ލޯބި ހޯދަން ލޯތްބާ ދުރަށް

އާދިއްތަ ދުވަހާ ގުޅޭ


"ތިހާ ގިނަ ލާރި ހަރަދުކޮށްފަ ކައިވެނި ތި ކުރަނީ ފަހުން އަހަރެން ވަރިނުކުރަންތަ؟" ރިފާ އެހިއެވެ.

މިހާދު އިރުކޮޅެއް ވަންދެން ރިފާއަށް ބަލަހައްޓައިގެން ހުއްޓެވެ. ބޭނުން ނަމަ، އެންމެ ލަފުޒަކުން ވެސް މިހާދަށް ޖަވާބު ދެވުނީހެވެ.

"ކައިވެންޏަކީ އެކީގަ ދިރިއުޅެން ހަދާ އެގްރީމަންޓެއް،" މިހާދު ބުންޏެވެ. "ވަރިކުރާކަށް ކައިވެންޏެއް ނުކުރާނެ. ކޮށްގެން ވެސް ނުވާނެ. އެކަމަކު، ރިފާ ވަރިވާން ބޭނުން ވެއްޖެއްޔާ ވަރިކޮށްދޭނަން. އަހަރެން މި ބުނި އެއްޗެއް ހަނދާން ބަހައްޓައްޗޭ! ރިޕީޓުކޮށް ބުނެލާނަން. ރިފާ ވަރިވާން ބޭނުން ވެއްޖެއްޔާ، ވަރިކޮށްދޭނަން."

ރިފާއަށް އޮތީ ދެ ގޮތެވެ. މިހާދަށް ކުރި އިތުބާރު ގެއްލިއްޖެ ކަމަށް ބުނެފައި މިހާދާ ކައިވެނި ނުކުރުމެވެ. ރައްކާތެރި ގޮތަކީ ވެސް އެއީއެވެ. އެކަމަކު އެއިން ލިބޭނެ އުފަލެއް ނެތެވެ. ފަށްކަނޑައިގެން ނޫނީ ޒާހިރާ ކައިވެންޏެއް ނުކުރެވޭނެއެވެ. ރިފާ ވިސްނައިލިއެވެ. އިންޑިޔާއަށް އާދެވިއްޖެއެވެ. ވަރިކުރާނެ ކަމުގެ ސަތޭކަ ޕަސަންޓު ޔަގީންކަމާ އެކުގައި އެކަކާ ވެސް ކައިވެންޏެއް ނުކުރެވޭނެއެވެ. ޖެހޭނީ ހިރާސްނަގާށެވެ. ހިރާސްނަގަން ނުކެރުމަކީ ނެގޭ އެންމެ ބޮޑު ހިރާހެވެ.

ޒާހިރު މެންދުރު ނަމާދުކޮށްގެން މިސްކިތުން ނުކުތްތަނާ ރައްޓެއްސަކާ ދިމާވިއެވެ. އޭނަގެ އެދުމަކަށް ޒާހިރު ދިޔައީ "ދިވެހި ރަހަ" ހޮޓަލަށެވެ. އެ ތަނުގައި މެންދުރަށް ދިވެހި ކެއުން ތައްޔާރުކޮށްފައި ހުރެއެވެ. ރަނގަޅު ފެންވަރަކަށް ހަދައި، އޭސީ ކޮށްފައި ހުންނަ ދިވެހި ރަހަ ހޮޓަލަށް ދެ ޖިންސުގެ މީހުން ވަދެއެވެ. އެ ތަނުގައި ވީއައިޕީ ބައެއް ވެސް ހުރެއެވެ. ޒާހިރު ނިކަން ހަމަޖެހިލައިގެން ކާން އިންދައި، ޒުލްފާ އެ ތަނަށް ވަން ތަން ފެނުނެވެ. ފިރިހެނަކާ އެއްކޮށެވެ. އެ މީހުން ދިޔަ ގޮތަށް ވަނީ ވީއައިޕީ ބަޔަށެވެ. ޒާހިރު އިނީ ހުއްޓުންއަރައިފައެވެ. ޒުލްފާއާ އެކުގައި އައި ފިރިހެނަކީ ޒުލްފާގެ ފިރިމީހާއަށް ނުވީމައެއް ނޫނެވެ. އެކަމަކު އެއީ ވަރި ސާބިތު ނުވާތީ ގާޒީ ކުރިމަތީގައި އަލުން ރިފާ ވަރިކުރަން ބުނި ގާޒީއަށް ވީތީއެވެ. ހުރިހާ ވެސް މައްސަލައެއް އުފެދުނީ އެ ވަރީގެ ސަބަބުންނެވެ. އެ ހިސާބުން ޒާހިރަށް ބޮޑު މަންޒަރު ހިތަށް ގެނެވުނެވެ. ޒުލްފާގެ ފައިތައް ކިހާ ދިގުކަމާއި، ކިހާ ވަރުގަދަކަން ވެސް އެނގުނެވެ. ޒާހިރު ލައްވާ ތިން ވަނަ ފަހަރަށް ރިފާ ވަރިކުރުވުމަކީ، ދުރާލައި ރޭވިގެން ހިލައިފައިވާ މެޓާގަނޑެކެވެ.

