ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ އަހަރު ރިލީޒްކުރި ރިތިކް ރޯޝަންގެ ފިލްމު "ސުޕަ 30" މި މަހުގެ 6 ގައި ނެދެލަންޑްސްގައި އަޅުވަން ނިންމައިފި އެވެ.


ޑަޗް ބަހުން ސަބް-ޓައިޓްލްކޮށްގެން ފިލްމު ނެދަލެންޑްސްގެ ތިން ސަރަހައްދެއްގައި ދައްކަން ވަނީ ހަމަޖެހިފަ އެވެ. "ސުޕަ 30" އަކީ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ބައޮގްރަފިކަލް ޑްރާމާއެކެވެ. ވިކާސް ބާލް ޑައިރެކްޓްކުރި ފިލްމުގައި ރިތިކް އާނަންދުގެ ރޯލް ކުޅުނު އިރު، ބަތަލާ އަކީ މުރްނާލް ތާކޫރެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަމިތު ސާދާއި ޕަންކަޖް ތުރިޕަތީގެ އިތުރުން މާނަވް ގޯހިލް ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި 12 ގައި ރިލީޒްކުރި "ސުޕަ 30" އަކީ 60 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އަދި މި ފިލްމަށް ބޮކްސް އޮފީހުގައި 208.93 ކްރޯޑް ރުޕީސް (27.9 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.

ރިލައިންސް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރި "ސުޕަ 30" ގެ އިތުރުން މިދިޔަ އަހަރު ރިލީޒްކުރި ރިތިކްގެ "ވޯ" އަކީ އެ އަހަރުގެ އެންމެ ބޮޑު ހިޓެވެ.

މަލަޔާޅަމް ފިލްމެއްގެ ރިމެކެއް ޖާންވީ އަށް

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު މަލަޔާޅަމް ފިލްމު "ހެލެން" ގެ ހިންދީ ރިމެކް ޖާންވީ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އެ ފިލްމުގެ ރައިޓްސް ހޯދާފައި ވަނީ ޖާންވީގެ ބައްޕަ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރެވެ. މީޑިއާތަކުން ބުނީ "ހެލެން" ގެ ހިންދީ ރިމެކްގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. އެކަމަކު މިކަން އަދި ކަށަވަރެއް ނުވެ އެވެ. ޖާންވީގެ އަތުގައި މިހާރު ވެސް ބައްޕަ ޕްރޮޑިއުސްކުރާ ފިލްމެއް އެބައޮތެވެ. އެއީ މިދިޔަ އަހަރު އިއުލާންކުރި "ބޮމްބޭ ގާލް" އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި "ހެލެން" އަކީ ސަވައިވަލް ތުރިލާއެކެވެ. އަނާ ބެން އާއި ލާލް ލީޑް ރޯލް ކުޅުނު އެ ފިލްމު ޑައިރެކްޓްކުރީ މަތުކުއްޓީ ޒޭވިއާ އެވެ.

ޑިފެންސް މިނިސްޓްރީގެ އެންގުމެއް

އިންޑިއާގެ އަސްކަރިއްޔާ އާއި އެ ދާއިރާގައި މަސައްކަތްކުރާ/މަސައްކަތްކޮށްފައިވާ މީހުންނާ ބެހޭ ގޮތުން ހަދާ އެއްވެސް އުފެއްދުމެއް ޓެލެކާސްޓްކުރުމުގެ ކުރިން އެ އުފެއްދުމަކާ ބެހޭ ގޮތު މައުލޫމާތު ޑިފެންސް މިނިސްޓްރީއާ ހިއްސާކުރަން ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އާއި މިނިސްޓްރީ އޮފް އިކޮނިމިކްސް އާއި އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާޓިން އަށް އަންގައިފި އެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓްރީން އެތަންތަނަށް ފޮނުވި ސިޓީއެއްގައި އެފަދަ އެންގުމަށް އަންގަން ޖެހުނީ އުފެއްދުންތަކާ ބެހޭ ބެހޭ ގޮތުން ގިނަ ޝަކުވާތަކެއް ލިބެމުންދާތީ އެވެ.

އެގޮތުން އެފަދަ އުފެއްދުންތަކުގައި ސައްހަ ނޫން ގޮތް ގޮތަށް މަންޒަރުތައް ދައްކުވައި ދިނުން ފަދަ ކަންކަން ހިނގާކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބޭ ކަމަށް ބުންޏެވެ. އެހެންވެ ޓީވީންނާއި އަދި ސްޓްރީމް ޕްލެޓްފޯމަކުން ވެސް އަސްކަރިއްޔާ އަށް ނިސްބަތްވާ އުފެއްދެއް ގެނެސްދޭ ނަމަ އެ އުފެއްދުމަކާ ބެހޭ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރަން އެދިފައިވެ އެވެ. އަދި އެފަދަ އުފެއްދުމެއް އާންމުކުރަން ވަނީ ކަމާގުޅުން ހުރި މިނިސްޓްރީތަކުގެ ހުއްދަ ލިޔުމަކުން ހޯދައިގެން ކަމަށް ވެސް ބުންޏެވެ.

"ދުރުގާވަތީ" ގެ ޝޫޓިން އަލުން ފަށަނީ

އިންޑިއާގެ ލޮކްޑައުންއާ އެކު ޝޫޓިން ހުއްޓިފައި އޮތް ބަތަލާ ބޫމީ ޕެޑްނޭކަރްގެ ބިރުވެރި ފިލްމު "ދުރުގާވަތީ" ގެ ޝޫޓިން މި ހަފުތާގެ ތެރޭގައި އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

ޕްރޮޑިއުސަރެއްގެ ގޮތުގައި އަކްޝޭ ކުމާރު ހިއްސާވާ ފިލްމުގެ މަންޒަރުތަކެއް މި އަހަރުގެ ކުރީކޮޅު ވަނީ މަދިޔަޕްރަދޭޝްގައި ނަގައިފަ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މިހާރު ރާވާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭ ނަމަ "ދުރުގާވަތީ" ގެ ޝޫޓިން އެއްކޮށް މި މަހުގެ ނިޔަށް ނިންމައިލެވޭނެ ކަމަށެވެ.

ޚަބަރުތައް ބުނާގޮތުން މި ފިލްމަކީ 2018 ގައި ގެނެސްދިން ތެލެގޫ ހޮރޯ ތުރިލާ އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ޖީ އަޝޯކް ޑައިރެކްޓްކުރި އެ ފިލްމުގެ ބަތަލާ އަކީ "ބާހްބަލީ" ގެ ބަތަލާ އަނުޝްކާ ޝެޓީ އެވެ. "ބާގަމަތީ" ގައި ކިޔައިދެނީ މަރުގެ މައްސަލައެއްގައި ހައްޔަރުކުރާ މީހަކު ޖަލުން، ވީރާނާވެފައިވާ އިހުގެ ގަނޑުވަރަކަށް ބަދަލުކުރުމުން ދިމާވާ ހާދިސާތަކެކެވެ.

"ދުރުގާވަތީ" ވެސް ޑައިރެކްޓްކުރަނީ އަޝޯކެވެ. މީގެ ކާސްޓުންގެ ތެރޭގައި މާހީ ގިލް އާއި އަރުޝަދު ވަރްސީ އާއި ކަރަން ކަޕާޑިއާ އާއި ޖިއްޝޫ ސެންގުޕްތާ އާއި މުރާލީ ޝަރުމާ ވެސް ހިމެނެ އެވެ.