ލޯބި ހޯދަން ލޯތްބާ ދުރަށް

ބުދަ ދުވަހާ ގުޅޭ


ރިފާއަށް ޒާހިރު ފެނުނު ވަގުތެވެ. ހުރި ފިޔަވަޅު މައްޗަށް ރިފާ ހުއްޓުނެވެ. އަޒީޒާއާއި ޒާހިރަށް ވެސް ހުއްޓެވުނެވެ. ޒާހިރު ގެއަށް ގެނައުމަކީ ރިފާގެ އެދުމަކަށް އަޒީޒާ ކުރި ކަމެކެވެ. މައްސަލަ ހައްލުކުރުމަށް ޓަކައި ރިފާގެ ފަރާތުން ފައްސި އިސާރަތެއް ފެންނާނެ ކަމަށް އަޒީޒާ އުންމީދުކުރިއެވެ. ޒާހިރު ހުރީ ރިފާއަށް ދޫކޮށްލައިގެންނެވެ. އަޑު ވީއްލައި އެންމެ ލަފުޒެއް ރިފާ ބުންޏަސް، އިދިކޮޅަށް އެންމެ ލަފުޒެއް ވެސް ނުބުނެ ޒާހިރު އެ ތަނުން ނުކުންނާނެއެވެ. ޒުވާބުކުރުމަކީ ޒާހިރުގެ މިޒާޖެއް ނޫނެވެ. ގަޑިއެއްގެ އިރުހެން ހީވި ފަޅި ސިކުންތަށް ފަހު ރިފާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަޒީޒާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. ވާހަކަދައްކަން ދެ މީހުންނަށް ފުރުސަތު ދީފައި އަޒީޒާ ވަނީ ކޮޓަރިއަށެވެ. ރިފާ އައިސް ގޮނޑީގައި އިށީނެވެ.

"ދެން އިށީނދެބަލަ!" ސަމާސާ ރާގެއްގައި ރިފާ ބުންޏެވެ. "ތިހާ ބީރައްޓެހިވާކަށް އަދި ނުވެއެއްނު ދޯ!"

"ކޮބާ ނަޝްފާ؟" އިށީންނަމުން ޒާހިރު އެހިއެވެ.

"ޓިއުޝަންއަށް ދިޔައީ." ރިފާ ޖަވާބުދިނެވެ.

ޒާހިރު ގޮނޑީގައި ހަމަޖެހިލިއެވެ. ވަރަށް ފުންކޮށް ރިފާއަށް ބަލައިލިއެވެ. ކުރިމަތީގައި އިނީ ޒާހިރުގެ ދަރިފުޅުގެ މަންމައެވެ. ވަރިކޮށްފައި ހުއްޓަސް ޒާހިރަށް ހީވަނީ އަނބިމީހާ ހެންނެވެ. އެހާ ވެސް ގާތް ގުޅުމެއް އެ ދެމެދުގައި ވަނީ އުފެދިފައެވެ. އެހެނަސް، ކޮންމެ ވަގުތަކު ކޮންމެ ގޮތަކަށް ވެސް ރިފާ ހަރަކާތް ކޮށްފާނެކަން ޒާހިރަށް އެނގެއެވެ. އެހާ ވެސް ފުން ބީރައްޓެހިކަމެއް އެ ދެމެދަށް ވަނީ ވެރިވެފައެވެ.

"ރުޅިއައިއްސަތަ ތިހިރީ؟" ކުށް ގަބޫލުކުރާ ނަޒަރަކުން ބަލަމުން ރިފާ އެހިއެވެ.

"ކީއްވެ ރިފާ ދެކެ ރުޅިއަންނަންވީ؟" އޯގާތެރި ރާގެއްގައި ޒާހިރު ބުންޏެވެ. "އަހަރެން ދަންނަ ރިފާ ދުވަހަކު ވެސް އަހަންނާ ދިމާއަކަށް ހަޅޭކެއް ނުލަވާނެ. ހާލެއްހެން ފުންމަފުންމައިގެން އަހަންނާ ދިމާ އަކަށް ނާންނާނެ. އަހަރެންގެ ގަޔަށްބޮލަށް އެރީ ރިފާއެއް ނޫން. ވީ ގޮތް މަންމަ ކިޔައިދިނީމަ މިހާރު އެ ކަން މާ ބޮޑަށް ވެސް ޔަގީން ކުރެވިއްޖެ! ރިފާ ގާތުގަ ބުނީމެއްނު ވިސްނައިގެން އުޅެއްޗޭ!"

