްފާ ބުނި އަޑު އިވުނެވެ.

"މިހާ ބޮޑު ކަމެއް ހިނގީމަ ވެސް ދަރިފުޅު އެއްވެސް ސުވާލެއް ނުކުރީ ކީއްވެ؟" ނަޝްފާއަށް ފުރަގަސްދީގެން އޮވެ ރިފާ އެހިއެވެ. "ދަރިފުޅު ހިތަށްއަރާ ދޯ މަންމައަކީ ހާދަހާ ގޮތްކުޑަ މީހެކޭ؟"

ރިފާ ކުރި ސުވާލަކަށް ނަޝްފާ ސީދާ ޖަވާބެއް ނުދެއެވެ. އެކަމަކު އެ މައްސަލައިގައި އެޅުވިފައިވާ މަރުތަޅު ވަގުތުން ހުޅުވުނެވެ.

"މަންމަ އުޅުނު ގޮތުން އަހަރެން ވަރަށް ސަޕްރައިޒްވި؟" ނަޝްފާ ހިތް ހުޅުވައިލީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. "މި ގޭ އެހެން މީހުން ޒުވާބުކުރާ އިރު މަންމަ ބުނާނެ ފިރިމީހާގެ ބޮލަށް އަރާކަށް ނުވާނޭ. އެއީ ވަރަށް ހަޑި ކަމެކޭ. ވަަރަށް ގޯސް މީހުން އުޅޭ ގޮތެކޭ. އަހަރެން ވެސް ބޮޑުވެގެން އެ ފާޑަށް ނޫޅެއްޗޭ! މަންމަ އުޅޭހެން އަހަރެން ވެސް އުޅޭށޭ. މަންމަ ދުވަހަކު ވެސް ބައްޕަޔާ ޒުވާބު ކުރި ތަން ފެނޭހޭ. ފިރިމީހާއަށް ރެސްޕެކްޓު ކުރަން ޖެހޭނޭ! އެކަމަކު މަންމަ ވެސް ހަމަ ތި އުޅުނީ އެހެން މީހުން އުޅޭހެނެއްނު. މަންމަ ރުޅިއައިސްގެން ބައްޕަޔާ ދިމާއަށް ހަޅޭއްލެވި އިރު މަންމަ ޖަހަނީ ވެސް އެހެން ވައްތަރެއް. ހީވަނީ ވިޗެއްހެން."

ރިފާ އެނބުރިފައި ނަޝްފާއާ ހަތަރުކަޅި ހަމަކުރިއެވެ. ލޮލަށް ޖަމާވަމުން އައި ކަރުނަތައް ހުއްޓުވަން ރިފާ ކުރި ހުރިހައި މަސައްކަތެއް ވީ ބޭކާރެވެ. ކޮޓަރި ކިތަންމެ އަނދިރިޔަސް މަންމަގެ ލޮލުގައި ވިދަވިދާ ހުރި ކަރުނައިގެ މުތީތައް ނަޝްފާއަށް ފެނުނެވެ.

"މަންމަ އަކަށް އަސްލު ނޭނގޭ މަންމައަށް ވީ ކިހިނެއް ކަމެއް،" ހިތުގަޖެހިފައިވާ އަޑަކުން ރިފާ ބުންޏެވެ. "ހަމަ އެއް ގޮތަކަށް ވެސް ނޭނގޭ. މަންމަ ބޭނުމެއް ނޫން ވަރިވާކަށް. އެހާ ރަނގަޅު މީހެއް މަންމަ އަކަށް ނުލިބޭނެ."

"މާމަ ބުނި އަޑު އެހިން މަންމައަށް ކޮންމެވެސް މީހަކު ކަމެއް ކުރީއޭ،" ރިފާގެ ލޮލުން ކަރުނަ ފުހެދެމުން ނަޝްފާ ބުންޏެވެ. "އަސްލު ކިހިނެއްތަ ވީ؟ ދެން މިހާރު ކީއްވެ ބައްޕަ ނައިސްގެން މަންމަ ތި ރޮނީ؟ ޑިވޯސް ވީމަ ދެން ބައްޕައެއް ނާންނާނެއްނު! ބައްޕަގެ ގެއެއް ނޫން ވިއްޔަ މީ. އެކަމަކު އަހަރެންގެ އެންމެ ސްޕެޝަލް މޯމެންޓު ތަކުގަ އަހަރެން ބޭނުން މަންމަޔާ ބައްޕަ ވެސް އަހަރެން ކައިރީގަ ހުންނަން."

