ނެޓްފްލިކްސްގެ ބައެއް ކޮންޓެންޓް ހިލޭ ބެލޭގޮތް ހަދައިފި

ސްޓްރީމިންގެ ހިދުމަތުގައި ނެޓްފްލިކްސް އަކީ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ހިދުމަތެވެ. މިއީ މިހާތަނަށް ސަބްސްކްރައިބްކޮށްގެން އަގެއް ދައްކައިގެން ލިބޭ ހިދުމަތަކަށް ވިޔަސް އޭގެ ބައެއް ކޮންޓެންޓްތައް އެއްވެސް އަގަކާ ނުލައި މިހާރު ހިލޭ ބެލޭނެ އެވެ.


ކުރަން ޖެހޭ ކަމަކީ netflix.com/watch-free މި ލިންކަށް ވަދެލަންވީ އެވެ. ހިލޭ ބަލައިލެވޭ ގޮތަށް ފިލްމާއި ސީރިޒްތަކާއި ޑޮކިއުމަންޓަރީތަކެއް ވެސް އެބަހުއްޓެވެ. ހިލޭ ބަލައިލެވެން ހުރި ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރު ގެނެސްދިން، ޖެނިފާ އެނިސްޓަނާއި އެޑަމް ސޭންޑްލާގެ "މާޑާ މިސްޓްރީ" އާއި 2018 ގައި ގެނެސްދިން ސަންޑްރާ ބްލޮކްގެ "ބާޑް ބޮކްސް" އަދި އޮސްކާ އެވޯޑް ހޯދާފައިވާ 2017 ގެ އެނިމޭޓެޑް ފިލްމު "ބޮސް ބޭބީ" ފަދަ އުފެއްދުންތައް އެބަހުއްޓެވެ.

ސީރިޒްތަކުގެ ތެރޭގައި "ސްޓްރޭންޖާ ތިންގްސް" އާއި "އެލީޓް" އާއި "ވެން ދޭ ސީ އަޒް" އާއި ލަވް އިޒް ބްލައިންޑް" ފަދަ އުފެއްދުންތައް ހިމެނެ އެވެ. ޑޮކިއުމަންޓަރީ ސީރީޒްތަކުގެ ތެރޭގައި "އަވާ ޕްލެނެޓް" އާއި ޑްރާމާ "ޓޫ ޕޯޕްސް" ފަދަ އުފެއްދުންތައް ހިމެނެ އެވެ.

މިކަމާ ބެހޭ ގޮތުން ނެޓްފްލިކްސް އިން ބުނީ ހިލޭ ބެލޭ ކޮންޓެންޓް މިހާރު އެންޑްރޮއިޑް ޑިވައިސްތަކާއި ޕީސީން ވެސް ބަލައިލެވޭނެ ކަމަށެވެ. އެކަމަކު އައިއޯއެސްގެ ޑިވައިސްތަކަށް މި ފުރުސަތެއް އަދިއެއް ނެތެވެ. ނެޓްފްލިކްސް އިން ބުނީ ހިލޭ ބެލޭ ކޮންޓެންޓް ކުރިއަށް އޮތް ތަނުގައި ވެސް ލިބޭނެ ކަމަށާއި ދުވަހުން ދުވަހަށް އުފެއްދުންތައް އިތުރުކުރެވެމުންދާ ކަމަށެވެ.

ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި އުޅޭ އިރު ފޫހި ފިލުވައިލަން ނެޓްފްލިކްސް ހިލޭ ބެލޭ ކޮންޓެންޓް ހަމަ ޔަގީނުން ވެސް ވެގެންދާނީ ވަރަށް ގިނަ ބަޔަކަށް ލިބޭނެ ހިތްހަމަޖެހުމަކަށެވެ.