"އެނގެޔޭ!" ރިފާ އެއްބަސްވިއެވެ. "އެކަމަކު އެއީ ބޭބެގެ އަންހެނުން. އަހަރެންގެ ފަހަރި."

"ފަހަރި އަކަސް ކޮންމެކޮންމެ ފަހަރިއެއްގެ ހިތް ހެވެއް ނުވާނެ ރިފާ،" ޒާހިރު ނަސޭހަތްދިނެވެ. "ރިފާ ވެސް ޖެހޭނެ އެ ވަރު ދަންނަން. އަހަރެން ވެސް މި ގޭގަ މި އުޅެނީ އޭނައަށް ވަރަށް ވިސްނައިގެން. ވަރަށް ދުރުދުރުން. އެހެން ވެގެން މޯޓަރު ހަދަން، ބޮކި ބަދަލުކުރަން އެ ބަޔަށް ވަނަސް އަހަރެން ބަލައިގެން އުޅެނީ. އެއް ފަހަރު ވެސް އެކަންޏެއް ނުދަމެއްނު! ރިފާ ނޫނީ ނަޝްފާ ގޮވައިގެން އަހަރެން ދަނީ. އަހަރެން ހަމަ ބޭނުން ނުވަނީ އެކަނި ހުންނަން. ރިފާއަށް ވެސް އޭނަގެ ނިޔަތް އެނގެއެއްނު!"

ރިފާ ވިސްނައިލިއެވެ. ހަގީގަތުގައި ވެސް ޒާހިރު ޖަހައިގަންނަން ޒުލްފާ ބޭނުންވޭ ހެއްޔެވެ؟ އެ ފަދަ ބޭނުންތައް އެކަކު ވެސް ދުލުން ހާމަކުރޭ ހެއްޔެވެ؟ ޒާހިރަށް ކަޅިއަޅަންޏާ ޔަގީނުން ވެސް ރިފާއަށް ޒުލްފާ އެ ކަން ސިއްރުކުރާނެއެވެ. ޝައްކުވިޔަ ނުދިނުމަށް ޓަކައެވެ. އެކަމަކު އަޒީޒާއާއި ޒާހިރަކީ ރިފާއަށް ނުބައި ނަސޭހަތެއް ދޭނެ ބައެއް ނޫނެވެ.

"ދެން ވަރަށް ވިސްނާނަން!" ރިފާ ޔަގީންކަން ދިނެވެ.

ރިފާ ރަނގަޅު ކުރުމަށް ޓަކައި އަޒީޒާ ވެސް ހެއްދީ ފަންޑިތައެކެވެ. ފަންޑިތައިން ބާރު ދެވެނީ ޖިންނިސައިތާނާއަށް ކަމާއި، ފަންޑިތަ މައިތިރިކުރަން ފަންޑިތަހެދުމުން އަނެއްކާ ވެސް ބާރު އެ ދެވެނީ ޖިންނިސައިތާނާއަށް ކަމެއް އަޒީޒާ އަކަށް ނޭނގެއެވެ. ބަލިމީހާގެ މަންމަގެ ނަން އެހުމާއި، ބޮލުގެ އިސްތަށި ނުވަތަ ހެދުމުން އެތިކޮޅެއް ގެންނަން ބުނުމަކީ ސިހުރުގެ އަލާމާތްތައްކަން ވެސް އަޒީޒާ އަކަށް ނޭނގެއެވެ. އަޒީޒާގެ ނިޔަތް ހެވެވެ. މަގުސަދު ރަނގަޅެވެ. އަޒީޒާ ބޭނުންވީ ދަރިފުޅު ސަލާމަތްކުރާށެވެ. ވާގިއެދެވުނީ ޖިންނިސައިތާނުންގެ ފަރާތުންނެވެ.