"ދަރިފުޅު ހާސް ނުވޭ! ބައްޕަ އަންނާނެ،" ޔަގީންކަމާ އެކުގައި ރިފާ ބުންޏެވެ. " ނައިއްސިއްޔާ މަންމަ ދާނަން ބައްޕަ ބަލާ!"

ރިފާ ގުޅާގުޅައި ޒާހިރު ފޯނު ނުނަގައިގެން އަޒީޒާ ލައްވައި ގުޅުވިއެވެ. އަޒީޒާ ގުޅާ އިރަށް ޒާހިރު ފޯނު ނެގިއެވެ. އަޒީޒާގެ އެދުމަށް ޒާހިރު އައެވެ. އެހެނަސް ގެއަށް ވަންނަން އިންކާރުކުރިއެވެ. ޒާހިރު ބޭނުންވީ މަގުމަތީގައި ތިބެގެން ވާހަކަދައްކާށެވެ.

"ޒާހިރުގެ ދަރިއެއް މި ގޭގަ އެބަހުރި،" އަޒީޒާ ހަނދާންކޮށްދިނެވެ. "ރިފާ ވަރިކޮށްފަ ހުއްޓަސް ޒާހިރަށް މި ގެއަށް ވަދެވޭނެ. ޒާހިރަށް އެނގޭނެ ރިފާއަކީ ގޯސް ކުއްޖެއް ނޫން. ރިފާއަށް މި އުޅޭ ޒުލްފާ ސިހުރެއް ކާންދީގެން ހުރިހާ ނުބައެއް މި ހިނގީ. މިހާރު ހަމަ ވަރަށް ދެރަވެގެން ރިފާ އުޅެނީ."

ދެ ހިޔާލެއްގައި ވެސް އެތައް އިރަކު ޒާހިރު ހުއްޓެވެ. އެހެނަސް ރިފާގެ މަންމަ ކުރި އާދޭހަށް ކެތް ނުވެގެން ޒާހިރު ގެއަށް ވަނެވެ. ރިފާގެ ބަޔަށް މަގުމަތިން ވަދެވެން ހުރި ނަމަވެސް ޒާހިރަށް ވަދެވުނީ ސަރައްކާލިންނެވެ. އެއީ ގޭގެ ބައިތަކަށް ވަނުމަށް ޓަކައި ހަދައިފައިވާ ހަނި ގޯޅިއެކެވެ. ޒުލްފާ ހުރީ ޒުލްފާ ބައިގެ ދޮރުމަތީގައެވެ. ހިތްހަމަނުޖެހިފައި ޒާހިރަށް ބަލަހައްޓައިގެންނެވެ. އަލުން ޒާހިރު ގެއަށް އައުމަކީ ޒުލްފާ ބޭނުންވި ގޮތެއް ނޫނެވެ. މަސްލަހަތަށް ޓަކައި ޒުލްފާއާ ހަަތަރުކަޅި ހަމަކޮށްފައި ޒާހިރު ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އެ ސަލާން ޒުލްފާ ބަލައެއް ނުގަތެވެ. ތުންދަމައިފައި އެތެރެއަށް ވަދެފައި ނިކަން ބާރަށް ދޮރު ލެއްޕިއެވެ. އެ ވަގުތު ވެސް ޒާހިރު ހިތަށްއެރިއެވެ. ޒުލްފާ އެތެރެއަށް އެ ވަނީ ހެޔޮ ނިޔަތަކު ނޫނެވެ. އޭގެ ނަތީޖާ ފެންނަން މާ ގިނަ އިރެއް ނުނަގާނެއެވެ. ރިފާގެ ބަޔަށް ޒާހިރު ވަނެވެ. އެއީ ރިފާގެ ކޮޓަރިން ރިފާ ނުކުތް ވަގުތެވެ. ރިފާއަށް ޒާހިރު ފެނުނު ވަގުތެވެ.

ނުނިމޭ