ލޯބި ހޯދަން ލޯތްބާ ދުރަށް

އާދިއްތަ ދުވަހާ ގުޅޭ


ފަސް އެނބުރިފައި ރިފާ ބަލައިލިއެވެ. އޭރު މިހާދު އިނީ ބަލަހައްޓައިގެންނެވެ. ރިފާ ބަލައިލާނެކަން މިހާދަށް އެނގޭ ކަހަލައެވެ. އެންމެ ލަފުޒެއް ވެސް ރިފާގެ ދުލުން ބޭރެއް ނުކުރެއެވެ. ދެއްކި ވާހަކައެއް ދެއްކީ ރިފާގެ ދެ ލޮލެވެ. ލޯތްބަކީ ބަހުރުވައެއް އޮންނަ ޖަޒުބާތެއް ނޫނެވެ. އެއީ ދެ ހިތެއްގެ ދެމެދުގައި ބިނާކުރެވޭ ފާލަމެކެވެ. ކޮންމެ ފަހަރަކު ދުލުން ބުނެގެން ނޫނީ އަނެކާއަށް ނުވިސްނޭ ދެ ހިތެއްގެ ދެމެދުގައި އޮންނަނީ ލޯތްބެއް ނޫނެވެ. އެއީ އަޖައިބެއް ކަހަލަ ބީރައްޓެހި ކަމެކެވެ. މިހާދު ތެދުވެގެން އައިސް ރިފާ ކައިރިއަށް ހުއްޓުނެވެ. އެއީ އިރު އޮއްސުމަށް ޓަކައި ޖައްވު ނަލަހެދެމުން ދިޔަ ވަގުތެވެ. ވިލާތަކުގެ އެންމެ ރީތި ކުލަތައް އުދަރެހުގައި ފަވާލި ވަގުތެވެ. އިރުން ހުޅަނގަށް ޖެހިލި އަކުރިހާ އެކު ރިފާގެ އިސްތަށިގަނޑު މިހާދުގެ މޫނުގައި ފިރުމައިލި ވަގުތެވެ.

"އަހަންނަކަށް ގަބޫލެއް ނުކުރެވޭ!" ސިއްރުސިއްރުން މިހާދު ބުންޏެވެ. "އަދި އެއް ފަހަރު ބުނޭ!"

މިހާދު އެހެން ބުނި އިރު ހީވަނީ ކުރިން ރިފާ ބުނީ ކީކޭކަން މިހާދަށް އަޑުއިވިއްޖެ ހެންނެެވެ. ރިފާ އަބަދުވެސް ބޭނުންވީ އެ ކަހަލަ ފިރިއެކެވެ. އެއީ، އިރު އޮއްސުމުގެ ކުޑަ އިރުކޮޅެއް ކުރިއެވެ.

"އެއް ހާސް ފަހަރު ވެސް ބުނެފާނަން،" ފަސްޖެހުމެއް ނެތި ރިފާ ބުންޏެވެ. "މިހާދު ދެކެ އަހަރެން ވަރަށް، ވަރަށް ލޯބިވޭ!"

ލޯބީގެ ހުރިހާ ކުލައެއް އުދަރެހަށް ފާއްދައިލައިފައި އިރުއޮއްސުނެވެ. މާހައުލަށް ވެރިވެގެން ދިޔައީ އަޖައިބެއް ކަހަލަ ހަމަހިމޭން ކަމެކެވެ. ގަހުގެ ފަތަކަށް ހިރިލާކަށް ނުކެރުނެވެ. ރިފާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. ބުނަން ބޭނުން އެތައް ވާހަކައެއް ހުރީމައެވެ. އިރު އަރަންދެން އެ ތަނުގައި ހުންނަން ރިފާގެ ހިތް އެދެމުން ދިޔައެވެ.

