ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމި ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ނަވާޒުއްދީން ސިއްދީގެ ފިލްމު "ރާތު އަކޭލީ" ޓްރެއިލާ ދައްކާލައި، މި މަހުގެ 31 ގައި ފިލްމު ޕްރިމިއާކުރަން ނިންމިކަން ކަށަވަރުކޮށް ދީފި އެވެ.


ހަނީ ތެހެރާނީ ޑައިރެކްޓްކޮށްފައިވާ މި މިސްޓްރީ ތުރިލާ ކާސްޓުންގެ ތެރޭގައި ރާދިކާ އަޕްޓޭ އާއި ޝްވޭތާ ތުރިޕަތީ އާއި ޓިގްމާންޝޫ ދޫލިއާ އާއި ނިޝާންތު ދަހިޔާ ފަދަ ފަންނާނުން ހިމެނެ އެވެ.

ނަވާޒުއްދީން މި އަހަރު ފެނުނު ފުރަތަމަ ފިލްމަކީ ޒީ5 އިން މެއި މަހު ޕްރިމިއާކުރި "ގޫމްކެޓޫ" އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ "ސީރިއަސް މެން" އާއި އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާންނުކުރާ "ބޯލެ ޗޫޅިޔާ" ހިމެނެ އެވެ.

ސޮނާކްޝީއާ އެކު "ބޫޖް" ގެ ޕޯސްޓަރެއް

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އޮންޑިއާ" ގެ ޕޯސްޓަރެއް ބަތަލާ ސޮނާކްޝީ ސިންހާއާ އެކު ދައްކާލައިފި އެވެ.

އަބީޝެކް ދުދައްޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ތެރޭގައި އަސްކަރީ އޮފިސަރަކު އަންހެނުންތަކެއް ބައިވެރިކޮށްގެން އަސްކަރީ ބޭސްއެއް މަރާމާތުކުރަން ކުރި މަސައްކަތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"ބޫޖް" ގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ނޯރާ ފަތެހީ އާއި ޝަރަދު ކެލްހަރާއި އައްމީ ވާކް ފަދަ ތަރިން ހިމެނެ އެވެ. ފިލްމު ޕްރިމިއާކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

ސަނާގެ އާ ވީޑިއޯ ލަވައެއް

މި އަހަރު ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 ގައި ވާދަކޮށް ބެލުންތެރިންގެ ލޯބި ހޯދި ޕަންޖާބީ ފަންނާނު ޝެހެނާޒް ގިލް (ސަނާ) ގެ އާ ވީޑިއޯ ލަވައެއް ދައްކާލައިފި އެވެ.

މި ފަހަރުގެ ލަވައިން އޭނާ ފެނިގެން ދަނީ ލަވަކިޔުންތެރިޔާ ޓޯނީ ކައްކަރާ އެކީގަ އެވެ. ލަވައިގެ ނަމަކީ "ކުރްތާ ޕިޖާމާ" އެވެ. ޓޯނީ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރްގެ ބޭބެ އެވެ.

"ބިގް ބޮސް 13" ނިމުނު ފަހުން އެ ޝޯ ކާމިޔާބުކުރި ސިދާތު ޝުކްލާއާ އެކީ ވެސް ސަނާ ކުޅުނު ވީޑިއޯ ލަވައެއް މި އަހަރުގެ ކުރީކޮޅު ދައްކާލާފައިވެ އެވެ.

އަޖޭގެ "ތާނަޖީ" ސްޓާ ޕްލަސް އަށް

އިންޑިއާގެ ލޮކްޑައުންގެ ކުރިން ޖެނުއަރީ މަހު ސިނަމާތަކުގައި އެޅުވި އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" މި މަހުގެ 26 ގައި ސްޓާ ޕްލަސް އިން ޕްރިމިއާކުރަން ނިންމައިފި އެވެ.

އެ ފިލްމު ގެނެސްދޭނީ 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގަ އެވެ.

އޯމް ރައުތު ޑައިރެކްޓްކުރި "ތާނާޖީ" އަކީ އިންޑިއާގެ ވަރުގަދަ ހަނގުރާމަވެރިއެއްގެ ވާހަކަ ކިޔައިދޭ ތާރީހީ ފިލްމެކެވެ. މިއީ އަޖޭ "ދި އަންސަންގް ވޮރިއާ" ގެ ނަމުގައި ހަދަން ނިންމާފައިވާ ސީރީޒްގެ ފުރަތަމަ ބައެވެ.

މި އަހަރު ސިނަމާގައި ރިލީޒްކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބުނު ފިލްމުގެ މަގާމުގައި އޮތް "ތާނަޖީ" ގެ ކާސްޓުންގެ ތެރޭގައި އަޖޭގެ އަންހެނުން ކާޖޮލް އާއި ސައިފް އަލީ ޚާން ހިމެނެ އެވެ.

ޖުމްލަ 150 ކްރޯޑް ރުޕީސް (20 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 367.65 ކްރޯޑް ރުޕީސް (49 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.