"ގުންޖަން ސަކްސޭނާ" މި މަހުގެ 12 ވަނަ ދުވަހު ނެޓްފްލިކްސް އިން ޕްރިމިއާކުރާނެ.
"ގުންޖަން ސަކްސޭނާ" ގެ ޕޯސްޓަރެއް.
02 އޯގަސްޓް 2020
ޒުވާން ބަތަލާ ޖާންވީ ކަޕޫރް ޕައިލެޓެއްގެ ރޯލް ކުޅެފައިވާ ބައޮގްރަފިކަލް ޑްރާމާ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ނެޓްފްލިކްސް އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ޝަރަން ޝަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ގުންޖަން ސަކްސޭނާ" ގައި ކިޔައިދޭނީ 1999 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ކަރްގިލް ހަނގުރާމައިގައި އިންޑިއާގެ ސިފައިން ވައިގެ މަގުން އުފުލި އަސްކަރިއްޔާގެ ފުރަތަމަ އަންހެން ހެލިކޮޕްޓަރު ޕައިލެޓް ގުންޖަންގެ ވާހަކަ އެވެ.
ފިލްމުގެ ޓައިޓްލް ރޯލުން ޖާންވީ ފެނިގެންދާ އިރު، ގުންޖަންގެ ބައްޕަގެ ރޯލުން ފެނިގެންދާނީ ޕަންކަޖް ތުރިޕަތީ އެވެ. އަދި އޭނާގެ ބޭބެގެ ރޯލް ކުޅެފައި ވަނީ ބަތަލާ ނޭހާ ދޫޕިއާގެ ފިރިމީހާ އަންގަދު ބޭދީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މާނަވް ވިޖް، ވިނީތު ކުމާރު ސިންގް އަދި އައިޝާ ރާޒާ ހިމެނެ އެވެ.
Bringing to your homes & hearts the inspiring true story of a simple girl, who stood her ground to chase her dreams of ruling the skies. ✈️#GunjanSaxena - The Kargil Girl, premieres 12th August on @NetflixIndia https://t.co/Cp5rQCU3DW
— Dharma Productions (@DharmaMovies) August 1, 2020
"ގުންޖަން ސަކްސޭނާ" އަކީ 2018 ގެ "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ދެވަނަ ބޮޑު ފިލްމެވެ. މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ސްޓްރީމްކުރި އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" އަކީ ވެސް ޖާންވީ ފެނިގެން ދިޔަ ފިލްމެކެވެ. އެ ފިލްމުގައި އޭނާ ކުޅުނު ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ސެގްމަންޓެވެ.
"ގުންޖަން ސަކްސޭނާ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ކުޅުނު ދެވަނަ ފިލްމެވެ. އަދި މި ފިލްމަކީ ދަރުމާ އިން މި އަހަރު ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ބަތަލާ ކިއާރާ އަދުވާނީއާ އެކު މާޗް 6 ގައި ސްޓްރީމްކުރި "ގިލްޓީ" އެވެ. އެ ފިލްމަކީ ކަރަންގެ ދަރުމާގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ޔުނިޓް ދަރުމަޓިކްގެ އުފެއްދުމެކެވެ.
ދަރުމާ ޕްރޮޑަކްޝަނާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާފައިވާ "ގުންޖަން ސަކްސޭނާ" އަކީ ކުރިން މިދިޔަ އެޕްރީލްގައި ސިނަމާތަކަށް ގެންނަން އުޅުނު ފިލްމެކެވެ. އެކަމަކު އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި ހުރުމުން އެ ފުރުސަތު ނުލިބުނީ އެވެ.
ރިޕޯޓްތައް ބުނާގޮތުން ނެޓްފްލިކްސް އަށް "ގުންޖަން ސަކްސޭނާ" ގެ ޑިޖިޓަލް ރައިޓްސް ވިއްކައިލީ 70 ކްރޯޑް ރުޕީސް (9 މިލިއަން ޑޮލަރު) އަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް