ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެކްޓަރު ވިވެކް އޮބެރޯއީ ދާފި ފަހުން އުފެއްދި އަމިއްލަ ފިލްމު ކުންފުނި އޮބެރޯއީ މެގަ އެންޓަޓައިންމަންޓުން އިއުލާންކުރި ދެ ފިލްމުގެ ތެރެއިން "ރޯޒީ: ދަ ސެފްރޯން ޗެޕްޓާ" ގެ މޯޝަނާއި ސްޓިލް ޕޯސްޓަރު ދައްކާލައިފި އެވެ.


ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ބިރުވެރި ފިލްމަކީ ކުރީގެ ޓީވީ ސިލްސިލާ "ކަސޯޓީ" ގައި ޕްރޭނާގެ ރޯލް ކުޅެގެން މަޝްހޫރުވި ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ. "ރޯޒީ" ގެ ރޯލަކުން ވިވެކް ވެސް ފެނިގެން ދާނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ވިޝާލް ރަންޖަން މިޝްރާ އެވެ. "ރޯޒީ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.

މި ފިލްމުގެ އިރުތުން ވިވެކްކެ ކުންފުނިން އިއުލާންކުރި އަނެއް ފިލްމަކީ މިސްޓްރީ ތުރިލާ "އިޓީ" އެވެ.

"ކޭބީސީ 12" މި މަހުގެ 28 ގައި

ސޮނީ ޓީވީގައި އަމީތާބް ބައްޗަން ހޯސްޓްކުރާ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) ގެ ސީޒަން 12 މި މަހުގެ 28 އިން ފެށިގެން ދައްކަން ނިންމައިފި އެވެ.

ޝޯ ދައްކަން ފަށާ ތާރީހު އިއުލާންކޮށްފައި މި ވަނީ ޕްރޮމޯތަކެއް ވެސް ގެނެސްދޭތާ ދުވަސްތަކެއް ފަހުންނެވެ. އަދި "ކޭބީސީ 12" އަކީ ކޮވިޑް-19 އަށް ޖުލައި މަހުގެ ތެރޭގައި ފަރުވާ ހޯދުމަށް ފަހު، އަމީތާބް މަސައްކަތް ފެށި ފުރަތަމަ ޕްރޮޖެކްޓެވެ.

މީގެ ޝޫޓިންތައް ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. "ކޭބީސީ" އަކީ އޯޑިއަންސްގެ ބައިވެރިވުމާ އެކީ ވެސް ގެނެސްދޭ ޝޯއަކަށްވާތީ އާ ސީޒަނުން މި އިންތިޒާމު ހަމަޖައްސާފައި ހުންނާނެ ގޮތް ބެލުމަކީ ވެސް ޝައުގުވެރި ކަމަކަށް ވާނެ އެވެ.

އަނެއްކާ ވެސް ރޯހިތާއި ރަންވީރު

ދެހާސް އަށާރައިގައި ގެނެސްދިން "ސިމްބާ" އަށް ފަހު، ޑައިރެކްޓަރު ރޯހިތު ޝެޓީ، ރަންވީރު ސިންގްއާ އެކު އަނެއްކާ ވެސް ފިލްމެއް ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ މި ފިލްމަކީ ވަރަށް ވަރުގަދަ ކޮމެޑީއެއް ކަމަށާއި ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ރަންވީރާ އެކު ރޯހިތު ފިލްމެއް ހަދަން ނިންނީ އަޖޭ ދޭވްގަނާ އެކު ގެނެސްދޭ "ގޯލްމާލް" ފްރެންޗައިޒްގެ 5 ވަނަ ފިލްމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށަން ކުރި ރޭވި ނަމަވެސް ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް އަދިވެސް ނުނިމޭތީ އާއި އަޖޭ އެހެން ޕްރޮޖެކްޓަތަކެއްގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުން ކަމަށްވެ އެވެ. އެހެންވެ "ގޯލްމާލް 5" މި ވަގުތަށް ބާއްވާފައި ރަންވީރާ އެކު ރޯހިތު އާ ފިލްމެއް ހަދަން ނިންމީ ކަމަށް ހަންގާމާ އިން ބުންޏެވެ.

އެކަމަކު މި ފިލްމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް ވާހަކަ ހާމަކޮށްފައެއް ނުވެ އެވެ. އަކްޝޭ ކުމާރު ކުޅެފައިވާ "ސޫރިޔާވަންޝީ" އަކީ ރޯހިތު ޑައިރެކްޓްކޮށް ކޮވިޑް-19 އާ ހެދި ރިލީޒްނުކުރެވި އޮތް ފިލްމެކެވެ.

ސަލްމާންގެ ފަރާތުން "ބީން ސްޓްރޯންގް"

ސަލްމާން ޚާންގެ "ބީން ހިއުމަން" ފައުންޑޭޝަނުގެ ދަށުން ގިނަ އުފެއްދުންތަކެއް ނެރެމުން އަންނަ އިރު "ބީން ސްޓްރޯންގް" ގެ ނަމުގައި ކަސްރަތުކުރަން ބޭނުންކުރާ އިތުރު އާލާތްތަކެއް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަލްމާން ވަނީ ސޯޝަލް މީޑިއާގައި ވެސް "ބީން ސްޓްރޯން" ބޭނުންކުރާ ތަން ދައްކާލައިފަ އެވެ. އުމުރުން މިހާރު 54 އަހަރުގެ ސަލްމާނަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އަބަދު ވެސް ފިޓްނެސް އަށް އެންމެ ބޮޑަށް އިސްކަންދޭ އެކެކެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިންޑިއާގެ ޒުވާނުންގެ މެދުގައި ކަސްރަތުކުރުމުގެ ޓްރެންޑެއް ފެށުނީ ވެސް ސަލްމާނަށް ކަސްރަތަށް ދޭ ލޯތްބާ އެކު، ފިލްމުތަކުން އޭނާ ދައްކަން ފެށި ވަރުގަދަ ހަށިގަނޑާ ހެދި އެވެ.