"ކާލީ ޕީލީ" އަންނަ މަހުގެ 2 ގައި ޒީ ޕްލެކްސް އިން

އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭ ލީޑް ރޯލް ކުޅެފައިވާ ރޮމޭންޓިކް އެކްޝަން ފިލްމު "ކާލީ ޕީލީ" އަންނަ މަހުގެ 2 ގައި ޒީ ޕްލެކްސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.


"ބާރަތު" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ފިލްމުތައް ގެނެސްދިން އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމު ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމި އިރު، މި ފިލްމަކީ ކުރިން މިދިޔަ ޖޫން މަހުގެ 12 ގައި ސިނަމާތަކުގައި އަޅުވަން އޮތް ފިލްމެކެވެ. އެކަމަކު އިންޑިއާގައި ކޮވިޑް-19 ފެތުރެން ފެށުމުން ފިލްމީ މަސައްކަތްތައް މެދުކަނޑާލަން ޖެހުމާއި ސިނަމާތައް ވެސް ބަންދުކުރުމުން ފިލްމު ތިއޭޓަރުގައި އެޅުވުމުގެ ފުރުސަތު ގެއްލުނީ އެވެ.

އަލީ ބުނި ގޮތުގައި "ކާލީ ޕީލީ" ޑިޖިޓަލްކޮށް ދޫކޮށްލަން ނިންމީ އިންޑިއާގެ ސިނަމާތައް އަލުން ހުޅުވާނެ އިރެއް ވެސް ކަށަވަރުނުވާތީ، ފިލްމު ގެނެސްދިނުން އިތުރަށް ލަސްކުރަން ބޭނުންނުވާތީ އެވެ.

ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ "ކާޕީ ޕީލީ" އަކީ މަގްބޫލް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސީމާ އަގަރްވާލާއި ޔާޝް ކޭސަރްވާނީ އެވެ. ޓީޒާ ޓްރެއިލާ ވެސް މިދިޔަ މަހުގެ ތެރޭގައި ދައްކާލާފައިވާ އިރު، ފިލްމު ވަރަށް ޝައުގުވެރިވާނެކަން ޓްރެއިލާން އިން ދައްކުވައިދެ އެވެ.

ބޮލީވުޑަށް އަދި ވަރަށް އާ ޒުވާން ދެ ތަރިއަކާ އެކު "ކާޕީ ޕީލީ" ގެނެސްދޭ އިރު އިޝާނަކީ ޝާހިދު ކަޕޫރްގެ ކޮއްކޮ އެވެ. އަނަންޔާ އަކީ ޗަންކީ ޕާންޑޭގެ ދަރިއެކެވެ. މި ދެ ތަރިންނާ އެކު ފިލްމުގެ ކާސްޓްގައި ސަތިޝް ކޯޝިކާއި ޖައިދީޕް އަހުލުވާތު ވެސް ހިމެނެ އެވެ.