ޔާޝްރާޖުން ވެސް ސްޓްރީމިން ޕްލެޓްފޯމެއް ލޯންޗްކުރަނީ

ސްޓްރީމިން ޕްލެޓްފޯމްތަކުގެ ނުފޫޒު ގަދަވަމުން އަންނަ އިރު، އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާއެރް) އިން ވެސް އެފަދަ ޕްލެޓްފޯމެއް ލޯންޗްކުރަން ނިންމައިފި އެވެ.


މީޑިއާތަކުން ބުނީ ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ މިހާރު ހިންގުމުގެ ޒިންމާ ނަގަމުން އަންނަ ވައިއާރްއެފުން ލޯންޗްކުރާ ޕްލެޓްފޯމް ވާނީ ކުރިއަށް އޮތް ތަނުގައި އެ ސްޓޫޑިއޯގެ ފިލްމުތަކާއި އެތަނުން ޑިސްޓްރިބިއުޓްކުރާ ފިލްމުތައް އޮންލައިންކޮށް ބަލައިލެވޭނެ އެއްޗަކަށެވެ. ވައިއާރްއެފަކީ ބައި ގަރުނުވީ ދިގު ތާރީހެއް އޮތް ކުންފުންޏަކަށްވާ އިރު، އެތަނުން މިހާތަނަށް ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވެ އެވެ.

ވައިއާރްއެފްގެ ފިލްމުތައް މިހާރު ސްޓްރީމްކޮށްގެން ބަލައިލެވެނީ އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށެވެ. އެ ދެ ތަނުން މިކަމަށް އެއްބަސްވުމެއް ހަދާފައި އޮންނަތާ މިހާރު ދެތިން އަހަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ވައިއާރްއެފްގެ ސްޓްރީމިން ޕްލެޓްފޯމް ނުވަތަ އޯވަ-ދަ-ޓޮޕް (އޯޓީޓީ) ލޯންޗްކުރާނީ މި މަހުގެ 27 ގައި ކަމަށެވެ. އެ ދުވަހަކީ އެތަނުގެ ބާނީ އަދި 2012 ގައި މަރުވެފައިވާ ޔާޝް ޗޯޕްޅާގެ 88 ވަނަ އުފަން ދުވަހެވެ.

ޔާޝް އާއި އަދިތިޔާ.

ވައިއާރްއެފަށް މި އަހަރު 50 އަހަރު ފުރިފައިވާތީ އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން 27 ވަނަ ދުވަހު ގިނަ ކަންތައްތަކެއް އިއުލާންކުރަން އަންނަނީ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ބޮޑެތި ފިލްމުތަކެއް އިއުލާންކުރުމާ އެކު ސްޓޫޑިއޯގެ އާ ލޯގޯ ވެސް ދައްކައިލާނެ ކަމަށްވެ އެވެ.