ސަންޖޭ ދަތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެނީ

ސަންޖޭ ކޮވިޑް-19 އަށް ނެގެޓިވް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތަށް ނޭވާލާން ވަރަށް ބޮޑަށް އުނދަގޫވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.


އޭނާގެ ކޮއްކޮ ޕްރިޔާ ދަތު މީޑިއާތަކަށް ބުނީ 61 އަހަރުގެ އެކްޓަރު މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ހޮނިހިރު ދުވަހުގެ އިރާކޮޅު ކަމަށެވެ. އެޑްމިޓްކޮށް ސަންޖޭ ކޮވިޑް-19 އަށް ޓެސްޓް ވެސް ކުރި އެވެ. އެކަމަކު ނަތީޖާ ނެގެޓިވް އެވެ.

ސަންޖޭ ކުރި ޓްވީޓެއްގައި ބުނީ ހާލު ރަނގަޅު ކަމަށާއި މި ވަގުތު އޮތީ އޮބްޒަވޭޝަނުގައި ކަމަށެވެ. ނަމަވެސް ދެ ދުވަހެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބުންޏެވެ.

ސަންޖޭ އެޑްމިޓްކުރި ޚަބަރާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންނާއި ފޭނުން އޭނާ އަށް އަވަސް ޝިފާއަކަށް އެދި ޓްވީޓްކޮށްފައިވެ އެވެ.

ސަންޖޭ އެޑްމިޓްކުރި އިރު އޭނާގެ އަންހެނުން މަންޔަތާ ދަތާއި ދެ ކުދިން ތިބީ ދުބާއީގަ އެވެ. ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި މާޗް މަހުގެ ފަހުކޮޅު ލޮކްޑައުން އިއުލާންކުރި އިރު އެ ގައުމުގައި އާއިލާގެ ބަޔަކާ އެކު ތިބި ގޮތަށް އެ މީހުން ތިބީ ދުބާއީގަ އެވެ. ސަންޖޭ މުމްބާގައި ދިރިއުޅެނީ އެކަންޏެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި "ޕާނިޕަތު" އިން ފެނިގެންދިޔަ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ މަހޭޝް ބަޓްގެ "ސަޅަކް 2" އެވެ. އެ ފިލްމުން ސަންޖޭއާ އެކު ޕޫޖާ ބަޓާއި އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރް ވެސް ފެނިގެންދާނެ އެވެ.