"ރިފާ ނުޖެހޭ ތަންތަނަށް ގޮސް މޫނު ރީތިކޮށް، ބުމަ ހަދާ، ހަންގަނޑު އޮމާންކޮށް ހަދާކަށް،" ޒާހިރު ބުނެއެވެ. ވިސްނައިދޭ ރާގުގައެވެ. "އިންޑިޔާއަށް ދިޔައީ އެ ކަން ކުރާކަށް ނޫނެއްނު! އަހަރުމެން އުޅެން ޖެހޭނީ އަހަރުމެންގެ ފެންވަރު ދަނެގެން. ދާނެ ތަނަކާ، ހުންނާނެ ތަނަކާ، ކާއެއްޗަކާ ރިފާ ނުބެހޭނެ. އެ ކަން މިހާދަށް ދޫކޮށްލެވިދާނެ. އެކަމަކު މިހާދަކީ ފާޑެއްގެ މީހެއް. މަ ކުރިން ވެސް އެ ވާހަކަ ބުނީމެއްނު. އެދުމެއް ނެތި އެކަކު ވެސް ވެދުމެއް ނުކުރާނެ. އޭނަ ފަހުން ކަލަގޮވަން ފަށައިފިއްޔާ ދެން ކިހިނެއް ހަދާނީ؟ ރިފާ ވެސް ޖެހޭނެ ވިސްނާލަން ދޯ!"

މިހާދު އިނީ ރިފާއާއި ޒާހިރު ފޯނުން ދެއްކި ވާހަކަ އަޑުއަހާށެވެ. ކަންފަތަށް އިއަރފޯނު ޖަހައިގެންނެވެ. ރިފާ އިނީ ޓީވީ ބަލާށެވެ. އެ މީހުން ތިބީ ކޮޓަރީގައެވެ.

"އެ ކަހަލަ ތާކަށް މަ ގެންދާކަށް މަށެއް ނުބުނަމޭ!" ރިފާ ކަންބޮޑުވެފައި ބުނެއެވެ. "އަހަރެން ދުވަހަކު ވެސް ޒާހިރު ގާތުގަ ބުނިތަ އެ ކަހަލަ ތާކަށް ގެންދާށޭ. މަ ހިތަށްއެރީ އޭނަ ބުނާ ކަމެއް ވެސް ކޮށްލީމަ ބޮލަށް ފަސޭހަ ވާނޭ. ނޫންތަ؟ އެހެން ނޫނީ އެތައް ވާހަކައެއް ދައްކަން ޖެހޭނެ. މަ ބޭނުމެއް ނޫން އޭނަޔާ ވާހަކަދައްކާކަށް. އަވަހަށް މި ކަން ނިންމާފަ މާލެދާން ބޭނުމީ."