ރިފާ އުނަގަނޑުގައި ތަވީދެއް އަޅުވައިގެން މައްސަލައިގެ ވަގުތީ ހައްލެއް ހޯދުނެވެ. ކައިވެނި ރުޖޫއަކުރިއެވެ. ޒުލްފާއާ ކުރިމަތިލާން އަޒީޒާ ހިތަށްއެރިއެވެ. އެހެނަސް ޒުލްފާއަކީ އަޒީޒާގެ ދަރިއެއްގެ އަނބިމީހާއެވެ. ޒުލްފާ ސިހުރުހެދި ކަމުގެ ސާބިތު ހެއްކެއް ނެތެވެ. އެ ހާލަތުގައި އިންސާފު ހޯދަން އަޒީޒާ ނުކުމެއްޖެ ނަމަ ގޭތެރޭގެ މަސްލަހަތު ހައްތަހާ ވާނީ ގޯހެވެ. އެހެންވެ އަޅާނުލީއެވެ.

ޒުލްފާއާ ބެހޭ ގޮތުން އަޒީޒާއަށް އެނގުނު ކަންކަން އަޒީޒާގެ ހިތުގައި ކަފުންކުރިއެވެ. އެ ވާހަކަދެއްކުން ރިފާއަށް ވެސް މަނާކުރިއެވެ. އެހެނަސް ޒާހިރަކީ ރިފާގެ ފިރިމީހާ ކަމުން ޒާހިރަށް ހުރިހާ އެއްޗެއް އެނގެއެވެ. ޒާހިރު ވެސް ޝަކުވާތައް ދިރުވައިލައި، ކެތްތެރިކަން އިސްކުރިއެވެ.

ކައިވެނި ރުޖޫއަ ކުރިތާ ހަފުތާއެއް ފަހެވެ. އެންމެން އެކުގައި ވިލިނގިއްޔަށް ދަތުރު ގޮސް އުޅުމުގެ ތެރޭގައި ރިފާގެ ތަވީދު ކަނޑައިގެންދިޔައެވެ. ރިފާ އަކަށް އެ ކަމެއް ނޭނގެއެވެ. އެ ކަމެއް ހިނގީ މެންދުރު ފަހުއެވެ. އޭރު މާލެއަށް ފުރަން އޮތީ ތިން ގަޑި އިރެވެ. ތަވީދު މޫދަށް "ދޫކޮށްލައިފައި" ރިފާ މޫދުން އެރިއެވެ. އޭރު ޒާހިރު އިނީ ރިފާޔާ ތަންކޮޅެއް ދުރުގައި ދިޔަރެހުގައި އިށީނދެލައިގެންނެވެ. ޒާހިރު ބަލަހައްޓައިގެން އިނީ ވަކި ހާއްސަ ދިމާ އަކަށް ނޫނެވެ. އެހެނަސް ޒާހިރު ބަލާ ދިމާއިން އަންހެންކުއްޖަކު މޫދުން އަރައިގެން އަންނަ ތަން ރިފާއަށް ފެނުނެވެ. އެއީ ހަމަ އެކަނި ރިފާގެ ލޯމައްޗަށް ފެންނަ ދަޅައެއް ކަމެއް ރިފާ އަކަށް ކުޑަކޮށް ވެސް ނުވިސްނެއެވެ. ވަގުތުން ރިފާގެ ލޭ ކެކެން ފެށިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އޭގެ ކުރިން ރިފާއަކީ ޒާހިރު އަންހެންކުއްޖަކާ ދިމާއަށް ބަލާ ތަން ފެނުނަސް އެއްވެސް ވަރަކަށް ކަންބޮޑުވާ މީހެއް ނޫނެވެ. އެކަމަކު ވިލިނގިލީގައި ހުރި އިރު ރިފާގެ ރުޅިގަނޑު ކޮންޓުރޯލު ކުރެވެނީ ކިރިޔަކިރިޔާއެވެ. ރިފާ އެއްޗެކޭ ނުބުނީ ނަޝްފާއަށް ޓަކައެވެ. ކޮންމެވެސް ކަމެއް ވެއްޖެހެން ޒާހިރަށް ފުރަތަމަ ހީވީ މާލެދާން ފެރީއަށް އެރި ހިސާބުންނެވެ. ޒާހިރު ދޯންޏަށް އަރައިފައި ރިފާ ދޯންޏަށް އަރުވަން އަތް ދިއްކޮށްލުމުން ޒާހިރުގެ އަތް ފޮޅުވައިލީމައެވެ. އެ މަންޒަރު ނަޝްފާއަށް ވެސް ފެނުނެވެ.

