އާމިރު ޚާނާއި ކަރީނާ "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން އަށް ތުރުކީ އާއި ޖޯޖިއާ އަށް

އާމިރު ޚާނާއި ކަރީނާ ކަޕޫރް އެކީގައި ކުޅޭ ތިން ވަނަ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަންޒަރުތަކެއް ތުރުކީ އާއި ޖޯޖިއާގައި ނަގަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އިންޑިއާގެ ލޮކްޑައުންގެ ކުރިން ޝޫޓިން ފަށާފައި އޮތް ފިލްމުގެ 30-35 ޕަސެންޓް ޝޫޓިން އަދި ބާކީ އެބަ އޮތެވެ. މީޑިއާތަކުން ބުނީ ތުރުކީ އާއި ޖޯޖިއާގައި ނަގަން ނިންމި މަންޒަރުތަކަކީ ކުރިން އިންޑިއާގެ ލަޑާކްގައި ނަގަން ނިންމި މަންޒަރުތަކުގެ ތެރެއިން މަންޒަރުތަކެއް ކަމަށެވެ.

ނަމަވެސް އެތަނުގެ ގަލްވާން ވެލީގެ އިންފާރު ކައިރީގައި އިންޑިއާގެ ސިފައިންނާއި ޗައިނާގެ ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ދެ ގައުމުގެ މެދުގައި މައްސަލަ ހޫނުވެފައިވާތީ ލަޑާކްގައި "ލާލް ސިންގް ޗައްޑާ" ޝޫޓްނުކުރަން ނިންމައި ދާދި ފަހުން ކަރްގިލްގައި ޝޫޓްކުރަން ވެސް ނިންމި ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. އެކަމަކު މިހާރު ތުރުކީ އާއި ޖޯޖިއާގައި ޝޫޓްކުރަން ނިންމީ ކަމަށާއި ވަރަށް އަވަހަށް އެ ދެ ގައުމަށް ދެވޭނެ ގޮތްތަކެއް ފިލްމުގެ ޓީމުން ހަމަޖައްސާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

"ލާލް ސިންގް ޗައްޑާ" އަކީ 1994 ގައި ޓޮމް ހޭންކްސް ކުޅެ، އޮސްކާ އެވޯޑް ވެސް ހޯދި ކާމިޔާބު ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަތުލް ކުލްކަރްނީ އެވެ.

"ލާލް ސިންގް ޗައްޑާ" އަކީ މި އަހަރުގެ ޑިސެމްބަރު 25 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. އެކަމަކު ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް އާމިރު އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.