ޑެވޮލީނާއާ އެކު "ސާތު ނިބާނާ ސާތިޔާ 2" ގެ ޕްރޮމޯ ދައްކާލައިފި

މި ފަހަރު ވެސް ގޯޕީ ބަހޫގެ ރޯލުން ފެންނާނީ ޑެވޮލީނާ

ސްޓާ ޕްލަސް އިން ގެނެސްދިން ކާމިޔާބު ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން އުޅޭ ވާހަކަ މީޑިއާތަކުން ތިލަކޮށްފައި ވަނިކޮށް، އޭގެ ޕްރޮމޯއަކާ އެކު ސްޓާ ޕްލަސް އިން ދެވަނަ ސީޒަން ގެނެސްދޭކަން ކަށަވަރުކޮށް ދީފި އެވެ.


ޕްރޮމޯ އިން ފެންނަނީ ފުރަތަމަ ސީޒަނުގައި ވެސް ބަތަލާގެ ރޯލް ކުޅުނު ޑެވޮލީނާ ބަޓަޗަރަޖީ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ފެބްރުއަރީގައި ކަލާޒް ޗެނެލުން ގެނެސްދިން ރިއަލިޓީ ޝޯ "ބިގް ބޮސް 13" އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސާތު ނިބާނާ ސާތިޔާ" ގައި ކޮކީލާބެން މޯދީ ކިޔާ ވަރަށް ނުފޫޒު ގަދަ މައިދައިތައެއްގެ ރޯލް ކުޅުނު ރޫޕަލް ޕަޓޭލް ވެސް އޭނާގެ ކެރެކްޓާ އިން ދެވަނަ ސީޒަނުން ވެސް ފެންނާނެ އެވެ. އެކަމަކު ރޫޕަލް ވަނީ އާ ސީޒަނުން އަދި ފުރުސަތެއް ނުލިބޭ ކަމަށް ބުނެފަ އެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ދެވަނަ ސީޒަނުގެ ބަތަލުގެ ރޯލު ވަނީ ޑެވޮލީނާއާ އެކު "ބިގް ބޮސް 13" ގައި ވާދަކޮށް، އެ ޝޯ ކާމިޔާބުކުރި ސިދާތު ޝުކްލާ އަށް ހުށަހަޅައިފަ އެވެ. "ސާތު ނިބާނާ ސާތިޔާ" ގައި ބަތަލުގެ ރޯލް ކުޅުނީ މުހައްމަދު ނާޒިމެވެ.

ސްޓާ ޕްލަސް އިން ސިލްސިލާގެ ދެވަނަ ސީޒަންގެ ޕްރޮމޯ ދައްކައިލި ނަމަވެސް ގެނެސްދޭން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުން "ސާތު ނިބާނާ ސާތިޔާ 2" އަންނާނީ އަންނަ މަހުގެ ތެރޭގަ އެވެ.

"ސާތު ނިބާނާ ސާތިޔާ" އަކީ ސްޓާ ޕްލަސްއިން މެއި 3، 2010 އިން ޖުލައި 27، 2017 ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 2،184 އެޕިސޯޑް ދެއްކި އެވެ.