"ނުބުނެ ނުހުރެވިގެން މި ބުނީ،" ނުރޯން ކެތްކުރަމުން ރިފާ ބުންޏެވެ. "މި ކުރެވުނީ ރަނގަޅު ކަމެއްތަ؟ ގޯސް ކަމެއްތަ؟ އަހަންނަކަށް ނޭނގެ. އެނގޭ ކަމަކީ، އަހަރެންގެ ހިތަށް ވަރަށް ލުއިވެއްޖެ!"

މިހާދާއި ރިފާގެ ދެމެދުގައި އޭރު އެއްވެސް ދުރުމިނެއް ނެތެވެ. އެ ދެމެދުން ދަތުރުކުރަން މަސައްކަތް ކުރި ވައިރޯޅިއަށް ވެސް ވީ ނާކާމިޔާބެވެ.

"ތިހާ ކައިރީގަ ހުންނަ އިރު ވެސް ކީއްވެ އަހަންނަށް ހީވަނީ އަދިވެސް ތިހިރީ ވަރަށް ދުރުގައޭ،" އަތުގެ ފުށަތުން ރިފާގެ މޫނުގައި ފިރުމައިލަމުން މިހާދު ބުންޏެވެ. "އަހަރެން ދެން ކިހިނެއް ހަދަންވީ؟"

"އަހަރެން މަތިން ހަނދާން ނައްތާލަންވީ،" ފެންކަޅި ނުވުމަށް މަސައްކަތް ކުރަމުން ރިފާ ބުންޏެވެ. "ހީކޮށްލާ މީ ހުވަފެނެކޭ."

މިހާދަށް ފުރަގަސް ދީފައި ރިފާ ހިނގައިގަތެވެ. ރޯތަން މިހާދަށް ނުދައްކަން ވެގެންނެވެ. މިހާދު ގޮވިއެވެ. ރިފާއެއް ނުހުއްޓުނެވެ. މިހާދު ދެކެ ލޯބިވާކަށް ރިފާ ބޭނުމެއް ނޫނެވެ. އެ ވާހަކަ ބުނާކަށް އަމުދުން ބޭނުމެއް ނޫނެވެ. އެއީ ރިފާ އުންމީދު ކުރި ގޮތެއް ނޫނެވެ. މިހާދުގެ ތެދުވެރި ލޯބި ރިފާ ހިތަށް ވާސިލު ވީ، ބަންދުކޮށްފައިވާ ހިތުގެ ދޮރުގެ ހިންމި ތަކުގެ ތެރެއިންނެވެ. ރިފާގެ އިޒުނައަކާ ނުލައެވެ. ރިފާ ދިޔުމުން ވެސް މިހާދު ގަނޑުވެފައި ހުރީއެވެ. ވާންވީ އުފާ ކަމެއް ނުވަތަ ދެރަ ކަމެއް މިހާދަކަށް ނޭނގުނެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ރިފާ ސިޑިން ފޭބިއެވެ. ހިތާހިތުން ކިޔަމުންނެވެ. އަހަންނަށް މި ކުރެވުނީ ކީއް ހެއްޔެވެ؟ އެ ހަގީގަތް އަހަންނަށް ހާމަ ނުކުރެވުނު ނަމައެވެ.

ތިރިއަށް ފައިބަން މިހާދު ހިނގައިގަތް އިރު އުދަރެސް އެއްކޮށް އަނދިރި ވެއްޖެއެވެ. މިހާދުގެ ހިތަށް ވެސް ވެރިވެފައި ވަނީ، ދެން ވާނީ ކިހިނެއްކަން ބުނަން ނޭނގޭ ކަހަލަ ފުން އަނދިރިކަމެކެވެ. ފިކުރަކަށް ގެއްލިފައި ހުރެގެން މަޑުމަޑުން ގޮސް ކޮޓަރިއަށް ވަން އިރު ރިފާ ގިސްލަގިސްލައިފައި ރޮނީއެވެ. މިހާދުގެ ހިތް ކުދިކުދިވި ކަހަލައެވެ. ފާރުގައި ލެނގިލައިގެން ހުރި ރިފާ ގެނެސް އެނދުގައި ބޭންދިއެވެ.

