ފިޓްކޮށް ހުންނަން ކުރާ ކަމަކީ ހިނގުން: ސައިފް

ފިޓްކޮށް ހުންނަ އެއް އިރެއްގައި ވެސް މާ ގިނަ ވަގުތު ޖިމްގައި ހޭދަނުކުރާ ކަމަށާއި އަބަދު ވެސް އެންމެ ގިނައިން ކުރާ ކަމަކީ ހިނގުން ކަމަށް އެކްޓަރު ސައިފް އަލީ ޚާން ބުނެފި އެވެ.


މި މަހުގެ 16 ގައި 50 އަހަރު ފުރޭ އެކްޓަރު ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ހިނގުމުން، ކަސްރަތު ލިބުމުގެ އިތުރުން ހާސްކަމާއި ފިކުރުތަކުން ވެސް ދުރުކޮށްދޭ ކަމަށެވެ. އެހެންވެ ޖިމަށް ގޮސް އިންޓެންސް ވޯކްއައުޓް ހެދުމަށް ވުރެ ބޮޑަށް އަބަދުވެސް ޝައުގުވެރިކަން ހުންނަނީ ވަގުތު ލިބޭ ވަރަކުން ގިނަގިނައިން ހިނގުން ކަމަށް ބުންޏެވެ.

"ހިނގުމަކީ މުޅި ހަށިގަނޑަށް އޭގެ ފައިދާ ލިއްބައިދޭ ކަމެއް. އެހެންވީމަ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ހިނގުމަކީ ވަރަށް ބޭނުންތެރި ކަމެއް. މިއުޒިކެއް ޖަހާލައިގެން ބޫޓަށް އަރައިގެން ހިނގަން ނިކުތުމަކީ އަބަދު ވެސް އަހަރެން ވަރަށް ލޯބިކުރާ ކަމެއް،" ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ ބުންޏެވެ. "މިއީ ކުރަން އެންމެ ފަސޭހަ ކަންތައް ވެސް މެ. އަނެއްކޮޅުން ސްޓްރެސް ފިލާކަމެއް ހިނގުމަކީ."

ބަތަލާ ސާރާ އަލީ ޚާން، 24، ގެ ބައްޕަ ބުނިގޮތުގައި ފިޓްކޮށް ހުންނަން ކަސްރަތާ އެކު، ރަނގަޅު ޑައިޓެއް ވެސް ވަރަށް މުހިއްމެވެ. އެހެންވެ ކެއުމަށް ވަރަށް ބަލައިގެން އުޅޭ ކަމަށް ބުންޏެވެ. އަދި ވަކިން ހާއްސަކޮށް ގޭގައި ކައްކައިގެން ކެއުމާއި ތާޒާ ބާވަތްތައް ކެއުމަކީ އަބަދު ވެސް ވަރަށް ބޮޑަށް ބަލާ ކަމެއް ކަމަށް ބުންޏެވެ.

ފިލްމީ ދާއިރާ އަށް ނުކުތް އިރު ސައިފަކީ ބައްޓަން އެހާ ރީތިކޮށް ހުރި އެކްޓަރެއް ނޫނެވެ. އެކަމަކު މިހާރު އޭނާ ގުނާލެވެނީ ބޮލީވުޑްގެ އެންމެ ފިޓް، އެންމެ ސްޓައިލިޝް އަދި ބަލާލަން އެންމެ ރީތި އެކްޓަރުންގެ ތެރޭގަ އެވެ. ވަކިން ހާއްސަކޮށް ސައިފްގެ އުމުރުގެ އެކްޓަރުންނާ އަޅާބަލާ އިރު އޭނާ ފެންނަނީ ވަރަށް ޒުވާންކޮށެވެ.