ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ 2" ގައި ކެޓްރީނާ ކެއިފް ނުވަތަ ސާރާ އަލީ ޚާން

ޓައިގާ ޝްރޮފް މީގެ ހަ އަހަރު ކުރިން ބޮލީވުޑަށް ތައާރަފުވި ފިލްމު "ހީރޯޕަންތީ" ގެ ދެވަނަ ބައިގެ ބަތަލާގެ ރޯލުން ފެންނާނީ ކެޓްރީނާ ކެއިފް ނުވަތަ ސާރާ އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އެހުމަދު ޚާން ޑައިރެކްޓްކުރާ "ހީރޯޕަންތީ 2" އިއުލާންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖުލައި 16 ގަ އެވެ. އެހުމަދަކީ މާޗް މަހު ގެނެސްދިން ޓައިގާގެ އެންމެ ފަހުގެ ފިލްމު "ބާގީ 3" ގެ ވެސް ޑައިރެކްޓަރެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ހީރޯޕަންތީ 2" ގެ ބަތަލާއަކު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ ރޭހުގެ ކުރީގައި އުޅެނީ ކެޓްރީނާ އާއި ސާރާ ކަމަށެވެ. އެ ދެ ތަރިން އަދި މިހާތަނަށް ޓައިގާއާ އެކު މަސައްކަތެއް ނުކުރެ އެވެ.

ބައެއް ނޫސްތަކުން ބުނި ގޮތުގައި ޓައިގާގެ ބަތަލާއަކަށްވުމުގެ ފުރުސަތު ބޮޑީ ސާރާއަށެވެ. ސަބަބަކީ އޭނާ އަދި އެކްޝަން ފިލްމެއްގައި މަސައްކަތްކޮށްފައި ނުވާތީ އެ ޖޯންރާގެ ފިލްމަކަށް ޒުވާން ބަތަލާ ގެންނަން ޑައިރެކްޓަރާއި ޕްރޮޑިއުސަރު ވެސް ބޭނުންވުމެވެ. ކެޓްރީނާ އަކީ "ޓައިގާ" ފްރެންޒައިޒާއި "ބޭންގް ބޭންގް" އަދި "ބާރަތު" ފަދަ އެކްޝަން ފިލްމުތައް ކުޅެފައިވާ ބަތަލާއެކެވެ.

"ބާގީ 3" ހަދަން އުޅުނު އިރު، އެ ފިލްމުގެ ބަތަލާ އަކީ ވެސް ސާރާ ކަމަށް އަޑުތަކެއް އެރި އެވެ. އެކަމަކު އެ ފިލްމުގައި ޓައިގާއާ އެކު ބަތަލާގެ ރޯލް ކުޅުނީ "ބާގީ" ގެ ބަތަލާ ޝްރަދާ ކަޕޫރެވެ.

ޓައިގާ އަކީ ސާރާގެ މަންމަ އަމްރިތާ ސިންގްއާ އެކު ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އެގޮތުން 2016 ގެ ސުޕަހީރޯ ފިލްމު "ފްލައިން ޖަޓް" ގައި އަމްރިތާ ކުޅުނީ ޓައިގާގެ މަންމަގެ ރޯލެވެ.

ޓައިގާ އާއި ސާރާ އެކީގައި ސްކްރީނުން ފެނުން ހާއްސަވާނެ އެއް ސަބަބަކީ ދެ ތަރިންގެ މައިންބަފައިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވުމެވެ. އެގޮތުން އަމްރިތާ އާއި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 1986 ގެ "މޭރާ ދަރަމް" އާއި 1993 ގެ "އާއިނާ" ފާހަގަކޮށްލެވެ އެވެ.