ސުނިލް ޝެޓީގެ ހިތް އަތުލަން ސޮނާލީ ކުރި މަސައްކަތް ކިޔައިދީފި

އަންގާރަ ދުވަހަކީ އެކްޓަރު ސުނިލް ޝެޓީގެ 59 ވަނަ އުފަން ދުވަހެވެ. ދަރިން ވެސް މިހާރު ބޮޑެތިވެ ފިލްމީ ދާއިރާ އަށް ނުކުމެފައިވާ އިރު ސުނިލް މިހާރު ފިލްމުތަކުން ފެންނަލެއް ވަރަށް މަދެވެ. އޭނާގެ ކެރިއަރުގެ ރަންޒަމާނުގައި ކުޅުނު ގިނަ އެކްޝަން ފިލްމުތަކާ އެކު އެކްޝަން ހީރޯއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި އެވެ. އެކަމަކު ސުނިލް އަކީ ލޯބީގެ ރޯލްތަކާއި ކޮމެޑީ ރޯލްތައް ވެސް ކުޅެފައިވާ ބެލުންތެރިން ވަރަށް ލޯބިވި އެކްޓަރެކެވެ.


އެގޮތުން އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2000 ގައި ރިލީޒްކުރި "ދަޅްކަން" އެވެ. ގިނަ ބަޔަކު ސުނިލް މަތިން އެންމެ ހަނދާން ހުންނަނީ ވެސް އެ ފިލްމުގައި އޭނާ ކުޅުނު ލޯބީގައި ދީވާނާވެފައިވާ ދޭވްގެ ކެރެކްޓާއާ އެކީގަ އެވެ.

ސުނިލްގެ އުފަން ދުވަހާ ގުޅުވައިގެން މީޑިއާތަކުން މި ފަހަރު ގެނެސްދިން އެންމެ ޝައުގުވެރި އެއް ވާހަކަ އަކީ ބަތަލާ ސޮނާލީ ބެންޑްރޭއާ ގުޅުވައިގެން ދެއްކި ބައެއް ވާހަތަކެވެ. އެގޮތުން ސުނިލް އަކީ ވަރަށް ބޮޑު ކްރަޝްއެއް ކަމަށާއި އެކީގައި މަސައްކަތްކުރި އިރު އޭނާގެ ހިތް އަތުލެވޭތޯ ސޮނާލީ މަސައްކަތް ވެސް ކުރި ވާހަކަ ހިމެނެ އެވެ. އަދި ރައްޓެހިންގެ ގާތުގައި ވެސް ސުނިލްގެ ރީތިކަމުގެ ވާހަކަ އާއި ބައިވެރިއަކަށް ބޭނުން ވަނީ އެކަހަލަ މީހެއް ކަމަށް ބުނެ ސޮނާލީ ދެއްކި ވާހަކަތައް ހިމެނެ އެވެ.

ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި ޓައްކަރް (1995) އާއި ގައްދާރު (1995) އާއި ސަބޫތު (1996) އާއި ރަކްޝަކް (1996) އާއި ބާއީ (1997) އާއި ގަހަރް (1997) އަދި ހަމް ސަ ބަޅްކަރް ކޯން (1998) ހިމެނެ އެވެ.

ސޮނާލީ އާއި ސުނިލްގެ ޖޯޑަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ވެސް ވި ޖޯޑެކެވެ. އެއް ފަހަރަކު ސުނިލްގެ ގާތް އެކުވެރިޔާ ގޯވިންދާ ބުނެފައިވާ ގޮތުގައި ސުނިލް ކައިވެނި ނުކޮށް ހުރި ނަމަ އޭނާގެ ބައިވެރިއަކަށް ސޮނާލީ އިހުތިޔާރުކުރީހެވެ.

ސުނިލް 1992 ގެ ފިލްމު "ބަލްވާން" އިން ބޮލީވުޑަށް ނުކުތް އިރު ވެސް އުޅެނީ ކައިވެނިކޮށްގެންނެވެ. އޭނާ އާއި މާނާ ޝެޓީ ކައިވެނިކުރީ 1991 ގަ އެވެ. އެ ކައިވެންޏަށް ލިބުނު ދެ ދަރިންނަކީ ބަތަލާ އާތިޔާ ޝެޓީ، 27، އާއި އަހާން ޝެޓީ، 24، އެވެ. އަހާން ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފުވާނެ އެވެ.

މިދިޔަ އަހަރު ކެންސަރަށް ފަރުވާ ހޯދި ސޮނާލީ، 45، އާއި ޑައިރެކްޓަރު ގޯލްޑީ ބޭލް ކައިވެނިކުރީ 2002 ގަ އެވެ. އެ ކައިވެންޏަށް ލިބުނު ދަރިފުޅަކީ ރަންވީރު ބޭލް، 15، އެވެ.