ދަރިއަކު ހޯދަން އާއިލާގެ ޕްްރެޝަރެއް ނެތް: އަނުޝްކާ ޝަރުމާ

ދަރިއަކު ހޯދަން އާއިލާ އިން ޕްރެޝަރު ނުކުރާ ކަމަށް ބަތަލާ އަނުޝްކާ ޝަރުމާ ބުނެފި އެވެ.


އަނުޝްކާ އާއި އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީގެ ކައިވެންޏަށް މިހާރު ތިން އަހަރުވެފައިވާ އިރު، އެ މީހުން ދަރިއަކު ހޯދާނެ އިރަކާ ބެހޭ ގޮތުން ކުރިމަތިކުރުވާ ސުވާލުތައް ގިނަ އެވެ. އަދި 2018 ގައި ރިލީޒްކުރި "ޒީރޯ" އަށް ފަހު، އަނުޝްކާ ފިލްމެއް ކުޅެން ސޮއިނުކުރާތީ އެއީ ދަރިއަކު ހޯދަން ޕްލޭންކޮށްގެން އުޅޭތީ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

މި ހަފުތާގައި ފޭނަކު އިންސްޓަގްރާމްގައި ވެސް އަނުޝްކާއާ ކުރީ ދަރިއަކު ހޯދުމާ ބެހޭ ސުވާލެކެވެ. އެ ސުވާލުގައި އަހާފައި ވަނީ އާއިލާ މީހުން ވެސް ދަރިއަކަށް އެދޭ ތޯ އެވެ؟ އޭގެ ޖަވާބު ވަރަށް ސަމާސާކޮށް ދެމުން އަނުޝްކާ ބުނީ އޭނާ ދަރިއަކު ހޯދަން ޕްރެޝަރު ކުރަނީ ހަމައެކަނި ސޯޝަލް މީޑިއާގައި ކަމަށާއި އާއިލާގެ ތެރެއިން އެފަދަ ޕްރެޝަރެއް ނެތް ކަމަށެވެ.

އަނުޝްކާ އާއި ވިރާޓް ކައިވެނިކުރީ 2017 ގަ އެވެ. އަދި މި ޖޯޑަކީ މިހާރު އިންޑިއާގެ އެންމެ ލޯބި އެއް ޖޯޑެވެ. އަނުޝްކާ ކުރިން ބުނެފައިވާ ގޮތުގައި އަވަސް އަރުވާލައިގެން ދަރިއަކު ހޯދުމުގެ ވިސްނުމެއް ނެތެވެ. އަދި މި ވަގުތު ދެ މީހުންގެ ކެރިއަރުގައި ވެސް މުހިއްމު ކަންކަން އެބަހުރި ކަމަށާއި ވަގުތު ޖެހުމުން ދަރިއަކު ވެސް ހޯދާނެ ކަމަށް ބުންޏެވެ.

"ޒީޒޯ" އަށް ފަހު އަނުޝްކާ ސްކްރީނުން ގެއްލުނަސް އޭނާ އަންނަނީ ކެމެރާގެ ފުރަގަހުގައި މަސައްކަތްކުރަމުންނެވެ. އެގޮތުން އަމިއްލަ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން ދާދި ފަހުން ވެސް ވަރަށް ކާމިޔާބު ދެ އުފެއްދުމެއް ޑިޖިޓަލް ޕްލެޓްފޯމްތަކުން ގެނެސްދީފައިވެ އެވެ. އެއީ ނެޓްފްލިކްސް އިން ސްޓްރީމްކުރި ފިލްމު "ބުލްބުލް" އާއި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ވެބް ސީރީޒް "ޕާޓަލް ލޯކް" އެވެ.

ޖުމްލަ ނުވަ އެޕިސޯޑާ އެކު ގެނެސްދިން "ޕާޓަލް ލޯކް" ގެ ބޮޑު ކާމިޔާބީ އަށް ފަހު އޭގެ ދެވަނަ ސީޒަނެއް ވެސް ހަދަން އަނުޝްކާ ވަނީ ނިންމައިފަ އެވެ.