"ޓެނެޓް" އަންނަ މަހުގެ 26 ގައި ގެނެސްދޭން ނިންމައިފި

މި އަހަރު ރިލީޒްކުރެވިދާނެ ކަމާ ދޭތެރޭ ސުވާލު އުފެދުނު ކްރިސްޓޯފާ ނޯލަންގެ އުންމީދީ ފިލްމު "ޓެނެޓް" އަންނަ މަހުގެ 26 ގައި ސިނަމާތަކަށް ގެންނާނެކަން ކަށަވަރުވެއްޖެ އެވެ.


ހަތްދިހަ ގައުމެއްގައި ހުރި އައިމެކްސް ސިނަމާތަކުގައި "ޓެނެޓް" އަންނަ މަހުގެ 26 ގައި ރިލީޒްކުރަން ނިންމި ނަމަވެސް އެމެރިކާގައި ފިލްމު އަޅުވަން ނިންމާފައި ވަނީ އޭގެ ހަފުތާއެއް ފަހުން ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު އޭގެ ސަބަބެއް ސާފުނުވާ ކަމަށާއި ވޯނާ ބްރަދާޒް އިން އެކަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ބުންޏެވެ.

ޖާސޫސީ ފިލްމެއްގެ ގޮތުގައި ގެނެސްދޭ "ޓެނެޓް" އެންމެ ފުރަތަމަ ރިލީޒްކުރާ ގޮތަށް އޮތީ މި މަހުގެ 17 ގަ އެވެ. އެކަމަކު ކޮވިޑް-19 ހެދި ތާރީހު ފަހުން މި މަހުގެ 31 އަށް ބަދަލުކުރުމަށް ފަހު، ފަހުން އަންނަ މަހުގެ 12 އަށް ބަދަލުކުރި އެވެ. އޭގެ ފަހުން މީޑިއާތަކުން ވަނީ ދެން މި ފިލްމު އަހަރު ފެންނާނެކަމާ ދޭތެރޭ ސުވާލު އުފައްދައިފަ އެވެ. އަންނަ މަހު "ޓެނެޓް" ސިނަމާތަކަށް ގެނައުންވެގެން ދާނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސިނަމާތަކަށް ފުރަތަމަ ބޮޑު ފިލްމަށެވެ.

މި ފިލްމަކީ މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމު ވެސް މެ އެވެ. ފިލްމު އަންނަ މަހު ރިލީޒްކުރާކަން ކަށަވަރުވުމަކީ ފިލްމު ލަސްވެގެން މާޔޫސްވި މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ އެވެ.

ގާތްގަނޑަކަށް 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ޓެނެޓް" ގެ މައިގަނޑު ކާސްޓުންނަކީ ރޮބަޓް ޕެޓިންސަނާއި ޖޯން ޑޭވިޑް ވޮޝިންޓަނާއި އެލިޒަބަތު ޑެބީކީ އާއި އާރޯން-ޓޭލާ ޖޯންސަނާއި މައިކަލް ކެއިން، ކެނެތު ބްރަނާ އާއި ޑެންޒެލް ސުމިތާއި މާޓިން ޑޮނޯވެން އަދި ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ އެވެ.