ޑްރަގްގެ ތުހުމަތާ އެކު ދީޕިކާ އަށް މަލާމާތް

ބޮލީވުޑްގައި މިހާރު އެންމެ ހޫނުކޮށް ދެކެވޭ މަސްތުވާތަކެތީގެ ކުޅިގަނޑުގެ ވާހަކައިގެ ތެރެއިން ބަތަލާ ދީޕިކާ ޕަދްކޯންގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރެވެން ފެށުމާ އެކު ސޯޝަލް މީޑިއާގައި އޭނާ އަށް ގިނަ ބައެއްގެ މަލާމާތާއި ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.


މަސްތުވާތަކެތި ޓްރެފިކްކޮށް، ބޭނުންކުރާ ކަމަށް ބުނާ ބޮލީވުޑްގެ ތަރިންތަކެއްގެ މައްސަލަ ބަލަން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ނިންމާފައިވާ އިރު، ދީޕިކާއާ ސުވާލުކުރަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ. މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު އަދި ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާގެ މައްޗަށް މަސްތުވާތަކެތީ ތުހުމަތުތަކެއް ކުރެވެން ފެށުމާ އެކު، ގިނަ ބަޔަކު މިހާރު ބުނަމުން ދަނީ ދީޕިކާ އަކީ އަސްލު ސޫރަ ފޮރުވައިގެން އުޅޭ ދެ މޫނު ލީ ބަތަލާއެއް ކަމަށެވެ.

ސޯޝަލް މީޑިއާ އޭނާ އަށް ފާޑުކިޔަމުން ދީޕިކާގެ ނަމުގެ ފެށޭ އަކުރު "ޑީ" އާ އާއި މަސްތުވާތަކެއްޗާ ވެސް ގުޅުވައިގެން މަލާމާތުގެ ބަސްތައް ރައްދުކޮށްފައިވެ އެވެ. އެގޮތުން ޑިޕްރެޝަނަށް ވެސް ފަރުވާ ހޯދި ބަތަލާގެ ނަމުގެ "ޑީ" އަކީ "ޑިޕްރެޝަން" ކަމަށާއި އެ "ޑީ" އަކީ ޑްރަގް" ކަމަށް ވެސް ބުނެފައިވެ އެވެ. ބައެއް މީހުން އަދި ވަނީ ޓްވިޓާގައި ދީޕިކާގެ ކުރި އާއި މިހާރު ފޮޓޯތަކެއް ހިއްސާކޮށް، އޭނާ އަށް އައިސްފައި ހުރި ބަދަލުތަކާ ވެސް މަސްތުވާތަކެއްޗާ ގުޅުވައިފަ އެވެ.

މީގެ އިތުރުން 2011 ގެ ފިލްމު "ދަމް މަރޮ ދަމް" އަށް ދީޕިކާ ކުޅުނު އެ ފިލްމުގެ ނަމުން ނަން ދީފައިވާ އައިޓަމް ލަވަ އަކީ ދީޕިކާގެ އަސްލު ސޫރަ ދައްކުވައިދޭ ލަވައެއް ކަމަށް މީހުން ބުނެފައިވެ އެވެ. އެ ލަވަ ގެނެސްދީފައި ވަނީ "ސިކްވެގެން" ޕާޓީކުރާ ބައެއްގެ ހަރަކާތްތައް ދައްކުވައިދޭ ކަމަށެވެ.

މީގެ އިތުރުން ދީޕިކާ އަށް ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ އޭނާގެ ހަށިގަނޑުގެ ބައްޓަމާއި ހަންގަނޑާއި އިސްތަށިގަނޑުގެ ޖާދޫގެ ސިއްރު ވެސް މިހާރު މިއޮތީ ފަޅާއަރާފައި ކަމަށެވެ.

ބެލުންތެރިން ވަރަށް ލޯބިވާ ބަތަލާއެއްގެ ގޮތުގައި ފާހަގަކުރެވޭ ދީޕިކާގެ ނަން މަސްތުވާތަކެއްޗާ ގުޅިގެން ހަރާބުވަމުންދާ އިރު، މިދިޔަ އަހަރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ބޭއްވި ޕާޓީއެއްގެ ތެރޭގައި ތަރިންތަކެއް "ސިކްވެފައި" ތިބޭ މަންޒަރު ފެންނަ ވީޑިއޯ އިން އެންމެ ކުރިން ފެންނަ އެކަކީ ވެސް ދީޕިކާ އެވެ. އެ ވީޑިއޯގެ މައްސަލަ ވެސް ބަލަން މިހާރު ވަނީ ނިންމައިފަ އެވެ.

ދީޕިކާގެ މައްޗަށް ކުރެވޭ މަސްތުވާތަކެތީގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝްއާ ވެސް އެންސީބީން ސުވާލުކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

މި މައްސަލާގައި އެކްޓަރު ރަންވީރް ސިންގްގެ އަންހެނުން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. އޭނާ މި ވަގުތު ހުރީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން އަށް ގޯއާގަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެންސީބީ އަށް ބަޔާންދޭން ހުކުރު ދުވަހު މެންދުރުގެ ވަގުތެއްގައި ޗާޓަރު ހެލިކޮޕްޓަރެއްގައި ދީޕިކާ މުމްބާއީ އަށް ދާނެ އެވެ. އަދި އޭނާ އަށް ގާނޫނީ ވަކީލުންގެ ޓީމެއް ވެސް ފިރިމީހާ ރަންވީރު މިހާރު ހަމަޖައްސާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.