ސޯނޫ ސޫދާ އެކު "ކަޕިލް ޝަރުމާ ޝޯ" މިރޭ އަލުން ފަށަނީ

އިންޑިއާގެ ލޮކްޑައުންއާ އެކު ހުއްޓުމަކަށް އައިސްފައި އޮތް ސޮނީ ޓީވީގެ މަގުބޫލު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" މެހުމާނެއްގެ ގޮތުގައި އެކްޓަރު ސޯނޫ ސޫދާ އެކު މިރޭ ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.


ސޮނީން ވަނީ ޝޯގެ ޕްރޮމޯ ވެސް ދައްކާލައިފި އެވެ.

އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ޝޯތަކުގެ ތެރޭގައި ގުނައިލެވޭ ކަޕިލްގެ ޝޯ އަލުން މި އަންނަނީ މެދުކެނޑިފައި އޮންނަތާ ގާތްގަނޑަކަށް ފަސް ވަރަކަށް މަސް ފަހުންނެވެ. "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9:00 ގައި ދައްކާ ޝޯއެކެވެ.

އާ ހިތްވަރަކާ އެކު "ދަ ކަޕިލް ޝަރުމާ ޝޯ" މިރޭ ފަށާއިރު، މެހުމާނެއްގެ ގޮތުގައި ބައިވެރިވާ ސޯނޫ އަކީ އިންޑިއާގެ ލޮކްޑައުންގެ ތެރޭގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެކަކެވެ. ސަބަބަކީ ލޮކްޑައުން ހެދި އިންޑިއާގެ އެކި ހިސާބުތަކުގަ އާއި ގައުމުން ބޭރުގައި ތާށިވެ، އަމިއްލަ ވަޒަނަށް ދެވޭނެ ގޮތެއް ނެތިފައި ތިބި އެތައް ބަޔަކުސޯނޫގެ އަމިއްލަ ހަރަދުގައި ފޮނުވައި ދިނުމެވެ. އެގޮތުން ބަހާއި ރޭލާއި ޗާޓަރު ފްލައިޓް ދަތުރުތަކުން ސޯނޫ އެހީވެފައިވެ އެވެ. މީގެ އިތުރުން އެކި ގޮތުން ދަތިތައް ދިމާވި އެތައް ބަޔަކަށް ސޯނޫ މިހާރު ވެސް އަންނަނީ އެހީވަމުންނެވެ.

އޭނާ އިންސާނިއްޔަތަށް ފެށި މި މަސައްކަތަކާ އެކު އިންޑިއާގެ ގިނަ ބަޔަކު މިހާރު ސޯނޫ ސިފަކުރަނީ ހަގީގީ ބަތަލެއްގެ ގޮތުގަ އެވެ. ކަޕިލްގެ ޝޯގައި ސޯނޫގެ މި ތަޖުރިބާ މިރޭ ބެލުންތެރިންނާ ހިއްސާކުރާނެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަލުން ފަށާ އިރު މި ފަހަރު ބޮޑު ބަދަލެއް ފާހަގަކުރެވޭނެ އެވެ. އެއީ ކުރިން ޝޯގައި ބައިވެރިވާ އޯޑިއަންސް މި ފަހަރު ނެތުމެވެ. މި ބަދަލަކީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރި ކަމެކެވެ. އެހެންވެ ސްޓޭޖް ކުރިމަތީގައި އިންނަ ސޯފާއެއްގައި ހިނިގަނޑު ޖަހަން އިންނަ އަރްޗަނާ ޕުރާން ސިންގްގެ ފަހަތުން މިރޭ ފެންނާނީ ކަރުދާސް އޯޑިއަންސެކެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އޭގެ ހޯސްޓް ކަޕިލްގެ ނަމުގައި ގެނެސްދޭ ޝޯއެކެވެ. އޭނާއާ އެކު ޝޯގައި ފެންނަ މުހިއްމު ބައިވެރިންނަކީ ކިކީ ޝްރަދާ (އައްޗާ/ބައްޗާ ޔާދަވް) އާއި ކުރުޝްނާ އަބީޝެކް (ސަޕްނާ) އާއި ބާރުތީ ސިންގް (ބަބްލީ މޯސީ/ލައްލީ) އާއި ޗަންދަން ޕްރަބާކަރް (ޗަންދޫ) އަދި ސުމޯނާ ޗަކްރަބަތީ (ބޫރީ) އެވެ.