"ކިހިނެއްވީ ރިފާ؟" މިހާދު ސުވާލުކުރިއެވެ.

"އަހަރެން ބޭނުމެއް ނޫން މިހެން ވާކަށް،" ޝަކުވާގެ ރާގެއްގައި ރިފާ ބުންޏެވެ. "އެކަމަކު ހާދަ ބޮޑަކަށޭ މި ލޯބި ވެވުނީ. ދުވަހަކު ވެސް މީހެއް ދެކެ މިހާ ލޯތްބެއް ނުވަން. މީހުން ކީކޭ ކިޔާނީ؟ ބުނާނެ ޒާހިރު ފަގީރުވެފަ މިހާދު މުއްސަނދި ވީމަ.."

"މީހުން ކިޔާ އެއްޗެއް ކިޔާފަނެއްނު!" ރިފާގެ ކޮނޑުގައި ފިރުމާލަމުން މިހާދު ހިތްވަރު ދިނެވެ. "އަހަރުމެންނަށް ކީއް؟ ދެން ހުއްޓާލާ! ފިރިމީހާ ދެކެ ލޯބިވުމަކީ ފާފައެއް ނޫނޭ ރިފާ!"

މިހާދުގެ އަތް ރިފާ ފޮޅުވައިލިއެވެ. ރިފާ ބޭނުންވަނީ މިހާދު ދެކެ ރުޅިއަންނާށެވެ. ލޯބިވެވުނީތީއެވެ.

"މިހާދު ޖެހޭނެ އަހަރެން ވަރިކުރަން،" އިސްޖަހައިލައިގެން އިނދެ ރިފާ މަޑުމަޑުން ބުންޏެވެ. "އަހަރުމެންގެ ވާހަކަ މި ހިސާބުން ޖެހޭނީ ނިމެން."

އެ ޖަވާބު އަޑުއަހަން މިހާދަކަށް ފަސޭހައެއް ނުވިއެވެ. ހިތަށް ތަދުވިއެވެ. އަރު ބެދޭ ގޮތް ވިއެވެ. މިހާދުގެ ލޯބި ތެދުވެރިއެވެ. މިހާދުގެ ހުރިހާ ވެސް އުފަލަކީ ރިފާއެވެ. އޯގާވެރިކަމާއި ކެތްތެރިކަމާ އެކު ރިފާގެ ލޯބި މިހާދަށް ކާމިޔާބަށް ކުރެވިއްޖެއެވެ. ރިފާއަކީ މިހާދުގެ އަމިއްލަ މިލްކަކަށް ހެދިއްޖެއެވެ. އެ ލޯބީގެ ނިމުން ހިތި ވާން ޖެހެނީ ކީއްވެގެން ކަމެއް މިހާދަކަށް ނުވިސްނެއެވެ. ލޯބި ކާމިޔާބުވާ ހިސާބުން ދެން ކުރިމަތިލާން ޖެހޭނީ ނާކާމިޔާބާ ހެއްޔެވެ؟ އެއީ ކޮން ފޮތެއްގައި ލިޔެވިފައިވާ އުސޫލެއް ހެއްޔެވެ؟ އެހެން މީހުންނަށް އެ މީހުން ލޯބިވާ މީހާ ލިބެންޏާ މިހާދަށް ނުލިބެންވީ ކީއްވެގެން ހެއްޔެވެ؟ އެ ވަރުގެ ކުށެއް މިހާދު ނުކުރެއެވެ.