ޒާހިރު ބޭނުންވީ ބިއުޓީޕާލަރއަށް ރިފާ ނުދާށެވެ. އެ ހުއްދައެއް ނުދިނެވެ. އެންމެ ފަހުން ރިފާއަށް ދޫކޮށްލީއެވެ. މިހާދަށް ވިސްނުނު ގޮތުގައި މިހާދާ މެދު ޒާހިރުގެ ހިތް ސާފެއް ނޫނެވެ. ސަބަބު ވަރަށް ސާފެވެ. ރިފާއަކީ ރީތި އަންހެނެކެވެ. ރިފާގެ "ފިރިމީހާ" އެ ފަދަ ޝައްކެއް ކުރަން ޖެހޭނެއެވެ. ނުވިސްނެނީ ރިފާއަށެވެ. ހަގީގަތުގައި ވެސް މިހާދުގެ ހިތުގައި އޮތީ މުޅިން އެހެން އެއްޗެކެވެ. އެންމެ ފުރަތަމަ ރިފާ ފެނުނު ވަގުތު ވެސް މިހާދުގެ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. އެ އަޒުމަކަށް ބަދަލެއް ނާދެއެވެ.

ކައިވެނީގެ ވަގުތު ކައިރިވަމުން އައި އިރު ރިފާގެ ހިތް ވަރަށް ބާރަށް ތެޅެއެވެ. މާލޭގައި ޒާހިރު ވެސް ހުރީ ހަމަ އެ ފަދަ ހާލަތެއްގައެވެ. ރިފާގެ މޫނު ރީތިކުރުމަކީ ޒާހިރުގެ ޝައްކު ޔަގީނަށް ބަދަލުވި ކަމެކެވެ. ރިފާއަށް މިހާދު ހިތްކިޔައިފިއެވެ. ރިފާއާ ދޭތެރޭގައި ވެސް ޒާހިރަށް ޝައްކު ކުރެވުނެވެ. މިހާދާއި ރިފާއާ ދެމެދު ގާތްކަމެއް އުފެދުނީ ހެއްޔެވެ؟ ހާދިސާއެއް ހިނގީ ހެއްޔެވެ؟ ރިފާ ކަމެއް ސިއްރުކުރަނީ ހެއްޔެވެ؟ ފައިސާގެ ދަޅަ ނުފެންނަ ރިފާ ފައިސާއަށް ހެއްލުނީ ހެއްޔެވެ؟ ޒާހިރު އަތުން ރިފާ ބީވަނީ ހެއްޔެވެ؟

ކައިވެނިކުރަން ހަމަޖެހިފައި އޮތީ ހޮޓަލުގައި އެ ފަދަ ކަންތައްތައް ބާއްވާ ތަނެއްގައެވެ. އެއީ ވަރަށް ރީތިކޮށް ހަދައިފައިވާ ބޮޑު ތަނެކެވެ. ހޮޓަލުގައި ކުދިކުދި ތަންތަން ވެސް ހުއްޓެވެ. މިހާދު އިހުތިޔާރުކުރީ ބޮޑު ތަނެކެވެ. އޮލިންޕަހުގެ ހޯލަށް ވުރެ ވެސް އެ ތަން ކުޑަ ތަންކޮޅެއް ބޮޑެވެ. މުޅި ތަނުގައި އޮތީ ގުދުރަތީ މަލެވެ. ހީވަނީ ބޮޑު ބަގީޗާއެއް ހެންނެވެ. ތަނުގެ ރީތިކަމާއި ހިތްގައިމުކަމުން އެ ތަން ޒާހިރަށް ދައްކަން ފޮޓޯއެއްނަގުވާކަށް ރިފާ އަކަށް ނުކެރުނެވެ. ޒާހިރަށް ތަން ސިފަކޮށްދޭކަށް ވެސް ނުކެރުނެވެ. އެއްވެސް މީހަކަށް ދައުވަތު ނުދޭން ރިފާ އެދިފައި ވީތީ މިހާދު އެކަކަށް ވެސް ދައުވަތެއް ނުދެއެވެ. ފޮޓޯ ނުނަގަން އެދިފައި ވާތީ މިހާދު ވެސް، ރިފާއަށް އެނގިގެނެއް އެއްވެސް ފޮޓޯއެއް ނުނަގައެވެ. ކައިވެނީގެ ރަސްމިއްޔާތަށް ޓަކައި ރިފާއަށް މިހާދު ގަނެދީފައިވަނީ ފަށުވިފޮތީގެ ހެދުމެކެވެ. ހެދުމުގެ އަގެއް ރިފާ އަކަށް ނޭނގެއެވެ. އެނގޭ ކަމަކީ އަގު ހެވެއް ނުވާނެ ކަމެވެ. މިހާދު ހުރީ އެހެންޏާ ވެސް މިހާދު ހުންނަ ގޮތަށެވެ. ގަމީސް ދަށަށް ޖަހައި ބޫޓަށް އަރައިފައެވެ. ކައިވެނި ކޮށްދޭ މީހުންގެ އިންތިޒާރުގައި "ބަގީޗާ" ގައި މަޑުކޮށްލައިގެން ތިބި އިރު ރިފާ ހުރީ ވަށައިގެން ބަލައިލަބަލައިލައެވެ. ރިފާ އެ ތަނުން ނުކުންނަ ހިތެއް ނުވެއެވެ. އެހެން ނުބުންޏެއް ކަމަކު ރިފާގެ މޫނުމަތިން އެ ކަން އެނގެއެވެ.