"ހަމަ މިހާރު ވަރިކުރޭ!" ގެއަށް ވަން ގޮތަށް ރިފާގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ.

ނަޝްފާ ދިޔައީ ސިއްސައިގެންނެވެ. ރިފާގެ ހަޅޭއްލަވައިގަތް އަޑަށް އަޒީޒާ ކޮޓަރިން ނުކުތެވެ. އޭރު "އެހެން ރިފާއެއް" ހަރަކާތަށް ނުކުމެއްޖެއެވެ. އަޒީޒާ ހައިރާންވީ ތަވީދު އޮއްވައި ރިފާ ކުލަވަރު ދައްކަން ފެށީމައެވެ. ތަވީދު އޮތްތޯ ބަލާކަށް އަޒީޒާ ނޫޅެއެވެ. ނަޝްފާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އަޒީޒާއާއި ޒާހިރު މަސައްކަތްކުރީ ރިފާ ހަމައަކަށް އެޅުވޭތޯއެވެ. ރިފާގެ ކަންފަތަށް ތިމަރަ އެޅިފައިވާ ކަހަލައެވެ. ދޮރުތައް ތަޅަން ފެށިއެވެ. އެއްޗެހިތައް އުކަން ފެށިއެވެ. ފުންމައިގެން އައިސް ޒާހިރުގެ ޓީޝާޓުގައި ހިފިއެވެ. ރިފާގެ ހުންނަނީ މެދުމިން އިސްކޮޅަކާއި ރޫފައެކެވެ. އެކަމަކު ރިފާގެ މުށުތެރެއިން ޒާހިރަކަށް ޓީޝާޓު ދަމައެއް ނުގަނެވުނެވެ.

"އަހަރެން ވަރިކޮށްފަ ހަމަ މިހާރު މި ގެއިން ނުކުމޭ!" ރިފާ އެހެން ބުނި އިރު ދެ އަޑު އެކުލެވިފައި ހުރިހެން ޒާހިރަށް ހީވިއެވެ. "މަށަކަށް ވުރެ ކަލޭ ގަދައެއް ނުވާނެ."

ކަލޭ ކިޔައިގެން ވާހަކަދެއްކުމަކީ ރިފާގެ މިޒާޖެއް ނޫނެވެ. ޒާހިރަށް ޝައްކުވީ އެ ހިސާބުންނެވެ. ވީމާ، ރިފާގެ ތަވީދު އޮތްތޯ ބަލަން ޒާހިރު ބޭނުންވިއެވެ. އެ ވަގުތު އެ ތަނުގައި ހުރީ އަޒީޒާ އެކަންޏެވެ. ރިފާގެ ހެދުން އިރާލާކަށް ވެސް ޒާހިރަކަށް ހުރަހެއް ނެތެވެ. އެހެނަސް ރިފާގެ ހެދުމާ ހަމައަށް ޒާހިރަށް އަތް ގެންދެވިގެންނެވެ. ރިފާގެ ގަޔާ ދިމާއަށް ޒާހިރު ގެންދާ އަތުގައި ރިފާ ޖަހާލެއް ބާރުކަމުން ދެވަނަ ފަހަރު އެ ކަން ނުކުރަން ވެސް ޒާހިރު ހިތަށްއަރައެވެ. ކުއްލިއަކަށް ޒާހިރުގެ އަތުގައި ރިފާ ހިފިއެވެ. ޒާހިރުގެ އަތް ނުވަތަށް އަނބުރައިލިއެވެ. އެ ފަހަރު ޒާހިރު ހީކުރީ އަތް ހުޅުން ނައްޓައިލާނެ ކަމަށެވެ. ތަދުވެގެން ޒާހިރަށް ހަޅޭއްލަވައިގަނެވުނެވެ.

"ވަރިކުރާށޭ!" ރިފާގެ އަޑު މާ ގަދައެވެ.

