އޮފީސް ތަޅާލި ހާދިސާ އަށް ފިލްމެއް ހަދާނަން: ކަންގަނާ ރަނާވަތު

މުމްބާއީގައި ހުރި ކަންގަނާ ރަނާވަތުގެ އޮފީސް އިމާރާތުގައި ގަވައިދާ ހިލާފަށް އިމާރާތްކޮށްފައިވާ ބައިތަކެއް ހުރި ކަމަށް ބުނެ ބްރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ބުދަ ދުވަހު އެތަން ތަޅާލި ހާދިސާ އަށް ފިލްމެއް ހަދާނެ ކަމަށް ބުނެ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތާކްރީ އަށް ކަންގަނާ ބަހުގެ ހަމަލާތަކެއް ފޮނުވައިފި އެވެ.


ކަންގަނާގެ އޮފީހުގެ ބައެއް ތަޅާލާފައި މި ވަނީ މުމްބާއީގެ ރައްކާތެރިކަމާ ދޭތެރޭ ކަންގަނާ ސުވާލު އުފައްދައި ކުރި ޓްވީޓްތަކެއްގެ މައްސަލަ ހޫނުވެ، ތާކްރީ ނިސްބަތްވާ ޕާޓީ ޝިވް ސެނާ އާއި ކަންގަނާ އަބަދު ވެސް ތާއިދުކުރާ ބީޖޭޕީގެ މެދުގައި ކޯޅުންތަކެއް އުފެދިފައި ވަނިކޮށެވެ. ކަންގަނާ ވަނީ މުމްބާއީ އަކީ މިހާރު ޕާކިސްތާނުގެ ބާރުގެ ދަށުގައ އޮންނަ އުޅޭ ކަޝްމީރުގެ ސަރަހައްދުހާ ނުރައްކާތެރި ތަނެއް ކަމަށް ބުނެ، މުމްބާއީގެ ފުލުހުންނަކީ ވެސް މިހާރު އިތުބާރުކުރެވޭ ބައެއް ނޫން ކަމަށް ބުނެފަ އެވެ.

މި ވާހަކަތަކާ ގުޅިގެން ޝިވް ސޭނާގެ ވެރިންނާއި ސަޕޯޓަރުން ދަނީ ކަންގަނާއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި މުމްބާއީ ރައްކާތެރި ތަނެއް ނޫން ކަމަށް ގަބޫލުކުރެވޭ ނަމަ އެ ސިޓީ ދޫކޮށް ދާން ވެސް ކަންގަނާ އަށް ގޮވާލާފައިވެ އެވެ. މިކަންތައްގަނޑު ހިނގީ ކަންގަނާ އާއިލާގެ މީހުންނާ އެކު އޭނާގެ އުފަން ސްޓޭޓް ހިމާޗަލް ޕަރްދޭޝްގެ މަނާލީގައި ހުއްޓަ އެވެ.

ވަރުގަދަ ސެކިއުރިޓީއާ އެކު ކަންގަނާ ބުދަ ދުވަހު މުމްބާއީ އަށް އެނބުރި ދިޔަ އިރު ބީމއެމްސީން ވަނީ އޭނާގެ އޮފީސް އިމާރާތުން ބައިތަކެއް ތަޅައި ބިމާ ހަމަކޮށްފަ އެވެ. މި މަންޒަރު ފެންނަ ވީޑިއޯތައް ވެސް ޓްވިޓާގައި ހިއްސާކޮށް ކަންގަނާ ބުނީ މިފަދަ އަމަލުތަކަކީ ޑިމޮކްރަސީ މަރާލުން ކަމަށެވެ. އަދި އުދަވް އަށް ރައްދުކޮށް ކަންގަނާ އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނީ މިއަދު ތަޅައިލީ އޭނާގެ ގެ ކަމަށާއި ދެން އޮތީ އުދަވްގެ ބޮޑާކަމާއި ނުފޫޒު ހަމަބިމަށް ތިރިވުން ކަމަށެވެ.

ތަޅައިލި އޭނާގެ އޮފީހަކީ އަޅުކަންކުރާ ތަނަކަށް ދޭހާ ގަދަރާއި ލޯބި އޮތް ތަނަކަށްވެފައި، ޗީފް މިނިސްޓަރު އަޑީގައި ހުންނަވައިގެން އެކަން ކުރުމަކީ މަހާރަޝްތުރާ ސްޓޭޓް ސަރުކާރުގެ ގޮތެއްފޮތެއް ނެތުން ކަމަށް ކަންގަނާ ބުންޏެވެ. އަދި މިކަމުން އުދަވްގެ އަސްލު ސޫރަ ވެސް ހާމަވެއްޖެ ކަމަށް ކަންގަނާ ބުންޏެވެ.

މެސެޖްގައި އޭނާ ބުނީ ދެން ފިލްމެއް ހަދާނީ ހަމައެކަނި ބާބްރީ މިސްކިތުގެ މައްސަލާގައި އަޔޯދިއާގައި އުފެދުނު ހާޖާނުގަނޑަށް އެކަނި ނޫން ކަމަށާއި އަމިއްލަ އޮފީސް ތަޅާލި ހާދިސާ އަށް ވެސް ފިލްމެއް ހަދާނެ ކަމަށެވެ. އޭރުން ފަހުގެ ޖީލުތަކަށް މިކަންކަމުން އިބުރަތެއް ލިބޭނެ ކަމަށް ބުންޏެވެ.