ޕްރިންސް ހެރީގެ ދެކަނބަލުން ރިއަލިޓީ ޝޯއަކުން ފެންނާނެ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް މިދިޔަ މަހު ނެޓްފްލިކްސްއާ އެކު އެއްބަސްވުމެއް ހެދި ނަމަވެސް އޭގެ ދަށުން އެ ދެ ބޭފުޅުން އެކީގައި ރިއަލިޓީ ޝޯއަކުން ފެންނާނެ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ބުނެފި އެވެ.


އެއްބަސްވުމުގެ ވާހަކަ މިދިޔަ މަހު ހާމަކުރި ފަހުން ބައެއް މީޑިއާތަކުން އަންނަނީ ހެރީ އާއި މޭގަން ނެޓްފްލިކްސްގެ ރިއަލިޓީ ޝޯއަކުން ފެންނާނެ ކަމަށް ބުނަމުންނެވެ. އެގޮތުން ދަ ސަން ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ބޭފުޅުންގެ ޒާތީ ދިރިއުޅުން ދައްކުވައިދޭނެ އެ ޝޯ އަކީ ތިން މަހަށް ދެމިގެންދާ ގޮތަށް ގެނެސްދޭނެ އެއްޗެކެވެ.

ނަމަވެސް އެކަމުގައި އެއްވެސް ހަގީގަތެއް ނެތްކަން ކަށަވަރުކޮށް ދެއްވަމުން ހެރީ އާއި މޭގަންގެ ތަރުޖަމާނު ދި އިންޑިޕެންޑެންޓަށް ވިދާޅުވީ މީޑިއާތަކުން ބުނާ ރިއަލިޓީ ޝޯ އަކީ ހިޔާލީ ވާހަކައެއް ކަމަށެވެ.

"ނެޓްފްލިކްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެ ކަހަލަ އެއްވެސް ޝޯއެއްގެ ޕްލޭނެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ސްޓްރީމިންގެ ވިޔަފާރީގެ އެންމެ ކާމިޔާބު ކުންފުނި ނެޓްފްލިކްސްއާ އެކު އެއްބަސްވުން ހަދާފައި ވަނީ ހެރީ އާއި މޭގަން އުފައްދާފައިވާ އަމިއްލަފުޅު ޕްރޮޑަކްޝަން ހައުސްއެއްގެ ދަށުންނެވެ. އެކަމަކު އޭގެ ނަމެއް އަދި ހާމައެއްނުކުރެ އެވެ. އެއްބަސްވުމުގެ ދަށުން ފީޗާ ފިލްމުތަކާއި ޑޮކިއުމަންޓަރީތަކާއި ޑޮކިއު-ސީރީޒްތަކާއި ކުޑަކުދިންނާ ގުޅުން ހުރި ކޮންޓެންޓްތައް ގެނެސްދޭނެ އެވެ.

މި އަހަރުގެ ކުރީކޮޅު ޝާހީ ޒިންމާތައް ދޫކޮށްލެއްވުމަށް ފަހު ޕްރިންސް ހެރީ އާއި މޭގަން ދަރިކަލުން އާޗީއާ އެކު ދިރިއުޅުއްވަމުން ގެންދަނީ މޭގަންގެ އުފަން ގައުމު އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.