ދީޕިކާގެ ފަހަތުން ރަންވީރު ވެސް ޕްރޮޑިއުސަރަކަށް

އަންހެނުން ދީޕިކާ ޕަދްކޯން ޕްރޮޑިއުސްކޮށް، ކުޅުނު ފުރަތަމަ ފިލްމު "ޗަޕާކް" މި އަހަރުގެ ކުރީކޮޅު ގެނެސްދީފައި ވަނިކޮށް، ރަންވީރު ސިންގް ވެސް ފިލްމު ޕްރޮޑިއުސްކުރަން ނިންމައިފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންވީރު، 35، ފިލްމު ކުންފުންޏެއް އުފެއްދީ އޭނާގެ މަންމަ އަންޖޫ ބަވާނީއާ ގުޅިގެންނެވެ. އަދި ވަރަށް ސިއްރުން އެ ކުންފުނި ރަޖިސްޓްރީކޮށްފައި ވަނީ ޑިސެމްބަރު 28، 2017 ގައި ކަމަށާއި ނަމަކީ "މާ ގަސަމް ފިލްމްސް" ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި ރަންވީރުގެ ފިލްމު ކުންފުނިން މައިގަނޑު ގޮތެއްގައި އުފައްދާނީ މާސް އޯޑިއަންސް ބޭނުންވާ ކަހަލަ މަސާލާ، ލައިޓްހާޓެޑް ފިލްމުތަކެވެ. އަދި ވަރަށް އަވަހަށް ކުންފުނިން އުފައްދާ ފުރަތަމަ ފިލްމު އިއުލާންކުރާނެ ކަމަށް ވެސް ބުންޏެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ރަންވީރު އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ރަންވީރަކީ މިހާރު މިއުޒިކް ފަންނާނުން ކުރިއެރުވުމަށް ވެސް އިންކްއިންކްގެ ނަމުގައި ކުންފުންޏެއް ހަދާފައިވާ ތަރިއެކެވެ. އެ ކުންފުނި އުފެއްދީ މިދިޔަ އަހަރު އެވެ. ރިޕޯޓްތައް ބުނާގޮތުން ހުނަރުވެރި އެކްޓަރު ވަނީ ދީޕިކާއާ ގުޅިގެން ވެސް އިތުރު ކުންފުންޏެއް އުފައްދައިފަ އެވެ. އޭގެ ނަމަކީ ޗޯކް އެންޑް ޗީޒް އެންޓަޕްރައިޒެސް އެވެ.

ދެހާސް އަށާރައިގައި ކައިވެނިކުރި ފަހުން ދީޕިކާ އާއި ރަންވީރު އެކީގައި ކުޅުނު ފުރަތަމަ ފިލްމު "83" އަކީ ދީޕިކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ. އޭނާގެ ކޭއޭ ޕްރޮޑަކްޝަންސްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "މަހާބާރަތު" އާއި "ދި އިންޓާން" ގެ ރިމެކް ހިމެނެ އެވެ.