އަނުޝްކާ ޝަރުމާ އިނީ ބަލިވެ

ދަރިއަކު ހޯދާނެ އިރަކާ ބެހޭ ގޮތުން ފޭނުން ސުވާލުކުރާތާ ދުވަސްތަކެއް ވެފައި ވަނިކޮށް، ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ބަލިވެއިންކަމާއި އަންނަ އަހަރުގެ ޖެނުއަރީގައި ވިހާނެކަން އިއުލާންކޮށްފި އެވެ.


އަނުޝްނާ އާއި ފިރިމީހާ އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީ އަށް ދަރިއަކު ލިބެން އުޅޭކަން ސޯޝަލް މީޑިއާގައި ހާމަކުރުމާ އެކު ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. ދެމަފިރިން އެކީގައި ނަގާފައިވާ ފޮޓޯއެއް އެއް ކެޕްޝަނަކާ އެކު ހިއްސާކުރަމުން ބުނެފައި ވަނީ އާއިލާ އަށް މެމްބަރަކު އިތުރުވަނީ ކަމަށާއި ވިހާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

އަނުޝްކާ، 32، އާއި ވިރާޓް، 31، ކައިވެނިކުރީ 2017 ގަ އެވެ. އިޓަލީގައި އެ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެ ކައިވެނީގެ ހަފުލާ އަކީ އިންޑިއާގެ ސެލެބްރިޓީންތަކެއްގެ ޑެސްޓިނޭޝަން ވެޑިންގެ ތެރެއިން އެންމެ މަޝްހޫރުވި އެއް ހަފުލާ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަނުޝްކާ ބަލިވެއިންކަން އިއުލާންކޮށްފައި މި ވަނީ 2018 ގައި ރިލީޒްކުރި "ޒީރޯ" ގެ ފަހުން އޭނާ އެއްވެސް ފިލްމަކަށް ސޮއިނުކޮށް ހުއްޓަ އެވެ. އަދި އެކަން މީޑިއާތަކުން ސިފަކުރަމުން ދިޔައީ ދަރިއަކު ހޯދަން ޕްލޭންކުރާތީ އެކްޓިންއާ ދުރުގައި ހުރުން ކަމަށެވެ.

އަނުޝްކާ ފިލްމަކުން ނުފެނުނު ނަމަވެސް ދާދި ފަހުން ވެސް އޭނާ ޕްރޮޑިއުސްކުރި ވަރަށް ކާމިޔާބު ދެ އުފެއްދުމެއް ގެނެސްދީފައިވެ އެވެ. އެއީ ނެޓްފްލިކްސް އިން ސްޓްރީމްކުރި ފިލްމު "ބުލްބުލް" އާއި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ވެބް ސީރީޒް "ޕާޓަލް ލޯކް" އެވެ. އެ ދޭއްޗަކީ ވެސް އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސްގެ އުފެއްދުންތަކެވެ.