"ކަމުދޭ؟" މިހާދު ސުވާލުކުރިއެވެ.

ރިފާ ބޯޖަހައިލިއެވެ. ތަނުގެ ރީތިކަން ބަލައިގަންނަން ރިފާއަށް މަޖުބޫރުވި ކަހަލައެވެ. އެކަމަކު ރިފާގެ ހިތަށް ފެތުރިފައިވަނީ ބިރުވެރިކަމެކެވެ. ތަނަވަސްކަމާއި، ޒީނަތްތެރިކަމަށް ރިފާގެ ހިތް ހެއްލިދާނެ ކަމުގެ ބިރެވެ. ކުރީގެ ހާލަތަށް އެނބުރި ދާން ހިތް އިންކާރު ކޮށްފާނެ ކަމުގެ ބިރެވެ. ލޮލަށް ފެނި ހިތުގައި ބިންވަޅުނެގެމުންދާ ހިތްފަސޭހަކަމަށް ރިފާގެ ދެ ލޯ އާދަވެދާނެ ކަމުގެ ބިރެވެ. ހަމަ އެހެންމެ، ފަހުން އެ ހަނދާންތައް ރިފާއަށް އުނދަގޫ ކޮށްފާނެ ކަމުގެ ބިރެވެ.

"އަހަރެން ބޭނުން ވާހަކައެއް އަހާލަން. ރިފާގެ ރަނަކީ ދެ ލައްކަ ރުފިޔާގެ ރަން،" މިހާދު ބުންޏެވެ. "އަދިވެސް ހަމަ އެހެންތަ އޮތީ؟ ފައިސާ ބޭނުމިއްޔާ އެކައުންޓަށް ޖަމާކޮށްދޭނަން. ޗެކެއް ވެސް ދީފާނަން. އެ އަދަދަށް ވާ ޑޮލަރު ވެސް ދެވިދާނެ. އެކަމަކު ޑޮލަރު ހިފައިގެން.."

"އަހަރެން ބޭނުމީ ރަން." މިހާދުގެ ވާހަކަ މެދުކަނޑައިލައިފައި ރިފާ ބުންޏެވެ.

މިހާދު ހިނިތުންވެލިއެވެ. ފުން ނޭވައެއް ބޭރުކޮށްލިއެވެ. ހިތަށްއެރިއެވެ. ރިފާ ޝައްކު ކުރަނީ ހެއްޔެވެ؟ މިހާދު އޮޅުވައިލައިފާނެހެން ހީވަނީ ހެއްޔެވެ؟ އެހެން ކަމުގައި ވާ ނަމަ، މިހާދު ދޭ ރަން އެއީ އަސްލުކަން ރިފާ ޔަގީންކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟

"އަހަރެން ގަނެދޭނީ ހާރެއް،" މިހާދު ބުންޏެވެ. "ސީދާ ދެ ލައްކަ ރުފިޔާއަށް ދޭ ހާރެއް ނުލިބޭނެ. އެކަމަކު ޔަގީނުން ވެސް ދެ ލައްކަ ރުފިޔާއަށް ވުރެ އަގު ބޮޑު ހާރެއް ދޭނީ. ބާކީ ބައި އެއީ އަހަރެންގެ ހަދިޔާއެއް ކަމަށް ބަލާ. އޯކޭތަ؟"

ރިފާ އެއްބަސްވިއެވެ. މިހާދު ވަގުތުން ފޯނު ނަގައިފައި މީހަކަށް ގުޅައިލިއެވެ. އިސާހިތަކު މީހަކު އައިސް، ރަންދުކޮށްފައިވާ ކުޑަ ފޮއްޓެއް މިހާދަށް ދިނެވެ. އޭގެ އިރުކޮޅެއް ފަހުން ކައިވެނިކޮށްދޭ އިންޑިޔާ ބަޔަކު އައެވެ. އެއީ ކައިވެންޏަށް އިންކާރު ކުރާ ނަމަ ރިފާއަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ. ރިފާ އޭރު ވެސް ވަކި ގޮތެއް ނުނިންމައެވެ. ރަސްމިއްޔާތު ފެށުނެވެ. ރަސްމިއްޔާތުގެ ތެރެއިން ވެސް ރިފާއަށް އިތުރު ފުރުސަތެއް ލިބުނެވެ. ކައިވެންޏަށް ގަބޫލުތޯ ރިފާ ގާތުގައި އެހިއެވެ. ފުރަތަމަ ފަހަރު ރިފާ އަކަށް ޖަވާބެއް ނުދެވުނެވެ. ރިފާ އިނީ ދެ ހިޔާލެއްގައެވެ. ދެވަނަ ފަހަރު އެހިއެވެ. އެ ފަހަރު ރިފާއަށް ޖަވާބެއް ނުދެވުމުން މިހާދުގެ ހިތުގައި ޝައްކު އުފެދުނެވެ. މާލެދާން ޖެހޭނީ ހުސްއަތާހެން ހީވާން ފެށިއެވެ. މިހާދަށް މައްސަލައަކީ ކުރި ހަރަދެއް ނޫނެވެ. ލިބުނު ނާކާމިޔާބެވެ. ރިފާ އެހެން ހަދާފާނެހެން މިހާދަށް ހީވިއެވެ. ކައިވެނި ކޮށްދޭ މީހާ ތިންވަނަ ފަހަރު ރިފާއާ ސުވާލުކުރިއެވެ.

"ކައިވެންޏަށް ރުހި ގަބޫލުތަ؟" އޭނަ ވާހަކަދެއްކީ އިނގެރޭސި ބަހުންނެވެ.

އެއީ ރިފާއަށް ލިބުނު ފަހު ފުރުސަތެވެ.

"އާނ!" ރިފާ އެއްބަސްވިއެވެ.

މިހާދުގެ މެޔަށް ފިނިވެގެންދިޔައެވެ. ނުތަނަވަސްކަން ވެރިވެފައިވާ މޫނަށް އުފާވެރިކަން ވެރިވިއެވެ. ކައިވެނީގެ ރަން ހަވާލުކޮށް، ކައިވެނީގެ ގޮށް ބާރުކޮށްލެވުނެވެ. ޒާހިރާ ގާތަށް އެއް ފިޔަވަޅު ކުރިޔަށް އެޅުނު ނަމަވެސް ރިފާގެ ހިތުގެ ވިންދު ހަމައަކަށް ނޭޅެއެވެ. ދެން ވާނެ ގޮތް ރިފާއަށް ނޭނގޭތީއެވެ. ކުރިން ރިފާއަކީ މިިހާދަށް ދުރުހިލޭ އަންހެނެކެވެ. އެކަމަކު އެ ދުވަސް މާޒީވީއެވެ. ދީނީ ގޮތުން އެތައް ހުއްދައަކާއި ބާރެއް މިހާދަށް ލިބުނީއެވެ. ބޭއިހުތިޔާރުގައި މިހާދުގެ މޫނަށް ރިފާއަށް ބަލައިލެވުނެވެ. މިހާދު މޫނަށް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ.

ނުނިމޭ