އާ ދުވަހަކަށް އިރު އެރިއެވެ. ރިފާގެ އަތުން ބެންޑޭޖު ނެގި އިރު އިނގިލި ހުރީ ރަނގަޅުވެފައެވެ. ތަދެއް ވެސް ނުވެއެވެ. ރިފާ ހީކުރީ ރިފާ ދޫކޮށްލާ ވާހަކަ ބުނީމައި، މިހާދުގެ ފަރާތުން ފެންނާނީ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ކަމަށެވެ. އެހެނެއް ނުވިއެވެ. ކުރިޔަށް ވުރެ މިހާދުގެ ލޯބި އިތުރުވިއެވެ. އަޅާލުމާއި ހިތްހެޔޮކަން ބޮޑުވިއެވެ. ކޮންމެ ތާކު ރިފާ ހުއްޓަސް ކާ ގަޑިތަކުގައި ރިފާ ގެނެއެވެ. އެހެން ނޫނީ ރިފާ ހުންނަ ތާކަށް މިހާދު އާދެއެވެ. ދުވާލުގެ ވަގުތު ވިޔަފާރި ކަންކަމުގައި އުޅެފައި އިރު އޮއްސުމުން ދެން މިހާދު ބޭރަކަށް ނުދެއެވެ. ހީވާ ކަހަލައެވެ. ރިފާ ދިޔުމުގެ ކުރިން ލިބޭ ކޮންމެ ސިކުންތެއް ވެސް މިހާދު ބޭނުންވަނީ ރިފާޔާ އެކީގައި ހޭދަކުރާށެވެ. އާ ކަމަކަށް ރިފާއަށް ފެންނަން ފެށީ އެންމެ ދެ ކަމެކެވެ. ލޯބިވާ ވާހަކަ ރިފާ ބުނީއް ސުރެ މިހާދު ފެންކަޅި ވެފައި ހުންނަހެން ރިފާއަށް ހީވެއެވެ. ރިފާއާ ހަތަރު ކަޅި ހަމަ ނުކުރަން މިހާދު އުޅޭހެން ވެސް ހީވެއެވެ.

ނަޝްފާގެ ފޯނު ރަނގަބީލުވާން ފެށި އިރު ނަޝްފާ އިނީ ގޭގައި ފިލާވަޅު ދަސްކުރާށެވެ. ފޯނު ނަގައިފައި އެންމެ ފުރަތަމަ ވެސް ނަޝްފާއަށް ކުރެވުނީ ޝަކުވާއެވެ.

"ކޮން އިރަކުން މަންމަ އަންނަނީ؟" ނަޝްފާ އެހިއެވެ. "މަންމަ މާލެއައިތާ ވެސް ކިތެއް ދުވަސް ވެއްޖެ! އޭނަ ޑިވޯސް ނުކުރީތަ؟ އޭރު ވެސް އަހަންނަށް ހަމަ ހީވި ތިހެންނޭ ވާނީ. ބައްޕަޔާ މާމަ ވެސް ބުނި ތިހެންނޭ ވާނީ. އެކަމަކު އޭނަ ހަމަ ބޭނުންވާ އިރަށް އެހެން ހެދޭތަ؟ ދެން އަބަދުވެސް މަންމަ ތި ގޭގަތަ އުޅެން ޖެހޭނީ؟ ކީއްވެ ބައްޕައަށް ނުގުޅަނީ؟ ކީއްވެ މަންމަ ވާހަކަ ނުދައްކާ ތި އިންނަނީ؟"

"މަންމައަށް ޗާންސެއް ދީގެންތާ އެއްޗެއް ބުނެވޭނީ،" ކުޑަކޮށް މަޖާ ރާގެއްގައި ރިފާ ބުންޏެވެ. "ރަނގަޅަށް ފިލާވަޅު ދަސްކުރަންތަ؟"

"މިހާރު ވެސް ތި ކަން ކުރަން މިއިނީ،" ނަޝްފާ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުންޏެވެ. "ދެން މަންމަ އާދެބަލަ! މަންމަ ނުޖެހޭނެ ތި މީހާ ގަނޑު ކައިރީގަ ހުންނާކަށް."

