ސަލްމާން ޚާން "މޭނޭ ޕިޔާރު ކިޔާ" ކުޅުނީ އެންމެ 31،000 ރުޕީސް އަށް

ސަލްމާން ޚާން ތަރިއަކަށް ބަދަލުކޮށްލި ފިލްމު ކަމަށްވާ "މޭނޭ ޕިޔާރު ކިޔާ" ކުޅުނީ އެންމެ 31،000 ރުޕީސް (413 ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އެކަމަކު ސަލްމާނަކީ މިހާރު ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބޭ އަދި އެންމެ މުއްސަނދި އެއް ތަރި އެވެ. އޭނާ އާންމުކޮށް މިހާރު ފިލްމެއް ކުޅެން އެންމެ ދަށްވެގެން ވެސް 25 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) އަށް ވުރެ ކުޑަ އަގެއް ނުނަގަ އެވެ. އަދި ސަލްމާނަކީ ޓީވީ އިޝްތިހާރުތަކުން ވެސް ބޮޑު އަގެއް ލިބޭ އެކްޓަރެކެވެ.

ހިންދީ ސިނަމާގެ އައިކޮނިކް ފިލްމެއް ކަމަށްވާ 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އަކީ ސަލްމާންގެ ދެވަނަ ފިލްމެވެ. އޭނާ އެކްޓިން އަށް ނުކުތީ 1988 ގެ "ބިވީ ހޯ ތޯ އެއިސީ" އިންނެވެ. ފެމިލީ ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން އެ ފިލްމުގެ ލީޑް ރޯލް ކުޅުނީ ރޭކާ އާއި ފާރޫގް ޝެއިހެވެ.

ސަލްމާންގެ މާ ހާއްސަ ރޯލެއް ފިލްމުގައި ނެތުމުން އެ ފިލްމަކީ އޭނާ އަށް ސަމާލުކަން ލިބުނު ފިލްމެއް ވެސް ނޫނެވެ. އެކަމަކު "މޭނޭ ޕިޔާރު ކިޔާ" ގައި ކުޅުނު ލަވަ-ބޯއި އަދި ސިނަމާގައި އޭނާގެ ސިގްނޭޗާ ނަން ކަމަށްވާ ޕްރޭމްގެ ކެރެކްޓާ އަކީ ސަލްމާން ކުއްލިއަކަށް ބޮޑު ތަރިއަކަށް ބަދަލުކޮށްލި ފިލްމެކެވެ. އެ ފިލްމުގައި އޭނާއާ އެކު ބަތަލާގެ ރޯލް ކުޅުނީ ބަގިޔާޝްރީ އެވެ.

"މޭނޭ ޕިޔާރު ކިޔާ" އަކީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފުރަތަމަ ފިލްމެވެ. އަދި އެ ފިލްމުގެ ބޮޑު ކާމިޔާބީއާ އެކު އޭނާ އަށް ހިންދީ ސިނަމާ އިން ހާއްސަ މަގާމެއް ލިބުނެވެ. އެއީ އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

ސޫރަޖް މިހާތަނަށް ހަ ފިލްމު ޑައިރެކްޓްކުރި އިރު، އޭގެ ތެރެއިން ހަތަރު ފިލްމުގެ ބަތަލަކީ ސަލްމާނެވެ. އެއީ 1994 ގެ "ހަމް އާޕް ކޭ ހޭ ކޯން" އާއި 1999 ގެ "ހަމް ސާތު ސާތު ހޭ" ގެ އިތުރުން 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ. ފާހަގަކޮށްލެވޭ ކަމަކީ އެއިން ކޮންމެ ފިލްމެއްގައި ވެސް ސަލްމާންގެ ނަމަކީ ޕްރޭމް އެވެ. ސޫރަޖް ދެން ހަދާ ފިލްމުން ވެސް ފެންނާނީ ސަލްމާނެވެ.