"ޒާހިރު އޭނަ ވަރިކޮށްފަ ތި ކަން ނިންމާލާ!" ކައިރިވާން ނުކެރިފައި ދުރުގައި ހުރި އަޒީޒާ ރޮއިހޭރިގަތެވެ. "އޭނަ އެހެރީ މޮޔަވެފަ."

"ވަރިކޮށްފިން ވަރިކޮށްފިން!" ވޭނަށް ކެތްކުރަމުން ޒާހިރު ގޮވައިލިއެވެ.

ވަރިކުރާ އިރަށް ޒާހިރުގެ އަތުން ރިފާ ދޫކޮށްލިއެވެ. ޒާހިރު ވަގުތުން ނުކުމެގެން ދިޔައީއެވެ. ރިފާ ރޯން ފެށިއެވެ. އެއީ ހަމަ ކުރީ ފަހަރު ވެސް ވީ ގޮތެވެ. ވާނީ އެހެންކަން، މާ ކުރިން ވެސް އަޒީޒާއަށް އެނގެއެވެ. ދެން ބެލިއިރު ރިފާގެ ތަވީދެއް ނެތެވެ.

ކަންތައް ހިނގައިދިޔައީ ހަމަ ކުރީ ފަހަރާ ދާދި އެއް ގޮތަކަށެވެ. ހަގީގަތް އެނގުމުން ޒާހިރުގެ އެއްވެސް ހިތްބަރުކަމެއް ނެތެވެ. ރިފާ ކުށްވެރި ކުރާކަށް ވެސް ޒާހިރު ބޭނުމެއް ނޫނެވެ. އެ ފަހަރު ރިފާއަށް ފަރުވާކުރުމާ ހަވާލުވީ ޒާހިރެވެ. ރައްޓެއްސެއް ލައްވައި ރުޤްޔާ ކުރުވައިގެން ރިފާ ރަނގަޅުކުރިއެވެ. ރިފާއަށް ހަދައިފައިވާ ސިހުރު ބާތިލުކުރިއެވެ. އެ ސިހުރުގެ އެއްވެސް އުނދަގުލެއް ދެން ނުޖެހޭނެ ކަމުގެ ޔަގީންކަން ވެސް ރާޤީ ދިނެވެ.

މަންޒަރު ބަދަލުވީ ކައިވެނި ރުޖޫއަކުރަން ގާޒީއާ ބައްދަލުކުރި ހިސާބުންނެވެ. ވަރި ސާބިތުކުރަން ޖެހުމުންނެވެ. ރިފާ ވަރިކުރި ކަމުގެ ހެއްކަކަށް ހުރީ ހަމަ އެކަނި އަޒީޒާއެވެ. އެންމެ އަންހެނެކެވެ. އެ ހެކި ގަބޫލެއް ނުކުރެވުނެވެ.

"ދެން ކިހިނެއް ހެދޭނީ؟" ޒާހިރު ހައިރާން ވެފައި އެހިއެވެ.

"ވަރި ސާބިތުކުރެވޭނީ އަލުން ވަރިކޮށްގެން!" ގާޒީ އެދުނެވެ.

އަލުން ވަރިކޮށްފިއްޔާ ތިންފަށް ވާނެއެވެ. ވީމާ ރިފާއަށް ޒާހިރާ ކައިވެނި ކުރެވޭނީ އެހެން މީހަކާ ރިފާ އިނދެފައި ވަރިވެގެންނެވެ. ގާޒީ އެދުނު ގޮތަށް އަލުން ވަރި ނުކޮށްފިއްޔާ ވަރި ސާބިތެއް ނުކުރެވޭނެއެވެ. ވީމާ، ރިފާ އަކަށް ދުވަހަކު ވެސް ޒާހިރަކާ ކައިވެންޏެއް ނުކުރެވޭނެއެވެ. ރިފާ އެހެން މީހަކާ އިންނާކަށް ޒާހިރު ބޭނުމެއް ނޫނެވެ. ޒާހިރާ ނީނދެ ހުންނާކަށް ރިފާ ބޭނުމެއް ނޫނެވެ.

"ދެން ކިހިނެއް ހަދާނީ؟" ޒާހިރު ސުވާލުކުރިއެވެ.

ނުނިމޭ