ދަރިފުޅުގެ ވާހަކަ ހުންނާނީ އެހެންކަން ރިފާއަށް އެނގެއެވެ. ގޭތެރޭގައި ދެކެވޭ ވާހަކަތަކުގެ ސަބަބުން ނަޝްފާގެ ހިތުގައި މިހާދަށް ނަފުރަތު ފިޔަވައި އެހެން އެއްޗެއް ނޯންނާނެއެވެ. އެ ހާލަތުގައި ނަޝްފާ ރުއްސާނީ ކިހިނެއް ހެއްޔެވެ؟

"މަންމަ ދާނަމޭ ދަރިފުޅާ! އެކަމަކު ދަރިފުޅު ތި ހީކުރާހާ އަވަހަކަށް ކަންކަން ހަމައެއް ނުޖެހެޔޭ!" ރިފާ ބުންޏެވެ. "ދެން އެ ވާހަކަ އިހަށް ބާއްވާ! ދަރިފުޅަށް މި ގެއަށް އާދެވޭނެތަ؟"

ނަޝްފާ ވަރަށް ގިނަ ސުވާލު ކުރިއެވެ. ސަބަބު އޮޅުން ފިލުވަން ބޭނުންވިއެވެ. ފޯނުން ވެސް ރިފާއަށް އެ ވާހަކަ ދެއްކުނީހެވެ. އެކަމަކު ނަޝްފާގެ މޫނު ފެންނަން ރިފާ ބޭނުމެވެ.

"ބައްޕަޔާ އެއްކޮށް ދާނީ!" ނަޝްފާ އެއްބަސްވިއެވެ.

"އުހުނ! ދަރިފުޅު އެކަނި އާދެބަލަ!" ރިފާ އެދުނެވެ. "އެއްޗެއް ދޭން ވެގެންނޭ! މިއަދު ހަވީރު އިނގޭ!"

"އޯކޭ!" ފޫހި ރާގެއްގައި ނަޝްފާ ބުނި އަޑު އިވުނެވެ.

ފޯނު ބާއްވައިފައި ރިފާ ވިސްނައިލިއެވެ. ނަޝްފާ އަންނާނެ ހެއްޔެވެ؟ ގާތުގައި އިން މިހާދު ފުން ނޭވައެއް ބޭރުކޮށްލިއެވެ. ނަޝްފާ ގެއަށް ގެނައުމަކީ މިހާދު ދިން ހިޔާލެކެވެ. އެއީ، މިހާދަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.

"އަހަރެންގެ މޭ ޑަންޑަންލާފަ އެބަ ތެޅޭ!" ރިފާ ކަންބޮޑުވެފައި ބުންޏެވެ. "އަހަންނަށް ހިޔެއް ނުވޭ ނަޝްފާ އެއްބަސް ވާނެ ހެނެއް."

"ތި ކުށްހީއޭ ފިލުވާލަން އަހަރެން ބޭނުންވަނީ،" ކެތްތެރިކަމާ އެކުގައި މިހާދު ބުންޏެވެ. "އަހަރެންގެ ހިތް ބުނަނީ ދަރިފުޅު އެއްބަސް ވާނޭ. އަހަރެން ނޫޅެމޭ ރިފާ ވަރި ނުކުރާކަށް. ރިފާ އުފާވާ ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން. ރިފާއަށް އެނގޭނެ އެ ކަން. މި ލޯބީގަ އެއްވެސް ޝަރުތެއް ނެތް. އަހަރެން ހުންނާނަން ރިފާގެ ދަރިފުޅަށް ވެލްކަމް ކިޔަން."

މިހާދު ދެކެ ނަޝްފާ ކިހާ ފޫހިވާކަން ރިފާއަށް އެނގެއެވެ.

"އުހުނ! ނަޝްފާއަށް މިހާދު ފެނިގެން ނުވާނެ،" އެ ހިސާބަށް ބުނެފައި ރިފާ ވަރަށް ފުން ނޭވައެއް ބޭރުކޮށްލިއެވެ. "ހާދަހާ އުނދަގޫ ކަމެކޭ މިހާދު ތި ކުރުވަނީ. އަހަރެން އަހަންތަ ވާހަކައެއް؟ އަހަރުމެން އިނދެގެން އުޅެން ނަޝްފާ އެއްބަސް ނުވެއްޖެއްޔާ މާދަމާ އަހަރެން ވަރިކޮށްދޭނަންތަ؟"

ނުނިމޭ