ޑްރަގާ ގުޅުވަނީ އަގުވައްޓާލަން: ކަރަން ޖޯހަރް

މަސްތުވާތަކެއްޗާ ގުޅުވައިގެން އަމިއްލަ ނަމާއި އާއިލާ އާއި ގާތް މީހުންގެ އަބުރު ވެސް ކަތިތިލަމުންދާ ކަމަށް ބުނެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ކަންބޮޑުވުން ފާޅުކޮށް، ސާބިތު ނުހިފޭ ވާހަކަތައް މީޑިއާތަކުގައި ނުފެތުރުމަށް ގޮވާލައިފަ އެވެ.


މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭ ކަރަންގެ ގޭގައި ބޭއްވި ޕާޓީއެއްގައި ބައިވެރި ބޮލީވުޑް ތަރިންތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން އެއިން ފެންނަނީ މަސްތުވެފައި ތިބި ބަޔަކު ކަމަށް ބުނެ ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. އެ ވީޑިއޯގެ މައްސަލަ މިހާރު ވަކިން ބޮޑަށް ހޫނުވެފައި ވަނީ ބޮލީވުޑްގެ ގިނަ ބަޔަކު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތަކާ ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރީ (އެންސީބީ) އިން ތަރިންތަކަކާ ސުވާލުކުރަން ވެސް ފަށާފައި ވަނިކޮށެވެ.

ކަރަންގެ ޕާޓީގެ ވީޑިއޯގެ މައްސަލަ ބަލަން ވެސް ސިޔާސީ މީހުންނާއި އާންމުން ވެސް ދަނީ ގޮވާލަމުންނެވެ. އެ ވީޑިއޯ މިދިޔަ އަހަރު އާންމުވުމާ އެކު ކަރަން އަށް އަމާޒުވި ފާޑުކިިޔުންތަކަށް އޭނާ ކުރިން ވެސް ރައްދު ދީފައިވެ އެވެ. އެގޮތުން ފިލްމު ކްރިޓިކް ރަޖީވް މަސަންދަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ އޭނާ އަކީ އެއް އިރެއްގައި ވެސް މަސްތުވާތަކެއްޗާ ގުޅުން ހުރި މީހެއް ނޫން ކަމަށެވެ. އަދި އަމުދުން އޭނާގެ މަންމަ ވެސް ދިރިއުޅޭ ގޭގައި ބޭއްވި ޕާޓީއެއްގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބުނުމަކީ ގޭގެ ހުރުމަތާއި އާއިލާ އަށް ވެސް ލިބޭ ހުތުރެއް ކަމަށް ބުންޏެވެ. އެހެންވެ އެފަދަ ވާހަކަތައް ދައްކާ މީހުންނަށް ދައުވާކުރާނެ ކަމަށް ވެސް ކަރަން ބުނެފައިވެ އެވެ.

ވީޑިއޯގެ މައްސަލާގައި ކަރަން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ތަކުރާރުކޮށް ބުނީ އޭނާއާ މަސްތުވާތަކެއްޗާ ގުޅުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"އަހަންނަކީ މަސްތުވާތަކެތި ބޭނުންކޮށް އެ އެއްޗެހި ޕްރޮމޯޓްކުރާ މީހެއް ނޫން. އަދި އެފަދަ އަމަލެއް ހިންގުމަށް އެއްވެސް މީހަކަށް ވެސް ހިތްވަރު ވެސް ނުދޭނަން،" އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ޖޫން މަހު މަރުވި ފަހުން ޓްވިޓާ ދުރުގައި ހުންތަނާ އެތައް ދުވަހެއް ފަހުން ނެރުނު ބަޔާނުގައި ކަރަން ބުންޏެވެ.

އޭނާގެ ބަޔާނުގައި ވަނީ މަސްތުވާތަކެތައްޗާ ގުޅުން އޮންނަ ކަމަށް ބުނާ ދެ މީ ހަކީ ކަރަން ފިލްމު ކުންފުންޏާ ގުޅިގެން މަސައްކަތްކުރާ ބަޔަކު ކަމަށް ބުނާތީ އެކަން ވެސް ސާފުކޮށް ދީފަ އެވެ. އެގޮތުން މީޑިއާތަކުން ޚަބަރު ފަތުރާ ގޮތަށް އަނޫބަޗް ޗޯޕްޅާ އާއި ޝިތިޖް ރަޖީވް އަކީ ދަރުމާގެ މުވައްޒަފުން ނޫން ކަމަށް ބުންޏެވެ. ކަރަން ބުނި ގޮތުގައި އަނޫބަވަކީ 2011-2012 އަށް ދަރުމާގެ ދެ ޕްރޮޖެކްޓެއްގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އަދި އޭގެ ފަހުން ދަރުމާއާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުންޏެވެ. އަދި ޝިތިވް އަކީ މިދިޔަ އަހަރު ދަރުމާ އިން އުފެއްދި ކުންފުނި ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓްގެ ޕްރޮޖެކްޓެއްގައި އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވި މީހެއް ކަމަށް ބުންޏެވެ. އެކަމަކު ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވިގެން އޭނާ އަކީ ފަހުން ދަރުމާއާ ގުޅުން ހުރި މީހެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

"އެ ދެ މީހުންގެ ޒާތީ ކަންކަމެއް އަހަރެން ނުދަންނަން. އަހަންނާ ގާތް ގުޅުމެއް އެއްވެސް ހައިސިއްޔަތަކުން އޮތް ބައެއް ވެސް ނޫން،" ކަރަން ބުންޏެވެ.

ކަރަން ބުނީ އޭނާގެ ނަމާއި އާއިލާގެ ނަމާއި ގާތް މީސްމީހުންގެ ނަން ހުތުރުވާ ގޮތަށް ވާހަކަތައް ފަތުރާ ނަމަ ދިފާއުގައި ގާނޫނީ ގޮތުން މަސައްކަތްކުރާނެ ކަމަށެވެ.